ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
24 ފެބުރުއަރީ 2019 - 10:49
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރުތަކެއް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް ފާސްކުރަން މާދަމާ އޮންނަ މަޖިލިހުގެ ޖަލްސާގައި ވޯޓަށް އަހަން އެޖެންޑާކޮށްފި އެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލް، އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި އިރު، ގާނޫނުއަސާސީ އާއި މިހާރު ހުރި ގާނޫނުތަކާ ފުށުއަރާ ބައިތައް ބިލުގައި ހުރި ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އަމާޒުވި އެވެ. އަދި އިދިކޮޅު މެމްބަރުން މީގެ ކުރިން ވަނީ ބިލް ފާސް ކުރުމާ ދެކޮޅަށް މަޖިލިހުގައި އިހްތިޖާޖު ވެސް ކުރައްވައިފަ އެވެ.
އިދިކޮޅު ފަރާތްތަކާއި ގާނޫނީ ބައެއް ވަކީލުންގެ ކަންބޮޑުވުންތަކާ ހެދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކޮމިޝަންތަކަށް ބާރު ލިބޭ ގޮތަށް ހުރި ބައެއް މާއްދާތައް ބިލުން އުނިކޮށްފަ އެވެ. އެކަމަކު އެވަރުން ވެސް އިދިކޮޅު މެމްބަރުން ހިތްހަމައެއް ނުޖެހެ އެވެ. އެހެންވެ، މާދަމާ ވޯޓު ގަޑީގައި އިދިކޮޅު ޕީޕީއެމުން އިހްތިޖާޖް ކުރާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް އަހަން ބެލި އިރު، ގާނޫނީ އަދަދަށް މެންބަރުން ޖަލްސާގައި ނެތުމުން އެކަން ކުރެވޭ ގޮތެއް ނުވި އެވެ.
އެ ބިލަށް ވޯޓަށް ނޭހީ ބިލުގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން ހުރުމުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބެން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތުމުންނެވެ. މިހާރުގެ މަޖިލީހުގައި 85 މެމްބަރުން ތިއްބަވާ އިރު އެއީ 43 މެމްބަރުންނެވެ.
އެ ދުވަހުގެ ޖަލްސާގެ ވޯޓު ގަޑީގައި އިދިކޮޅު ޕީޕީއެމް މެމްބަރުން ވަނީ ޖަލްސާ ބޮއިކޮޓް ކުރައްވައިފަ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި ބިލްގައިވާ ގޮތުން ރިޔާސީ ކޮމިޝަނަކުން ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުން ކުރެވޭނެ އެވެ.
ކޮމިޓީން އެގޮތަށް ބަދަލު ގެނައިއިރު، އެންމެ ފުރަތަމަ ބިލް ހުށަހެޅި އިރު އޮތީ ކޮމިޝަންތަކުން ކުރާ ތަހުގީގުތަކާ ގުޅިގެން ފުލުހުން މެދުވެރިކޮށް، ތަންތަން ބަލައި ފާސް ކުރުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި އެފަދަ އަމުރަކަށް އެދުމުގެ ފުރުސަތާއި އެހެނިހެން ތަކެތި ހޯދަން ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ ހެކިތައް ހިފެހެއްޓުމާއި ތުހުމަތުކުރެވޭ މީހާގެ ބޭންކް އެކައުންޓާ ބެހޭ މައުލޫމާތު ހޯދުމާއި އެފަދަ އެކައުންޓުތައް ފްރީޒް ކުރުން ފަދަ ބޮޑެތި ބާރުތަކެއް ދީފަ އެވެ.
އެކަމަކު ކޮމިޓީން ބިލަށް ބަދަލު ގެނައި އިރު، އެ ހުރިހާ ބާރުތަކެއް ވެސް ވަނީ އުނިކޮށްފަ އެވެ.
ރިޔާސީ ކޮމިޝަންތަކުން ބަލާ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް މީހުން ހާޒިރު ކުރުމާއި ކޮމިޝަނުން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެ ނޫން ވެސް ތަކެތި ހުށަހަޅަން އެންގުމުގެ ބާރު އެ ކޮމިޝަންތަކަށް އޮންނާނެ އެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހުރި މުހިންމު ބައެއް ކަންކަމުގެ ތެރޭގައި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަންގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރުމާއި ގާނޫނީ ހިދުމަތުގެ ބިލް ފާސްކުރުމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމުގެ ބިލްގެ ބަހުސް ފެށުމާއި ދެ ގާނޫނަކަށް ގެންނަ އިސްލާހުގެ ފުރަތަމަ ކިއުން އިއްވުން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެހޭނެކަމެކޭ
24 February 2019
ރިޔާސީ ކޮމިޝަންގެ ބިލްތޯ މިގައުމަށް މިވަގުތު މުހިއްމީ ނުވަތަ ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ދިނުމަށް ޓަކައި އެކަނަ ކުރަން ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ވިސްނުންތޯ މުހިއްމީ މީ މަމެންގެ ހިތުގައި އުފެދޭ ސުވާލަކީ ރާއްޖޭގެ ރިސޯރޓްސް ތައް ހެދި ނަމަވެސް އެއިން ރާއްޖޭގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުނުވޭ ރައީސް އޮފީހުގެ ޕޮލިސީސް ތައް ހުންނަން ގޮތުން މީ ވިސްނަން
ޕީކޭ
24 February 2019
މާދަމާ ތި ދެ ބިލަށް ވޯޓަށް އަހާ ގަޑީގައި މަޖިލީހުގެ ތަޅުމުގައި ތިބޭ މެންބަރުންގެ ނަން ނޫސްތަކުގައި ލިޔަންޖެހޭނެ. އަދި އެ ގަޑީގައި ޖަލްސާއަށް މަޖލީހުގެ ތަޅުމަށް ޙާޟިރުނުވާ މެންބަރުންނާއި، މަޖިލީހުގެ ގޯތިތެރެއާއި އެހެންތަންތާނގަ ތިބޭ މެންބަރުންގެ ނަންވެސް ލިޔެ އެ މީހުން މަޖިލިހަށް ހޮވުނަނުދޭން ރައްޔިތުން މަސައްކަތްކުރަންވާނެ.
ފާރަގެމަ
24 February 2019
އެމްއެމްޕީއާރސީ އިން ފައިސާލިބުނު މީހުން މަޖިލިސްގަ ތިބެގެން ވަގުން ހޯދާ ބިލަކަައް ބާރެއް ނުދޭނެ .
މަރޭމިތުރު
24 February 2019
އަޅުގަނޑު ދެކޭގޮތުގައި ތަހުގީގުތަކަށް ޒަމާނީ ވަސީލަތުގެ ބާރު ދައްވެއްޖެނަމަ ތަހުގީގުތަކުގެ ބާރު ކެނޑޭނެ. މިސާލަކަށް ސީސީޓީވީ ފޮޓޭޖު އެއީ ބައިގަރީނާއެއް ކަމަށް އަބަދު ދެކެންޏާ މަރުތަހުގެ ތަހުގީގުން އެދެވޭ ނަތީޖާ ނުފެންނާނެ. އެހެންވެ އަޅުގަނޑައް ފެންނަކީ ކަމެރާގެ ހެކި ވަރުގަދަކޮށް ގާނޫނުން ގެންނަން. ކޮންމެ ކަމެއް ހަތަރުލޮލަކުން ނުފެނިދާނެ!