ރައީސް ޔާމީން އިއްޔެ، މުލީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
11 ޖުލައި 2018 - 11:05
އިތުރު ދައުރަކަށް އިންތިޚާބުވެވަޑައިގެންފި ނަމަ، މ. މުލީގައި އެއާޕޯޓެއް ހަދައި ދިނުމަށް ރައީސް އަބްދުﷲ ޔާމީން އެ ރަށުގައި އިއްޔެ ވައުދުވެ ވަޑައިގެންފި އެވެ.
މުލީ ބިން ހިއްކުމުގެ މަޝްރޫއު ނިމުން ފާހަގަ ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި އެއާޕޯޓުތައް ހަދާތީ، މުލީގެ ރައްޔިތުން ވެސް އެންމެ ބޮޑު އިންތިޒާރެއް ކުރަމުން އަންނަނީ އެ ރަށުގައި އެކަން ކުރެވޭނެ ދުވަހަކަށް ކަމަށެވެ. ރައީސް ޔާމީން އެހެން ވިދާޅުވިއިރު، އެއާޕޯޓެއް ނެތް އަތޮޅުތަކުގެ ތެރޭގައި މ. އަތޮޅު ހިމެނެ އެވެ.
"މުލީގެ އަތްމަތީގައި އޮތީ މުލީގެ އެއާޕޯޓު އަޅާނީ ރައީސް ޔާމީން ލައްވާތޯ؟ މުލީގެ ރައްޔިތުން އެކަމުގެ ފުރުސަތު އަޅުގަނޑަށް ދެއްވައިފި ނަމަ، އެ ކަން ވެސް ވާނެ. މުލީ ރައްޔިތުންގެ އިންތިޒާރު ހަގީގަތަކަށް ހަދައިދޭނަން،" ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވާފައިވާ ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް، އެންމެ ފަހުން ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ބިލެތްފައްސަށް ވަޑައިގެން އެ ރަށުގައި އެއާޕޯޓެއް އަޅަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވި އެވެ. ބިލެތްފަހީގައި އެއާޕޯޓެއް އަޅާއިރު، އެ އަތޮޅު ފުނަދޫގައި ވެސް އެއާޕޯޓެއް އެޅުމަށް ވަނީ ބިން ހިއްކައިފަ އެވެ. ފުނަދު އާއި ބިލެތްފަހީގައި އަޅާ އެއާޕޯޓާ އެކު އެ ސަރަހައްދަކީ އެ އަތޮޅުގެ ޓޫރިޒަމްގެ މައި ނާރެހަށްވެ، ވަޒީފާގެ ފުރުސަތުތައް ތަނަވަސްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި މުލީ އުފެދުނުއިރު އޮތް ބޮޑުމިނަށް ވުރެ އިތުރު 40 ހެކްޓަރު ހިއްކުމަކީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ލިބިގެންދާނެ ހައްލެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން މުލީގައި ވަރަށް ގިނަ ވަސީލަތްތައް ގާއިމުކޮށްދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މުލީ ރައްޔިތުން ތިބީ ކުރިއަށް ދިއުމުގެ ރޫހުގައި ކަމަށާއި ރަށަށް ތަރައްގީ އަންނަ ނަމަ، ތަރައްގީއާ އެކު ކުރިއަށް ދިއުމުގެ ވިސްނުން ހުންނަން ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި 2013 ގެ ކުރިން މުއްޔަށް 47 މިލިއަން ރުފިޔާ ހޭދަކުރިއިރު، މި ސަރުކާރުން މުއްޔަށް އެކަނި ވެސް 143 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ދައުލަތުގެ އަދާ ކުރުމަށް ކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް އެއާޕޯޓު ވިއްކާލި ހުޅުލެ އެއާޕޯޓު އަނބުރާ ހޯދަން 320 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށާއި އެ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަމުން ނުދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާޕޯޓު އަނބުރާ ހޯދަން 320 މިލިއަން ޑޮލަރު ދައްކަން ނުޖެހުނު ނަމަ، ރާއްޖޭގައި 25-30 އެއާޕޯޓު އެޅުނީސް ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލާމީހާ
12 July 2018
ތިޔަޒާތުގެ ކޮންސްޓްރަކްޝަންގެ މަންފާނެގޭނެ ކަންކަން ކުރައްވާނެ . ނުކުރެވުނު ރައްޔިތުންނާ ގުޅުންހުރި ކަންކަން މިއޮތީ ***** 2013 ބައެއް ވައުދުތައް ބެޔަސް ނުބެޔަސް 10000 ރުފިޔާ ނުދެވުނު ކޮންމެ ދަޑުވެރިޔަކަށް 8000 ރުފިޔާ ނުދެވުނު ރިސޯޓު ހިއްސާ ރިސޯޓު މުވައްޒަފުންނަށް ނުދެވުނު އުތުރާއި ދެކުނުގައި 2 ޓާޝަރީ ހޮސްޕިޓަލް ނޭޅުނު ކޮންމެ އަތޮޅެއްގެ މައިރަށް ތަރައްގީކޮށެއް ނުދެވުނު 94000 ވަޒީފާ ނުއުފެއްދުނު ކޮންމެ އާއިލާއަކަށް ޑަކުޓަރެއް ނުދެވުނު. 15000 ފުލެޓު ނޭޅުނު.. ގޭގަ ތިބެގެން އަންހެނުން ވަޒީފާ އަދާކުރެވޭނެ ގޮތެއް ނުހެދުނު ޑޮލަރު ރޭޓު ކުރިން ހުރިވަރަށް 12.85 ނުހެދުނު ރާއްޖެއިން ތެޔޮ ހޯދާ ނުދެވުނު ތެޔޮ ބަންދުކުރާ ބަންކަރު ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމު ނުކުރެވުނު.. ކަރަންޓު އަގު ހެޔޮ ނުކުރެވުނު.. ކަރަޕުޝަން ނައްރާލަން ހެޔޮވެރިކަން ކުރަން ވައުދުބި، އެކަމެއް ނުވި.
ފޫޅު
11 July 2018
މާތް ﷲ އާ ވަކީލް. ކޮންްކްރީޓަށް އެލާޖިކް ވީ ތޯއްޗެ.
ބާލައާދަނު
11 July 2018
އަޅުގަނޑުމެން ރަށަށް ވެސް ވަޑައިގެން ބައްލަވާ. އެއާޕޯޓެއް ޔަގީން ވާނެ.
ދެލި
11 July 2018
ދެންއަހަރުމެން ގަބޫލް ކުރަންވީދޯ މީނާ ދަށްކާ ވާހަކަ
ކަމަނަދައިތަ
11 July 2018
ހެޔޮނުވާނެ ހެންވޭރު ކޮޅު މަޖީދީމަގުގައި އެއަޕޯޓް އެއް އަޅައިދީބަލަ
ސަހަރޯ
11 July 2018
ކުރީގަ ފްލެޓް ދޮންބެ އެއަށްފަހު އެއަޕޯޓް ދޮންބެ
ކޮންމެ ރަށެއްގައި
11 July 2018
ކޮންމެ ރަށެއްގައި އެއަރޕޯޓެއް. ކޮންމެ ރަށެއްގައި ޕައިލެޓެއް. ކޮންމެ ރަށެއްގައި ޓާޝަރީ ހޮސްޕިޓަލެއް . ކޮންމެ ރަށެއްގައި ރަސްރަނި ޕާކެއް.
އިންޓަރނޭޝަނަލް އެއަރޕޯޓް
11 July 2018
މަގޭ ތާޢީދުކުރާ ވެރިކަމެއްގައި ކޮންމެ ރަށެއްގައި އެއާޕޯޓެއް އަޅައި އެއާޕޯޓަކީ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހަދާނަން. ވޯޓް ޕްލީސްސްސް
މަގުމަތި
11 July 2018
ވައުދުވެ ވައުދުނުފުއްދާ ޔާމީން
އަހުލާފު
11 July 2018
މުލިއާގޭގަވެސް އަޅާނެ އެއާޕޯޓެއް