ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
17 އޯގަސްޓް 2018 - 11:20
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ވެރިކަން ކުރުމުގެ ގާބިލްކަން ނެތް ބޭފުޅެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ގަލޮޅު ޖަގަހައިގައި ބޭއްވި ޖަލްސާއެއް ގައި އަޒްލީން ވިދާޅުވީ، މީގެ މަހެއްހާ ދުވަސް ކުރިން، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ އަކީ ވެރިކަން ކުރުމުގެ ވައްޓަފާޅި އާއި ވެރިކަން ކުރުމުގެ ނިޔަތެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ.
މިދިޔަ މެއި މަހު އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އިބޫ ދެއްކެވި ވާހަކައިގައި އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށް ވައުދުވެވަޑައިގަތުމާ ގުޅިގެން، އަޒްލީން ވަނީ އެ ކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އިބޫ އެހެން ވިދާޅުވީ، އަޅުވެތިކަމުގައި ހުރި މިންވަރު ބޮޑު ކަމުން ކަމަށް އަޒްލީން ވިދާޅުވި އެވެ.
"ބުއްދީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ އިހްތިޔާރު އޮތް ބޭފުޅެއް ނޫން އިބްރާހިމް މުހައްމަދު ސޯލިހަކީ. ދެން މިވަރު ވީމާ ރައްޔިތުން އެބަ ވިސްނަން ޖެހޭ،" އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވި ގޮތުގައި، އިބޫ ވެރިކަމަށް ގެނައުމަށް، އެމްޑީޕީން ވެސް މަސައްކަތެއް ނުކުރެ އެވެ. އިބޫ އަކީ 18 މަސް ދުވަހަށް ވެރިކަން ކުރައްވަން ވަޑައިގަންނަވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އިދިކޮޅު ބައެއް ބޭފުޅުން ވިދާޅުވަނީ، އިބޫ ވަޑައިގަންނަވަނީ ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވަން ކަމަށެވެ. އަދި، އިބޫ ވެސް އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް މިހާތަނަކަށް ވިދާޅެއް ނުވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފަޅީގައި ހުރިހާ އިލްމުވެރިން ތިއްބެވިއިރު، އިދިކޮޅު ކޯލިޝަންގައި އެއްވެސް "އުރަތްޕެއް" ނެތް ކަމަށް އަޒްލީން ވިދާޅުވި އެވެ. އަދި އިދިކޮޅަށް ވެރިކަން ލިބިއްޖެ ނަމަ، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަނުން ނުކުންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ކުރެވޭ މަސައްކަތާއި، ރައްޔިތުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ވަރުން ވަރަށް ބޮޑަށް ކާމިޔާބުގެ ރަހަލާން ފަށައިފި،" އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ފުރިހަމަ ކާމިޔާބީއެއް ލިބިވަޑައިގަންނަވާނެ ކަން ފާހަގަ ކުރައްވައި އަޒްލީން ވިދާޅުވި އެވެ.
އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަގީން ކަން ދެއްވި އެއް ސަބަބެއްގެ ގޮތުގައި އަޒްލީން މިސާލު ނެންގެވީ މާލެއިންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުރީގެ އިންތިޚާބުތައް ބޯމަތިވުމާ އެކު، މާލޭގެ މަގުތަކުން ފެންނާނީ ރީނދޫ ކުލައިގެ ފޮތިތަކެވެ. އެކަމަކު، މަންޒަރު ބަދަލުވެ، ޕީޕީއެމްގެ ފޮތިތައް މިހާރު މާލޭގެ މަގުތަކުގައި ދަމާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އަޒްލީން ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ފިޔަވައި، އެހެން ބޭފުޅަކަށް ވޯޓު ދިނުމަކީ އެޅޭ ވަރަށް ނުރައްކާތެރި ފިޔަވަޅެކެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ގަބޫލު ކުރާ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
"ސީދާ ފާޅުކަން ބޮޑު ގޮތެއްގައި އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރި ވާހަކަ ވެސް ރައީސް ނަޝީދު ވިދާޅެއް ނުވޭ. ރޫހީ ލީޑަރުގެ ތާއީދެއް ނެތް،" އަޒްލީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީމާ
18 August 2018
އިބޫ އެއީ ވެރިކަމަށް ކުރިމަތިލައިގެން އުޅޭބޭފުޅެއްނުން ދޯ.... ތިބޭފުޅާތީ ވަޒީރުކަމާ ހަވާލުވެހުރި ބޭފުޅެއް... ތިބޭފުޅާގެ ޒިންމާ އެންމެ ފުރިހަމައަށް އެބަ އަދާ ކުރެވޭތޯ؟ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅުގަ ހުރެލުންވެސް އެއީ އުފަލެއް ކަމުގައި ތިބޭފުޅާއަށް ވާނަމަ އެއުފާ ހަމަ ވަރަށް ރަނގަޅަށް އެބަހާސިލް ކުރެވޭ.
ފަސް
18 August 2018
ތިއަ ތާޅަފިލިތަކުގެ އަޑު ކެނޑެން ވަރައް ކައިރިވެއްޖެ، 23 ސެޕްޓެމްބަރަށްފަހު އެއްކޮށް އަޑު ކަނޑައިގެން ދާނެ
ބޮޑު އަނގަ
18 August 2018
ތިޔައީ ހަމަ ވާހަކަ ދައްކާ ގުރައެއް.
މަނިއްފުޅޫ
18 August 2018
މަނިކުފާނުގެ ހައިސިއްޔަކީ ކޮބައިތޯ އިބޫއާދިމާލަށް ތިހެން ބުނަން! ތިޔައީ ރައްޔަތުން ބަލައިނުގަންނަ އަދި ރައްޔަތުންނާ ބީރައްޓެހިމީހެއް. އެހެންވީމާ އަނގާމަޑުންލައިގެންހުރޭ! އަދި ވޯޓްގެ ނަތީޖާ އަންނަންދެން މަޑުކޮށްލާ! މާބިރުން އުޅޭހެންހިވަނީ!
މުދިން
17 August 2018
ތަހަމަބުނިއްޔާ
Dhaandhoo
17 August 2018
ވެރިކަން ކުރުމުގެ ވައްޓަފާޅި ހުރީ ކާކުގެ ކަމަށް ހީފުޅުވެގެން ތޯ ތިއުޅުއްވަނީ ؟ ތެދެއްމެ ރައީސް ޔާމީންގެ ކިބާގައި އެބަހުރި އަނިޔާވެރިކަން ހިންގުމުގެ ޤާބިލްކަން. އޭނާގެ ކިބަޔަކުނެތް އޯގާވެރިކަމާއެކު ވެރިކަން ކުރުމުގެ ކުޑަވެސް ޤާބިލްކަމެއް . ވެރިކަން ހިންގުމުގެ ޤާބިލްކަން ހުރި ވަރެއް ނޭގޭ އަހަރެމެންނަކަށެއް ޔާމީނު ވެރިކަމަށް ލެވުނު އިރަކު . އެކަމަކު ވެރިކަމަށް ލީފަހުން އެގިގެން ހިގައްޖެ ، ޔާމީން ގެހުރީ އަދުލުވެރިކަމާއެކު ވެރިކަން ހިންގުމުގެ ވިސްނުމެއް ނޫން ކަމާއި ހުރީ
މަކުނުދޫ ހަސަންމަނިކު
17 August 2018
އިބޫގެ ހަމައެކަނި ނެތީ ވައްކަން ކުރުމުގެ ގާބިލްކަން
ބޮޑު ސޯބު
17 August 2018
ވެރިކަމަކީ ކުރަން ވަރަށް ފަސޭހަކަމެއް . ދަސްކުރަންވީ ރައްޔިތުންގެ ލޯބި ހޯދަން . އަނިޔާއާއި ފާސިދުން އެއްކިބާވެ ޢަދުލުވެރި ވާނަމަ އެ ވެިޔަކީ ލޯބިލިބޭނެ ވެއެއް. ތިބޭފުޅުން ތި ކުރައވާ ވެރިކަމުގައި ތިބޭފުޅުންނަށް ލޯބިދޭ މީހުންނަކީ ކޮންމެސް ފައިދާއެއް ލިބޭތީ އުޅޭބައެއް . އިބޫއަކީވެސް ވެރިކަން ކުރަންއެނގޭނެމީހެއް. ޤާބިލު މީހެއް.
މަންސޫރު
17 August 2018
އަނގައިން ބުނުމުގެ ގާބިލިއްޔަތު ނެތް މީހަކު ބުނި ވާހަކައެއް.
ދީނިމާ
17 August 2018
އަޒްލީންގެ ކިބައިގައި އެބަހުރިތޯ އެލްޖީއޭ ހިންގުމުގެ ގާބިލުކަން، އަދި އެސެޓް ރިކަވަރީ ކަމިޝަަން ހިންގުމުގެ ގާބިލުކަން އެބަހުރިތޯ؟ ފުރަތަމަ ތިމާގެ ގާބިލުކަން ހުރި މިންވަރު ބަލާށެވެ. އިބޫ ގާބިލުވީމަދޯ އިބޫ ރައްޔިތުންގެ މަޖިލިހުގައި އެހާ ގިނަދުވަސްވަންދެން ވޯޓަކުން ހޮވިގެން ހުންނާނީ، އިބޫއާއި ފައިސަލަކީ ހަމަ ވެރިކަން ކުރަން ގާބިލު ދެމީހުން