ަރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
26 ފެބުރުއަރީ 2019 - 23:00
ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ވިދާޅުވެއްޖެ އެވެ.
އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ތިން ފަހަރެއްގެ މަތިން އެޖެންޑާ ކުރި އެވެ. އެކަމަކު، އެއިން ކޮންމެ ފަހަރަކު، އިސްލާހު ފާސްކުރަން ބޭނުންވާ އަދަދަކަށް މެމްބަރުން ހަމައެއް ނުވެ އެވެ.
ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) އާއި މަޖިލިހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ގޮތުން، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމަށް ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ.
އެއީ މިހާރުގެ މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ހާޒިރުވެގެންނެވެ.
ހޫދު "މިހާރު" އަށް ވިދާޅުވީ ސަރުކާރުގެ އަޣުލަބިއްޔަތު އޮވެމެ، ދެ ބިލް ފާސް ނުވެ ދިގުލައިގެން ދިއުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ދެ ބިލް ފާސް ނުވެ، ގިނަ ދުވަސްތަކެއް ވެފައިވާތީ އެކަމާ ރައީސް ހިތާމަ ކުރައްވާ ކަމަށް ހޫދު ވިދާޅުވި އެވެ.
މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް
އެހެންވެ، ވަޒީރުންގެ މަޖިލިހުގެ މިއަދުގެ ބައްދަލުވުމުގައި ދެ ބިލް ފާސްކޮށް ދިނުމަށްޓަކައި މަސައްކަތްކޮށް ދެއްވުމަށް ވަޒީރުންގެ އަރިހުން ރައީސް އެދިވަޑައިގެންނެވި ކަމަށް ހޫދު ވިދާޅުވި އެވެ.
ދެ ބިލާ މެދު ގޮތެއް ނުނިމި މަޖިލިހުގައި އޮތް އިރު، މާދަމާ އޮންނަ ޖަލްސާގައި ދެ ބިލާ މެދު ގޮތެއް ނިންމުމަށް އަނެއްކާ ވެސް ވަނީ އެޖެންޑާކޮށްފަ އެވެ. އެހެންކަމުން މިއީ ދެ ބިލާ މެދު ގޮތެއް ނިންމުމަށްޓަކައި އެޖެންޑާ ކުރި ހަތަރު ވަނަ ފަހަރެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ތިން ވަނަ ދައުރުގެ ފަހު ޖަލްސާގައި ދެ ބިލް ފާސްކުރުމަށް ބެލި އިރު، ވޯޓު ނުނެގުނީ ހަތަރު މެމްބަރުން މަދުވުމުންނެވެ. މި އަހަރަށް މަޖިލިހުގެ މަސައްކަތް ފެށުމާ އެކު އިއްޔެ އޮތް ޖަލްސާގައި ވޯޓަށް އެހޭ ގޮތް ނުވީ ބޭނުންވާ އަދަދަށް ވުރެ އެންމެ މެމްބަރެއް މަދުވެގެންނެވެ. އަދި މިއަދު ވޯޓަށް އަހަން ބެލި އިރު ހަ މެމްބަރުން މަދެވެ.
ސަރުކާރު ކޯލިޝަންގައި ފަންސާހަކަށް މެމްބަރުން ހިމެނިވަޑައިގަންނަވާ އިރު، މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވީ 37 މެމްބަރުންނެވެ. އަދި ވޯޓު ގަޑީގައި ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވަނީ ޖުމްހޫރީ ޕާޓީގެ 10 މެމްބަރަކާއި އެމްޑީޕީގެ މެމްބަރެކެވެ.
ވޯޓު ގަޑީގައި ޕީޕީއެމުން ބައިވެރިވެވަޑައިގެންނެވީ މަދު މެމްބަރެކެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހަށް ހުށަހެޅި އިރު، ގާނޫނުއަސާސީ އާއި މިހާރު ހުރި ގާނޫނުތަކާ ފުށުއަރާ ބައިތައް ބިލުގައި ހުރި ކަމަށް ބުނެ، އެކަމާ މެދު އިދިކޮޅު ފަރާތްތަކުގެ އިތުރުން ކޯލިޝަން ސަރުކާރުގެ ބައެއް ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ. އެހެންވެ، ކޮމިޓީ މަރުހަލާގައި ބިލަށް ބޮޑެތި ބަދަލުތައް ގެނެސް، ބައެއް ބާރުތައް ނެގި އެވެ.
ޕެންޝަން ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައިވާ ގޮތުން ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އެކަމަކު ބޭނުންކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 ޕަސަންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
27 February 2019
ހޫދާ ސުއޫދާ މީއެކަކުބާ ނޫނީ ދެމީހަކުބާ ކޮމިޝަންހަދައިގެން ވެރިކަމީހާޔައްވެސް ނުލިބޭވަރުގެބާރެއްހޯދަން މިއުޅެނީކީއްވެބާ ބިލްފާސްކޮށްފަ ވެރިމީނޫންކަމެއްނޭގެ ހައްޔަރުކޮށް ދަޢުވާއުފުލާނީ މިމީހުންނައްހީވަނީ މިމީހުންޖަހާކޮންމެމަޅިއެއްގަ މެމްބަރުންޖެހޭނޭ މިހާރުއެދުވަސް ހިގައްޖެ
ކޮބާ ކޮބާ
27 February 2019
ބަންގާޅު މީހުންގެ އަތްދަށުގައޭ ބުނުން މާ ރަނގަޅު...
އަހުމަދު އިބްރާހިމް
27 February 2019
ރައީސް މަޖްލިސް މެންބަރަކަށް ހުންނެވިއިރު ގިނަ ބިލްތަކަށް އެބްސެންޓް ނޫނީ އެބްސްޓެއިން.. އެއިރު ހުންނެވި ރައީސް ވެސް ވަރަށް ކަންބޮޑުވެލެއްވި
މަންޑޭލާ
27 February 2019
މަކަރު ވެރިކަން ބޭނުން ކޮއްގެން ވެރިކަން ކުރުމުގެ ހިތި ދިވެހިން ދެކޭނެ. މިހާރު މިރާއްޖެ މިއޮތީ އިންޑިޔާގެ އަޅުވެތި ކަމުގަ.
ޝޮކްތެރަޕީ
27 February 2019
މިހާރު މުޅި ޤައުމު ކަންބޮޑު ވަނީ އިންޑިޔާ ސިފައިން އާދަޔާ ހިލާފަ މި ރާއްޖެއިން ފެންނާތީ. އަޅުގަނޑު އިއްޔެ މެންދުރު ވެލާނާ އިންޓަނޭށަނަލް އިޔާޕޯޓަ ދިޔައިރުގަ ފެނުނީ އިންޑިޔާ އިޔާފޯސް ޕައިލެޓުން ތަކަކާ އިންޑިޔާގެ ސިފައިންގެ ބަޔަކު. މީކީ ދޮގެންނުން. މިނިވަންކަމުގެ އިހުސާސެއް ނުކުރެވޭ މިހާރަކު. ވަަރައްދެރަ.
ކަތީއްބެ
27 February 2019
ރާއްޖޭގެ ދުސްތޫރުގެ ތެރޭގައި މިނިވަން މުއައްސަސާތައް އުފެދިފައިވާއިރު، އެ މުވައްސަސާތަކުގެ މެންޑޭޓުގެ ތެރޭގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންތައް ހައްދަވައި އެތަންތަނަށް ބާރުތަކެއް ދެއްވަން ޤާނޫނުތައް ހައްދަން އުޅުވުމަކީ ޤައުމު ދަތުރުކުރާ މިސްރާބު ވަރަށް ސާފުކޮށް ފެންނަކަމެއް، ކުރިމަތިވަމުން އަންނަ ބޯވިލާގަނޑުގެ ވައި ގަދަވާނެވަރު އަންދާޒާ ކޮށްލެވޭ!
ނުކުރަމޭ
27 February 2019
ނުޖެހޭނެ ރިޔާސީ ކަމިޝަނެއް ހަދައިގެން ރާއްޖޭގެ ރައީސް އަކަށް ހުންނަ މީހަކު ބޭނުން ގޮތަށް ކަންކަން ކުރަން ފުރުސަތު ދޭން އެއީ ކޯޓެއް ކަމަށް ހަދައިގެން އެއިރަށް އެމެން މާލޭގައި ތިބި ވިޔަފާރިވެރިން ފެލާލާނެއޭ ބްލެކް މެއިލް ކުރާނެއޭ މިހާރު ވެސް ރައީސް އޮފީސް ތެރޭގައި އެންމެ ގިނައީ އެންމެ ދެކުނު ވިންގްގެ އެއްޗިއްސޭ އެމެންނަކީ މަމެން އެއްގޮތަކަށް ވެސް އިތުބާރު ކުރާ ބަޔެއް ނޫނޭ...
ކޮބާ..ކޮބާ
27 February 2019
ސޭޓު..މައުމޫން...ގުޅި،ލާމެހިގެން، މުޅި ރާއްޖޭގެ ބާރު ތަކާ ތަނަވަސް ކަމާ ބޭނުން...ސިޔާސީ ކޯޅުން ގަނޑުގަތިއްބާ ބަންގާޅު މީހުން ކުދި އަދި މެދު ފަންތީގެ ހުރިހާ ވިޔަފާރި އަކަށް ވަދެ ނިމިއްޖެ..
ވަތުބަތާނަ
27 February 2019
އެއްކޮމިޝަނަށް ކޮމިޝަން ހެދުމަށްވުރެ ޤާނޫނު އަސާސީގައި ބުނާ މުއައްސަސާތަށް ޖަވާބުދާރީކޮށް އެތަންތަނުން އެކަން ކުރިއްޔާ މާރަނގަޅުވާނެ! ކޮމިޝަން ހަދައިގެން ހުރިހާ ބާރެއް ރައީސް އޮފީހަށް ޖަމާކުރުމުގެ ނިޔަތަކީ ކޮބާ؟
ހަސަނުމް
27 February 2019
ރައްޔިތުންނާ ގުޅުންހުރި ބިލް ފާސްކުރަން ހާޒިރު ނުވަނީ ކޮންމެވެސް އަމިއްލަ މަސްލަހަތާ ގުޅޭ ކަމެއް އުޅޭތީ ކަމަށް ބެލެވިދާނެ.