އިންތިޚާބާ ބެހޭ މައްސަލައިގެ އަޑުއެހުމަށް ނަން ނޯޓު ކުރަން ސުޕްރީމް ކޯޓު ދޮށުގައި މީގެކުރިން ހެދި ކިއުއެއް.---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 އޮކްޓޯބަރ 2018 - 10:08
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލު ކޮށްދިނުމަށް އެދިވަޑައިގެން ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ހުކުމް އަޑުއެހުމުގެ ބޭނުމުގައި ގިނަ އަދަދެއްގެ ބަޔަކު އެ ކޯޓު ދޮށުގައި މިއަދު ކިއޫ ދަމާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އެ އިންތިޚާބުގައި ބޮޑުތަނުން ބަލިވި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މި މައްސަލައިގައި އަޑުއެހުން މެންދުރު 1:00 އަށް އެ ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ. އަޑުއެހުމަށް ވަންނަން ބޭނުންވާ މީހުންނަށް ނަން ނޯޓު ކުރުމުގެ ފުރުސަތު އޮތީ ހެނދުނު 10:30 އިން 12:30 އަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-C/44 ޤަޟިއްޔާގެ ޝަރީޢަތް އަޑުއެއްސެވުމަށްޓަކައި ވަޑައިގަންނަވާ ބޭފުޅުންގެ ނަން ނޯޓުކުރުން، ހެނދުނު 10:30 އިން 12:30 އަށް ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ.
— Maldives Judiciary (@judiciarymv) October 21, 2018
ސުޕްރީމް ކޯޓުން މިއަދު ކުރި ޓުވީޓު.
އަޑުއެހުމަށް ވަންނަން ބޭނުންވެގެން އެ ކޯޓު ދޮށުގައި ކިއު ހަދާފައި ވަނީ ނަން ނޯޓު ކުރަން ފެށުމުގެ ގަޑިއިރެއް ހާއިރު ކުރިންނެވެ. އަދި ކޯޓު ދަށުގައި މިވަގުތު ކިއޫ ހަދާފައި ތިބީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ފޯރިމަރަމުންނެވެ.
ކިއޫ ހަދާފައި މީހުން ތިބީ ކިއޫ ތަރުތީބުން ނަންބަރުތައް ވެސް ހިފައިގެންނެވެ.
ކިއޫގައި ޖެހިފައި ތިބި ބައެއް މީހުން "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ، ރައްޔިތުން އިއްވި ހުކުމްގައި ސުޕްރީމް ކޯޓުން "ކޮޅު ފައިން" ޖަހާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ވަންނަން އައިސް ތިބީ ވަރަށް ފޮނި އުންމީދުތަކާ އެކުގައި ކަމަށް ވެސް އެމީހުން ބުންޏެވެ.
"ރައްޔިތުންގެ ނިންމުމާ ނުކުޅޭނެ ކަމަށް އުންމީދު ކުރަނީ. އެއީ އެތައް ހާސް ވޯޓުގެ ތަފާތަކުން ނިމިފައި އޮތް ކަމެއް. އަނެއްކާ އިންތިޚާބު ބާތިލް ކުރަން އެކަށީގެންވާ ހުއްޖަތެއް ނެތް ދެއްކިފައި ޕީޕީއެމަށް. އެހެންވީމަ، ރައްޔިތުންގެ ކޮޅަށް މިކަން ނިމެން ވާނީ،" ކިއޫގެ މެދެއްހާ ހިސާބުގައި ހުރި މީހަކު ބުންޏެވެ.
ބައެއް މީހުން ބުނި ގޮތުގައި، އިންތިޚާބާ ގުޅޭ ގޮތުން ޕީޕީއެމުން އުފައްދާފައި ވަނީ "ހިޔާލީ" ފޮލާތަކެކެވެ. އަދި ބައެއް ވާހަކަތަކަކީ "ބުއްދި ހަމަނުޖެހޭ" މީހުން ދައްކާ ވާހަކަ ކަމަށް އޭނާ ބުންޏެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވަނީ އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް އިއްވުން ކަމަށެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރުމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގައި އެންމެ ފަހު އަޑުއެހުން ބޭއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މައްސަލައިގައި ސިއްރު ހެކިބަސް ނެގުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ދުވަހު ހުށަހެޅުއްވި ނަމަވެސް އަޑުއެހުންތައް ނިންމައިލީ ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަ އެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. ރައީސް ޔާމީނާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް 134،705 ވޯޓު ލިބިވަޑައިގަތެވެ.
އިންތިޚާބުގެ ނަތީޖާއަށް ފަހު ރައީސް ބަލި ގަބޫލު ކުރެއްވުމަށް ފަހު، އިންތިޚާބު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލާގައި އޮތީ ޚިޔާލީ ވަހުމްތަކެއް ކަމަށާއި ހުށަހެޅި އެއްވެސް ކަމެއްގެ އެއްވެސް ހެއްކެއް ނެތް ކަމަށް އިލެކްޝަނާއި އިދިކޮޅު ކޯލިޝަންގެ ވަކީލުން ވަނީ ކޯޓުގައި ވިދާޅުވެފަ އެވެ. އެކަމަކު ރައީސްގެ ވަކީލުން ވިދާޅުވަމުން ގެންދެވީ އިންތިޚާބުގެ ނަތީޖާ ވަކި ބަޔަކަށް އަނބުރާލަން ކޮމިޝަނުން މަސައްކަތްކުރީ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފުގެ ދަރި ކުމާރު
21 October 2018
ކިޔުއަށް އެރުން ދިވެހިން ހަދައިފި ބޮޑުމަޖާގަނޑަކަށް.
އަހުމަދުބޭ
21 October 2018
ރައްޔިތުން ހޯދި ވޯޓް ބޮލައިލައި ޖަހައިނެބައި؟ ކެތްތެރިކަމާއެކު ތިބެމާ؟ މި 5 މީހުން، 134 ހާސް މީހުން ބުނި އެއްޗެއްތޯ ނޫނީ 96 ހާސް މީހުން ބުނާ އެއްޗެއްތޯ އަޑުއިވުނީ
ބައިރޯ
21 October 2018
ރައްޔަތުންގެ ހުކުމައް ވުހރެ މަތީ ހުކުމެއް ނޮއޮއްނާނެ ރައްޔަތުން އޮތީ ހުކުމް އިއްވާފަ ދެން ލަލާ
ސިމެންތިގާ
21 October 2018
ހާދަ މޮޔަ ބަޔެކޭ. ކީއްކުރަން ވަންނަތަނެއް. ގޭގައި ތިބިގެން ނޫހަކުންވެސް ތިޔަ ނިންމުން ނިންމާ ގޮތެއް ހޯދިދާނެ. އަނެއްކާ މާ މޮޅު ސަރިއަތެއް ކުރާ ބަޔެއް ނަމަތާ ދޯ ހޭކަނޑާފަ އަޑުއަހަން ވަންނަން ދާނީ ވެސް.
ފުންއަސަރު
21 October 2018
މާސިންގާ ކަނޑުގާ އެއްވެސް ބިރެއްނެތި ހިތަށްއެރިހާ ގޮތަކަށް ބޭނުންވެއްޖެ ކޮންމެ އެއްޗެއްކާލާ އުޅުނަސް، ކަނޑުން ނަގާ ދޯންޏަށް އެތެރެކޮށްލުމުން ހަމަ ހުރިިހާބާރެއް ނެތިދޭ. ދެން އެހެންއޮވެ ތެޅިތެޅިފާ ހުޅުނބު ދާތަންވެސް މަމެން މިތިބީ ބަލަން. އެކަމަކު އެންމެ ފަހުވިންދާ ޖެހެންދެން މަރަށް ތެޅޭމަންޒަރު ބަލަން ހުރުމަކީވެސް އެހާ ފަސޭހަ ކަމެއްނޫން.
ކުނިބެ
21 October 2018
ދިވެހި ރައްޔިތުންގެ ނިންމުމަށް މި 5 މީހުން ހަދާގޮތެއް ބަލަން އެބަ ޖެެހެއެވެ. ފުރާޅުގައި އިސްކުރުތައް ހަމަ ބާއެވެ!
ހަމަޖެހޭ ..
21 October 2018
މޭގުޑާ މީހުނަށާ ، ތުރުތުރުއަޅާ މީހުނަށާ ، ބިރުގަންނަ މީހުނަށާ ، ފިލަން ތައްޔާރުގަ ތިބިމީހުނަށް ނޭވައި ހިފަހައްޓާލަން ޖެހޭ ހިދުކޮޅެއް ..
ފުންއަސަރު
21 October 2018
މިކިއުއަށް ބަލާލުމުންވެސް ކާމިޔާބު ކުރާނީ ކޮންބައެއްކަން އެނގޭ. ފާހަގަ ވެއްޓުނަސް އަށެއްކަގަޑިއިރު މިހެން ތިބެން ޖެހުނަސް މިމީހުނެއް ނުވެއްޓޭ. އެހެންވީމަ ކާމިޔާބު މިލިބުނީ 2 އަށް ދޯ؟ ފޮންޏެއްނޫނެއްނު.
ފަލަޑޭ
21 October 2018
ނެތޭ ކޯޓަށްދެވޭކަށް...މިހާރުއަށް ޓުރަސްޓްކޮށްގެން އޮފީހުގަ މިއިނީ. އަވަސް އަވަސްކޮށް އަޕްޑޭޓްފޮނުވާނެ ކަމުގަ އުންމީދު ކުރަން