ޚަބަރު / ކުރީގެ ނައިބު ރައީސް އަދީބު

ފިސްތޯލަ ގެންގުޅުނު މައްސަލާގައި އަދީބަށް ކުރި ހުކުމް ގޯސް: ޕީޖީ

ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑު އެހުމަށް، އަދީބު ކޯޓަށް ވަދެވަޑައިގަންނަވަނީ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ގޯސް ކަމަށާއި އޭނާ ފިސްތޯލައެއް ގެންގުޅުނުކަން ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

މެއި، 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި ބޮޑު މުޒާހަރާއާ ގުޅިގެން ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އަދީބުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ.

އެ ހުކުމް އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް އަބްދުﷲ ރާބިއު ވިދާޅުވީ އަދީބު ގެންގުޅުނު ކަމަށް ބުނާ ފިސްތޯލަ ތަހުގީގީ އެއްވެސް އިދާރާއަކަށް ފެނިފައި ނުވާއިިރު، އެ މައްސަލާގައި ހަމައެކަނި އޮތީ ފިސްތޯލަ ގެންގުޅެނިކޮށް ފެނުނު ކަމަށް ބުނާ ހެކިންތަކެއްގެ ހެކިބަސް ކަމަށެވެ. އެކަމަކު އެ މީހުންގެ ހެކިބަހަށް ބަލާއިރު، އެ ފިިސްތޯލައަކީ އަސްލު އެއްޗެއްކަން ދެނެގަތުމުގެ ގާބިލްކަން އެ މީހުންގެ ކިބައިގައި ނެތް ކަމަށް ރާބިއު ވިދާޅުވި އެވެ.

އެއީ އަސްލު އެއްޗެއް ކަމަށް ހެކިން ބުނެފައި ވިޔަސް، އެ މީހުން އެ ބުނުމަކީ ހަމައެކަނި އެ މީހުން ގަބޫލުކުރާ ގަބޫލު ކުރުމެއް ކަމަށް ދައުލަތުން ދެކޭ ކަމަށް ރާބިއު ވިދާޅުވި އެވެ. އަދި ގާނޫނުގައި، ހަތިޔާރެއްގައި ފުރިހަމަވާން ޖެހޭ ކަމަށް ބުނާ ފަދަ ޝަރުތުތައް އަދީބު ގެންގުޅުނު ކަމަށް ބުނާ ފިސްތޯލާގައި ހުރި ކަން ހެކިންގެ ބަހުން އެނގެން ނެތް ކަމަށް ވެސް ރާބިއު ވިދާޅުވި އެވެ.

އެކަންކަން ފާހަގަކޮށް، ދައުލަތުން ފުރަތަމަ އެދުނީ "އަދުލުވެރި ހުކުމެއް" އިއްވައި ދިނުމަށެވެ.

ދައުލަތުން އެގޮތަށް އެދުމުން ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލުތައް އަމާޒު ކުރެއްވި އެވެ.

އެގޮތުން ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމާ މެދު ދައުލަތުން ދެކެނީ ކިހިނެތްތޯ އާއި އެ މައްސަލާގައި އެކަށީގެންވާ ހެކި ހުރި ކަމަށް ގަބޫލު ކުރަންތޯ ފަނޑިޔާރުން ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ރާބިއު ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން އެ ދައުވާ ސާބިތުވާ މިންވަރުގެ ހެކި ހުރި ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެހެންވެ، ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ވެސް ގޯސް ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ.

ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ގޯސް ކަމަށް ދައުލަތުން ގަބޫލު ކުރާއިރު، އޭގެ ގާނޫނީ ނަތީޖާއަކީ ކޮބައިތޯ ފަނޑިޔާރުން ބެންޗުން އަނެއްކާވެސް ދައުލަތާ ސުވާލު އަމާޒު ކުރެއްވި އެވެ.

"ގާނޫނީ ގޮތުން ގޯސް ހުކުމެއް ކަމަށް ވާ ނަމަ، އޭގެ ނަތީޖާއަކަށް ވާނީ އެ ހުކުމެއް ބާތިލް ކުރަން ޖެހުން،" ޖަވާބުގައިި ރާބިއު ވިދާޅުވި އެވެ.

ދައުލަތުން އެ ހުކުމް ގޯސް ކަމަށް މިހާރު ބުނާއިރު، ދަށު ކޯޓާއި ހައި ކޯޓުގައި ވެސް އެ މައްސަލަ ދިފާއުކޮށް ދައުލަތުން ވާހަކަ ދެއްކީ ކީއްވެގެންތޯ ވިދާޅުވެ، އެކަމާ މެދު ވެސް ފަނޑިޔާރުން ބެންޗުން ސުވާލު އަމާޒު ކުރެއްވި އެވެ.

ޖަވާބުގައި ރާބިއު ވިދާޅުވީ އެ ހުކުމުގެ ދިފާއުގައި ދައުލަތުން ހައި ކޯޓުގައި ވާހަކަ ދެއްކީ އޭރު ހެކިތައް ދިރާސާކޮށް ބެލިއިރު އެ ހުކުމް ރަނގަޅު ކަމަށް ގަބޫލު ކުރެވުމުން ކަމަށެވެ. އެކަމަކު ފަހުން އެކަން އިތުރަށް ބެލި ބެލުމުން އެ ހުކުމް ރަނގަޅު ނޫން ކަމަށް ގަބޫލު ކުރެވުނީ ކަމަށް ރާބިއު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން އަދީބާ ވެސް ބައެއް ސުވާލުތައް އަމާޒު ކުރެއްވި އެވެ. އެގޮތުން ފިސްތޯލައެއް ފަދަ ހަތިޔާރެއް އެއްވެސް އިރަކު ގެންގުޅުނުތޯ އާއި އޭނާ ފިސްތޯލައެއް ގެންގުޅުނު ކަމަށް ހެކިވެރިންތަކެއް ބުނަން ޖެހުނު ސަބަބާ މެދު ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި އަދީބު ވިދާޅުވީ އޭނާ ދުވަހަކު ވެސް ހަތިޔާރެއް ނުގެންގުޅޭ ކަމަށާއި އެ ދައުވާއަކީ ސިޔާސީ ގޮތުން އޭނާ ފްރޭމް ކުރަން ބަޔަކު ހިންގި އަމަލެއް ކަމަށެވެ.

އަދީބުގެ ވަކީލް މުހައްމަދު އިސްމާއިލް ވިދާޅުވީ އެ ހުކުމް ގޯސް ކަމަށް ދައުލަތުން ގަބޫލު ކުރާތީ އެ ހުކުމް މިއަދުން މިއަދަށް ބާތިލް ކުރަންޖެހޭ ކަމަށެވެ.

ވަކީލް އިސްމާއިލް ވިދާޅުވީ ހަތިޔާރު ވެސް ހިމެނޭ ގޮތުން، މަނާ ތަކެތި ގެންގުޅުމަކީ މުތުލަގު މަސްއޫލިއްޔަތު އުފުލަން ޖެހޭ ބާވަތުގެ ކުށަކަށް ވާއިރު އެފަދަ ކުށެއް ސާބިތު ކުރެވޭނީ އެ މީހެއްގެ ހިޔާޒަތުގެ ދަށުން މަނާ އެއްޗެއް ތަހުގީގީ އިދާރާއަކަށް ފެނިފައިވާ ނަމަ ކަމަށެވެ. އަދި އެކަން ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމްތަކުން ވެސް އެނގެން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ.

ދައުލަތުގެ ވަކީލް ރާބިއު ވިދާޅުވީ މަނާ އެއްޗެއް މީހަކު ގެންގުޅު ކަން ކަނޑައެޅޭނީ އެ މީހެއްގެ ހިޔާޒަތުގެ ދަށުން އެ އެއްޗެއް ތަހުގީގީ އިދާރާއަކަށް ފެންނަ ހާލަތުގައި އެކަނި ކަމަށް ދައުލަތުން ގަބޫލު ނުކުރާ ކަމަށެވެ. ސަބަބަކީ މަނާ އެއްޗެއް ގެންގުޅުނު ކަން ސާބިތު ކުރުމުގައި، އެ އެއްޗެއްގެ މައްޗަށް އެ މީހެއްގެ ހިޔާޒަތު އޮތްކަން ކަނޑައެޅުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމި ނިންމުންތަކުގައި ވެސް، އެ އެއްޗެއް ތަހުގީގީ އިދާރާއަކަށް ހޯދިފައި އޮތުން ލާޒިމް ނުކުރާ ކަމަށް ރާބިއު ވިދާޅުވި އެވެ.

ރާބިއު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ފަދަ އެއްޗެހި ގެންގުޅުމުގެ މައްސަލަތަކުގައި އެ އެއްޗެއް ގެންގުޅުނު ކަން ސާބިތު ކުރުމުގައި، އެ އެއްޗެއް ތަހުގީގީ އިދާރާއަކަށް ހޯދިފައި އޮތުން ލާޒިމް ކަމަށް ބެލެވިދާނެ އެވެ. ސަބަބަކީ މަސްތުވާތަކެއްޗާ އެއް ވައްތަރުގެ އެހެން އެއްޗެހި ވެސް ހުރެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިސާލަކަށް، ކަނޑި އާއި ވަޅި ފަދަ އެއްޗިހި ގެންގުޅުމުގެ މައްސަލަތަކުގައި ކޮންމެހެން ތަހުގީގީ އިދާރާއަކަށް އެ އެއްޗެއް ފެނިފައި އޮތުން ލާޒިމްނުވާ ކަމަށް ރާބިއު ވިދާޅުވި އެވެ. ސަބަބަކީ އެފަދަ އެއްޗިއްސަކީ އާންމުކޮށް ކޮންމެ މީހަކަށް ވެސް ދެނެގަނެވިދާނެ ފަދަ އެއްޗިއްސަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަތިޔާރު ފަދަ އެއްޗިހި ވެސް ހަމައެކަނި މީހަކަށް ފެންނަ ފެނުމެއްގެ މައްޗަށް ބިނާކޮށް ސާބިތު ކުރެވިދާނެ ކަމަށް ނުދެކޭ ކަމަށާއި އެއީ އަސްލު އެއްޗެއް ކަން ދެނެގަނެވޭނީ އެކަމުގެ ތަޖްރިބާ ހުރި އެކްސްޕާޓަކު އެ އެއްޗެއް ބެލުމަށް ފަހު، އެ މީހެއްގެ ބަހަށް ރިއާޔަތްކޮށް ކަމަށް ރާބިއު ވިދާޅުވި އެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ސުޕްރީމް ކޯޓުން ނިންމާލީ ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުން ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.

ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލައިގެ އިތުރުން އިތުރު ދެ މައްސަލައިގައި ވެސް އަދީބުގެ މައްޗަށް ޖަލު ހުކުމެއް އެބައޮތެވެ. އެއީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި 15 އަހަރަށް ޖަލަށްލާން ކުރި ހުކުމާއި ޚިޔާނާތުގެ ދައުވާއެއް ސާބިތުވެ، އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމެކެވެ.

49 ކޮމެންޓް, 85 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 1%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިހްސާސް

29 April 2019

އަދީބަކަސް އިންސާފުވެރިވާން ވާނެ. މީހެއްގެ މައްޗަށް ދައުވާއެއް ކުރަންވާނީ ރަނގަޅަށް ބަލާ ދިރާސާކޮށް ހަދާފަ. އެއްދުވަހު ހަތިޔާރު އޮތޭ އޭގެ މަހެއްފަހުން ހަތިޔާރޫ ނެތޭ ބުނީމަ ހަމައެއް ނުޖެހޭ. އަދީބު މިނިވަން މިކަމުން ވެއްޖެނަމަ ޕީޖީއާއި ދެކޮޅަށް ދައުވާ ކުރޭ. މިހާރުގެ ޕީޖީ އިސްތިއުފާ ދީފަ ތިތަނަށް ރަގަޅު މީހަކު ލާންޖެހޭ.

The name is already taken The name is available. Register?

ކަންއޮތްގޮތް

29 April 2019

ގޯސްކަން ދައުަލަތަށް މިވިސްނެނީ 3 ވަނަފަހަރުންދޯ! ޢަޖާއިބެކެވެ! އެކަމަކުވެސް ވަރިހަމައެއްނޫންހެއްޔެވެ! ތިއަނިޔާއަށް ދަޢުވާކުރިމީހުނާއި، އަޑުއަހައި ޙުކުމްކުރިމީހުނަށް ވީކަމެއް އޮތްކަމުގައި ނުފެނެއެވެ. އެމީހުން އެތިބައުޅެނީއެވެ. ވަޒީފާގައިއެވެ. އަނިޔާއާއި ގެއްލުން މިލިބުނީ ތިކަމާއި ގުޅުމެއްނެތް ޢަދީބަށާއި، ރައްޔިތުންގެ ދައުލަތަށެވެ! ދައުލަތަށްލިބުނު ގެއްލުމުގެއަގުހޯދަން އިހުމާލުވީފަރާތްތަކާއި ދަޢުވާކުރަންޖެހޭނެ. މިފަދަކަންތައް ހުއްޓުވަންޖެހޭ.

The name is already taken The name is available. Register?

އަމަލު

29 April 2019

މިރާއްޖޭގަ ޝަރީއަތުގެ މަޖިލީހުގައި ބިމަށްދަމާބާރައް ވުރެ ފައިސާގެ ގުރެވިޓީ ގަދަވާ މޫސުމްތަކުގައި ހުކުމް ފައިސާ އާއި ދިމާޔަ އާދަޔާހިލާފު ބާރުމިނެއްގައި ދަމައިގަންނަކަން މިހުކުުމުދެ ސަބަބުން ސައިންސްވެރިންނަށް ހޯދިއްޖެ

The name is already taken The name is available. Register?

ސަރީފް

29 April 2019

އަދީބުގެ ހުރިހާ މައްސަލައެއްގައިވެސް އަދީބު އާއި އެއްކޮޅަށް ވަކާލާތު ކުރަން މިސަރުކާރަށް މަޖުބޫރު ވާނެ. މި ފެންނަނީ މަޖިލިސް އިންތިހާބުގައި އަދީބާއި އަދި އޭނާއާއި ގުޅުން ހުރި ތަންތަނުގައި ފިލާތިބި މީހުން އަތުން ލިބުނު މަންފާގެ ނަތީޖާ. އާޚިރުގައި އަދީބު ވެގެންދާނީ އެއްވެސް ކުށެއް ނުކުރާ އިއްޒަތްތެރިއެއްގެ ގޮތުގައި. ރެޑްނޯޓިސް އުވާލުމަކީވެސް މިޑީލްގެ ތެރޭގައި ހިމެނޭ ކަމެއް. މިއޮތީވާ ގައުމެއް އިރާދަކުރެއްވިއްޔާ. ޝުކުރިއްޔާ ރައީސް އަދި އޭޖީ.

The name is already taken The name is available. Register?

ހޯރަފުށި ސަލީމް

29 April 2019

ރާބިޢު މިހެއްދެވީ ކިހިނެއްތޯ

The name is already taken The name is available. Register?

ގަޓޭ

29 April 2019

ޕީޖީގެ ލަދުގެ ކަންފުޅެއްވެސް ނެތީތޯ.... އެދުވަހު ޔާމީންއަށް ބިރުފުޅުން ހުކުމް ގޯހޭ ވިދާޅުވާން ނުކެރުނީ ދެއްތޯ.... އެކަމް ﷲ ދެެކެ ބިރުނުގަންނަކަން ރަށްޔިތުންނަށް ވަރަށް ސާފް...

The name is already taken The name is available. Register?

އަލީޔ

29 April 2019

އަދިވެސް ވާނުވާގަ ތޯ ނޫނީ ހަގީގަތް ގަބޫލު ކުރަން ބޭނުންފުޅު ނޫނީތޯ؟ މިއީ ޕީޖީ ވެގެން ކުރާކަމެއް ނޫން. މިއީ ސަރުކާރުން ބޭނުންވެގެން ޕީޖީ ކުރާކަމެއް. ޔާމީނުއާ ދެކޮޅަށް 'ދޮގު' ހެކި ހޯދަން ޖަހާހާ ސަކަރާތް. އިންސާފޭ މިކިޔަނީ ހަމައެކަނީ ތިމާ ހިތް އެދޭ ގޮތަށް.

The name is already taken The name is available. Register?

މަލާކާ

29 April 2019

ހުއްދަ ލިބުނީ ފިއްތޯލަ ގެންގުޅެން އެހެންވީމަތާ އެހެންވާނީ.

The name is already taken The name is available. Register?

Izumiya

29 April 2019

އަދީބުވެސް ހުދު ކަފަކޮޅަކަށް ވެގެން މަހިތުން ނިމޭނީ ކުރި ކުށެއް ނޯންނާނެ އެކަމަކު ކުއްލިއަކަށް މުއްސަނދިވެ އެހާ ފެންވަރުމަތީ ދިރިއުޅުމެއް ހޯދިގޮތެއްވެސް އޮންނަންވާނެތާ އަދި ވަހީދުގެ ވެރިކަމުގަ ވެސް އަދީބުގެޓޫރިޒަމް މިނިސްޓަރ ކަމުގަ ވެސް އެމްޑީޕީ މީހުންކީ ގަވައިދާ ޚިލާފަށް ފަޅުތަކެއް ވިއްކި ވާހަކައެއްވެސް މިހާރު ސަރުކާރުން އަމާޒު ހިފާފަހުރީ ހަމައެކަނި ޔާމީނު ކުށްވެރި ކުރަން އަދީބު އެމްޑީޕީއަށް ވެސް ބައި އަޅާފައޮތް ކުށްވެރިވާނީ ޔާމީނު އެކަނި

The name is already taken The name is available. Register?

މޮޔަސޭޓް

29 April 2019

ނިކަމެތިން ނަށް ދެރަ ގޮތް، ބޮޑުންނަށް މޮޅުގޮތް؟ މިއަށްވުރެ ވަކީން ބޮޑު ބޭއިންސާފެއް އޮންނާނެތޯ؟

The name is already taken The name is available. Register?

ލޮނުމެދު

29 April 2019

މިހާރު ތިވީ ގޮތުން ބިޝާމް މައްޗަށް ނުކުރާ ކަމެއް ކުރިކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ދައްކާފައިވާތީ އޭނަގެ މައްޗަށް ދައުވާކޮށް އަދަބު ދޭން ޖެހޭ ނޫނީ މިކަހަލަ ކަންތަކަށް ނިމުމެއް ނާންނާނެ. #ބިޝާމްއައުޓް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454