އިންތިހާބީ މަރުކަޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވާޒް (މ) ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
28 ޖޫން 2018 - 13:59
އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާ ދިމާކޮށް، ގާނޫނީ އިމުން ބޭރުން ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިލެކްޝަންސް ކޮމިޝަނުން ފުލުހުންނާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންތިޚާބާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ނަވާޒް ވިދާޅުވީ އިންތިޚާބުގެ ތެރޭގައި ދިމާވެދާނެ ކަންކަމަށް ފުލުހުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އިންތިޚާބާ ގުޅިގެން ފުލުހުން އެންމެ ބޮޑަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނާއި ފުލުހުން އިންތިހާބުގެ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ނަވާޒު (ކ) އާއި ޝަރީފް ސަލާމް ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
"އިންތިޚާބު އަމާންކަމާއި އޮމާންކަމާއެކު ނިންމާލުމަށް ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ. އެކަން ކަށަވަރުވެގެން ދާނެ ކަމަށް ގަބޫލު ކުރަން،" ނަވާޒް ވިދާޅުވި އެވެ.
ނަވާޒް ވިދާޅުވި ގޮތުގައި އަމަންއަމާންކަން ގާއިމު ކުރުމަށް ފުލުހުން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ އެވެ. އިންތިޚާބާ ގުޅިގެން ރައްކާތެރިކަމާއި ސަލާމަތްތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ފުރިހަމަ އަށް ކުރިއަށް ގެންދިއުމަށް ފުލުހުން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަވާޒް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމަކީ ފުލުހުން ކުރާނެ ކަމެއް ކަމަށެވެ. އެކަމަކު، އެ ފުރުސަތު ދެވޭނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށާއި ގާނޫނުގެ ތެރެއިން ކަންކަން ކުރިއަށް ދާނަމަ، ފުލުހުން އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނާ ހިލާފު ނުވެ، އޮންނަ ހުދޫދުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މިންގަނޑުގެ ތެރެއިން ކަންކަން ކުރިއަށްދާ ކަމުގައިވާނަމަ، ފުލުހުންގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެމުން ދާނެ،" ފުލުހުންގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ނަވާޒް ވިދާޅުވި އެވެ.
އިންތިޚާބީ މަރުކަޒު (ބާ ޖަމާލުއްދީން) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
"ގާނޫނީ އިމުން ބޭރުން، އުސޫލުތަކުގެ ބޭރުން ކަމެއް ހިނގާ ކަމަށްވާ ނަމަ، އެއީ ސިޔާސީ ހަރަކާތެއް ވިޔަސް، އެހެން ހަރަކާތަކަށް ވިޔަސް، ފުލުހުން އެކަން ހުއްޓުވާނަން،"
ނަވާޒް ވިދާޅުވީ ގާނޫނީ އިމުން ބޭރުވާ ސަބަބުތައް ބެލުމުގެ ފުރުސަތު ފުލުހުންނަށް ހުށަހަޅައިގެން އޮންނާނެ ކަމަށެވެ. އަދި ފުލުހުންގެ އަމަލުތައް އުސޫލުން ބޭރުން ހިނގާ ކަމަށް ގަބޫލު ކުރެވޭ ނަމަ، އެ މައްސަލަތައް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ނަވާޒް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގެ އޮޕަރޭޝަން ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވަނީ ފުލުހުންގެ ފަރާތުން ކަމަށެވެ. ފުލުހުންނާއެކު ގާއިމު ކުރި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުމަކީ ވޯޓު ފޮއްޓާއި ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ވޯޓު ކަރުދާހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ވޭތުވެ ދިޔަ އިންތިހާބުތަކަށް ވުރެ، މި ފަހަރުގެ އިންތިހާބުތަކުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ލަފާ ކުރެވޭތީ ފުލުހުންނާ ގުޅިގެން ކަންކަން އިންތިޒާމު ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެއްވެސް ހުރަހެއް ނާޅާނެ އެވެ. ގާނޫނުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށް ތަނަވަސް ކޮށްދޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެކަމަކު، ގާނޫނުގެ ބޭރުން ކަންކަން ކުރާ ނަމަ، އެ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކާ އެކަން ހިއްސާ ކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ގާނޫނީ އިމުން ބޭރުވާ ނަމަ، ސިޔާސީ ހަރަކާތްތައް ހުއްޓުވާނެ ކަމަށް ފުލުހުން ބުނި އިރު، އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓުވާ ކަމަށް ބުނެ، އެ ފަރާތްތަކުން ދަނީ ކެނޑިނޭޅި ޝަކުވާ ކުރަމުންނެވެ. އެގޮތުން އިދިކޮޅު އެމްޑީޕީން މާލޭގައި ކެމްޕެއިނާ ގުޅޭ ޕޯސްޓަރުތަކެއް ހިއްޕަން މަސައްކަތް ކުރުމުން ފުލުހުން އެކަމަށް ހުރަސް އަޅަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން، ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުން އެއަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެއްޔާ، އެކުވެރިސުވައިދީބް
29 June 2018
ނޫން ނޫން އަދި މުޅިން ރަނގަޅެއް ނޫނެވެ. ހުރިހާ ފަރާތްތަކައް ވެސް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ލިބުމަކީ އިންތިޚާބީ ހައްޤެއް ނޫންތޯ...؟ މިއީ އަޅުގަނޑުމެން އެންމެންގެ ވެސް ޤައުމެއް ނޫންތޯ...؟ ކޮންމެ ރައްޔިތަކު ވެސް އެ ރައްޔިތަކު އިޚްތިޔާރު ކުރާ ފަރާތަކައް ނުވަތަ ފަރާތްތަކަކައް ތާޢީދުކޮށް ކެމްޕެއިން ކުރުމުގެ އޮންނަން ވާނެ ނޫންތޯ...؟ ޕީޕީއެމްގެ މެމްބަރުން/ރައްޔިތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމައް ތާއީދުކޮށް ކެމްޕެއިން ކުރައްވާ ގޮތައް އެމްޑީޕީ، ޖޭޕީ، އަދާލަތު އަދި އެހެން ރައްޔިތުންނައް ވެސް ހަމަހަމަ ކަމާއެކު ކެމްޕެއިން ފުރުސަތު ލިބެންވާނެ ނޫންތޯ...؟
ކަސްބީބެ
28 June 2018
ގާނޫނީއިމުން ސަރުކާރުން ކުރާކަންތައްތައް ނުހުއްޓުވެނީ ކީއްވެ؟
އަލީކޮއެ
28 June 2018
ޖަރީމާ ހިންގާ އެއްބަސްވުމުގައި ތި ސޮއެކުރީ. ދިވެހިން އޮޅުވައެއްނުލެވޭނެ. ނަވާޒު ޖަލައްދާންޖެހޭ ދުވަސް އިރާދަކުރެއްވިއްޔާ ވަރަށް ކުޑަތަން ވެއްޖެ
އަލިބެއްޔާ، އެކުވެރިސުވައިދީބް
28 June 2018
މުރާސިލުން ވެސް ތިބީ ބިރުވެރި ހާލަތެއްގައި...
ވޯލް
28 June 2018
ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތައް އަދި ދީން ތަންދޭތީތޯ، މިމާލޭގެ ފާޑުފާޑުގެ ގަންނަމުގައި މަސީޖްޕާލާރ ހިންގަނީ...؟...
ޜީޓުވީޓް
28 June 2018
މަގާމް ބޭނުންނަމަ ޖެހޭނީ ކުރަން އެހެން ނޫނީ ކުރީގެ ސީޕީންނާއި އެއްގޮތަށް ޖަލަށް ހުރިހާސީޕީންވެސް ހައްޔަރުގަ ހަމައެކަނި ކައްޕި ވީއްލިފަ އިއްޒަތްތެރިކަމެއް މިގައުމުގަ މިހާރަކު ނެތް ރައީސްކަން ކުރެއްވި މަްުމޫނު ޖަލުގަ ގާސިމް ، ނަޝީދު ޖަލުގަ
ވަސް
28 June 2018
ތިޔަށް ކިޔަނީ ބިރު ދެއްކުމެެވެ.
އަލީ!
28 June 2018
ފުރަތަމަ ޤާނޫނީ އިމުން ކަން ކުރަންވީ ފުލުހުން. އޭގެ ފަހުގަ ގާނޫނޭ ކިޔަންވީނު..؟!
ޞަލާމް
28 June 2018
ނަމަ ނަމަ ޖޫނިއަރ ސޮރުން ލައްވާ އަޒުމުނުކިޔުވާތި.....ކުރީ ފަހަރު ކީ ޢަޒުމަކުން ސަލާމަތް ނިވެގެން ތިއުޅެވޭނީ
ބިސްބެ
28 June 2018
ތިގޮތައް ހިކިއަމުރު ނެރުނު އެންމެންގެ ވަޒީފާ ވަނީ ގެއްލިފަ ނުވަތަ ޖަލުގަ.