މަރުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދިވި ކޮމިޓީގެ މެމްބަރުން. --- ފޮޓޯ: މިހާރު
03 ޑިސެމްބަރ 2018 - 11:29
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަން، ތަހުގީގީ ދެ އިދާރާއަކަށް ހަދައި ބޮޑެތި ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން މިއަދު ބިލެއް ހުށަހަޅުއްވައިފި އެވެ.
"ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލްގެ" ފުރަތަމަ ކިއުން އިއްވައި ބަހުސްގެ މަރުހަލާ ވަނީ ފަށައިފަ އެވެ. މަޖިލީހަށް ބިލް ހުށަހެޅި އިރު، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ވަކި ކޮމިޝަނަކާއި މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމިޓީއެއް އުފައްދަވައި، މެމްބަރުން ވެސް އައްޔަން ކުރައްވައިފަ އެވެ.
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާނާއި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަފްރާޝީމް، އަދި މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދު-- ފޮޓޯ: މިހާރު
ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ތަހުގީގުނުކޮށް، ދޫކޮށްލާފައި ހުރި އަދި އެކަށީގެންވާ މިންވަރަށް ތަހުގީގުނުކޮށް ދޫކޮށްލާފައިވާ މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް އަލުން ތަހުގީގުކޮށް އެ ކަންކަމުގެ ހަގީގަތް ހޯދައި، ޒިންމާވާން ޖެހޭ މީހުން ޖަވާބުދާރީ ކުރުވުމެވެ.
މީގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ފާހަގަކޮށް، އެކި ފަރާތްތަކުގެ އިހުމާލާއި ފަރުވާ ކުޑަކުރުމުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާގެ މައްސަލަތައް ބަލައި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ހަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.
ބިލްގައިވާ ގޮތުން، އިޖުރާއާތުތައް ހިނގާނީ ޖެނުއަރީ 1، 2012 އިން ނޮވެމްބަރު 17، 2018ގެ ނިޔަލަށެވެ.
އަލަށް އެކުލަވައިލި ދެ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ޖިނާއީ ކުށް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ތަހުގީގީ އިދާރާއެއް ކަމަށް ބިލްގައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މި މަހުގެ ފުރަތަމަ ދުވަހު ކ. ދިއްފުއްޓަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ. --ފޮޓޯތައް: ހުސައިން ވަހީދު/މިހާރު
- ތަހުގީގުކުރާ މައްސަލަތަކަށް ފުލުހުންގެ އެހީ ހޯދުން.
- ތަހުގީގުތަކަށް އެހީތެރިވުމަށް ބޭރުގެ އިންވެސްޓިގޭޓަރުންގެ ރައުޔު ހޯދުން.
- ބަލައި ފާސް ކުރުމުގައި ފުލުހުންގެ އެހީ ހޯދޭނެ، ކޯޓު އަމުރަށް ވެސް އެދެވޭނެ.
- ތަހުގީގަށް ފެންނަ ހެކިތަކާއި މައްސަލައާ ގުޅޭ ތަކެތި ހިފެހެއްޓޭނެ.
- ތަހުގީގުތަކަށް މީހުން ހާޒިރުކޮށް، ހެކި ބަސް ނެގުން.
ދެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ހުރަސް އެޅޭ ފަދަ ގޮތަކަށް މައްސަލައިގައި ތުހުމަތު ކުރެވޭ ނުވަތަ އެ ނޫން ވެސް މީހަކު ކުރާ ކޮންމެ އަމަލަކީ އަދުލު އިންސާފަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށާއި އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް އެންގުމުގެ ބާރު ކޮމިޝަންތަކަށް ލިބިގެންވާ ކަމަށް ބިލްގައިވެ އެވެ.
ބިލްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ދައުވާ ކުރަން ފޮނުވާ މައްސަލަތަކުގައި ކަމާ ބެހޭ ކޯޓުތަކުގައި މައްސަލައާ ގުޅިގެން ދައުވާ އުފުލުމާއި އެ މައްސަލަތަކުގައި މަސައްކަތް ކުރުމަށް ސީދާ ޕްރޮސެކިއުޓާ ޖެނެރަލްގެ އަމުރުތަކާއި އިރުޝާދާއެކު މަސައްކަތް ކުރުމަށް އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ ދަށުން ހާއްސަ ޑިޕާޓްމަންޓެއް ޕްރޮސެކިއުޓާ ޖެނެރަލް އެކުލަވައިލަން ވާނެ އެވެ.
ބިލުގައި ބުނާ ގޮތުގައި، ކޮމިޝަނުން ތަހުގީގުކޮށް، ފޮނުވާ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ. އަދި ދައުވާ ކުރަން ފޮނުވައިފި ނަމަ، ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ޝަރީއަތް ނިންމަން ވާނެ އެވެ.
ރައީސް އުފެއްދެވި މަރުގެ މައްސަލަތަކާ ގުޅޭ ކޮމިޝަންގައި ހިމެނޭ މެމްބަރުންނަކީ ގާނޫނީ ވަކީލު ހުސްނުއް ސުއޫދާއި އަބްދުﷲ މުނާޒާއި އާދަމް އިބްރާހީމާއި ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ އާއި ކުރީގެ ނޫސްވެރިޔާ މިސްބާހް އައްބާސް އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން އުފެއްދެވި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ތިއްބަވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ފާތުމަތު ސަރީރާ އާއި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދާއި އާސް އަބްދުﷲ އަދި ނަދީމް އިބްރާހީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުކިޔަވާ
04 December 2018
ސޫދަށްވެސް ރަނގަޅު މަގާމެއް ދިނުމުގެ ބޭނުމުގަ އުފެއްދިކޮމިޝަނެއްހެން ބޮޑަށްހީވަނީ، މިހެންމިބުނީ ގާނޫނީގޮތުން އުފައްދާފައޮތް މުއައްސަސާތަކެއް އޮތްވާ ތިކުރިކަމަކުން މުޅިގައުމުގެ ބައިތުލްމާލު ބައިބައި އަޅަންކުރިކަމެއްގޮތުގަ ދެކެވެނީބޮޑަށް!
މުހައްމަދު.
03 December 2018
އެންޓި އެންވަޔަރަމަންޓަލް ކްރައިމް ގެ ނަމުގައި ވެސް ކޮމިޝަނެއް ހައްދަވާދެއްވާ.
އުދުހޭ
03 December 2018
ތިޔަ ކޮމިޝަނުން ވަޒީފާއެއް އަދީބުއަށް ދެނިކޮށް ފަހަރެއްގައި ހަގީގަތް ކިޔާދީފާނެ؟! ލޮލް
އިބްޝާ .
03 December 2018
އަމިއްލަ އިއުތިރާފާއެކު މި ޔާމީނުގެ މައްސަލަތައް ޕޮލިހުގަޔާ އެންޓިކަރަޕޝަނުގަ ފުނިޖެހިފަ .. އަދަގޮޑިތައްމިހާރު އެހުރީ ހުހަށް .. ކީއްވެތަ މީނައާ ސުވާލެއްވެސް ނުކޮއްލެވި ، ދަމައިނުގަނެވި މިއުޅެނީ ..
ތިލަދުންމަތި
03 December 2018
ލަދު ހަޔާތްކުޑަކަންދޯ އަދި 1990 ވަނަ އަހަރު ބޮންގޮއްވަން އުޅުނު މީހުންގެ މީހެއްދޯ މި ބިލު މިލީ! ނުކެރުނެއްނުން 1978 ކުން ނުވަތަ 2008 ކުން ފައްޓާކަށް! އެހެންނުން ވާނީ އެހާހިސާބުން ފަށައިފިއްޔާ ޒައީމުއާ ބަފައިބެ އާ މިހާރު ތިބި ގިނަ މިނިސްޓަރުންނާ ސަރުކާރުގަ އިސްކޮށްތިބި ގިނަ ބަޔަކާ ޕާޓީގެ މަތީ ފަޑިވެސް ބުރައިގެން ދާނެ ވިއްޔާ!
ރަދީފް
03 December 2018
ނޫނޭ އަދި ވާނެ 1117 ވަނަ އަހަރު ތީމުގޭ ދަރިކޮޅު ނުވަތަ ހޯމަ ދަރިކޮޅު ދިވެހިރާއްޖޭގެ ރަސްކަންކުރި އިރު ހިނގާފަ ހުރި ހުރިހާކަމެއްވެސް ތަހްގީގްކުރަން.ބޮމޭ ކޮމާންޑޭ ކިޔައީރު ލަދު ކޮބާ؟؟ ވ.ވެދުން
ރަދީފް
03 December 2018
ހުރިހާ ގައުމެއްގަ ވެސް ރިޔާސީ ކޮމިޝަންތައް ހަދާ.އެންމެން ނަމޫނާއަކަށް ބަލާ އެމެރިކާގަވެސް 'ރިޔާސީ ކޮމިޝަން'' ހަދައިގެން އެކި މައްސަލަތައް ބަލާ ތަހްގީގްކޮއްފަ އެބަހުރި.ދެން ކޯޗެކޭ އަހަރުމެން މިކިޔަނީ.މިކަމާއި ޗެލެންޖް ކުރާ މީހުންގެ ލަދު ކޮބާ؟؟ ވ.ވެދުން.
އަސޮކު
03 December 2018
ވަކި ބަޔަކު ހިމާޔަތް ކުރަންވެގެން ކުރާ ކަމެއް ތިއީ!!
ދަންފުތު
03 December 2018
ދެން އަނެއްކާ ތިޔަ ކޮމިޝަނަށް ބަޖެޓުން ފައިސާ، ދެން ކީއްކުރާ އޭސީސީއެއް، ތިއަތުރެން މާރަގަޅުވީސް އޭސީސީގެ މެންބަރުން ވަކިކޮށް ތިޔަ މީހުން އޭސީސީއަށް ދިޔައިއްޔާ، އަދި އޭސީސީގެ ގާނޫނަށް ބަދަލުގެނެސް ބާރުދިނިއްޔާ، ދެން މަރުގެ ކަންކަން ކުރުމަށް ކަމިޝަނެއް އުފެއްދީމަ ޤާނޫނީގޮތުން ބާރު ލިބުނީ، އެކަމިޝަން އުފެއްދި ގަރާރުގައި ބާރުދިނީމަ ޤާނޫނު އަސާސީގެ ދަށުން ބާރު ލިބުނީ، އެއީ ކަމިޝަންގެ ގަރާރަކީ ޤާނޫނެއް، ކޮންމެހެން މަޖިލިހުން ފާސްކުރަން ނުޖެހޭ
ޑިޓެކްޓިވް
03 December 2018
އެފްބީއައި ހަދަނީ ދޯ
ހުސްނޫނު
03 December 2018
ކޮރޮޕްޝަނާއި މަރުގެ މައްސަލަތައް ބަލާނަމަ ބަލަންވާނީ 2008ން ފެށިގެން ކޮންމެހެނެއް ނަމެއްގަ ތިކަން ކުރަން އުޅޭނެ ކަމެއް ނެތް ޕާޓީ ކުދިންނަށް ދައުލަތުން މުސާރަ ދޭނެ މަގާމެއް ކޮންމެހެން ހަދަން އުޅޭނެ ކަމެއްނެތް