ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް މަގާމުގެ ހުވާކުރެއްވުމުގެ ކުރިން ކޯލިޝަންގެ ހަތަރު ލީޑަރުންނާ އެކު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
02 ޑިސެމްބަރ 2018 - 11:02
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ތިން ލީޑަރުން ނިސްބަތްވާ ޕާޓީތަކުން ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބަ އޮތްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެކަމަކު އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ޗެެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާ ބެހޭގޮތުން ކޯލިޝަން އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައި ނުވާނެ ކަމަށެވެ. ހަސަން ވިދާޅުވީ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ހިނގަމުން ދިޔައިރު މި އަހަރުގެ ޖުލައި މަހު އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއްގައި އެ ޕާޓީން އޭރު ސޮއިކޮށްފައި އޮންނާނެ ކަމަށާއި އެ ހުށަހެޅުމުގައި ސޮއިކުރީ އެ ވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށެވެ.
އެއީ އެއްބަސްވުމެއް ކަމަށް ކޯލިޝަންގެ އެހެން ޕާޓީތަކުން ދެކުނަސް، އެއީ އެފަދަ އެއްޗެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް ނަޝީދާއި ނައިބު ރައީސް ޝިފާޒް މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން ކުނޫޒުގައި ވަރަށް ދިގުދެމިގެން ދިޔަ ބައްދަލުވުމެއް ބޭއްވި އެވެ. ފަތިސް ވަންދެން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގަޔޫމް ނިސްބަތްވާ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ފިޔަވައި ކޮންމެ ޕާޓީއަކުން ވަނީ ވަކިން ލިޔުމެއްގައ ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން އެމްޑީޕީން ދިން ލިޔުން ސޯޝަލް މީޑިއާގައި މިހާރު ވަނީ ލީކް ކޮށްލައިފަ އެވެ. ކޯލިޝަންގެ މައި ޕާޓީ އެމްޑީީޕީން ޖުމްހޫރީ ޕާޓީއަށާއި އަދާލަތު ޕާޓީ އަށް ދިިން އެ ލިޔުމުގައި ސޮއިކުރެއްވީ ޗެއާޕާސަން ހަސަން ލަތީފާއި އޭރުގެ ރިޔާސީ ކެންޑިޑޭޓް މިހާރު ރާއްޖޭގެ ރައީސް އިބުރާހީމް މުހައްމަދު ސޯލިހެެވެ.
"އެ ލިޔުމުގައި ތިން ޕާޓީގެ އިސްބޭފުޅުން ސޮއިކުރެއްވި މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ވެސް އެ ޕާޓީތަކުގައި ހުންނާނެ،" އެ ބައްދަލުވުން ބޭއްވިއިރު ކުނޫޒްގައި ހުންނެވި، ކޯލިޝަން ޕާޓީއެއްގެ އިސްބޭފުޅަކު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ ސިޓީގައި އިބްރާހިމް މުހައްމަދު ސޯލިހް ސޮއިކުރެއްވީ ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އެ ގޮތަށް އެދިވަޑައިގަތުމުންނެވެ.
"ގާސިމް ވިދާޅުވީ އެމްޑީޕީއަކަށް ނޫނޭ، އިބްރާހިމް މުހައްމަދު ސޯލިހަށޭ އިތުބާރު ކުރެވެނީ. އޭނާގެ ނަން ހުރިހާ ލިޔެކިއުމެއްގައި ވެސް ޖަހާށޭ،" ޕާޓީތަކުގެ ފަރާތުން ސޮއިކުރި ލިޔުމާ ގުޅޭ ހަގީގަތް އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިނެވެ.
ކޯލިޝަން ޕާޓީތަކުން ވަކިވަކިން ސޮއިކޮށްފައިވާ ލިޔުމުގައިވާ ގޮތުން ނަމަ، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާ އަކީ ކޯލިޝަން ސަރުކާރުގައި 20 ޕަސެންޓް ކަމަށް އެއްބަސްވުމުގައި ވެ އެވެ. އަދި އެގޮތަށް ހިއްސާ ބަހައިގެން ކޯލިޝަން ސަރުކާރުގެ މަގާމުތަކުގެ އިތުރުން އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި 2020 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއިގެން ކުރިއަށް ދިއުމަށް އެ ލިޔުމުގައި އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީން ވަނީ އެއްބަސްވެފަ އެވެ.
އެއްބަސްވުމުގައި ކަންތަކުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ވިސްނުންފުޅު ވެސް އޭރު ހުރީ ގާސިމާ ދާދި އެއްގޮތަކަށް ކަމަށް ވެސް މައުލޫމާތު ދިން މަސްދަރު ބުންޏެވެ.
"އިބޫ ވިދާޅުވީ އެއްބަސްވުމެއް ނޫނޭ މުހިއްމީ އަމަލުކުރާ ގޮތެކޭ މުހިންމީ." ކޯލިޝަންގެ ޕާޓީތަކުން ވަކިވަކިން ލިޔުމުގައި ސޮއިކުރި ނަމަވެސް މައުމޫންގެ އެމްއާރުއެމުން އެ ލިޔުމުގައި ސޮއިނުކުރި ސަބަބެއް ނޭނގެ އެވެ.
އަންނަ އަހަރުގެ އާއްމު އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާތަކަށް ކުރިމަތިލާން ރޭ ވަނީ ފާސްކޮށްފަ އެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިގެން އެގޮތަށް ފާސްކުރި ފަހުން އަދާލަތު ޕާޓީން މިއަދު ބުނީ 12 ޖުލައިގައި އެއްބަސްވެފައިވާ ގޮތަށް 13 ދާއިރާއަކަށް އެ ޕާޓީން ވާދަކުރާނެ ކަމަށެވެ. އެގޮތުން ވާދަކުރާނެ ދާއިރާތައް ވެސް އެ ޕާޓީން ވަނީ ހާމަކޮށްފަ އެވެ.
ވެރިކަން ކުރާ ކޯލިޝަނުގެ އެއްބަސްވުމާ ބެހޭ ގޮތުން އަދި އެމްޑީޕީން ރޭ ނިންމި ނިންމުމާ ބެހޭ ގޮތުން ޖޭޕީގެ އިސް ބޭފުޅެއްގެ ބަހެެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔގނޑ
02 December 2018
އެއްބަސްވުމަކަށް ވާނީ އެކަމުގައި ޝާމިލްވާ އެންމެން ސޮއިކުރީމައެވެ.
ސަރީފާ
02 December 2018
ކޯލީޝަން ތިޔަހެރީ ހެދިފަ. އެކަމަށް އިޙްތިރާމް ނުކރާ ބަޔަކަށް ކޮން ކޯލީޗަނެއް ހެދޭނީ. އބަދުވެސް ޕާޓީގެ އަންބޮނޑި ބޮޑޫކުރަން.
ޙުސެން
02 December 2018
ކޯލިޝަން ހެދީ ވެރިކަން ބަދަލުކުރަން. ހެޔޮވެރިކަން ގެނެވިއްޖެ. ރައްޔިތުންގެ މަންދޫބުންނަކީ ރައްޔިތުން ހޮވާބައެއް. އެއްވެސް ޕާޓީއެއްގަ ނުހިމެނޭ މީހަކަށްވެސް ވެދާނެ. ކޯލިޝަން ހަދައިގެން މަޖިލިސް ހިންގާނަމަ ބަރުލަމާނީއަކަށް ބަދަލު ކުރަންޖެހޭނީ.
ޙހޔހ
02 December 2018
ތިޔަބުނިގޮތަށް ވެރިކަނވެސް ހޯދިބަމަ
ޓާޒަން / ބ.ހިތާދޫ
02 December 2018
ލަވައިގައި ކިޔަނީ "ދޮގުހެދުމާ މަގުފޭރުންވެސް ލުތުފީގެ ހޮބީއެއް ކަމުގައި ވެފާ."..... މި ސިޔާސީ މީހުން ވަކި ސަހަލުތަ؟
ަސދަސދ
02 December 2018
ޖަލުގައި ތިބެންޖެހޭމީހުން ޖަލުން ބޭރުވީމާ ވާނެގޮތް މިވީ. 2 އަހަރު ތެރޭ ވެރިކަން ވެއްޓި، އަނެއްކާވެސް ޔާމީން ވެރިކަމަށް އަރާނެކަމާއި މެދު ޝައްކެއް ނެތެވެ.
ޢެޓޮމް
02 December 2018
އެމްޑީޕީގަ އެލިގަނެގެން ގޮނޑި ހޯދަން ނޫޅުމަށް ގާސިމަށް ގޮވާލަން
އަޝްރަފު
02 December 2018
ޑރ. އިޔާޒް އާއި ޝެއިޚް އިލްޔާސް ރައްޔިތުންނަށް ވިދާޅުވެދެއްވަބައްލަވާ މުނާފިގުންގެ ސިފަތަކާއި ތިޔަ ދެބޭފުޅުން މިހާރު ތިޔަ ތިއްބެވީ ހައްޤއުގެ ފަޅީގައިތޯ ނުވަތަ ނޫންތޯ؟
ބަބުރުކަލޯ
02 December 2018
އެ ދެޝޭހުން ތިބޭނީ އަބަދުވެސް ހައްގުފަޅީގާ.
ޙުސެން
02 December 2018
ރައްޔިތުންގެ ބަހެއްނެތި ގޮނޑި ބަހާލުމަކީ ކުޑަކުއްޖާގެ މެޓާ ޖަހައިގަތުން.
ހަޑިގިއްލާ
02 December 2018
ހަވާލާދެެއްވި މަސްދަރަށް ބަލާއިރު އެއްބަސްވުން އެކުލަވާލެވިފައިވަނީ އިތުބާރު ނެތުމުގެ ސަބަބުން ނަމަވެސް އެއްޑީޕީއަކާނޫން! އިބްރާހިމް މުހައްމަދު ޞާލިހާއި..... ވީމާ އެމްޑީޕީގެ އެއްވެސް މައްސަލައެއްނެތް!
އަރޫ
02 December 2018
އަނެއްކާވެސް އަންނި ހަކުޅި ކުރިޔަށް ކުޅެފަ ތޯއްޗެ މިއޮތީ ލޮލް #ތަބަކާދެކޮޅު
ގުލްނާރު
02 December 2018
ކިހިނެއް މިވަނީ..ކުރިން 4ލީޑަރުން އެއްބަސްވީ..މިހާރު 5ލީޑަރުން.5ވަނަ ލީޑަރ ގައުމު ހިންގަނީ..އެމީހަކަށް އެމީހެއް..ވޯޓް ހޯދަން ރައްޔިތުން ބޯކާލާ އެއްކޮށް ފޮޓޯނަގަން މިމީހުން ކޮންމެ ގަނޑެއްވެސް ގަނެފާނެ..
ރިޔާސީ
02 December 2018
ރައްޔިތުން ވޯޓުދިނީ ބަރުލަމާނީ ނިޒާމެއްކަމަށް ހީކޮށް. ޢެހެނަސް މަޖިލިސް ތެރޭ ކޯލިޝަން ހެދޭނެ ގޮތެއްނެތް. ސަފުން ގޮނޑި ނުލިބެނީސް.
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
02 December 2018
ބުނާ ބަހެއް ގަބޫލުނުކޮށް މައުމޫނު ސޭޓުވެސް ސައިޒު ދައްކަން ނިކުމެ އުޅޭތަން އެބަފެނޭ.. އަނެއްބަޔަކީ އަރަބިކަރައިގައި ތިބޭ މުއްލާމެންގެ މުފުތުން އުލޭ ބަޔެއް އުވައިލަން ޖެހޭ އޮރގަނައިޒޭޝަނެއް.މިފަހަރު ތިޔަ ވަރުގަދަ ލީޑަރުން ގެ ހުރި ޕަވަރުފެނިގެންދާނެ. ހަނދާންކޮށް ވިޔާނުދާ ގަބޫލުނުކުރެވޭ ޕުރެޕެގަންޑާ ފަތުރާނަމަ އަހަރުމެން މާޒީ ހާމަކުރާނަން ކީއްވެކަން މަޖިލީސް މެޖޯރިޓީ ބޭނުންވަނީ!!އިބޫގެ ވެރިކަން ހިމާރަތްކުރަން.ހުރިހާއެއްމެންގެ ވާޖިބެއް!!ހަމަޖެމަކަށް
ހުއްބުލް ގަލަން
02 December 2018
އެއްބަސްވުމެއް އޮތަސް ނެތަސް ރައްޔިތުންގެ މަޖްލީސް 4 ލީޑަރުން ބޭނުންވާގޮތަށް ބަހާނުލެވޭނެ. ސަބަބަކީ އެތަނަކީ ރައްޔިތުންގެ މަޖްލިސްކަމަށްވެފައި ވޯޓްލާންތިބީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ މަޖްލީހަށް ކުރިމަތިލުމަކީ ޝަރުތުހަމަވާ ކޮންމެ ދިވެހިރައްޔިތަކަށް ގާނޫންއަސާސީއިން ލިބިދީފައިވާ ހައްގެއްކަމަށް ވާތީއެވެ.