އިންތިޚާބީ ރައީސް އިބޫއާ އެކު މޭޖަ ޖެނެރަލް ޝިޔާމް: އިންތިޚާބު ސައްހަ ކަމަށް ބުނެ ކަޅުތުއްކަލާ ކޮއްޓަށް ރޭ ވަނީ ލިއުންތަކެއް އަޅާފައި.
21 އޮކްޓޯބަރ 2018 - 12:10
ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތް ރިޔާސީ އިންތިޚާބަކީ ސައްހަ އިންތިޚާބެއް ކަމަށާއި އެ އިންތިޚާބު ގަޑުބަޑު ކުރަން ކުރާ މަސައްކަތް ހުއްޓާލަން އިންޒާރު ދީ، ސިފައިންގެ ކަޅުތުއްކަލާ ކޮށި (ކޭކޭ) އަށް ލިއުންތަކެއް ރޭ އަޅައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހްމަދު ޝިޔާމަށް ދަންނަވާ ވާހަކައެއް ކަމަށް ބުނެ އަޅާފައިވާ ލިޔުމުގައި ހަތަރު ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. ޖުމްލަކޮށް ބުނެފައި ވަނީ، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވި އިންތިޚާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ސިފައިން ގަބޫލު ނުކުރާ ކަމަށެވެ.
އެއީ، ސައްހަ އިންތިޚާބެއްގެ ގޮތުގައި ސިފައިން ބަލައި ގަންނަ ކަމަށް ވެސް ލިޔުމުގައި ވެ އެވެ. އެހެންވެ، އިންތިޚާބު ބާތިލް ކުރަން ކުރާ މަސައްކަތުގައި ސިފައިން އެއްބާރުލުން ނުދޭނެ ކަަމަށް ވެސް ލިއެފައި ވެ އެވެ.
މި ލިޔުން ކޭކޭ އަށް އަޅާފައި މިވަނީ، ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލްކޮށްފައި ވަނިކޮށެވެ.
"ދިވެހި ސިފައިން ތިބޭނީ ރައްޔިތުންގެ ފަޅީގައި. ރައްޔިތުންގެ ހިމާޔަތުގައި. ރައްޔިތުންގެ ސަރުކާރުގެ ދިފާއުގައި،" ކަޅުތުއްކަލާ ކޮށްޓަށް އެޅި ލިއުމުގައިވެ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ނެގި ވޯޓުގެ ނަތީޖާ ބަދަލުކޮށް، ރައްޔިތުންގެ ވެރިކަން ގާނޫނުއަސާސީއާ ޚިލާފަށް ބަދަލުކުރުމަށް ކުރަމުން ގެންދާ ހުރިހާ ކަމެއް ހުއްޓާލަން ވެސް ލިޔުމުގައި ގޮވާލާފައިވެ އެވެ.
ރައްޔިތުންގެ ވޯޓުން އާ ރައީސެއްގެ ގޮތުގައި އިންތިޚާބުކޮށްފައިވާ އިބޫ އަށް، ސިފައިން އެއްބާރުލުންދީ، ވެރިކަން ގަޑުބަޑު ކުރަން ކުރާ މަސައްކަތަށް އެއްބާރުލުން ނުދޭނެ ކަމަށް އެ ލިޔުމުގައިވެ އެވެ. ރައްޔިތުންގެ ވޯޓު ނަގަހައްޓައި ގާނޫނުގެ ވެރިކަން ގާއިމްކުރުމަށާއި އިބޫގެ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް އޭގައި ދީފައިވެ އެވެ.
"ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލްކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދި އެ ވޯޓުގެ ނަތީޖާ ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރުދައްކައިގެން ބަދަލުކުރުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކުން އެކަން ހުއްޓާލުމަށް ގޮވާލަން،" ލިޔުމުގައި ވެ އެވެ.
ކޭކޭ އަށް ލިއުންތައް އަޅާފައި ވަނިކޮށް، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވަނީ ސިޔާސީ ކަންކަމުން ސިފައިން ދުރުވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެމްއެންޑީއެފުން ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާއެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
އާދަމް ޝަރީފްގެ ފޭސްބުކްގައި ވިދާޅުވީ، ދިވެހި ސިފައިންނަކީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ލާޒިމްކުރާ ޒިންމާތައް އުފުލަން ޖެހޭ ބައެއް ކަމަށެވެ. ސިޔާސީ ކަންކަމާ ދުރުހެލި އަދި ދުރުހެލި ވާންޖެހޭ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ރިޔާސީ އިންތިޚާބަށް ފަހު ވެސް މިރެއާ ހަމައަށް، އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ސިފައިންގެ ތެރެއަކުން ނުފެނޭ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އިބޫ ވަނީ ސިފައިންގެ މައި މަރުކަޒަށް ޒިޔާރަތް ކުރައްވައި ޝިޔާމްއާ ބައްދަލުކުރެއްވި އެވެ. އެކަމަކު އެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް ދެ ފަރާތުން ވެސް ހާމައެއް ނުކުރެ އެވެ.
އިންތިޚާބު ބާތިލްކުރަން ކޯޓަށް ހުށަހެޅުމުގެ އަޑުތަކާ އެކު އިންތިޚާބުގެ ނަތީޖާ އެހެން ގޮތަކަށް ބަދަލުކުރުމަށް ސިފައިންނާއި ފުލުހުން އެއްބާރުލުން ނުދިނުމަށް އެދި އެކި ފަރާތްތަކުން ގޮވައިލުމުން އެ ކަމާ ގުޅިގެން، މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ކުރިން ވިދާޅުވެފައި ވަނީ ރައްޔިތުން ނިންމި ގޮތް ވަރަށް ސާފު ކަމަށާއި "ދެން ނިންމަން ޖެހެނީ ކޮން ގޮތެއް؟" ކަމަށެވެ.
ޕީޕީއެމުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިޔާސީ އިންތިޚާބު އީސީން އޮޅުވައިލީ އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ރާއްޖެ ގެންނެވި ލިޔެވޭ އަނގޮނޓިތަކަކާއި ފާހަގަ ބަދަލުވާ ގޮތަށް ޗާޕްކުރި ވޯޓު ކަރުދާސްތަކަކާއި ދެލި ފުހޮވޭ ގަލަންތަކަކުންނެވެ. އަދި އިންތިޚާބު އޮޅުވައިލަން އެ ކޮމިޝަންގެ މެމްބަރުން ރިޝްވަތު ނަގާފައިވާ ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. އެކަމަކު މި ހުރިހާ ތުހުމަތެއް އެ މެމްބަރުން ވަނީ ދޮގުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބީފާނު
22 October 2018
ރައްޔިތުންގެ ފަޅިއަކީ ކޮބާ؟ އިންތިޚާބުގަ އޮރިންވެސް ވޯޓު ލީބާ!! ތީ އަދި ނޭނގޭ ކަމެކޭ. ތިކަން ތިހެން ހިނގާފަ އޮތުމަކީވެސް ހަމަ ވެދާނެ ކަމެއް. އޭގެ މީހުންތައް ނިކަން ބާރުބާރަށް ތެޅޭތަން ފެންނަނީ އެހެންވީމަތާ! އަނެއްކާ އަނެއް ކަމެއް ތި ތިލަ ވަނީ.
ޙަސަން އަޙްމަދު
23 October 2018
ރައްޔިތުންގެ ފަޅިއަށް ވާނީ މެޖޯރިޓީ ފަޅި. އަނެއް ފަޅީގައި ވެސް ތިބެނީ ރައްޔިތުން ނޫނެކޭ ނޫން. އެކަމަކު ޑިމޮކްރަސީގަ އޮންނަ ގޮތަކީ މެޖޯރިޓީ އިއްވި ބަސް އެއީ ރައްޔިތުންގެ ބަސް ކަމުގައި ގަބޫލު ކުރުން. ދައްކާ ވާހަކަ ދެނެގަންނަން ޖެހޭނީ ގޫގަލް ޓްރާންސްލޭޓް ކުރާ ގޮތަކަށް ނޫން. ގޫގަލް ޓްރާންސްލޭޝަންގައި މީހެއްގެ ނަން ވެސް ތަރުޖަމާ ކޮށްފާނެ. އިންސާނީ އިންޓެލިޖެންސާ ވިސްނުމާ ލޮޖިކުން އިންސާނީ ބަސްމަގު ދެނެގަނެވޭނީ.
ހުސޭނުބޭ
21 October 2018
ސިފައިންނަށް ޚާއްސަކުރި 300 ފްލެޓްވެސް ނާއިންސާފުން ޝިޔާމް ބޭނުން ބަޔަކަށް ބަހާލި ވާހަކަ އެބަދެކެވޭ. މިކަންތައް ކޮންމެވެސް ފަރާތަކުން ބައްލަވާ ދެއްވާ
ނޫސް ބަލާމީހާ
21 October 2018
އހަރެމެން ކުޑައިރު ކޭކޭ ކިޔަނީ ކުކުޅު ކޮށްޓަށް
ވަފާތެރި އަސްކަރީ
21 October 2018
ލިޔުންތައް އެކަކަށް ވެސް އެޅިދާނެ. އެކަމަކު ވަގި ގޮތަކަށް ކަންކަން ކުރުމަށް ސިފައިންނަށް ބިރެއް ނުދެއްކޭނެ. ހުކުމް ކޮންމެހެން އަންނާކަށް ނުޖެހޭ ލިޔުން ލިޔާ މީހާ އެދޭގޮތަކަށް. ހުކުމް އަންނަން ވާނީ އަދުލު އިންސާފަށް.
ޝަލޮކުސް
21 October 2018
ސިފައިންގެ އެތެރެ ހިލަވެލި ލައިގެން ހަތްފަހަރު ދޮވެ ސާފުކޮއް ބުލީޗުލާފައި ކަރުބޮލަކު އަޅައި ޑިސްއިންފެކްޓުކޮއްދިނުމައް އިންތިޚާބީ ރައީސްގެ އަރިހުން ނިކަން އަދަބުވެރިކަމާއި އެކު އެދެމެވެ.
ދޮގެއްތަ؟
22 October 2018
އިންތިގާލީ ރައީސް ތިކަން ނިކަން ރީތިކޮށް ކޮށްދޭނެ. ބަލަން ހުންނައްޗޭ.
ޒޫރާ
21 October 2018
ލިޔުންތަކުގެ މައްލަސައެއް ނުބެލޭނެ. އެއީ އެމްޑީޕީ ކުދިން ކުރާކަންކަމެއް މިހާރަކު ނުފެންނާނެ. އެއަށް ވުރެ މާ ސާލިހު ބައެއް އެއީ ހިތުން
buddy
21 October 2018
ދެން އެމްޑީޕީ އެއީ މަތިންފައިގެންއުޅޭ ބަޔެއްތަ؟ އެކައްޗެއްވެސް ބަލާނެކަމެއްނެތް!! ކެވުނުއެއްޗެއް ކާލަންވީ.
ސަންސީ
21 October 2018
ކޯޓުންވެސް ރުމާލަކަށް ހުކުމް ނުބުނި. ދެންއޮތީ ރައްޔިތުންނާ ބައިވެގެން ކޯޓުން ބަޢާވާތް ކުރިކަމަށް ބަލައި އެސ. ސ ގެ ފުރާޅު ނައްޓައި ވަދެ ހެކިހޯދައިގެން ދޮރާށި ދަށުން ހުކުމެއް ބުނުން.
މެސީ
21 October 2018
ވަރަށް ސަލާމް ހުވައްސަލާމު
ކޭކޭބުޅާ
21 October 2018
ތަންކޮޅެއްކުރިންވެސް ތި ކޭކޭ ކޮށްޓަށް ލިޔުންތަކެއްް އަޅާގެން ތިތަނުގައި ހައިޖާނު ހިންގާފައިވޭ.
އަހުމަދު ޔާސިރު
21 October 2018
ސިފައިންނަށް ފުލުހުންނަށް ވޯޓް ނުލެވޭ ގޮތަށް ހަދަން އެބަޖެހޭ......