އައިޖީއެމްއެޗުގެ ނަރުހަކު (ކ) މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ: މުސާރަ އާއި އިނާޔަތުގެ ގޮތުން ބިދޭސީ ނަރުހުންނާއި ޑޮކްޓަރުންނާ ދިވެހިން ތަފާތުކުރާތީ ވަޒީފާގައި ދެމިހުރުމާ މެދު ސުވާލު އުފެދޭ ކަމަށް އޮޑިޓްގައި ހެދި ސާވޭތަކުގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ބުނެފައިވޭ. ފައިލް ފޮޓޯ: ރައީސް އޮފީސް
18 އޮކްޓޯބަރ 2018 - 08:25
ޑޮކްޓަރުކަމާއި ނަރުސްކަން ކިޔެވުމަށް ފާއިތުވި އަހަރުތަކުގައި ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވީ ނަމަވެސް 2014 އިން 2016 އަށް ހޭދަވި ތިން އަހަރު ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އަދަދަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައި ނުވާކަން ޕަފޯމެންސް އޮޑިޓަކުން ހާމަވެއްޖެ އެވެ.
ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމުގެ މަގްސަދު ހާސިލްވެފައިވާ މިންވަރާ ގުޅޭ ގޮތުން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެ ތިން އަހަރުގެ ތެރޭގައި ދިވެހި ޑޮކްޓަރުންގެ ނިސްބަތަކީ އެވްރެޖްކޮށް 21 ޕަސެންޓް ކަމަށާއި ދިވެހި ނަރުހުންގެ ނިސްބަތަކީ އެވްރެޖްކޮށް 53 ޕަސެންޓް ކަމަށެވެ.
އެ ރިޕޯޓުގައި ބުނީ ދިވެހި ޑޮކްޓަރުންގެ އަދަދަށް މާ ބޮޑު ބަދަލެއް ނާންނަ އިރު ދިވެހިން އިތުރުވާ މިންވަރަށް ބިދޭސީން ވެސް އިތުރުވަމުންދާ ކަމަށާއި ދިވެހި ނަރުހުން އިތުރުވާ މިންވަރު ބިދޭސީންނަށް ވުރެ ގިނަ ނަމަވެސް އެކަށީގެންވާ މިންވަރަކަށް އިތުރު ނުވާ ކަމަށެވެ.
އެހެންކަމުން، ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމުގެ މައިގަނޑު ބޭނުމަކީ ސިއްހީ ދާއިރާގެ ޚިދުމަތްތައް ދިވެހިން ފޯރުކޮށްދީ، ބިދޭސީންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އިތުރުކުރުން ކަމަށްވާ އިރު، ޕަފޯމެންސް އޮޑިޓުން އެނގުނީ އެ މަގްސަދު ހާސިލް ނުވާ ކަމެވެ.
އޮޑިޓް އޮފީހުގެ ހޯދުންތަކަށް ބަލާ އިރު ސިއްހީ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންނާއި ނަރުހުން މަދުވުމުގެ އެއް ސަބަބަކީ ސަރުކާރުން އެ ދާއިރާ އަށް ތަމްރީންކުރާ ބައެއް މީހުންގެ ޚިދުމަތް ނުލިބުމެވެ.
ރާއްޖޭން ބޭރުން ޑޮކްޓަރުކަން ކިޔެވުމަށާއި ލޯނު މެދުވެރިކޮށް ރާއްޖެއިން ނުވަތަ ރާއްޖޭން ބޭރުން ނަރުސް ކޯސް ފުރިހަމަކުރުމަށް ނުވަތަ މުސާރަ ލިބޭ ޗުއްޓީ ނަގައިގެން ކިޔެވުން ފުރިހަމަކުރުމަށް ދަރިވަރުން އިގްރާރެއްގައި ސޮއިކުރި ނަމަވެސް ބޮންޑު ކުރެވުނު ތަނަށް ބައެއް ދަރިވަރުން ޚިދުމަތްކޮށްފައެއް ނުވެ އެވެ. އަދި ބޮންޑުގެ ދަށުން ތަމްރީނުވާ މީހުން ބޮންޑަށް ޚިދުމަތްކުރޭތޯ ޑިޕާޓްމަންޓް އޮފް ހަޔަ އެޑިޔުކޭޝަނާއި ހެލްތު މިނިސްޓްރީން މޮނިޓަކޮށް ޚިދުމަތް ނުކުރާ ދަރިވަރުންނާ މެދު ފިޔަވަޅުއަޅާފައެއް ވެސް ނުވެ އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް)ގައި ނަރުސްކަން ކިޔަވާ ދަރިވަރުންގެ ކޯހުގެ ތެރޭގައި ހިމެނޭ އަމަލީ ތަޖުރިބާ ނުވަތަ 'ކްލިނިކަލް ލާނިން'ގެ ބަޔަށް ބޮޑު ޚަރަދެއް ކުރެ އެވެ. އެގޮތުން 2016 އިން 2014 އަށް ދަރިވަރަކަށް 44،000 ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެކަމަކު ކޯސް ނިންމުމަށް ފަހު ބައެއް މީހުން ސިއްހީ ދާއިރާގައި މަސައްކަތް ނުކުރުން އެކަށީގެންވާ ކަމަށާއި ކްލިނިކަލް ލާނިން އަށް ދާ މީހުން އެ ހޮސްޕިޓަލަކަށް ޚިދުމަތް ކުރުމަށް އެއްވެސް ގޮތަކަށް އެއްބަސްވުމެއްގައި ސޮއިކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.
"ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނަށް ފަހު ޚިދުމަތްކުރުމުގެ އެއްބަސްވުމުގައިވާ ގޮތަށް ގައުމަށް ނުވަތަ ދައުލަތަށް ޚިދުމަތްކުރަމުންދިޔަ ނަމަވެސް، މަދުން ނަމަވެސް މި ޚިދުމަތް ނުލިބުމާއި ޚާއްސަކޮށް އަތޮޅުތެރޭގައި ޚިދުމަތްކުރުމަށް އެއްބަސްވާ ފަރާތްތަކުން އަތޮޅުތެރޭގައި ޚިދުމަތް ނުކުރަނީ، މިކަން ހަރުދަނާ ގޮތެއްގައި މޮނިޓަކޮށް ފިޔަވަޅުއެޅެމުން ނުދާތީ އެވެ،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އައިޖީއެމްއެޗުގެ ޑޮކްޓަރުންތަކެއް ރަސްމިއްޔާތެއްގައި ބައިވެރިވަނީ. ފައިލް ފޮޓޯ: ހުސެން ވަހީދު
ކްލިނިކަލް ލާނިން އާއި ތަމްރީނުކުރުމާއި ވަޒީފާގެ ކަންކަމާ ގުޅޭ ގޮތުން ނަރުހުންނާއި ނަރުސްކަން ކިޔެވި އަދި ކިޔަވާ މީހުން ދެކޭ ގޮތް ދެނެގަތުމަށާއި ތަމްރީނުކުރުމާއި ވަޒީފާގެ ކަންކަމާ މެދު ޑޮކްޓަރުން ދެކޭ ގޮތް ދެނެގަތުމަށް އޮޑިޓަރުން ވަނީ ސާވޭކޮށްފަ އެވެ. އެ ސާވޭތަކުގައި ގިނަ މީހުން ބުނެފައި ވަނީ:
- މުސާރަ އާއި އިނާޔަތުގެ ގޮތުން ބިދޭސީ ނަރުހުންނާއި ޑޮކްޓަރުންނާ ދިވެހިން ތަފާތުކުރޭ އަދި އޭގެ ސަބަބުން ވަޒީފާގައި ދެމިހުރުމާ މެދު ސުވާލު އުފެދޭ.
- ބޮންޑަށް ޚިދުމަތް ނުކުރާ މީހުންނާ މެދު އެއްވެސް އިދާރާއަކުން ފިޔަވަޅު އަޅާފައެއް ނުވޭ
- ވަޒީފާ އަށް ޝައުގުވެރިކުރުމަށް ނުވަތަ ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު ހިތްހަމައެއް ނުޖެހޭ
- ކްލިނިކަލް ލާނިންގެ މަގްސަދު ހާސިލެއް ނުވޭ
- ސިއްހީ ދާއިރާއިން ތަމްރީނުވުމަށް އެކަށީގެންވާ މިންވަރަށް ފުރުސަތެއް ނުލިބޭ އަދި އެކަމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން އެދެވޭ މިންވަރަށް މަސައްކަތް ނުކުރުން
މި އޮޑިޓުގައި އާއްމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ސާވޭގައި ފާހަގަކުރި އެއް ކަމަކީ ރާއްޖެ އަށް މިވަގުތު ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާ ކަމެވެ. ސާވޭގެ ބައިވެރިން ބުނެފައިވާ ގޮތުގައި:
- ރާއްޖެ އަށް ޑޮކްޓަރުން އެންމެ ބޮޑަށް ބޭނުންވަނީ ނިއުރޮލޮޖީގެ ދާއިރާ އިން
- ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ނަގާ މުއްދަތާއި ޑޮކްޓަރަށް ދެއްކުމަށް ހޭދަވާ ވަގުތާ މެދު ހިތްހަމައެއް ނުޖެހޭ
- ޑޮކްޓަރުންނާއި ނަރުހުން ބަލިމީހުން ބަލަނީ އެކަށީގެންވާ ތަމްރީން ނުލިބި
- ޚިދުމަތް ދޭ ނަރުހަކީ ދިވެއްސަކަށް ވުން މުހިއްމު
ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމަށާއި ތަމްރީނުގެ ފުރުސަތުތައް ހޯދުމަށް ހަރުދަނާ ގޮތެއްގައި މަސައްކަތްކޮށްފައިވޭތޯ ވެސް އޮޑިޓްގައި ބަލާފައިވެ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޑޮކްޓަރުކަން ކިޔެވުމަށާއި ނަރުސްކަން ކިޔެވުމަށް ފާއިތުވި އަހަރުތަކުގައި ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވެ އެވެ. އަދި ބޭރުގެ ސްކޮލަޝިޕްތައް ހޯދަން ހެލްތު މިނިސްޓްރީން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ވެސް ވެ އެވެ. އެކަމަކު އެ ފުރުސަތުތައް ހޯދުމުގައި "ގައުމަށް އެ ވަގުތަކަށް އެންމެ ބޭނުންވާ ފަންނު ދެނެގަނެ އެކި އަހަރުތަކަށް ބަހާލެވިގެން ވަކި ރޭވުމެއްގެ ދަށުން ތަމްރީނުތައް އިޚުތިޔާރުކުރެވިގެން ނުދާކަން" ފާހަގަކުރެވުނެވެ.
އައިޖީއެމްއެޗުގެ ރަސްމިއްޔާތެއްގައި އެ ތަނުގެ ނަރުހުންތަކެއް ބައިވެރިވަނީ. ފައިލް ފޮޓޯ: ނިޝާން އަލީ
ނަރުހުން ތަމްރީންކުރުމަށް ޑިޕާޓްމެންޓް އޮފް ހަޔަ އެޑިއުކޭޝަނުން ހުޅުވާލާފައިވާ ލޯނު އަދި ސްކޮލަޝިޕްގެ ފުރުސަތުތަކަކަށް 2014 އިން 2016 އަށް ކުރިމަތިލި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި އެ މުއްދަތުގައި އިއުލާންކުރި ފުރުސަތުތަކަށް ބަލާ އިރު ރާއްޖެ އިން ހެދެން ނެތް، މާސްޓާސް ފެންވަރު ފަދަ ކޯސްތައް ވަރަށް މަދު އިރު ޚާއްސަ ދާއިރާތަކަށް އެއްވެސް ވަރަކަށް ފުރުސަތު ހުޅުވާލާފައެއް ނެތެވެ.
އޮޑިޓުން ފާހަގަވި ކަންކަން އިސްލާހުކުރަން އޮޑިޓަ ޖެނެރަލްގެ އޮފީހުން ލަފާދޭ ގޮތް ރިޕޯޓުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ސިއްހީ ދާއިރާ އަށް އެންމެ ބޭނުންވާ ފަންނުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމާއި ޚާއްސަ ދާއިރާތަކުން ނަރުހުން ތަމްރީންކުރުމާއި ޑޮކްޓަރުންނާއި ނަރުހުން ސިއްހީ ދާއިރާގެ ވަޒީފާތަކުގައި ދެމެހެއްޓުމަށް މިހާރުން މިހާރަށް މަސައްކަތްކުރުން ހިމެނެ އެވެ.
http://www.audit.gov.mv/Uploads/AuditReports/2018/10October/Effectiveness%20of%20Doctors%20and%20Nurses%20Training,%20Performance%20Audit%20Report.pdf
ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމުގެ މަގްސަދު ހާސިލްވެފައިވާ މިންވަރާ ގުޅޭ ޕަމޯފެންސް އޮޑިޓް ރިޕޯޓް
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިޝާ
11 February 2019
ރާއްޖޭގަ އާބާދީ ވެސް މަދެއް ނުން ... ދެން ތިކިޔަނީ ހުރިހާ މީހުން ޑޮކްޓަރީ ކަމާއި ނަރުސްކަން ކިޔަވާޝޭތަ.
ފާތުމާ
23 October 2018
ބޭރުން ނަރުސްކަން ކިޔަވައިން އައީމަ ވަރެއް ކުރޭ. ނާސިންކައުންސިލް ޒިންމަާ ދާރުކުރުވަންޖެހޭ. ހަމަ އެކަނި ލާރި ކެއުމެއްނޫން މައްސޫލިއްޔަތަކީ....
ލެބޯރަޓަރީ ސޮރު
23 October 2018
ސިއްޙީ ދާއިރާގަ ހަމައެކަނި އުޅެނީ ނަރުހުންނާ ޑޮކްޓަރުންނެއްނޫން، ލެބްޓެެކުންނަކީ ވެސް ބޮޑުހިއްސާއެއް ކުރާބައެއް، އެކަމަކު ބިޑު ޕަސެންޓެއް ޑޮމިނޭޓް ކުރަނީ ބޭރުމީހުން، މިކަންވެސް އބަޖހޭ އޮޑިޓް ކުރަން، އެފް އެޗް އެސް އިން އެތައްކުދިންނެއް އެބަ ގުރެޖުއޭޓްވޭ ކޮނަމެ އަހަރަކު
ނަރުސް
23 October 2018
މި މަހުގެ މުސާރައަށް ވެސް އަޅުގަނޑުމެންނަށް ލިބޭ މުސާރައިގެ ދެގުނަ އެބަލިބޭ ބޭރު ނަރުހުނަނަށް.އެއް ލެވެލް އެއްގެ އެއް މަގާމެއްގަ މިހާބޮޑު ފަރަގެއް ހުންނަންވީ ސަބަބެއް ނުވިސްނޭ.ވީމާ ތިޔަ ސުވާލު މުހިންމެއް ނޫން.
ަހަހަހަ
21 October 2018
މަދުތަ ނަރުހުން؟ އަހަރަކު 120 ނަރުހުން ކިޔަވައިގެން ނިކުމޭ ޤައުމީ ޔުނިވަރސިޓީއިން
ދދދދދދ
18 October 2018
މީގެ 8 މަހެއްހާ ދުވަސް ކުރިން 300 ޑޮކްޓަރުން ހޯދަން އިޢުލާނު ކުރީމާ ވީގޮތް އެނގި ހުރެ ތި ސުވާލު އަހަރުމެންނާތަ ތިކުރަނީ؟ އަޖައިބެއް. ތިއެއްނު މާ މަތީ މިންވަރަކަށް މައުލޫމާތު ހުރެގެން އެއެއް ފަތުރަން އުޅޭ މާ މާތް ބަޔަކީ. ނިކަން ބުނެބަލަ ކީއްވެތަ އެއީ؟
ޅަހުއްތު
18 October 2018
ދަރިވަރަކަށް 44،000 ރުފިޔާ ހޭދަކޮށްފަ ކޯސް ނިންމުމަށް ފަހު ހޮސްޕިޓަލަކަށް ޚިދުމަތް ކުރުމަށް އެއްވެސް ގޮތަކަށް އެއްބަސްވުމެއްގައި ސޮއިކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް ވިދާޅުވާއިރު މިއީ ކޮންފަރާތަކުން ވިސްނާ ފިޔަވަޅު އަޅަން ޖެހޭކަމެއްތޯ؟؟ އައި.އޭ.އެސް ނުވަތަ މޯލްޑިވިއަންގަ ވެސް ޓްރެއިނިންގ ހެދުމަށްފަހު ވަކި މުއްދަތެއްގެ ކުރިން ކުއްޖަކަށް ކެނޑެވޭނީ ޓްރެއިނިންގ އަށް ދިޔަޙަރަދާ އުނިފޯމްއާއި ޔުނީފޯމް އަށް ދިޔަ ޙަރަދުގެ އިތުރަށް ފައިން ވެސް ކުރޭ
މާހު
18 October 2018
ހެލްތް ވޯކަރުން ބާރުވެރި ކުރުވުން މުހިންމު، ސަބަބަކީ ބަލި ޖެހުމުގެ ކުރިން އެ ބަލިން ރައްކާތެރި ވުމުގެ މަސައްކަތް ކުރާ ބަޔަކީ ހެލްތް ވޯކަރުން. ޑޮކްޓަރުން ނާއި ނަރުހުންނެކޭ އެއްފަދައިން ހެލްތް ވޯކަރުންވެސް ގިނައިން ތަމްރީން ކުރުން މި ރާއްޖެއަށް މުހިންމު. ވަޓް ސޭ!
ަހަހަހަ
21 October 2018
އައި އެގްރީ.. މިމީހުން ދެކޭގޮތުގައި ހެލްތް ފީލްޑްގަ ނަރުހުންނާއި ޑޮކްޓަރުން ތިބީމަ ނިމުނީ
ކައެ
18 October 2018
އަޅޭ ނަރުހުން ހިތްފުރޭނީ ކިހަަވަރެއް ވީމަބާ؟؟ މިދިޔަ މަހުގައި ވެސް ކުޑަހުވަދޫގައި ބެޗެލަރސް ހަދާފަހުރި ނަރސިން އިންޗާޖެއްގެ މުސާރަ އެތަނުގެ ޑޮކްޓަރެކޭ އެއްވަރު. މަ ބުނީތީވެސް ބަލާބަލަ. ބައެއް ނަރުހުން މިހާ ބޮޑާވަނީވެސް މިހެންވެ. ހީވަަކަހަލަ ދެން އެހެން ފީލްޑް ނުކިޔަވާ މީހުންނޭ. މި މީހުންގެ ކޮމިއުނިޓީ ބޮޑުވީމަ މިމީހުން ބޭނުންވާއުރަކު އޮނިގަނޑުހަދާ ފާސްކުރެވޭ. އެހެން މީހުން ހަމަ ތިބެންޖެހެނީ ކިޔެވިއެއްޗަކާ ކުރާމަސައްކަތާ އެއްވަރުގެލާރިކޮޅެއްލިބޭތޯ
ކުޑަހުވަދޫ އެޗް. އާރު
24 October 2018
މީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަޔެއްނޫން. ހަސަދަވެރިވިޔަސް ތަންކޮޅެއް ބޮޑުވަރު. ކައެ އައްވެސް ކޮމެންޓް ކުރީއިރުގައި އިގޭނެ ޑޮކްޓަރުންނާއި އެއްވަރުގެ މުސާރައެއް ނަރުހުންގެ އިންޗާޖަށް ނުލިބޭކަން. މީ ވަރަށް ވާހަކަ............
ޢަރީ
18 October 2018
ދިވެހި ޑޮކްޓަރުންނާއި ނަރުހުން މަދުކަން ހަމަ ނަސީބެއް އެއީ.. ދިވެހިންނަކީ އެކަހަލަ މަގާމެއް ލިބިއްޖެ ނަމަ ނިކަން އަވަހަށް ތިމާއަށް ތިމާ ފެނިފަ ތިބޭ ބައެއް.. އަހަރުމެން މި ހުޅުމާލެ ހޮސްޕިޓަލަށް ޖައްސާލިޔަސް ރޮއިފަ އެތަނުން އެބަ ނުކުންނަން ބައެއް ފަހަރު.. ކަންތައް ކޮށްލާލެއް ރަހުމު ކުޑަ ކަމުން.. ނަސީބެއް މަދުކަން.. ގިނަ ވިޔަ ނުދޭތި ކޮންމެސް..