25 ސެޕްޓެމްބަރ 2018 - 16:35
އިދިކޮޅު ކޯލިޝަން ގުޅިގެން ސަރުކާރު ހިންގެވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހީތެރިކަމާއި އެއްބާރުލުމަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އެދިވަޑައިގެންފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވީ ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނަކުން ކުރި މަސައްކަތުން ކަމަށް ވާއިރު އެ ކޯލިޝަން ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި އެ އެއްބާރުލުން ލިބޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރެއް އުފެދިގެން އައިސް އަޅުގަނޑުމެންގެ މަސައްކަތްތައް ފެށިގެން ދާއިރު ވެސް ތި ބޭފުޅުންގެ ދައުރަކީ ވަރަށް މުހިންމު ދައުރަކަށް ވެގެންދާނެ. މި ކޯލިޝަން ދެމެހެއްޓުމާއި އަޅުގަނޑުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީ ގައުމީ މަޖިލީހަކީ ވަރަށް މުހިންމު ބަޔަކަށް ވެގެންދާނެ،" އިބޫ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔަމީން ބޮޑު ތަފާތަކުން ބަލިވީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުންނާ އެކު ހަދާފައިވާ ކޯލިޝަނުންނެވެ. އާ ސަރުކާރުން ހިންގަން ނިންމާފައިވަނީ އެ ޕާޓީތައް ގުޅިގެންނެވެ.
"މިހާރު މިކަޑައްތު ކުރާ މަރުހަލާ އާއި ސަރުކާރު އެކުލަވާލުމަށް ފަހުގައި ދެން ކުރަން އޮތް ކަންތައްތަކުގައި ވެސް ތިބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑުމެން ބޭނުންވާނެ ވާހަކަ ދައްނަވާލަން،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ސަރުކާރާ ހަވާލުވާން އެކި އިދާރާތަކާ ގުޅިގެން މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެކަން ކުރަމުން އަންނަނީ ވަރަށް ސުލްހަވެރިކޮށް ދައުލަތުގެ މުއައްސަސާތަކާއި ކޯލިޝަން ޕާޓީތަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް އާ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހަގެ އިތުރުން ސައުދީ އަރަބިއްޔާ އާއި އދ. ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ކެމްޕެއިންގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންނެވި އިބޫ ވިދާޅުވީ ރައްޔިތުންގެ ވާހަކަތަކުން އެނގިވަޑައިގަތީ އިންސާފަށް އެދިއެދި ތިބިކަން ކަމަށެވެ. އަދި އެ ދަތުރުތަކުން ރާއްޖޭގައި ވައްކަމާއި ކޮރަޕްޝަން އާންމުވެފައިވާ މިންވަރު ފާހަގަވި ކަމަށް ވެސް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ވީ ވައުދު، ރައްޔިތުންނަށް ކޮށްދޭން ބުނި ކަންކަން ކޮށްދިނުމުގައި އެއްބައިވެ ސާބިތުކަންމަތީ އަޅުގަނޑުމެން ތިބޭނަން،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބަށް ތަައްޔާރުވަމުން ދިޔަ އިރު އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވެސް ގިނަ ދަތިތަކަކާ ކުރިމަތިވި ކަމަށާއި ކާމިޔާބުވީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކަމަށެވެ.
"އަޅުގަނޑުމެން އެންމެން އެކީގައި ތިބެ މިކަންތައް ހުރަސްކޮށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރާ މަސައްކަތް ތެދުވެރިކަމާއި އަމާނާތްތެރިކަމާ ކުރުމަށް އެކީގައި،" އިބޫ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރިންދޫ
26 September 2018
އަހަރެންނަކީ އެމްޑީޕީގެ އެކްޓިވިސްޓެއް، ސަރުކާރުގެ އެއްވެސް މަގާމެއް ބޭނުމެއްނޫން، އެކަމަކު އަހަރެންނަށް ވިޔަފާރިކުރެވޭނެ މަގު ހުޅުވައިދޭންޖެހޭނެ، ބިދޭސީން އިސްކޮށްގެން ނުވާނެ، އަހަރެންގެ ރަށުން އަހަރެންނަށް ބިންދީފައި ބޭރު މީހަކަށް ބިމުން ޖާގަދޭންވާނީ، އަހެރެން ވޯޓްދިނީ އަހަރެންނަށް ހަމަ ހަމަ ފުރުސަތު ހޯދަން
ދޫރިސީ
26 September 2018
މިފަހަރު ހީވޭ ދިވެހި ކުންފުނިތަކަށް ދިވެހިންނަށް ފުރުސަތު އިތުރުވެގެންދާނެކަމަށް، ހަގީގަތުގައި ހަމަ ހަމަ ނިޒާމެއްގެ ދަށުން ދިވެހިންނަށް ފުރުސަތުދޭނަމަ އެމްޑީޕީގެ އެކްޓިވިސްޓުންވެސް ސަރުކާރުގެ މަގާމުތަކެއް ހޯދަން ނުއުޅޭނެ، ދިވެހިން ނިކުންނަންވީ ވިޔަފާރި އާއި ހިދުމަތްކުރުމަށް، އަމިއްލަ ވިޔަފާރިއަށް ނިކުމެ އާއިލާގެ ދިރިއުޅުން ކުރިއަރުވަންވީ، ކޮންމެ ފަހަރަކު ވެރިކަން ބަދަލުވާއިރަށް ގެއްލޭ ވަޒީފާއެއް ނުހޯދައި
ރުއްސިރު
26 September 2018
އެމްޑީޕީން ހަޖަމްކުރަންވާނީ އެހެން ޕާޓީތަކުން މަގާމުތަކުގައި ތިބޭ މީހުން ފެނިފައި، ކޮންމެ މީހަކު މިނިސްޓަރުކަމާއި ސްޓޭޓް މިނިސްޓަރުކަން ކުރަން ނަހަދާތި، ތަޖްރިބާއާއި އިލްމު، ގާބިލުކަން މީހުންގެ އިތުރުބާރު ލިބިފައިތިބި ކާމިޔާބު މީހުންގެ ލަފައާއި މަޝްވަރާ ހޯދަންވާނެ، ދިރާސާކުރަންވާނެ، ކެތްތެރިވާންވާނެ
ދޮންއަންނާރު މޫސާ
26 September 2018
ފުރަތަމަ އިސްކަން ދޭނީ ރައީސް އޮފީހަށް އެއޮފީހަކީ އެމްޑީޕީގެ ޖަގަހައަކަށޤ ހަދައިގެންނުވާނެ، އަދި އެމްޑީޕީގެ އިސްމަގާމުތަކުގައި ތިބި އެކްޓިވިސްޓުން ނުޖެހޭނެ ސަރުކާރުގެ ސިޔާސަތު ހާމަކުރަން، ސަރުކާރަށް އަންގާ ކަންކަން އަންގަންވާނީ ރަސްމީކޮށް ލިޔެކިއުމުން، ޕޯޑިއަމް މެދުވެރިކޮށެއްނޫން، އަދި ނޫސް ކޮންފަރެންސްސަކުންނޫން، ޕާޓީގެ ޖަލްސާތަކުން ސަރުކާރުގެ ނިންމުންތަށް ނިންމައިގެން ނުވާނެ
އިރުޝާދު މޫސާ
26 September 2018
އިބޫ އެހެން އެވިދާޅުވީ ހަގީގަތުގައިވެސް ވަރަށް ވިސްނާފައި، އިބޫއަށް ވެރިކަން ކުރެވޭނީ އެމްޑީޕީގެ ޕްރެޝަރު އިބޫއަށް ކުޑަކޮށްގެން ވިސްނުންތެރިކަމާއި އެކުގައި އެބޫއަށް ވަގުތުދީގެން، އިބޫގެ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ ހުރިހައި މީހުން ކޮންމެހެން ސަރުކާރުގެ މަގާމުތަކުގައި ތިބެން ނުޖެހޭނެ، އެހެނިހެން ކަންކަމުގައި ޝާމިލުވެ ކުރިއެރުން ހޯދަން ފުރުސަތުލިބޭނެ
ހޫރުޝީދާ
26 September 2018
އިބޫ ވިދާޅުވި ލާމަރުކަޒީ އުސޫލުން ކަންކަން ކުރުމަށް ދޫކުރާ ވާހަކަ، އެކަމަކު ޕްލޭނެއް އޮވެގެން އެކަންވާނީ، މާނައަކީ ވަރަށް ރަނގަޅު ސްޓްރަކްޗަރެއް ހަދާފައި، އުސޫލުތަކެއް ލިޔެފައި އެއުސޫލުގެ މަތިން ލާމަރުކަޒީ ނިޒާމު ހިންގަން ހަވާލުކުރަންވާނީ، އަދި ކޮންމެ ރަށެއްގެވެސް ޕްލޭނާ އެއްގޮތަށް އެކަން ކުރަންވާނީ، އެހެންކަމުން ކޮންމެ ރަށެއްގެ ޕްލޭން ހަދަން މިހާރުން މިހާރަށް ފަށަންޖެހޭ
ރޫނުމަ
26 September 2018
ކޯލިޝަނުން ސަރުކާރުގެ މަގާމުތަކުގައި ހަވާލުވެ އިބޫއާއި ފައިސަލްވި ވައުދުތަކާއި މެނިފެސްޓޯގައި ހުރި ކަންކަން ހާސިލްކުރުމަށް ކޮންމެ ޕާޓީއަކަށްވެސް ޓާގެޓެއްދީފައި މަސައްކަތް ފަށަންޖެހެނީ، މިސާލަކަށް އެމްޑީޕީގެ ފަރާތުން ހަވާލުވާ މަގާމުތަކުން ކުރަންޖެހޭ ކަންކަމުގެ ޓާގެޓެއް، ޖޭޕީގެ ފަރާތުން ހަވާޅުވާ މީހުންނަށް ޓާގެޓެއް، އެއިރުން ކަންކަން ހާސިލްވާނީ
ފަރީ
26 September 2018
އެމްޑީޕީ މިފަހަރު އެބަޖެހޭ ގުރުބާންތަކެއްވާނެ، ކަމުދާ ކަންކަން ކުރެވޭނެ ގާބިލު މީހުން، އެކްޓިވިސްޓުންނެއްނޫން މަގާމުތަކަށް ލާންޖެހޭނީ
ފީނުމާ
26 September 2018
އެމްޑީޕީ އިން އެއްބާރުލުން ނުދީފިއްޔާ ވެރިކަން ދެމި ނޮއޮންނާނެ، އެއީ ކަށަވަރުކަމެއް، އަދި މިފަހަރު އެމްޑީޕީގެ ލީޑާރޝިޕުން ގޯސް ހަދައިފިއްޔާ ދުވަހަކުވެސް މިޤައުމުގެ ރައްޔިތެއް އެމްޑީޕީއަށް އިތުބާރެއް ނުކުރާނެ، އެމްޑީޕީގެ ފަރާތުން ނަޝީދުއާއި އެކުގައި ސަރުކާރުގައިތިބި މީހުން ފަހަތަށްޖެހި އެމްޑީޕީގެ އާޓީމެއް އެމްޑީޕީގެ ފަރާތުން ސަރުކާރުގައި މަސައްކަތް ކުރަންވާނީ، ދެންތިބި މީހުން މިނިވަން ވިޔަފާރީގައި އުޅުނީމަ ރަނގަޅުވާނެ
އުމަރުބެ
26 September 2018
އެމްޑީޕީގެ ކުރީސަފްގައިތިބި މީހުންގެ ހިތުގައި އުފެދޭނެ ސުވާލަކީ ތިމަންނާމެން މިދިޔަ 7 އަހަރުގައި ވަރަށް ގުރުބާނީތަކެއް ވެއްޖެއިމޭ، އެތަކެއް މުދަލެއް ގެއްލިއްޖެއޭ، އެތަކެއް ފައިސާއެއް ހަރަދުވެއްޖެއޭ، އެތަކެއް ވަގުތުތަކާއި، ހިތްދަތިކަން ލިބިއްޖެއްޔޭ އޭގެ ފަހުންނޭ ނޭވާލެވުނީ، އެކަމަކު ވިސްނަންޖެހޭނީ ރައްޔިތުންތިބިގޮތް، ރައްޔިތުން ބުނީ 4 ލީޑަރުން އެއްކޮށް އުޅޭށޭ، އެހެންވެ ކޮންމެ ޖަލްސާއެއް ފެށުމުން 4 ލީޑަރުންގެ ނަންތަށް ކިޔަމުން ދިޔައީ،