މަޖިލިހުގެ ހަތަރު މެމްބަރުން (ކ-ވ) ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
09 އޮކްޓޯބަރ 2018 - 10:41
ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް އެ ޕާޓީގެ މެމްބަރުކަމުން ވަކިވާން އެދި ޕާޓީ އަށް ހުށަހަޅާ ހިސާބުން އެ މެމްބަރަކު ޕާޓީން ވަކިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި އިއްޔެ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރެއް ފަހުން، ސުޕްރީމް ކޯޓު ހުކުމްކޮށްފައި ވަނީ އެ މެމްބަރުންގެ ގޮނޑި ހުސްނުވާ ކަމަށެވެ.
މަޖިލިހުގެ ހަތަރު މެމްބަރުން އިއްޔެ ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވާ ގޮތުން ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައި ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ހަތަރު މެމްބަރުން ވެސް އަމަލު ކުރީ އަސާސީ ގަވާއިދުގައި އޮންނަ ގޮތަށް ކަމަށް ހުކުމުގައިވެ އެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 13 ވަނަ މާއްދާގައި ވަނީ ކޮންމެ ސިޔާސީ ޕާޓީއެއްގައި ވެސް ގާނޫނުގައިވާ ގޮތުގެ މަތިން އެކަށައަޅާފައިވާ ޕާޓީގެ އަސާސީ ގަވައިދެއް އޮންނަން ވާނެ ކަމަށެވެ. އަސާސީ ގަވައިދުގައި ހިމަނަން ޖެހޭ ކަންކަމުގެ ތެރޭގައި ޕާޓީގެ މެމްބަރަކަށް ވެވޭނެ ގޮތާއި މެމްބަރު ކަމުން ވަކިވެވޭނެ ގޮތާއި ވަކި ކުރެވޭނެ އުސޫލުތައް ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގައި ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ ހަތަރު ސަބަބުގެ ތެރެއިން އެއް ސަބަބަކީ ޕާޓީގެ މެމްބަރު ކަމުން ވަކިވާން އެދުމެވެ.
ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅީ މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017ގެ ތާރީޚަށް ފަހު، ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތްކޮށްފަ އެވެ.
އެކަމަކު ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން، ޖުލައި 13 ގައި އެ ކޯޓުން ހުކުމް ކުރުމުގެ ކުރިން ހަތަރު މެމްބަރުން ޕާޓީން ވަކިވާން ސިޓީ ފޮނުއްވާފައި އޮތުމުން، ހުކުމުގެ ކުރިން ޕާޓީން ވަކިވެވަޑައިގެންފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.
ހުކުމުގައި ވަނީ ޕީޕީއެމްގެ ދަފްތަރުން މެމްބަރުން އުނިކޮށްދޭން ޖުލައި 10 2017، ގައި ހުށަހެޅި ނަމަވެސް، އުނިކޮށްދީފައި ނުވާ ކަމަށެވެ. އަދި ދަފްތަރުން އުނިނުކުރި މައްސަލައިގައި ޖުލައި 11، 2017 ގައި މައްސަލައިގެ ފޯމް ވެސް މެމްބަރުން އިލެކްޝަނަށް ހުށަހެޅި ކަން އެނގެން އޮންނަ ކަމަށް ހުކުމުގައިވެ އެވެ.
މެމްބަރުން ވަކިވެވަޑައިގަންނަވަން އެދި ފޮނުއްވި ސިޓީގެ ކޮޕީއެއް އިލެކްޝަންސް ކޮމިޝަނަށް ވެސް ލިބިފައި އޮތް ކަމާ މެދު އެ ކޮމިޝަނުން އިންކާރު ކޮށްފައި ނެތްއިރު، މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ނިންމީ އެ ހުކުމުގެ ކުރިން ހިނގާފައި އޮތް ކަމަކާ ގުޅިގެން ކަމަށް ވެސް ހުކުމުގައިވެ އެވެ.
ހަތަރު މެމްބަރުންގެ އިތުރުން އެހެން އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އެ މައްސަލަތައް ވެސް އޮތީ އެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން އަދި ނުފަށަ އެވެ.
ޕީޕީއެމްގައި ތިބުމަށް ފަހު މިދިޔަ އަހަރު އިދިކޮޅާ ގުޅުނު 12 މެމްބަރުންނަކީ ވެސް ހުކުމުގެ ކުރިން ޕާޓީން ވަކިވި ނުވަތަ ވަކިކުރި މެމްބަރުން ކަމަށްވިޔަސް، އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ މެމްބަރުންނަކީ ސުޕްރީމް ކޯޓުން އޭރު ކުރި ހުކުމް އައި ފަހުން ޕާޓީން ވަކިވި ނުވަތަ ވަކިކުރި މެމްބަރުން ކަމަށެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅި ފަހުން މިއަދާ ހަމައަށް ވެސް އެއިން އެއްވެސް މެމްބަރަކަށް މަޖިލީހަށް ވަނުމުގެ ފުރުސަތެއް ނުލިބެ އެވެ.
އެ އަށް މެމްބަރުންނަކީ ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ، ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު (އަބުޅޯ) އާއި ހަނިމާދޫ ދާއިރާގެ ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީމުހާ
10 October 2018
މިވަރުގެ ސާފު މައްސަލައެއް ނުނިމި އެތައްބައެއްގެ ޙައްޤުތައް ގެއްލި، އެތައް ބަޔަކަށް އަނިޔާލިބި، އެތައް ބައެއް ކުއްވެރިވެ ވަޒީފާގެ ދޫވެ ތަޙްޤީޤަށް ކުރިމައްޗަށް ދާން ޖެހި، އިއާދަ ނުކުރެވޭ އެތައް މައްސަލަތަކެއް ކުރިމަތިވެއްޖެ. ކޮބާތޯ އަދުލު އިންސާފްގެ އެއްމެމަތީ ބެލެނިވެރިންގެ ޒިމްމާ! އެތައް ރައްޔިތުންގެ މަސްލަހަތު ހިމެނޭ، ވަކި މުއްދަތަކަށް ދައުރު ކަނޑައެޅިފަވާ ފަރާތްތަކެއްގެ މައްސަލަތައް ނުނިންމަވާ ދިގުލާ ދިއުމުން ލިބޭ ގެއްލުން ކާކުތޯ ޒިމްމާވަނީ؟
ރަންބުއްދި
09 October 2018
ތިހާ ސާފު ކޮށް ފެން ނަން އޮތް ކަމެއް ކޯޓުން ދަންމާ މެމްބަރުން ނާ އެތައް ރައްޔިތުންގެ ހައްގެއް ގެއްލުވާލާފަ މިއަދު ހުކުމެއް އިއްވީމަ އިންސާފު އޭގެ ފުރިހަމަގޮތުގަ މެމްބަރުން ނަށާ ރައްޔިތުން ނަށް ލިބިދެވުނު ބާ؟ " ޖަސްޓިސް ޑިލެއިޑް އިޒް ޖަސްޓިސް ޑިނައިޑް" އެއްވެސް ބަޔަކަށް ގާނޫނަށް ވުރެ މަތީގަ ނުހުރެވޭނެ.ހުރިހާ ވެރިންވެސް ޖެހޭ ލިޔެވިފަ އޮން ނަ ގާނޫނާ އެއްގޮތަށް އަމަލުކުރަން
ރައްޔިތުން
09 October 2018
ސިޔާސީ ޕާޓީތައް ހިންގާނީ އެޕާޓީއެއްގެ އަސާސީ ގާވާއިދާ އެއްގޮތަށް، އެގަވާއިދުގައި ކަމެއް ކުރުމުގެ މަގުދައްކައިދީފައިވާ އެއްވެސް ކަމެއްގެ ތެރެއަށް ކޯޓު ވަންމަކީ ކުރެވޭނެ ކަމެއް ނޫން، އަދި މައުމޫންގެ އަތުން ޕީޕީއެމް ނަގާ ޔާމީނު އާއި ޕާޓީގެ ހިންގުން ހަވާލުކުރުމަކީވެސް ކުރެވޭނެ ކަމެއްނޫން. ވުމާއެކު ރައީސް ކަމަށް ޔާމީން ކުރިމަތިލީ ކުރުމަތިލުމަކީ އެކަންވާނެ ގޮތަކަށް ނޫން، ވީމާ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީން ހޯދި ގޮތް ސައްހަ އެއްނޫން.
ވަހީދު
09 October 2018
ސުޕްރީމް ކޯޓު މީ އަޅެ ކިހިނެއް ވެފަ އޮތް ތަނެއްތަ.ކީއްވެގެނޯ ހުކުން ނުކޮށް ލަސްކުރީ
މަރުމޯލު
09 October 2018
ތިހާ ސާފުކޮށް އޮތްކަމެއް ދުވަސްތަކަކަށް ދަންމާލާ، "ރަނމާ ރަނމާ ފޯލި" ހޮދުމަށްހަދާ އެތައް ރައްޔިތުންގެ ޙައްޤާއި މެންބަރުން ތަކެއްގެ ޙައްޤު ގެއްލި އެތައްބަޔަކަށް ނުޙައްޤުން ލިބުނު ގެއްލުމަށް ޒިންމާވާނީ ކާކުތޯ؟؟؟
ކިރިގުއި އާމިންދައިތާ
09 October 2018
މިއޮތްކޫދުން ހާދަހާ ވަރަކަށް ހެވިފައި..ކޮންމެ މީހަކަށް ރައްޔަތުން ގެ ޓެކުސް ފައިސާ އިން 2.9 މިލިއަން ދޭން އެބަޖެހެއެވެ. ވިމާ ދެން އޮތް ގޮތަކީ މިފައިސާ ތިޔަކުދީން ހޯދުމަހަޓަވު ކޫދުންނައް ހަލާމްކޯލު ވޫ މީހުންގެ އަތޫ.. ވަލައްސަލޫމު..
ހުކުމް ބުނި
09 October 2018
ތިޔަކަން ނޭގޭ މީހަކަށް ހުރީ މިރައީސް އެކަނި.
ތުނިޔަ
09 October 2018
މަހަމަ ހައިރާންވަނީ ތިވަރުގެ ފަސޭހައިން ަ"ސާފުކޮށް" ބުނެވެން އޮތް އެއްޗަކާ މެދު ހައްލު ކުރަން ނޭގޭ އަރަތެއް ފަދަ ޙުކުމްތަކެއް ނެރިލަ ނެރިލަ ތިބީމަ!
ހަޑިގިއްލާ
09 October 2018
ތިކަން އަބަދުވެސް އޮތީ ތިގޮތަށް! ނަމަވެސް ޔާމީންގެ ވެރިކަން ދަމަހަށްޓަން އަދާހަމައަށް ދަންމާލީ..... ތިޔަކޯޓުން ވަހީދަށް ވެރިކަމުގެ ދައުރު ހަމަވިފަހުން އިތުރުދުވަސް ދެއްވިގޮތަށް ތިޔަ މެންބަރުންނަށް ގެއްލުނު 14 މަސްދުވަސް ހިނގަމުންދާ ދައުރަށް އިތުރުކޮށްދެން ޖެހޭ!
އާދަމް ޝަރީފް
09 October 2018
ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލިސް ގެ މެމްބަރުންގެ ޝަރުތުތައް ކަޑައަޅާފައިވާއިރު އެ ނޫންގޮތަކަށް ގޮނޑި ގެއްލިގެން ނުވާނެ. ސިޔާސީ ޕާރޓީ ބަދަލުކުރިނަމަވެސް މެމްބަރުކަމުގެ ގޮނޑި ގެއްލިގެންނުވާނެ . ސަބަބަކީސިޔާސީ ޕާރޓީއަކަށް ދައުލަތް ހިންގުމުގެ އެއްވެސް ދައުރެއް ގާނޫނުއަސާސީ ގައި ދީފައިނުވާތީ. އަދި މެމްބަރުން ހޮވަނީ ދާއިރާގެ ހުރިހާ ރައްޔިތުން ވޯޓްދީގެން ކަމަށްވާތީ. އެހެންކަމުން ގާނޫނު އަސާސީ އިސްލާހުނުކޮށް ގޮނޑި ގެއްލޭނެ ކަމަކަށް ނުފެނޭ.
ކައްތުބޭ
09 October 2018
މެމްބަރުން ހޮވާ އެގޮޑީގައި ބައިންދަނީ ރައްޔިތުން. ވީމާ މެމްބަރު ޕާޓީ ބަދަލްކުރަންޏާ ރައްޔިތުންގެ ފެންނަ ނުފެންނަ އެއްހޯދައިގެން މެނުވީ ބަދަލްވެގެންނުވާނެ. އަނެއްކާ ރައްޔިތުން ބޭނުންވީމާ މެމްބަރުކަމުން ވަކިވެސް ކުރެވޭގޮތައް އެބަ ހަދަންޖެހޭ. އޭރުންނޫންބާ ޑިމޮކްރަސީ ފައްކާވާނީ!