ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޑްރަގް ޓްރެފިކް ކުރަން އުޅެނިކޮށް އަތުލައިގަތް އީރާނުގެ ބޯޓު.
07 މެއި 2019 - 00:15
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓެއް ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިއަދު އަތުލައިގެންފި އެވެ.
ފުލުހުން މިރޭ ބުނީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރު ސަރަހައްދުން ކޯސްޓް ގާޑުން ހިފެހެއްޓި މި ބޯޓަކީ މި ސަރަހައްދުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ބޯޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ބޯޓުން މިހާތަނަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، ބޯޓުގެ ހަތް ފަޅުވެރިއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
"ބޯޓު މާލެ ސަރަަހައްދަށް ގެނެސް ބަލައި ފާސްކުރުމަށް ދަނީ މަސައްކަތް ކުރަމުން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި މި ބޯޓު އަތުލައިގަތުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތާއި މަސްތުވާތަކެތީގެ އަދަދު ސާފުވާ މިންވަރަކުން ހާމަކުރާނެ އެވެ.
ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުރި 149 ކިލޯގެ މަސްތުވާތަކެތި ވެސް ފުލުހުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހޯދައިފަ އެވެ. ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގައި އަތުލައިގަތް ހިރޮއިން އާއި ކެނަބިސްގެ އަގު 260 މިލިއަން ރުފިޔާއަށް އަރަ އެވެ. އެ މައްސަލައިގައި މުޅިން ވެސް ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނުން ކަމަށް ވާއިރު، އެކެއްގެ ބަންދަށް 10 ދުވަސް އަދި އަނެއް ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ގދ. ގައްދޫ ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ރާއްޖެ ސަރަހައްދަށް ކަނޑު މަގުން މަސްތުވާތަކެތި ޓްރެފިކް ކުރުން މި ދުވަސްވަރު އިތުރުވެފައިވާކަން ފާހަގަކުރެވިގެން ފުލުހުންގެ ހަރަކާތްތައް އިތުރު ކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްދަރުދީ
07 May 2019
ތިގޮތައް ފެނިގެން އަތުލާ މަސްތުވާތަކެތި ނައްތާނުލާ ލަސްކުރަނީ ކީއްކުރަންތޯ އަހަރުތަކެއްކޮއްފަ ދެތިންކިލޯ އެބަނައްތާލާ މަންޒަރުއެބަދައްކާ ހިފާއަދަދާނައްތާލާ އަދަދާދިމާވޭބާ...
އެޖެންޑާ19
07 May 2019
ޢިހަވަންދޫ ބޭރުން 100 މޭލު ދުރުގަ.ކަންނެލި ޖަގަހަ ހެދީމަ ތީތި ހަމަ ވަރައް ސަޅިކޮއް ރާއްޖެ އަންނާނެ
ދޮންކަމަނަ
07 May 2019
މިކަމުގެ އަޑީގައިވަނީ ވަރަށް ފުޅާދާއިރާއެއްގައި އިރާނަށް ބޮޑު ކަންނެލި ބޭރުކުރާ ދިވެހި ކުންފުންޏެއްކަމުގައި ވާހަކަދެކެވޭ. އެހެންވެ ދޭތެރެ ދޭތެރެއިން މިކަމެއް މިލައިގަންނަނީ.
ކަތީއްބެ
07 May 2019
މިއީ އަޅާނުލައި ހަވާސާއަށް ދޫކޮށްލެވިފައިވާ ކަމެއް! މިމީހުން ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރުތަކަށް މަސްގަތުމުގެ ބަހަނާގައި އައިސްފައިވޭ، އަދި ގެއްލޭ މަސްއޮޑިތައް ދަނީ މިމީހުންގެ ގާތަށް ކަމަށްވެސް ބެލެވޭ، އެތެރެވޭ ދޮރު ނޭގިގެން އުޅޭވާހަކަ އަކީ ފަރުވާކުޑަ ވާހަކައެއް، ބެލީމަ ފެންނާނެ، މިހެން އުޅޭ ބޯޓުފަހަރުތަކާދޭތެރޭ އަޅާނުލާ ދޫކޮށްލެވޭކަން މައްސަލައަކީ، މިވެސް އޮޅިގެން ކުރެވުނު ކަމަކަށްވާނީ، ލަންކާގައި ޖަގަހަޖަހައިގެން ތިބެ ކުރާ ކަމަކީމީ.
ހުސޭނީ
07 May 2019
ސާބަހޭ ދިވެހި ސިފައިން!
ހާސަރު
07 May 2019
ކަންނެލި މަސްވެރިކަމަށް ނުކުމެ ހަފްތާއެއްގެ ފަހުން ރަށަށް އަންނަ އުޅަދުތަށް ބަލާފާސްކުރަން ފަށަންވެއްޖެދޯ. ރާއްޖޭން ބޭރުން އަންނަ ހުރިހާ އުޅަދެއްވެސް ކަރަންޓީން ކުރޭ.
ކަތީއްބެ
07 May 2019
މީ ކުރިންވެސް މަދައްކަމުންއައި ވާހަކަ، މިއަށްވުރެ އިތުރަށް ލިބުނުތަނެއްނޭގި މުއްސަނދިވެފައިތިބި ބޮޑެތި މަހުޖަނުން މިހާރަކަށްއައިސް އެކުރާ ދަނޑުވެރިކަމެއްވެސް އެބަ ބަލަންޖެހޭ، އެބައިމީހުންގެ ޢާއިލާތައް ލަންކާގައި ބޮޑެތި ގަނޑުވަރުތައް ހިފާފަ ބައިތިއްބައިގެން ޚަރަދުކުރާނެ ފައިސާ ހޯދަނީ ކޮންބާވަތެއްގެ ދަނޑުވެރިކަމަކުންތޯވެސް ބަލަންޖެހޭ، އަގުބޮޑެތި ވެހިކަލްތައްވެސް ހުރޭ، އަންނަ ނާންނަ ދިމާލެއް ބުނެދޭކަށްނޭގޭ، ކުއްލިއަކަށް މުއްސަނދިވާތަން ފެންނަނީ.
ކުޑޭޭޭ
07 May 2019
މި އިރާނުން ހާދަ ކުރިއެއްގައޭ ދޯ މިދުވަސްކޮޅު..ބޯހަލާކްސް
ތުނިޔަ
07 May 2019
އަތުލިޔަސް ވާކަމެއްނޯވޭ! ފުލުން ކިތަންމެ މަސައްކަތެއްކޮށް، ކިންތަމެ ހެއްކެއް ހުއްޓަސް ކޯޓުން ދޫކޮށްލާނެ!
މޯޑުސް
07 May 2019
ތިއީ މިހާރު އީރާން މުއްލާމެން ކުރާ ވިޔަފާރިއަކީ
ދަތްނެތްކުއްޖާ
07 May 2019
ސިފައިންނޭވެ! ފުލުހުންނޭވެ! ތިފަދަ ބޮޑެތި ޖަރީމާތައް ހިންގޭނީ ނޫނޭ ހާދަހާ ބޮޑު ޙަރަދެއް ކޮއްގެންނޭ! ތިހިރަ ތިހިރަ ކަންކަމީ އާދައިގެ މީހަކަށް ކުރެވޭ ވަރަށް ވުރެ މާބޮޑެތި ވިޔަފާރި ކުރާ މަހުޖަނުން ނަށާއި އެކިއެކި ޤައުމު ތަކުގައި ވެރިކަން ކޮއްފައި ތިބޭ ވަރުގެ މީހުނަށް ކުރެވޭ ކަންކަން ކަމުގައި މަމެން ދެކެމެވެ. މިހެންކަމުން ތިކަމުގެ މާ މުގޫ މިފަހަރު ދަމައިގަތުމަކީ ރައްޔިތުން ފުލުހުންނާއި މެދު ކުރާނެ ވަރަށް ބޮޑު އުއްމީދެކެވެ. ވ ސަލާން