އިސްކަންދަރު ސްކޫލުގެ ނާސްތާއަށް، ލަ ސޫކުން ތައްޔާރުކޮށްފައި ހުރި ޕެކް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
15 ޖެނުއަރީ 2019 - 14:56
މާލޭގެ ތިން ސްކޫލެއްގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ހަވާލުކުރީ ބުރުޒު ކޭޓަރިން އާއި ލަ ސޫކަށެވެ.
ދިރާސީ އާ އަހަރާ އެކު މާލޭގެ އިތުރުން ރަށްރަށުގެ 25 ސްކޫލެއްގައި ނާސްތާ ދޭނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހު އިއުލާނުކުރި އެވެ. ނަމަވެސް ނާސްތާ ހަވާލުކުރި ފަރާތްތަކުގެ މައުލޫމާތު އެ މިނިސްޓްރީން އަދި ހާމައެއްނުކުރެ އެވެ.
މާލޭގައި ނާސްތާ ދޭން ހަމަޖައްސާފައިވާ މަޖީދިއްޔާ އަދި އިސްކަންދަރުގައި އެކަން ކުރަނީ، މީގެ ދެ އަހަރު ކުރިން ކެއުންބުއިމުގެ ހިދުމަތް ދޭން ފެށި ލަ ސޫކު ކެފޭއިންނެވެ. ނަމަވެސް އެތަނުން އެކަން ކުރަން ހުށަހެޅި އަގެއް ނުބުނެ އެވެ.
އިސްކަންދަރުގައި ހެނދުނުގެ ދަންފަޅީގައި 1140 ދަރިވަރުން ކިޔަވަމުން އަންނައިރު މަޖީދިއްޔާގައި އެ އަދަދު އުޅެނީ 720 ގަ އެވެ. ނަމަވެސް ސަރުކާރުގެ ހަރަދުގައި ނާސްތާ ދެމުން އަންނަނީ އެކަމަށް އެދޭ ދަރިވަރުންނަށެވެ.
އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ނާސްތާއަށް ބުރުޒުން ތައްޔާރުކޮށްފައިވާ ޕެކް -- ފޮޓޯ؛ ނިޝާން އަލީ/ މިހާރު
ލަ ސޫކުގެ ވެރިޔާ އަހުމަދު ޝާމިން ވިދާޅުވީ ނާސްތާ ތައްޔާރުކުރަން ލިބެނީ ވަރަށް ކުޑަ ވަގުތުކޮޅެއް ނަމަވެސް އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.
"ސެޓަޕެއް ހަދާފައި ވަރަށް ތައްޔާރުވެގެން އެކަން މި ކުރަނީ މެދުނުކެނޑި ކުރިއަށް ގެންދެވޭ ގޮތަށް. ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ބަލައިގެން. ވަރަށް ބޮޑު ޗެލެންޖެއް މިއީ،" ޝާމިން ވިދާޅުވި އެވެ.
އަމީނިއްޔާގައި ނާސްތާ ދޭން ހަވާލުކުރި ބުރުޒު ކޭޓަރިންގެ ފުޑް އެންޑް ބޭވަރޭޖަސްގެ ޑިރެކްޓަރު މުހައްމަދު ޝުޖާއު ވިދާޅުވީ އެ ސްކޫލްގެ ހެނދުނު ދަންފަޅީގައި ކިޔަވާ 1050 ދަރިވަރަކަށް އަމާޒުކޮށް ނާސްތާ ދެމުން އަންނަ ކަމަށެވެ.
ބުރުޒުން ހުށައެޅީ ކޮންމެ ކުއްޖަކަށް 15ރ. އަށް ވުރެ މަތީގެ އަގެކެވެ. އެކަމަކު ސީދާ އަގެއް އެތަނުން ހާމައެއް ނުކުރެ އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ނާސްތާގެ ޕެކިންނާއި ދަރިވަރުންނަށް ދޭން ޖެހޭ ކިރުގެ އަގުބޮޑު ކަމަށެވެ.
މަޖީދިއްޔާ ސްކޫލުގައި ނާސްތާ ދިނުމުގެ ޕްރޮގްރާމް ފަށަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: މަޖީދިއްޔާ ސްކޫލު
މިހާރު ނާސްތާ ތައްޔާރުކުރަނީ ކުރީ ދުވަހު އެކަމަށް އެދި ހުށައަޅާ ކުދިންގެ ނިސްބަތަށެވެ. އެހެންކަމުން އެއްވެސް ސްކޫލެއްގެ ހެނދުނު ދަންފަޅީގެ ހުރިހާ ކުދިންނަށް ނާސްތާ ދޭނެ ކަމަކަށެއް ނުފެނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނިގޮތުގައި، ދަރިވަރުންނަށް ނާސްތާ ގެންދާއިރު އެކަން ކުރަން ޖެހޭނީ ފުޑްގްރޭޑް ކަރުދާސް ކޮތަޅުގައި ބަންދުކޮށް އެ ކޮތަޅުގައި ހިމެނޭ ނާސްތާ އެނގޭނެހެން ލޭބަލް ވެސް ކޮށްގެންނެވެ. އަދި ރޮއްޓާއި ޕާން ހިމެނޭ ނާސްތާއެއް ނަމަ، ބަންދުކުރަން ޖެހެނީ ކިޗަން ޕޭޕަރުންނެވެ.
ނާސްތާ ދިނުމަށް އެޑިއުކޭޝަނުން މީގެ ކުރިން އިއުލާނުކުރި ސްކޫލުތަކަށް ވަނީ ބައެއް ބަދަލުތައް އައިސްފަ އެވެ. އެއީ އެ ރަށްރަށުގައި ނާސްތާ ދޭނެ ބަޔަކު ނެތުމުންނެވެ. ފަހުން ނާސްތާ ދޭން ފެށި ސްކޫލުތަކުގެ ތެރޭގައި ހިމެނެނީ؛ ހއ. އުތީމުގައި ހުންނަ ގާޒީ ބަންޑާރައިން ސްކޫލު، ނ. ޅޮހި ސްކޫލާއި ރ. އަތޮޅު ތައުލީމީ މަރުކަޒު، ބ. ދަރަވަންދޫގައި ހުންނަ އަތޮޅު މަދަރުސާ، ޅ. ހިންނަވަރުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒު، އއ. އުކުޅަހު ސްކޫލު، ވ. ކެޔޮދޫ ސްކޫލު، މ. މަޑުއްވަރީ ސްކޫލު، ފ. ދަރަންބޫދޫ ސްކޫލު، ދ. މާއެނބޫދޫ ސްކޫލު، ތ. ކިނބިދޫ ސްކޫލު އަދި ލ. އިސްދޫ ސްކޫލެވެ.
ސްކޫލުގައި ނާސްތާ ދިނުމަށް މިއަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އަދި މިހާރު ކުރިއަށް ގެންދާ އަޖުމަބެލުމުގެ ޕްރޮގްރާމަށް ފަހު ދެ ވަނަ ޓާމުގެ މުއްދަތުގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް އެކަން ފުޅާކުރަން ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައިލްސް
16 January 2019
އެންމެ ނުބައި ދެ ތަން
އަސްތާ
16 January 2019
ކޮބާ ބްރަދާސް ކޭޓަރިން. 2ސްކޫލަކަށް ފޯރުކޮށްދޭ. ޙިރިޔާ އަދި އެހެނަ ސްކޫލަކަށް، މިކަމުގަ 2 ފުށް ފެންނަގޮތަށް ކަންތައްކުރަންޖެހޭ.
ސާނީމް
16 January 2019
ސަސްޓޭނަބަލްކޮއް ތިޔަ ކަމެއް ތި ދެބައި މީހުންނައްވެސް ނުކުރެވޭނެއެވެ.. އަދި 6 ވަރަކައް މަސް ތެރޭ ތިޔަ ކަންތައް ނިމޭމަންޒަރުވެސް އެބަފެނޭ.. ފުޑް އިންސްޕެކްޝަން ރަނގަޅައް ހެދޭނީ ސުކޫލްތެރޭ ކެފެޓީރިއާ ހުރެގެން.. އަދި ތިކަމައް ސަރުކާރުން ކުރާ ޚަރަދު ބަލާއިރު އެހެން މުހިންމު ކަންކަމާއި ނުބައްދަލު. އަދި އެންމެ 2 ފަރާތައް ތިކަން މަލޭގައި ހަވާލުކުރި ކުރުމުގައި ޝައްކުތައް އުފެދޭ.
ވަރުނުލާ
16 January 2019
އިބިލީހުގެ ކާވަންޏައް ވިގޮތް ނުވެއްޖެއްޔާ ވާ ރަންގަޅު
ބަނާނާ މޭން
15 January 2019
ދިވެިންނައް ހަމަ ހެޔޮއެއްގޮތެއްވެސް ނޯންނާނެ. މިހިރަ ކޮމެންޓްތަކެއް ކިޔާލަބަލަ. މޮޅައްމިކަން ކުރަން ވަގުތުނަގާނެ ކެއްތެރިވެބަލަ.
ތުނިޔަ
15 January 2019
އެއްމެންއަތުން ޓެކްސް ނަގާފަ މިކަން ކުރަންވާނީ ހަމަހަމަކޮށް! #ކޮބާހޭ ދަރުމަވަންތަ ސްކޫލްގެ ބާއިމާރާތް ތަޅާލަނީ ކޮންއިރަކުހޭ؟
ގެއްލުން
15 January 2019
ތިވެސ ހަމަޖައްސާފައި އޮންނާނީ ތިތާގެ ކަޓް ގްރޫޕްގެ ކަޓްނަގައިގެން.
ސަމޭދާން ބުނި ގަތޫރާ
15 January 2019
މި 5 އަހަރު ނިމިގެންދިޔުމާއެކު މިކަން ތަހުގީގުކުރެވޭނެ.
ރަޓުޚަބަރެ
15 January 2019
ހުވަދުއަތޮޅުގެ އެންމެ ސްކޫލެއްވެސް ތިޔަ ލިސްޓުން ނުފެނޭ. ވަކި ވެރިކަމެއް ކުރުވަން ޖާގަދޭން ޕްލޭން ކުރެވިފަ އޮތީބާ! އެކަހަލަ މަޝްވަރާއެއް ކުރާ އޯޑިއޯއެއް މީގެކުރިން އަޑުއިވިފަ ވާތީ އަހާލީ.
އަބް
15 January 2019
ކުރާނެ ނުކުރާނެ ކަމެއް ނޭގިގެންތަ މި އުޅޭނީ...ތަޢުލީމީ ދާއިރާގެ ހަލާކުއައިސް ޖެހިއްޖެ.. އެންމެ އިސްކަންދޭވީ ކަންކަން އެއްފަރާތްކޮށްފައި މޮޅެތި އާ ގޮތްތަކެއް ހަދަންބޭނުންވަނީ..