އަބުރުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީގެ މެމްބަރުން މިއަދުގެ ބައްދަލުވުމުގައި. ބިލު ދިރާސާ ކުރުމަށް ބައެއް މީޑިއާތަކާއި މުއައްސަސާތައް ހާޒިރު ކުރަން ވަނީ ނިންމާފައި. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
02 އޯގަސްޓް 2016 - 14:01
އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ދިރާސާ ކުރުމަށް 14 ފަރާތެއް ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމެޓީ އަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.
ކޮމެޓީ ބައްދަލުވުމުގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ހުށަހަޅުއްވައި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ތާއީދު ކުރެއްވި ހުށަހެޅުން ފާސްވީ ކޮމެޓީ މެމްބަރުންގެ އިއްތިފާގުންނެވެ.
ބިލުގެ މަސައްކަތް ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީން ހާޒިރު ކުރަން ނިންމި ފަރާތްތަކަކީ ރަޖިސްޓްރީކޮށްގެން ހިންގާ ބޮޑެތި މީޑިއާތައް، މީޑިއާ ކައުންސިލް، ބްރޯޑްކާސްޓިން ކޮމިޝަން، އިސްލާމިކް ޔުނިވާސިޓީ، ފިގުހު އެކަޑަމީ، ނެޝަނަލް ޔުނިވާސިޓީ، ފިލްމު އެސޯސިއޭޝަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)، ލޯޔަރުން ހިމެނޭ ޖަމިއްޔާއެއް އޮތްނަމަ އެ ޖަމިއްޔާއެއް، ފުލުހުން، އެމްއެންޑީއެފް، ބަންޑާރަ ނައިބު އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އެވެ.
އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ ދެ މެމްބަރުން ކަމަށްވާ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް. ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މީގެ އިތުރުން އަބުރުގެ ބިލުގެ ވަކިވަކި މާއްދާތަކަށް ހުށަހަޅަން ބޭނުންވާ އިސްލާހެއް އޮތްނަމަ، އެ އިސްލާހެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވެސް ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެގޮތުން މަޖިލީހުން މާދަމާ އިއުލާންކޮށް، މި މަހުގެ 15 ގެ ކުރިން އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
ކޮމެޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ހަލީލް ވިދާޅުވީ ކޮމެޓީން ވަކި ބަޔަކު ހާޒިރު ކުރަން ނިންމިޔަސް، ކޮމެޓީ ބައްދަލުވުންތައް ކުރިއަށްދާ ވަރަކުން އިތުރު ބަޔަކު ހާޒިރު ކުރަން ޖެހިއްޖެނަމަ، އެކަން ވެސް ކުރައްވާނެ ކަމަށެވެ.
އަބުރުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ވަގުތީ ކޮމެޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަލީލް މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ހަލީލް ވިދާޅުވި ގޮތުގައި ކޮމެޓީއަށް ހާޒިރު ކުރަން ނިންމި ފަރާތްތަކަށް ދައުވަތު ފޮނުވުމުގެ ކަންކަން ވީހާވެސް އަވަހަކަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަބުރުގެ ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ ބިލުގައި ނޫސްވެރިން ކަންބޮޑުވާ ކަންތައްތަކެއް ހުރިނަމަ، އެ ކަމެއް ކޮމެޓީއަށް ހުށަހަޅައިގެން ދިރާސާ ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ ދެވަނަ ދައުރު ނިމުމުގެ ކުރިން ބިލު ތަޅުމަށް ފޮނުވުމަށް ބާރު އެޅުއްވި އެވެ.
ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިކުރަން މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލު މި މަހުގެ 25ގެ ކުރިން ދިރާސާކޮށް ނިންމައި ރިޕޯޓު ތަޅުމަށް ފޮނުވަން މި ބިލު ދިރާސާ ކުރާ 11 މެމްބަރުންގެ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އަދި ކޮމެޓީގެ ގަވާއިދު ވެސް މިއަދު އެކުލަވާލި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަށް އިއްޔެ ބަހުސް ކުރެއްވި ގިނަ މެމްބަރުން މި ބިލު އޮތް ގޮތަށް ފާސް ކުރަން ދެކޮޅު ހެއްދެވި އެވެ. އެގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ބިލު ފާސްކުރަން އުޅެނީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް ހުއްޓުވުމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުން ހުއްޓުވުމަށް ކުރަން އުޅޭ ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.
އަބުރުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީގައި މެމްބަރުންތަކެއް. މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި. - މުހައްމަދު ޝަރުހާން/ މިހާރު
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ. މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ "27ގެ ދިފާއުގައި"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދާލު
02 August 2016
ބަޔަކު ކޮންމެހެން ގެންދާނެ ކަމެއް ނޫން ......... އިއްޒަތް ލިބިގެންވާ މީހުން ބޭނުންވާ ގޮތައްނިންމާލަ..
ކަނަމަދު ކަމަނަ
02 August 2016
ކޮމެޓީ އެލަވަންސް... ކޮމެޓީ އެލަވަންސް... ބޭކާރު ކަމަކަށް ވިޔަސް، ކޮމެޓީ އެލަވަންސަށް ވިއްސަކަށް ހާސް ރުފިޔާ ލިބޭނެ މުސާރައިގެ އިތުރަށް... އޮޑިޓަރ ޖެނެރަލްވެސް ވެއްޖެ މި މަޖިލިސް މެންބަރުންގެ މާލީ ހާލަތު/ތަނަވަސްކަން އޮޑިޓް ކުރަން. 88 ބޭކަލުން ކޮންމެ ބޭކަލަކު 90،000 ނުވަތަ 80،000 ރުފިޔާ ހަމަ ހުސް އަނގަތަޅަ ތަޅާފަ ގެއަށް އެގެންދަނީ ހަމަ ކޮންމެ މަހަކު.
ސްމެޝް/ފުވައްމުލައް
02 August 2016
މިވަގުތަކު ނޫން ދިރާސާކޮށް ކަމާގުޅޭ ދާއިރާގެ މީހުންގެ ވާހަކަ އަޑު އަހަން ވީ! ބިލްގެ ޑްރާފްޓް މަރުހަލާގައި! ތީ ޖައްސާ ސްޓަންޓް! އެހެްނ ބިލްތަކަށް ހެދިގޮތަށް ހޭލާ ތިބެގެން ފާސްކޯށްފަ ތަޝްދީގުކޮށް ގެޒެޓް ކޮށްލާ! އެނިމުނީ!-- އެކަމަކު މާދަމާ ވެސް އެބަ އޮތް ކަން ހަނދާން ކުރާތި! މިބިލް މަޖުލީހަށް ބަލައިގަތުމަށް ވޯޓުދިން އެކަކުވެސް އަލުން ވޯޓު ހޯދަން އަހަރެމެން ރައްޔިތުން ގާތަށް ނާންނާތި!
މައިބޭބީ
02 August 2016
ދިރާސާ ކުރާނެވަރަކަށް ކޮއްފަ ނަގާ ރުފިޔާގެއަދަދު ވަރަށްބޮޑުވާންވާންނެ
އަލީ
02 August 2016
މިރާއްޖެއަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ މަތިއޮމާންކުރުމުގެ ރޮނގުން އިލްމްއުނގެނިފަތިބި މީހުން. އޭރުން ހުރިހާ ވާހަކައެއްވެސް ހުންނާނީ ނަލަކޮށް ރީތިކޮށް. ކޮންމެ ގޮތަކަށް ކަންކުރިޔަސް ހެވެއްނުން!
ހަކީމު
02 August 2016
އަބުރުގެ ބިލު ދިރާސާނުކުރެވޭނެ ހަމައެކަނި މީޑިއާ ގެނެސްގެން، އިލްމީ މީހުން ގެންނަންޖެހޭ
ނަސީމް/ގދ.ތިނަދޫ
02 August 2016
ބިލަށް މާބޮޑު ބަދަލެއް ނުގެންނާނެކަން ކޮމެޓީ ބޭއްވމުގެ މާކުރިންވެސް ވަނީ ބުނެފައި ފޫނެތް ފަޔަކަށް ފެންފުރުން ކަހަލަ ކަމަކަށް ތިކަން ވެގެންދާނީ އަޅުގަނޑަށް ފެންނަނީ ތިޔަ ކޮމިޓީން އެމް ޑީ ޕީ ގެ މެމްބަރުންނާއި، ރައީސް މައުމޫނަށް ވަފާތެރި މެމްބަރުން މިހާރުން މިހާރަށް ތަނާޒަލްވުމަށް. ތިޔަ ކޮމެޓީގެ މެޖޯރިޓީ އޮތީ މިހާރުވެސް ޔާމީން ފެކްޝަނަށް ތިބިލަކީ ޔާމީނަށް ފަހާދޭ ހެޔަވަރުގެ ކޯޓެއް. ވިސްނާލައްވާ ބިލަށް ރަގަޅުހެޔޮބަދަލެއް ނާންނާނެ. މީޔަގީންކަމެއް.
އުދުހޭ
02 August 2016
ތަސްދީގުވުމުން ތިޔަ ބިލު ފާސްކުރަން ވޯޓްދޭ މެންބަރުންގެ މައްޗަށްވެސް ތިޔަ ބިލް ހިނގާނެއެވެ. އަދި ވެރިކަމުގައި އަބަދު އެކަކު ތާއަބަދަކަށް ނުހުންނާނެކަން ހަނދާންކުރުން މުހިންމެވެ.
ހަސަން
02 August 2016
މިއީ މީހުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުޅޭ ކުޅި ގަޑެއް. ފާސް ކުރާނީ އެމީހުން ބޭނުން ގޮތަކަށް!
މިނިވަން ޚިޔާލް
02 August 2016
ތިކުރަނީ ވަރަށްބޭކާރުކަމެއް. ކޮންމެބަޔަކު ކޮންމެވާހަކައެއްދެއްކިޔަސް ތިބިލް ފާސްވާނީ މިހާރު ތި ހުށަހަޅާފަ އޮތްގޮތަށް. ދެން ކީއްކުރަން ބައެއްގެވަގުތު ބޭކާރުކުރަން ކޮމެޓީއަށް ގެންނަނީ.