ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކޮށް، ތަހުގީގު އަވަސް ކުރަން ގޮވާލައިފި

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކޮށް، އެ ކޮމިޝަނުން އަވަސް ތަހުގީގުތަކެއް ހިންގުމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެމްބަރުން މިއަދު މަޖިލިހުގައި ގޮވާލައްވައިފި އެވެ.


ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް ރިޔާސީ ކޮމިޝަންތަކުގެ ބިލް 19 ވަނަ މަޖިލިހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިނެވެ.

ބިލަށް ބަހުސް ކުރައްވައި ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީލް ވިދާޅުވީ ރިޔާސީ ކޮމިޝަންތައް ހަދަން ޖެހުނީ މިނިވަން މުއައްސަސާތައް ފެއިލްވުމުން ކަމަށެވެ. އެއީ ރައްޔިތުންގެ ހައްގުތައް ހޯދައި ދެއްވަން ރައީސަށް މަޖޫބުރުވެވަޑައިގެން އުފެއްދެވި ކޮމިޝަންތަކެއް ކަމަށް ވިދާޅުވި އެވެ.

މީގެކުރިން ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރެއް ނުދެ އެވެ. އެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ކޮމިޝަންތަކަށް ގާނޫނީ ބާރު ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ގޮތް ނޭނގޭ އެތައް މަރެއް ރާއްޖޭގައި ހިނގާފައިވާ އިރު، ރައްޔިތުން ތިބީ އެމީހުންގެ އާއިލާތަކަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ. ބިލް 18 ވަނަ މަޖިލިހުގައި ފާސް ނުވެ، 19 ވަނަ މަޖިލިހަށް އައުމުން ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ މާ ކުރިން ފާސްވެ، ގާނޫނަކަށްވާން ޖެހޭ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވިދާޅުވީ ރިޔާސީ ކޮމިޝަންތައް އުފައްދަން ޖެހެނީ ވޭތުވެދިޔަ އަހަރުތަކުގައި ކަންކަން ހިނގައި ދިޔަ ގޮތުން ރާއްޖޭގެ ރައްޔިތުންގެ އެތައް ހައްގެއް ގެއްލުމާ ގުޅިގެން އެކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ.

"އެއްވެސް ތަނަކުން ތަހުގީގެއް ހިންގޭ ގޮތެއް ނުވޭ. ޖަވާބެއް ލިބޭ ގޮތެއް ނުވޭ. ރާއްޖޭގެ އެތައް އާއިލާތަކެއް ކަރުނަ އަޅައި ރޯ މަންޒަރު ގިނަ ރައްޔިތުންނަށް ފެންނަމުންދޭ. ހެޔޮވެރިކަމެއް ކޮށްދިނުމަށް ވައުދުތަކެއް ވެގެން އެމްޑީޕީން ވެރިކަމަށް އައީ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެސް އާއިލާއަކަށް އިންސާފު ލިބެން ޖެހޭ ނަމަ، ޒާތީ ނުވެ، ދައުލަތުގެ އިސް ބޭފުޅުން މަގާމުގެ ވާޖިބުތައް އަދާކުރަން ޖެހެ އެވެ. ރައްޔިތުން އަދުލު އިންސާފަށް އެދި ތިބި އިރު، އިންސާފު ނުލިބި ގައުމެއް ތަރައްގީ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވި ގޮތުގައި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުމެވެ. އެތައް އާއިލާއެއް ތިބީ ވޭނާއި ހިތާމައިގައި ކަމަށާއި މުޅި ގައުމު ވެސް އޮތީ ހިތާމައިގައި ފާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ރިޔާސީ ކޮމިޝަންތަކުގެ ބިލް އޮތީ ގާނޫނާއަސާސީއާ ހިލާފަށް ކަމަށާއި ކޮމިޝަންތަކަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.