ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިނގަމުން ދަނީ. - ފޮޓޯ: މަޖިލިސް
19 މާޗް 2019 - 11:00
ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކުރަން ނިންމުމާ ގުޅިގެން އެކަން ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ކުރާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލު ކުރަން ވާނީ ރައްޔިތުންގެ މަޖިލިހުން ނިންމާ ގޮތެއްގެ މަތިންނެވެ.
އެހެންވެ، ޖިނާއީ ކުށްތައް ހުއްޓުވަން އިންޑިއާއާ އެކު އެއްބަސްވުން ގާއިމުކުރަން ފެނޭތޯ ބެލުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސިޓީފުޅެއް މަޖިލިހަށް ފޮނުއްވައިފަ އެވެ. އަދި އެ މައްސަލަ ދިރާސާ ކުރަން މަޖިލިހުގެ ރިޔާސަތުން ފޮނުވީ ގައުމީ ސަލާމަތުގެ ކޮމިޓީ އަށެވެ.
މި އެއްބަސްވުމުގައި ރާއްޖެ އަށް ސޮއި ކުރެވޭނީ މަޖިލިހުގެ މެމްބަރުންގެ ރުހުން ލިބިއްޖެ ނަމަ އެވެ.
ރައީސް އޮފީހުން ބުނީ، އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބާރުލުން ދިނުމެވެ.
އެއްބަސްވުމުގައި، ކޯޓަށް ހާޒިރުކުރުމާއި ކޯޓު އަމުރު ތަންފީޒުކުރުމާއި އެހެނިހެން ޝަރުއީ ކަންކަމުގައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް އެއްބަސްވުމުގައި ބާރު އަޅާފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޓެރަރިޒަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެ، ތަހުގީގު ކުރުމާއި ޝަރީއަތްކުރުން ހަރުދަނާ ކުރުމުގެ ބޭނުމުގައި ދެ ގައުމުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއްބަސްވުމުގެ ވަރަށް ބޮޑު ބޭނުމެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނާއި އެއްބަސްވުމުގެ މާއްދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހެ އެވެ. އޭގެ ތެރޭގައި މައްސަލަ ތަހްގީގު ކުރުމާއި ޝަރީއަތް ހިންގުމާއި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެ އެވެ.
މިހާރު އާންމު ވެފައިވާ ކުށްކުރުމާއި އަދި ހާއްސަކޮށް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލް ކުރުމުގެ މަގު މި އެއްބަސްވުމުގެ ސަބަބުން ފަހިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޖިނާއީ ކުށްތައް ހުއްޓުވަން އިންޑިއާއާއެކު އެއްބަސްވުމެއް ގާއިމު ކުރަން ވަޒީރުންގެ މަޖިލިހުން ނިންމިއިރު، މި ސަރުކާރުން އެންމެ ގާތް ގުޅުމެއް މިހާރު އޮތީ އިންޑިއާއާ އެވެ. އެ ގައުމަށް ރާއްޖެ އަށް އެކި ގޮތް ގޮތުން އެހީތެރިވަމުން އަންނަ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
.އިންޑިއާ އާއެކު
20 March 2019
.ކީކޭދޯ ބުނާނީ އިންޑިއާއަކީ މާރަނގަޅު ބައެކީތަ؟ މިބައިމީހުން ނުކުރާ ކުށެއް ނެތްއިރު މިބައިގަނޑާ ( އިންޑިއާ ) އާ ގުލިގެން ކޮން ކުށެއްތޯ ހުއްޓު ވާނީ، ރޭޕު އެއްޖިންސުން ގުޅުން ހިންގުން ބަނގުރާ މިހެން ދެން ކިއާނެ ކަމެއް ނެތް ފާޙިޝް ހުރިހާ ކަމެއް ހުއްދަ ކޮށްގެން އުޅޭ ބައެއްގެ ފަރާތުން ކޮން ކަމެއްތޯ އިސްލާހު ކުރެވޭނީ ތިބުނާ ކުށްތައް ކުރާ ބައެއް ހޯދައިގެން އެމީހުން އިސްލާހު ކޮށްބަލަ އިންޑިއާ ވެގެން ހަމަ ނިދިވެސް ނުނިދެނީ ތޯއްޗެއް ބޮޑުވަރު ތިދެން.
ހަސަން ނުވަވަނަ
19 March 2019
ދުނިޔޭގެ އެއްމެ ކުށް މަދީ ޔިންޑިޔާގަ. އެހެންވީމަ އެމީހުންތާ އެއްމެ އައުލާކަން ބޮޑި އެހެން މީހުންނަށް އެހީ ވާން. ސާލިހު ކަލޭ ލަދެއް ނުގަނޭތަ.
ވާލުސޮރު
19 March 2019
ރައީސް ސޯލިހު ގެ ހިކުމަތް ވަރަށް މޮޅު. މިހާރު ތިޔަ އޮތް މަޖިލިހުން ކޮރަޕްޝަންގެ ބިލާ ގޮތްނޭނގޭ މަރުތަކާ ގެއްލުވާލި މީހުންގެ ބިލްތައް ހުއްޓުވިހެން ތިޔަ ބިލްވެސް ހުއްޓުވާނެކަން މުޖައްރިބު ރައްޔިތުންނަށް މިހާރުވެސް ވަރަށް ސާފުކޮށްއެނގޭ ރާއްޖޭގަ ހިނގާ ހުރިހާ ބޮޑެތި ޖިނާއީ ކުށްތަކުގެ މުގުލުގަ ތިބީ ކޮން ބައެއްކަން.
ހަސަން ނުވަވަނަ
19 March 2019
ހޫނ ޔިންޑިޔާއަށް އެއްމެ އެހީވެވޭނީ ޖިނާއީ ކުށް ހުއްޓުވަން. ފުރަތަމަ އެމީހުންގެ އަންހެން ދަރިންނަށް ހިމާޔަތް ދޭށޭ ބުނެބެލަ މާ ތާހިރުވާނެ
ރަފީގު
19 March 2019
ކުށްވެރިން ބަދަލު ކުރުންވެސް ތީގައި ހިމެނޭނެ ކަމަށް އުއްމީދު ކުރަން. މިތާ ކުށްކޮށްފައި ފިލައިގެންދާ މީހުން ގެނެވޭނެ ގޮތެއް ތީގައި އޮންނަންޖެހޭނެ.
ކަތީއްބެ
19 March 2019
މިހާރުވެސް ޖިނާއީ ކުށްތައް ހުއްޓުވަން ދެޤައުމުންވެސް ދަނީ އެއްބާރުލުން ދެމުން އިތުރު އެއްބަސްވުމެއް ވާންޖެހޭ ކަމަކަށްނުފެނޭ، އެއްބަސްވުމެއްވަންޏާ ތީގައި ފޮރުވިފައިވާ ކަންތައްތަކެއްވާނެކަން ކަށަވަރު، މެންބަރުން ވިސްނާތި!