ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް (ވ) ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 އޮކްޓޯބަރ 2018 - 09:23
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ޖެހިވަޑައިގަންނަވާނީ ކުޑަކަކޫ ޖެހެން ކަމަށާއި އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބާއްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ހީތަކާއި ވަހުމުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނާތީ، އެކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް، ޕީޕީއެމް އޮފީސް ކުރިމަތީގައި ވާހަކަ ދައްކަވަމުން، ވިދާޅުވީ ރައީސް ޔާމީން ހުށަހެޅުއްވީ ވަރަށް ވަރުގަދަ މައްސަލައެއް ކަމަށެވެ. އެކަމަކު އޭގެ އެންމެ ފުރިހަމަ މައުލޫމާތު ދެއްވަން ދަތިކަމަށް ވިދާޅުވި އެވެ.
"އޮޅުވާލި ވޯޓު" ނަމުގައި ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ބާއްވާ އަޑުއިއްވުމުގައި އަބްދުއްރަހީމް ވިދާޅުވީ އިންތިޚާބު އޮތް ދުވަހުގެ ރޭ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ޕީޕީއެމުން މައްސަލަ ހުށަހަޅަން މަސައްކަތް ކުރުމުން އިލެކްޝަންސް ކޮމިޝަނުން ގަސްދުގައި ހުރަސް އެޅުއްވި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދިނުމުން، ޝަރީފް ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަންފާ ލިބޭ ގޮތަށް އިންތިޚާބުގެ ކަންކަން ކުރައްވައިފަ އެވެ. އަދި ސުޕްރީމް ކޯޓުގައި މިކަން ސާބިތު ކޮށްދެއްވަން ތައްޔާރު ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އަބްދުއްރަހީމް ވާހަކަ ކުރިއަށް ގެންދަވަނިކޮށް، ވަކި ހިސާބަކުން ރައީސް ޔާމީން ވަނީ އޮފީހުން ނުކުމެވަޑައިގެން ކާރަށް އެރުއްވުމުގެ ކުރިން އަބްދުއްރަހީމްގެ އަތުގައި އޮތް މައިކް ނަންގަވައި، އެއްވުމުގެ ބައިވެރިންނަށް ސަލާމް ގޮވާލައްވައިފަ އެވެ. އެއަށް ފަހު، ހިނިތުންވެ ހުންނަވައި ރައީސް ޔާމީން ކާރަށް އެރުއްވީ އެވެ.
"ޝަރީފަށް ޖެހޭނީ ކުޑަކަކޫ ޖެހެން މި މައްސަލައިގައި. އަޅުގަނޑުމެންގެ މައްސަލަ އަޅުގަނޑުމެންނާ އެއްކޮޅަށް ކާމިޔާބުކޮށްގެން ނުކުމެ، ތިޔަ ބޭފުޅުންނާ އެކީގައި ދެވަނަ ފަހަރަށް އިންސާފުވެރި އިންތިޚާބަކަށް ދާނަން،" ރައީސް ޔާމީން ވަޑައިގެންނެވި ވަގުތު އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ހުންނެވީ ދިވެހިންނާ އެކުގަ އެވެ. ރައީސް ޔާމީނަކީ ބިރުފުޅު ގަނެގެން ފިލާ ގޭގައި އޮންނަވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާައާމިނަު
21 October 2018
ﷲ އަށްވުރެ ބާރުވެރި ފަރާތެއް ނުވެއެ ފާތުމަތު ވިސްނަވާ
ތަރައްގީގެ ބާނީ ޔާންޓެ
17 October 2018
އާ ޔޫ ސީރިއަސް؟
Gatu
17 October 2018
ޜައްޔިތުން ރައިސް ޔާމިނުއާ އޭނަގެ އަޅުވާނުން ކުޑަކަކޫ ޖައްސާފަ ތިއޮތީ
ސޭޓު އަނބިމީހާގެ ފިރިމީހާ
16 October 2018
ކުޑަކަކޫ ޖަހަންޖެހޭނީ ކާކުކަމެއް ބުނާކަށްނޭނގެއެވެ. އެކަމަކު މީހަކާދިމާލަށް ސަޖިދައަށްތިރިވާންޖެހުނަސް ޢަބްދުއްރަޙީމް ތިހުންނެވީ ވަކިމީހަކާއިދިމާލަށް ތިރިވާ ފެންވަރުގައިކަން މިހާރު ވަރަށްރަނގަޅަށް ސާފުވެއެވެ! ވ. ސަލާން!
ވޯޓްލީ މީހެއް
16 October 2018
ކިތަންމެ ގިނައިން ވޯޓްލާން ޖެހުނަސް ލާނަން. ހަމަ ބަލިވާނެ އިންޝާ ﷲ ހަމަ ބަލިވާނީ ޕިންކީން. ބޮޑު ތަނުން ދެންވެސް ވާނީ ބަލި. ހީކުރާ ގޮތް ދޯ.
މުޙުއްމާ
16 October 2018
ހާދަ ހީވެއޭ އަދުރޭ ބުނާގޮތަށް ހެން ސުޕްރީމް ކޯޓުން ޙުކުން ކުރާނީ. އިންތިޚާބު ބާތިލު ކޮށްފިނަމަ އަދުރޭ ކޯޓަށް ނުފޫޒް ފޯރުވާ މައްސަލަ ބަލަން ޖެހޭނެ.
ގަސްގަނޑު
16 October 2018
މީކާކު ނުފުއްޕާ
ވ
16 October 2018
ނުފުއްޕާ
މަމީމަ
16 October 2018
އައްދުއްރަހީމޫ އާދެބަލަ ނިކަން ރަނގަޅަށް ދޮފޭލަން.... އެބަހުރި ފުރެޝް ބިލެތޭ. ހުންޏޭ ފެންފޯއްވެސް. ނިކަން ރަނގަޅަށް ދުފޭލީމަ ތި ބުނަން އުޅޭއެއްޗެއް ތަންކޮޅެއް ތިލަކޮށް ބުނެވިދާނެ........ ކެވުނުވަރު ގިނަކަމުން ބަނޑަށް އުނދަގޫވުމާއި އެކު ހިތުގަ ރިއްސަނީ ދެއްތޮ..... ތިޔަ ބައްޔަށް އެއްވެސް އާސަންދައެއް ބޭނުމެއް ނުވާނެ. ތިއަޅާވޭނުގެ ފަރުވާ ވަރަށް ފަސޭހައިން ވަރަށް އަވަހަށް ސްޕްރީމް ކޯޓުން ލިބިވަޑައިގަންނަވާނެ... ރެޑީތޯ... ރެޑީތޯ.... ރެޑީތޯ؟
ބީސްޓް
15 October 2018
މިކަހަލަ މީސްމީހުން ދެންވެސް ސިޔާސީ ދާއިރާއިން އެކަހެރި ކުރުވަން ވީ އެބާރު އޮތީ ރައްޔީތުންގެ އަތްމަތީގަ!!