މާރިޔާ މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ: ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާ އަދަދު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ -- މިހާރު ފޮޓޯ / އަހުމަދު ނިޝާތު
19 ޖުލައި 2018 - 18:53
ރިސޯޓެއްގައި ވޯޓު ލާން 100 މީހުން ރަޖިސްޓްރީކޮށްފި ނަމަ އެ ރަށެއްގައި ވޯޓު ފޮއްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ހަމަޖައްސާފައި އޮތީ އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެގޮތަށް އެކަން ކުރިޔަށް ދިޔަ ނަމަ 10،000 އަށް ވުރެ ގިނަ މީހުންގެ ވޯޓުލުމުގެ ހައްގު ގެއްލޭނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ.
ކުރިން އޮތް ގޮތުން ނަމަ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 250 މީހުން ރަޖިސްޓްރީކޮށްފި ނަމަ އެވެ.
ނަމަވެސް އެ ނިންމުން އަނބުރާ ގެންދިއުމަށް ފަހު އީސީން ރޭ ހަމަޖެއްސީ ރިސޯޓެއްގައި މަދުވެގެން 100 މީހުން ވޯޓު ލާން ރަޖިސްޓްރީކޮށްފި ނަމަ އެ ރަށެއްގައި ވޯޓު ފޮށި ބަހައްޓާ ގޮތަށެވެ. އެގޮތަށް ދީލައިލީ ވަރަށް ގިނަ ފާޑުކިއުންތައް އަމާޒުވުމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އީސީގެ ނިންމުން ބަދަލުވީ އެ ކޮމިޝަނަށް އިދިކޮޅު އިއްތިހާދު އަދި އެހެން ވެސް ފަރާތްތަކުން ކުރި ޕްރެޝަރު ބޮޑުވެގެން ކަމަށެވެ.
"ވޯޓުގެ ހައްގު ގެއްލިގެންދާ މީހުންގެ އެއްބާރުލުން ވެސް ލިބިގެން މިގޮތަށް މަސައްކަތް ކުރެވިއްޖެ ކަމަށްވާ ނަމަ ރައީސް ޔާމީން ކިތަންމެ މަކަރެއް ހައްދަވާނަމޭ ހިއްޕުޅަށް އަރުއްވާ ހުންނެވި ކަމުގައިވި ނަމަވެސް އަޅުގަނޑުމެން 23 ސެޕްޓެމްބަރުގެ ވޯޓު ކާމިޔާބު ވާނެ،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހާ ގޮތަށް އޮތް ނިންމުން ވެސް ބަދަލު ކުރެވޭނެ އެވެ.
"އަޅުގަނޑުމެން އަދިވެސް ދެކެނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގަށް އަރައިގަންނަނީ ކަމަށް. އަދި މި ނޫން ގޮތަށް އެބޭފުޅުން ވިސްނާވަޑައިގަންނަވާ ވޯޓުގެ ކަންތައް ހަމަޖައްސަވައި އެމީހަކު އިހްތިޔާރު ކުރާ ވޯޓުކަން ކަރުދާސް ކޮޅުގައި ޖެހެނީ ޔަގީންވުން އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއް،" މާރިޔާ ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު 23ގައި ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 263،000 އަށް އަރަ އެވެ. މުޅި ރާއްޖޭގައި 452 ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖައްސާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެ7
21 July 2018
އެޕްލިކޭޝަނެއް ބޭނުންކޮށްގެން އަތުގަ އޮންނަ ފޯނުން ނުވަތަ ކޮމްޕް ބޭނުންކޮށްގެން ވޯޓު ލެވޭނެ ގޮތެއް ހަމަޖެހިއްޖެނަމަ ހުރިހާ އެންމެނަށްވެސް ވޯޓުލާން ފަސޭހަވާނެ.
ދިރުން
20 July 2018
ދިވެހިރައްޔިތުންނަށް ޑިމޮކްރަސީ ހޯއްދަވައިދެއްވި ރައީސް އަކީ ރައީސް ނަޝީދު.
ނޫރާ
20 July 2018
މޑޕ ގެ ވެރިކަމުގައި ބޭއްވި އިންތިހާބުތަކުގައި މިގޮތަށް ކިތައް ރައްޔިތުންގެ ހައްގު ނިގުޅައިގަނެފަ ވާނެބާ
އެންތޯނީ
19 July 2018
ރިސޯޓް ތަކުގައި އުޅޭ މީހުން ވޯޓް ރަޖިސްޓްރީ ކުރުމުގެ ކަންތަކުގައި އުޅުއްވަނީ ކޮންބޭފުޅުންނެއްތޯއެވެ؟ ވޯޓް ރަޖިސްޓްރީ ކުރުމުގެ ކަންތަކުގައި ބަޔަކު އުޅޭ މަންޒަރެއް ނުފެނެއެވެ. ކޮންމެވެސް ބަޔަކު މިކަންތަކުގެ އިންތިޒާމު ރިސޯޓް ތަކުގައި އިންތިޒާމު ކޮށް ފަސޭހަކަމާއިއެކު ރަޖިސްޓްރީ ކުރެވޭނެގޮތް ހެދުން މުހިއްމެވެ. ނޫނީ ފަހުވަގުތު ވޯޓް ނުލެވިދާނެ އެވެ.
ޔާމިން
19 July 2018
ގިނަރިސޯޓެއްނޫން ހުރިހާރިސޯޓެއްގަ ވޯޓްފޮށި ބަހައްޓަންޖެހޭނެ.ވޯޓް ލުމުގެ ހައްގަކީ އުމުރުން 18 އަހަރުގެ ކޮންމެ ރައްޔިތަކައް ލިބިދޭންޖެހޭ ހައްގެއް