ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސް ކުރީ މަޖިލިހުގެ މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން.--- ފޮޓޯ: މަޖިލިސް
19 ޖޫން 2019 - 15:07
ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ބިލް ފާސް ކުރީ 67 މެމްބަރުންގެ އިއްތިފާގުންނެވެ.
ޖުޑިޝަރީ ކޮމިޓީން ގެނައި ބަދަލުތަކާ އެކު ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސް ކުރި އިރު، ބައެއް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނު މާއްދާ އެއް ވެސް ބިލްގައި ވަނީ ހިމަނައިފަ އެވެ.
އެއީ ކޮމިޝަނުން ކުރާ މަސައްކަތުގެ ތެރޭގައި ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ ގާނޫނު "ތަންފީޒު ކުރާ އިދާރާއެއްގެ" ބާރު ބޭނުން ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. ބިލް ހުށަހެޅި އިރު، އޮތީ "ތަހުގީގީ އިދާރާއެއްގެ" ބާރު ކޮމިޝަންތަކަށް ބޭނުން ކުރެވިދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް
ރިޔާސީ ކޮމިޝަންތަކުގެ ބިލްގައި ވަނީ ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން މިފަދަ އަމުރު ތަންފީޒުކޮށްދޭން ވާނެ ކަމަށް ބުނެ، އާ އިސްލާހެއް ގެނެސްފަ އެވެ.
ކޮމިޓީން ގެނައި އެހެން އިސްލާހެއްގައި ވަނީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ހާޒިރު ކުރަން ޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ހާޒިރުކޮށް ސުވާލު ކުރުމާއި ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ގުޅިގެން ބޭނުންވާ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެ ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުުށަހެޅުމަށް އެންގުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
ގާނޫނުއަސާސީގެ ދަށުން އެކުލަވާލައި ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގައި ހިމެނޭ ޖިނާއީ ބައިތަކުގެ ތަހުގީގު ފުރިހަމަވުމާ އެކު ރައީސްގެ ލަފާގެ މަތިން އެފަދަ މައްސަލަތަކުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
ކޮމިޝަނުން ބަލާ މައްސަލައެއްގައި ހިމެނޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި މުދަލާ ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭ ނަމަ، އެފަދަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅު އެޅުމާއި ދައުވާ ކުރުމަށް ރައީސްގެ ލަފާގެ މަތިން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް އިސްލާހުގައިވެ އެވެ. ބިލްގައި ކުރިން އޮތް ގޮތުން ރައީސްގެ ލަފައެއް ނެތި ޕީޖީ އަށާއި އޭޖީ އަށް ފޮނުވެ އެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލްގައި ބުނާ ގަވައިދުތައް އެ ކޮމިޝަނެއް އެކުލަވާލާތާ ތިން މަސް ދުވަހުގެ ތެރޭގައި ހަދައި އާންމު ކުރަން ބުނެފައިވާ އިރު، ބިލް ގާނޫނަކަށްވެސް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން އެއަށް އަމަލު ކުރަން ވާނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ
ރައީސް އަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ގައުމީ މައްސަލަތަކުގައި ކޮމިޝަންތައް ހަދައިގެން ތަހުގީގު ކުރުމަކީ އާ ކަމެއް ނޫނެވެ. ގެއްލިފައިވާ ދައުލަތުގެ ފައިސާ އާއި މުދާ ހޯދުމުގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރިޔާސީ ކޮމިޝަނެއް ހެދި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ރިޔާސީ ކޮމިޝަނެއް ހަދައި، ކުރީ ސަރުކާރުގެ ބައެއް ކަންކަން ބަލާފައިވެ އެވެ. އަދި އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާ ބެހޭ ގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އެފަދަ ކޮމިޝަނެއް ހެދި އެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މާފުށީ ޖަލުގައި އަނިޔާކޮށްގެން އީވާން ނަސީމް މަރާލުމާއި އޭގެ ފަހުން ބަޑި ޖަހައި އެތައް ގައިދީންނެއް މަރާލުމުން އެކަން ތަހުގީގު ކުރުމަށް ވެސް ކޮމިޝަން ހެދި އެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލް މިދިޔަ 18 ވަނަ މަޖިލިހުގައި ފާސް ކުރަން އެކި ފަހަރުތައް މަތިން އެޖެންޑާ ކުރި އެވެ. އެކަމަކު، އެކިއެކި ސަބަބުތަކާ ހުރެ، އެ ބިލް ފާސް ކުރެވޭ ގޮތެއް ނުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަނާ
20 June 2019
ރިޔާސީ ކޮމިޝަންގެ ބިލައް އީވާ އާއި ހިސާން ވޯޓް ނުދިނީ ކީއްވެބާ. މިޕާޓީން ގެ ބައެއް ކުރިކަމެއްނަމަ އަހަރުމެން ކައި ހުސްކުރިސް.
ހަސަން112
20 June 2019
ކަލޯ އެމްޑީޕީ ކުދިނެގެ ތިޔަ ބިލް ދާދި އަވަހަށް ސުޕްރީމް ޚޯޓުން ތިޔަ ބިލްގައި ހުރި ބާރުތައް ކުދިކުދި ކޮށްލާ ސައިޒުކުރާނެ! ދެން ލަލަލާ!
ާއުނިމާ
20 June 2019
ބަޤާވަތް ކުރިމީހުން ހާދަ ކަޑަވާނޭ
މިއަދު
19 June 2019
ތަހުޤީގު ނިންމާ ހުކުމްކުރުމުގެބާރުވެސް ތިކޮމިޝަނަށް ބާރުދޭންފެނޭ
ކޮރަލް
19 June 2019
އެސެޓް ތައް ވިއްކާލެވޭގޮތް ހަދަން ފެނެއެވެ.
ާބޮޑުމީހާ
19 June 2019
އަސްލުތިކަމަކީ އެހާ ރަގަޅުކަމެއްނޫން. އެކަމަކު ގައުމުގެ ހާލަތަށްބަލައި ކޮންމެހެން ކުރަންޖެހޭ ކަންތައްތައް އެބަހުރި ކޮމިޝަންތައް މެދުވެރިކޮށް. މިފަހަރު އިޚްލާސްތެރިކަން ނުދައްކައިފިއްޔާ، ތިކަމުގެ ނަތީޖާ ވަރަށް ހިތިވާނެ
ކޯރި
20 June 2019
ތިހެން ވާނެބާ؟
ވަރަށްސާފު
19 June 2019
ސަރުކާރުން ހުށަހަޅައިގެން ފާސްނުވާނެ އެއްކަމެއްވެސް ނުދެއްކޭނެ. އަދި މައިނޯރިޓީން ހުށަހަޅައިގެން ފާސްވާނެ އެއްކަމެއްވެސް ނުދެއްކޭނެ. އެއްވެސް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުމުން ހަގީގަތުގަ ރައްޔިތުން ކަންކަމާ މެދު ދެކޭ ގޮތާ ހަމަހަމަކަން އެބަ ގެއްލޭ.
އަލީރާޖާ
19 June 2019
މަރްހަބާ
މާރީ
19 June 2019
އެންއެންޑީއެފާ ޕޮލިސް ވެސް އުވާލާ ކޯރޓްތައްވެސް ހަމައެކަނި ތިޔަކޮނިޝަން އަށް ބާރުދީފަ ބާއްވާ މިއޮތީވާ ހެޔޮވެރިކަމެއް, ހީކުރީ ރައީސް ޔާމީންގެ ވެރިކަން ކަމައް ގޯހީ,,އއހެނެއް ނޫން މީވެރިކަމަކީ ރައްޔިތުން ބިކަކޮށްފި
މަރިޢަ
19 June 2019
ހާދަ ބިރެކޭ ތިގަންނަނީ
Sharaf Deen Ali
20 June 2019
އެމްއެންޑީއެފް އާއި ޕޮލިސް އަކީވެސް ޤާނޫނުން އުފައްދާފައިހުރި މުވައްސަސާތަކެއް. ޤާނޫނު އުވާލީމަ މުވައްސަސާވެސް އުވޭނެ.
އައިމިނާ
19 June 2019
އަވަހަށް ގޮތްނޭގޭ މަރުތަކާއި ކޮރަޕްޝަންގެ މައްސަލަތައްބަލާ އެ ކަންތައްތަކުގެ ބައިވެރިންހާމަކުރޭ. އާއްމުންނަށްހުޅުވާލައިގެން މައްސަލަތައް ކުރިއަށް ގެންދެވޭނެކަމަށް އުއްމީދުކުރަން.