ރިޔާސީ އިންތިޚާބުގައި ވޯޓުގުނުގައި އޮފިޝަލުން ހަރަކާތްތެރިވަނީ.---ފޮޓޯ: މިހާރު
18 އޮކްޓޯބަރ 2018 - 08:08
ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބިގަންވާ އެންމެ ބޮޑު ބާރު ކަމުގައިވާ ވޯޓު ލުމުގެ ހައްގުގެ ބޭނުންކޮށް، ފަސް އަހަރަށް ފަހު ދިވެހި ރައްޔިތުން އެ އޮތީ އެ މީހުންގެ ބަސް އިއްވައިފި އެވެ. ނަމަވެސް، ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް، ރައްޔިތުންގެ އެ ނިންމުމާ ނުރުހެވިގެން، އިންތިޚާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ މިހާރު އެ އޮތީ ހުކުމާ ހަމައިގަ އެވެ.
އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައީ، އެންމެންގެ ލޯތަކުގެ ކުރިމަތީގައި ކަމަށް ވެފައި، ވޯޓުގެ ނަތީޖާ ބަދަލުވާ ފަދަ އެއްވެސް ކަމެއް، ވޯޓު ލުމުގެ ތެރޭގައި ހިނގާފައި ނުވިޔަސް، ރައްޔިތުން މިހާރު ތިބީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާނެ ގޮތެއް ތަސައްވުރު ކޮށްލަން ވެސް ނޭނގިފަ އެވެ.
ނަމަވެސް އިންތިޚާބުގައި ކާމިޔާބު ލިބުނު ފަރާތަށް ހިތްހަމަޖެހުމާއި އުފާވެރިކަން އަދި ނާކާމިޔާބުވި ފަރާތަށް ނުތަނަވަސްކަން ކުރިމަތިކުރުވާ ކަމެއް، މި މައްސަލައިގެ ޝަރުއީ މަރުހަލާގެ ތެރޭގައި ވަނީ ކުރިމަތިވެފަ އެވެ. އެއީ، ވޯޓު އޮޅުވާލައިފާ ކަމާއި އިންތިޚާބު ބާތިލު ކުރަން ޖެހޭ ކަން ސާބިތު ކުރުމަށްޓަކައި، ދައުވާ ކުރި ފަރާތުން ހުށަހަޅަން ބޭނުންވި ސިއްރު ތިން ހެކިވެރިންގެ ހެކިބަސް ނުނަގަން ސުޕްރީމް ކޯޓުން ނިންމުމެވެ.
ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި އެއީ އިންތިޚާބު ބާތިލު ނުކުރާނެ ކަމުގެ އީޖާބީ ނިޝާނެކެވެ. ހެކިބަހަކީ، ހެކިބަސް ދޭ މީހާގެ ސަލާމަތުން ހުރި ހިއްސަކުން އެނގިދެނިވެފައިވާ ކަމެއްގެ ހަގީގަތް ޝަރީއަތުގެ މަޖިލީހުގައި ތެދު ބަހުން ބަޔާން ކޮށްދިނުމެވެ. މިއާ ޚިލާފަށް، ވަކި ގޮތަކަށް ކަމެއް ވެދާނެ ކަމަށް، ނުވަތަ މިވެނި އެއްޗެއް މިހެން ބޭނުންކޮށްފިއްޔާ އެހެން ވެދާނެ ކަމަށް، އެ މީހެއްގެ ބުއްދިއަށް ވިސްނޭ ވިސްނުމަކީ ކަމެއް ހިނގައި ދިޔަ ގޮތް ސާބިތުކުރުމަށް ބޭނުންކުރެވޭނެ ހެކިބަހެއް ނޫނެވެ.
ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމައިލިތާ އެއް ދުވަސް ފަހުން އިއްޔެ ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް
ސިއްރު ހެކިވެރިންގެ ބަޔާންތަކުގައި، އެ ދުވަހު ލީ ވޯޓުގެ ނަތީޖާ ބަދަލުވެގެންދާ ފަދަ އެއްވެސް ކަމެއް ހިނގިކަން ސާބިތުކޮށްދެވޭ ވަރުގެ އެއްވެސް ކަމެއް ފާހަގަކޮށްފައެއް ނެތެވެ. އޭގެ ބަދަލުގައި އެ މީހުން ދައްކާފައި ހުރީ ހުރީ ޝައްކާއި ވަހުމްގެ ވާހަކަތަކެއް ކަމަށް އެ މައްސަލައިގެ ތެރެއަށް ތަދައްޚުލިވި އިދިކޮޅު ކޯލިޝަންގެ ވަކީލުން ވިދާޅުވެ އެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ސިއްރު ތިން ހެކިން ހުށަހެޅީ، ވޯޓު ކަރުދާހުގައި ސިއްރުން ފާހަގަ ޖެހުމަށް ބޭނުންކުރާނެ އަނގޮޓިތަކެއް ރާއްޖެ ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އަންގަވައިގެން ކަން ސާބިތު ކުރުމަށެވެ. އަދި އެ ބުނާ އަނގޮޓިތަކަކުން ފާހަގަ ޖަހައި ވޯޓު އޮޅުވައިލި ކަމަށް ބުނެ، އެ ކަމުގެ މައްޗަށް ބިނާކޮށް މުޅި އިންތިޚާބު ބާތިލުކޮށްދިނުމަށް އެދިފައިވެ އެވެ.
ކޯޓު މަރުހަލާ އިން އިންތިޚާބު ބާތިލު ކުރުމުގެ ދޮރު ހުޅުވައިދީފައި ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާ އިންނެވެ. އެ މާއްދާގައި ބުނެފައި އޮތީ މިހެންނެވެ؛ "އިންތިޚާބެއްގެ ރަސްމީ ނަތީޖާ މި ގާނޫނުގައިވާ ގޮތުގެ މަތިން އިއުލާން ކޮށްފައިވަނިކޮށް، މި ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ޝަރީއަތަށް ހުށަހަޅާ މައްސަލައެއްގައި، ތިރީގައި މިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަހައްދެއްގެ އިންތިޚާބުގެ ނަތީޖާ އަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާ ކަމަށް ޝަރީއަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަތުވެދާނެ ކަމަށް ޝަރީއަތުން ކަނޑައަޅައިފި ނަމަ، އެ ސަރަހައްދެއްގެ އިންތިޚާބު ބާތިލުކޮށް، އަލުން އިންތިޚާބު ބާއްވަންވާނެ އެވެ."
ރިއާސީ އިންތިޚާބުގައި މީހަކު ވޯޓުލުމަށް ފަހު އިނގިލީގެ ފާހަގަ ދައްކާލަނީ: ވޯޓު ލުމުގައި އެއްވެސް މައްސަލައެއް ހިނގާފައެއް ނުވޭ. -- ފޮޓޯ: ނިޝާން އަލީ /މިހާރު
ގާނޫނުގައި ބުނެފައިވާ އެ ކަންކަމަކީ؛ (1) އިންތިޚާބުގެ ތެރޭގައި އެކަށީގެން ނުވާ ނުފޫޒެއް ފޯރުވުން، (2) އިންތިޚާބީ ހައްގެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުން، އަދި (3) މި ގާނޫނާއި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ނުވަތަ އެ އިންތިޚާބަކާ ބެހޭ ޚާއްސަ ގާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް އަމަލުކުރުން، މިއެވެ.
މި ގާނޫނުން އެނގޭ ގޮތުގައި، އިންތިޚާބެއް ބާތިލު ކުރަން ހުށަހަޅާއިރު، އިންތިޚާބުގެ ނަތީޖާ އަށް އެކަށީގެންނުވާ އަސަރެއް ފޯރާ ފަދަ ކަމެއް ހިނގީ، ވޯޓުލީ ސަރަހައްދުތަކުގެ ތެރެއިން ކޮން ސަރަހައްދެއްގައި ކަން ބުނެދިނުމަކީ އެ ދައުވާއެއް، އެ މައްޗަށް ބިނާވާން ޖެހޭ މައިގަނޑު ރުކުނެވެ. ނަމަވެސް އިންތިޚާބު ބާތިލު ކުރަން ހުށަހެޅި ދައުވާގައި، އިންތިޚާބުގެ ނަތީޖާ އަށް އެކަށީގެންނުވާ އަސަރެއް ފޯރާ ފަދަ ކަމެއް ހިނގީ، ވޯޓުލީ ކޮން ސަރަހައްދެއްގައި ކަން ބަޔާންކޮށްފައެއް ނުވެ އެވެ.
އޭގެ އިތުރުން އިންތިޚާބުގެ ތެރޭގައި އެކަށީގެން ނުވާ ނުފޫޒެއް ފޯރުވައިގެން ނުވަތަ އިންތިޚާބުގައި ވަކި މީހަކަށް ފައިދާ ހޯދައިދިނުމަށް ރިޝްވަތު ދީގެން، ނުވަތަ ގާނޫނާއި ގަވާއިދާ ޚިލާފަށް އަމަލުކުރި ކަން ސާބިތު ވިޔަސް، މި ތިން ކަމުން ކުރެ ކަމެއްގެ ސަބަބުން، ވޯޓު ލީ ސަރަހައްދެއްގެ އިންތިޚާބުގެ ނަތީޖާ އަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާ ކަން ސާބިތުވާން ޖެހޭނެ އެވެ.
އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެކަން ސާބިތުވިޔަސް، މި ގާނޫނުގައި ވަރަށް ސާފު ބަހުން ބުނެފައި އެ އޮތީ، ކޯޓުން ވެސް ބާތިލު ކުރަންވާނީ، އެ މައްސަލައެއް ޖެހުނު، ވޯޓު ލީ ސަރަހައްދެއްގެ އިންތިޚާބު ކަމަށެވެ. މުޅި އިންތިޚާބު އެކުގައި ބާތިލުކުރަންވާނެ ކަމަކަށް ގާނޫނުގައި ބުނެފައެއް ނެތެވެ.
ނަމަވެސް އިންތިޚާބުގެ ނަތީޖާ ބާތިލުކޮށްދޭން އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި، ވޯޓަށް ނުފޫޒު ފޯރުވީ ވޯޓުލީ ކޮން ސަރަހައްދެއްގައި ކަމެއް ބުނެފައެއް ނުވެ އެވެ. އަދި ވަކި ވޯޓު ސަރަހައްދެއްގެ ވޯޓު ބާތިލު ކޮށްދިނުމަށް އެދުމުގެ ބަދަލުގައި އެދިފައި އޮތީ މުޅި އިންތިޚާބު ބާތިލު ކޮށްދިނުމަށެވެ.
"މައްސަލަ ސާބިތުކުރަން ހުށަހެޅި ގިނަ ކަންކަމަކީ އިންތިޚާބީ ޝަކުވާގެ ގޮތުގައި ހައި ކޯޓަށް ހުށަހަޅަން ޖެހޭ ކަންތައް. އަނެއް ބައި ކަންކަމަކީ ފުލުހުންގެ ތަހުގީގާ އެކު ދައުވާ ކުރަން ޕީޖީ އަށް ހުށަހަޅަން ޖެހޭ ކަންތައް. މުޅި ދައުވާ ބިނާކޮށްފައި އެ އޮތީ ސިއްރު ހެކިވެރިންގެ މައްޗަށް. އެ ހެކިވެރިންގެ ބަޔާންތަކަށް ބަލާއިރު ވެސް، އެއްވެސް ވޯޓު ފޮއްޓެއްގެ ނަތީޖާ ބާތިލުވާ ވަރުގެ ކަމެއް ހުށަހަޅައިފައެއް ނެތް،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދައުވާގައި، އިންތިޚާބު ސާބިތުކުރެވޭ ވަރުގެ ކަމެއް ބަޔާން ކޮށްފައި ނެތުމުގެ އިތުރުން، ވޯޓުލީ މަރުކަޒުތަކުގައި، ތައްޔާރުކުރި، ކަން ހިނގައި ދިޔަ ގޮތުގެ ރިޕޯޓްތަކުގެ ތެރެއިން އެއްވެސް ރިޕޯޓެއްގައި ވެސް، އެފަދަ ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލު އައްބާސް ޝަރީފް ޝަރީއަތުގެ އަޑުއެހުމަކަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
"ހަމަ ދައުވާއެއް ކުރިއަކަސް ނުފުދޭނެ. އެ ދައުވާ ރައްދުވާ ފަރާތުން އިންކާރު ކުރާ ނަމަ، ނުވަތަ ދައުވާއާ މެދު ޝައްކު އުފެދޭ ނަމަ، މައްސަލަ ސާބިތުވާނީ ހެއްކާއި ގަރީނާ ހުށަހެޅީމަ. މަދަނީ މިންގަނޑުން ސާބިތުވާ މިންވަރަކަށް އެއްވެސް ކަމެއް ހުށަހަޅާފައެއް ނެތް. ކޮންސްޕިރެސީ ތިއަރީތަކެއް ހުށަހަޅާފައި ހުރީ. ޝައްކާއި ވަހުމެއްގެ މައްޗަށް ބިނާކޮށްފައި އޮތީ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
މި މައްސަލައިގައި ވަކާލާތު ކުރައްވާ އެހެން ވަކީލަކު ވިދާޅުވި ގޮތުގައި ދައުވާ ސާބިތު ކުރުމަށް ހުށަހަޅަން އޮތް ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގާ ގޮތަށް ސުޕްރީމް ކޯޓުން ނިންމުމުން، ފާހަގަ ޖަހަން ބޭނުންކުރާ އަނގޮޓިތަކުގެ ވާހަކަ، ދައުވާ ކުރާ ފަރާތުގެ ވަކީލުން ނުދައްކަ އެވެ. އޭގެ ފަހުން މުޅިން ވެސް ދެއްކީ، ހޭންޑް ބޭގް ފަދަ ތަކެތި ހިފައިގެން، ވޯޓު ލާ މަރުކަޒަށް ވަނުން ފަދަ ކަންކަމުގެ ވާހަކަ އެވެ.
"ވޯޓު ލާން ދިޔަ އެއްވެސް މީހަކަށް ވޯޓު ނުލެވޭ ކަމަކަށް ކޯޓުގައި ނުބުނޭ. ވޯޓު ލާން ދިޔަ މީހަކަށް ވޯޓު ނުލެވިފައި ނެތްކަން، ކަން ހިނގައި ދިޔަ ގޮތުގެ ރިޕޯޓްތަކުން އެނގޭ. ވޯޓު ލާ މީހުންގެ ރަޖިސްޓްރީގައި މައްސަލައެއް އޮތް ކަމަކަށް ވެސް ދައުވާ ކުރި ފަރާތުން ނުބުނޭ. މިތައް ވޯޓު މަދުވެޔޭ ނޫނީ، މިތައް ވޯޓަކީ މަކަރު ހަދައިގެން ލިބުނު ވޯޓެކޭ ވެސް ނުބުނެ،" އެ ވަކީލު ވިދާޅުވި އެވެ.
ވޯޓުގެ ނަތީޖާ ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި އިރު، ސަބަބުތަކުގެ ގޮތުގައި މުޅިން ވެސް ފާހަގަކޮށްފައި ހުރީ، އިންތިޚާބުގެ ކުރިން އިދިކޮޅު ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނާ މެދު ތުހުމަތު ކުރި ބައެއް ކަންތައްތަކެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް، ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް އަދި އެމަނިކުފާނުގެ މުށުތެރޭގައި އޮތް ޕީޕީއެމުން ވެސް ތުހުމަތެއް ނުކުރެ އެވެ.
ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ބަލި ކުރައްވައި ކާމިޔާބު ހޯއްދެވި އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމާ އެކު، ޖެހިގެން އައި ދުވަހު އިދިކޮޅު ފަރާތްތަކުން އުފާ ފާޅުކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވޯޓުގެ ރަސްމީ ނަތީޖާ އަށް ފަހު، ބަލި ގަބޫލުނުކުރައްވަން ކޯޓަށް ވަޑައިގަތުމުން ހަގީގަތުގައި ދައުވާ އެ ކުރެއްވެނީ، ރައީސް ޔާމީންގެ ޕާޓީގެ މެމްބަރުންނަށާއި އެމަނިކުފާނަށް ކެމްޕޭން ކުރުމުގައި އިސްކޮށް އުޅުނު މީހުންގެ މައްޗަށެވެ. އިންތިޚާބުގައި އެއްވެސް މަކަރެއް ހަދާފައިވާ ނަމަ، އެ މަކަރެއް ހަދާފައިވާނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ވަފާތެރިންނެވެ.
ސަބަބަކީ، އިންތިޚާބުގެ ހުރިހާ ކަމެއް ހިނގައި ދިޔައީ އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީން ކަނޑައެޅި މީހުންގެ ބެލުމުގެ ދަށުން ކަމަށް ވާތީ އެވެ. ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ 99 ޕަސެންޓަކީ ހަމަ ސީދާ ޕީޕީއެމްގެ މީހުންނެވެ. އޮފިޝަލުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ މީހުންގެ ބަދަލުގައި އޮފިޝަލުންގެ ގޮތުގައި ނެގީ ޕީޕީއެމުން ފޮނުވި ލިސްޓުތަކެއްގައި ތިބި މީހުން ކަމީ، އިންތިޚާބުގެ ކުރިން ވެސް އެންމެން ދެއްކި ވާހަކަ އެވެ. އިލެކްޝަންސް ކޮމިޝަނުން ދޮގެއް ވެސް ނުކުރެ އެވެ.
އެއްވެސް މައްސަލައެއް ނުޖެހި ނިމިދިޔަ ދެ ފުށް ފެންނަ އަމާން އިންތިޚާބާ މެދު ޝައްކާއި ވަހުމް އުފައްދައިގެން، އިންތިޚާބު ބާތިލު ކުރަން އުޅުނަސް، ދެ ފަރާތުގެ މީހުން ވެސް އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެ އެވެ. އެހެން ނޫން ނަމަ، 38،653 ވޯޓުގެ މާސިންގާ ތަފާތެއް އަންނަ ވަރުގެ މަކަރުތަކެއް ބަޔަކަށް ނޭނގި ފަޅާނާރާ ގޮތަށް ހެދުމަކީ، މުސްތަހީލު ކަމެކެވެ.
ނަމަވެސް އެންމެ ފަހު ބަސް އިއްވާނެ ގޮތެއް އަދިވެސް ކަށަވަރު ނުވާތީ، ކޮންމެ މީހަކު ވެސް ހިތާހިތާ ކުރާ ސުވާލަކީ އަހަރެން ލީ ވޯޓަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
18 October 2018
ހާލާތު ބަދަލުކުރުމަށް ގަދައަޅާނިކުމެއްޖެނަމަ އެމަގަށް ކަންކަންފަހިވެގެންދާނެ. . . . ޤާނޫނުއަސާސީއާއި ޤާނޫނުކޮށާކުދިކުދުކޮށް މުޅިދައުލަތުގެބާރު ގޮަތްމުށަށްލައިގެންހުރި “ހުދުމުޙްތާރު ވެރިއެއްގެ ކިބައިން ސަލާމަތްވުމަކީ ނުކުރެވޭނެ ކަމެއް” ކަމަށް ހީކުރިމީހުންނަށް ނޭގުނީ ދުނިޔެ ބަދަލުވެފައިވާކަމާއި ގުޅިލާމެހިފައިވާ ދުނިޔޭގައި އަނިޔާވެރިންނަށް ވާގިވެރިވާނެ ދައުލަތްތައް މަދުވެފައިވާކަން. . . އުފަލާއި އެކު ބުނެލާނީ ޤާނޫނީ ރައްކާތެރިކަން ލިބޭނެވާހަކަ.
ރާގު
18 October 2018
ފޮޓޯ ބަދަލުކުރީ ކީއްވެހޭ؟؟
ހަސަންސް
18 October 2018
އިންތިހާބުގާ މަކަރު ހެދި.. މަކަރު ހެދީ ޕީޕީއެމުން.. ދައުލަތުގެ މުދާ ބޭނުން ކުރި، އިދިކޮޅު މީހުންގެ ކެމްޕޭނަށް ހުރަސް އެޅި، އޮފިޝަލުންނަށް ޕީޕީއެމް އެކެޓިވިސްޓުން.. ވެގެން މިއުޅޭ ގޮތަކި އެ ހުރިހާ މަކަރަކާއެކުވެސް މޮޅު ނުވީ.. ހެދި މަކަރުގެ މައްޗަށް، ރައްޔިތުންގެ ތާއީދު ކުރި ހޯދީ.. އެ ބުނާހެން އެމީހުނަށ ްލިބޭނީ 96000 އެއްނޫން .. އެވަރުވެސް އެވީ ހެދި މަކަރުން.. ދނެ ްކޯޓަށް ގޮސް މި ކިޔަނީވެސް އެ ވެރިން އަމިއްލައަށް ކުރި ކަންކަމުގެ ވާހަކަ...
ދެން
18 October 2018
ދާންވީނު ކޯޓަށް ހެކިބަސް ދޭން ތިވަރަށް އެނގޭއިރު. ވަކީލުންކޮޅު އެބަ އުޅޭ ހާސްވެގެން ތިކަންކަން ޔަގީންނުވެގެން.
އިންޑިޔާއިން
18 October 2018
ވޯޓް ލީ މީހުންގެ މައްސަލައެއް ނެތް. މާގިނަ ވޯޓް ލިބިފައިވާ ކަމަށް ބުނާތީ އިތުރަށް ޝައްކުވަނީ. ދުނިޔޭގެ އާމު އުސޫލަކީ ގިނަ މީހުން ސަރުކާރު ފަޅިއަށް އެރުން. ދެން ބަލަމާ ހިނގާ.
ލޮޓަސް
18 October 2018
ކިތައްމީހުން ތިބީ ވޯޓުން ޔާމީން ބަދަލުކުރަން ބޭނުންވެފަ...އޭނަ ވެރިކަން ކުރީ ގަދަބާރުން...ބިރުދައްކައިގެން...ޚުދު މަށަށްވެސް ނެތް މާދަމާވެސް ވަޒީފާގައި ދެމިހުރެވޭނެ ކަމުގެ ޔަޤީންކަން...އެކަމަކު މަށަކީ އެއްވެސް ސިޔާސީ ކަމެއްގައި އުޅޭ މީހެއްނޫން.އެކަމަކު މަށަށް މިހާރު އިހުސާސްކުރެވޭ މިނިވަނެއްކަން.ކިތައްރައްޔިތންގެ ދޫބަންދު ކުރީ.ކިހާ އަނިޔާ އެއް ސައިލެންޓް ތަހައްމަލުކުރިން.މަށަށް އަދިވެސް ޤަބޫލެއް ނުކެރެވޭ އެވަރަށްވެސް ޔާމީނަށް ވޯޓުލިބޭނެކަމަކަށް.
ަައަފުން
18 October 2018
ޕީޕީއެމް ކުދިންނަށް ދުނިޔެ ނުފެނޭ
ވޯޓް މީދާ
18 October 2018
އަހަރެމެން ވޯޓް ލީ ގޮތަށް ވޯޓްގެ ނަތީޖާ އޮންނާނީ
މުޙުއްމާ
18 October 2018
ވީގޮތަކީ ކޮންމެ ވޯޓްލާ މަރުކަޒެއްގަ ހުރީ ޖިއްނިއެއް. ޖިއްނި މި ހަދާ ގޮތަކީ އަތުގަ ހިފައިގެން ގަދަކަމުންގޮސް 2 ގަ ފާހަގަ ޖައްސަނީ. ރައީސު ޔާމީނު ހައްތަހާ އަގުވެއްޓެނީއޭ. މަނިކުފާނަށާއި މަނިކުފާނުގެ އައުވާނުންނަށް މުޅި ދުނިޔެ ޖޯކް ޖަހަނީއޭ. ދެން ތި ސަކަރާތް ނުޖަހާ އަވަހަށް ފައިބާ.
ތިމާވެށި
18 October 2018
މިވޭތުވެ ދިޔަ 5 އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ވަރަށް ބޮޑެތި ގެއްލުން ތައް ވެއްޖެއެވެ. ގާތް ގަނޑަކަށް ހުއްޓުމަކަށް އައެވެ ވީމާ ބަދަލެއް ބޭނުންވެއެވެ.
ތަކުރުފާނު..
18 October 2018
ރީ ރަޖިސްޓްރޭޝަން އޮޅުވާލައިގެން އަހަންނަށް ނުލެވުނު ވޯޓް އަހަރެން ބޭނުންވާ ކެންޑިޑޭޓަށް ލެވޭނީ ކިހިނެއް.
ރަމަޒާންް
18 October 2018
ފަރުދީ ޒިންމާ ނުނެގީމަ ވީގޮތް ތީ ..
މުޙުއްމާ
18 October 2018
ވޯޓް ނުލެވޭ އެއްމެންގެ ވޯޓާއި ބާތިލް ވޯޓް ދިނީމަވެސް ޔާމީނު ނުހޮވެޔޭ. ކީއްކުރާނީދޯ؟ ދެން ކޮޅު ބަދަލުކޮށްލާ.
ބަލަ
18 October 2018
މުހުއްމާ،،، ލެވުނު ވޯޓުގެ ސައްހަކަން 100 ޕަސެންޓަށް ނެތްއިރު އިބޫއަށް ލިބުނު ވޯޓު އެއީ ސައްހަކޮށް ލިބުނު ވޯޓް ކަމަކަށްވެސް ނުބެލޭނެ.
ކެރޭނު
18 October 2018
ބާތިލް ވިއްޔާ ރަނގަޅީ. ދެން ވޯޓް ލައިގެން ޔާމީނަށް %10 ވެސް ނުލިބޭނެ
ރަމަޒާން
18 October 2018
ބާތިލް ކޮއްފިޔާ ވޯޓެއް ނުލާނެ އަވަހަކައް ... ފިނޭސުން ބަޖެޓެއް ނެތޭ ކިޔާފަ އެކަން ލަސްކުރާނީ ..
ހާޖަރާ
18 October 2018
ވޯޓުލީމީހުން ހާސްކަނޑާލާ. މީގެ 8 މަސް ފަހުން ނަތީޖާ ދައްކާނަން. އިންޝާﷲ. ކާމިޔާބުވާނެ.