މުނިފޫހިފިލުވުން

ސާކް ފިލްމު ފެސްޓިވަލް 2019: ރާއްޖޭން "ގޮށްރާޅު" އާއި "ސޯލް"

އަންނަ މަހު ސްރީ ލަންކާގައި ފަށާ 9 ވަނަ ސާކް ފިލްމު ފެސްޓިވަލްގައި ރާއްޖޭން ދެ ފިލްމު ވާދަ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސާކް ކަލްޗްރަލް ސެންޓަރުން އިމްތިޒާމުކޮށްގެން ސާކްގެ ހުރިހާ ގައުމުތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ފެސްޓިވަލްގައި މި އަހަރު ރާއްޖޭން ވާދަކުރަނީ ފީޗާ ފިލްމު ކެޓަގަރީން ވާދަކުރާ ޑާކް ރެއިން އެންޓަޓަޓައިނަންޓުން މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި "ގޮށްރާޅު" އާއި އެކްޓަރު އަލީ ސިޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނާއި ބައިސްކޯފް ގުޅިގެން ހަދާފައިވާ ކުރު ފިލްމު "ސޯލް" އެވެ.

ކްރައިމް ޑްރާމާ "ގޮށްރާޅު" އަކީ ރާއްޖޭގެ އުންމީދީ ޒުވާން ޑައިރެކްޓަރު އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، ހަސަން (ޒަކިއްޓެ) އިރުފާން، އައިޝަތު ތަސްނީމާ، އައިމިނަތު ރަޝްފާ، އަބްދުﷲ އަޒާން އަދި އަހުމަދު ނާޝިތު ހިމެނެ އެވެ.

"ގޮށްރާޅު" ސާކް ފިލްމު ފެސްޓިވަލްގައި ދައްކަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ގަ އެވެ.

"ސޯލް" އަކީ ލަންކާގެ ދެ ތަރިއަކާއި ރާއްޖޭގެ ކާސްޓެއް ފެނިގެން ދާނެ ފިލްމެކެވެ. ވިއްސަކަށް މިނިޓްގެ މި ކުރު ފިލްމުގައި ކާސްޓުގައި ނުޒުހަތު (ނުޒޫ) ޝުއައިބް އާއި އިސްމާއީލް (ޖުމާ) ޖުމާ ވެސް ހިމެނެ އެވެ. "ސޯލް" އަކީ ރާއްޖެ އަށް ޗުއްޓީ ހޭދަ ކުރަން އަންނަ ލަންކާގެ ދެ ލޯބިވެރިއަކަށް ދިމާވާ ހާދިސާތަކެއްގެ މައްޗަށް ސީޒަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ސާކް ފިލްމު ފެސްޓިވަލްގައި އަންނަ މަހުގެ 3 ވަނަ ދުވަހު "ސޯލް" ޕްރިމިއާ ކުރުމާ އެކު، ވަރަށް އަވަހަށް ބައިސްކޯފް އެޕުން ވެސް ސްޓްރީމް ކުރަން ފަށާނެ އެވެ.

ސާކް ފިލްމު ފެސްޓިވަލް ބާއްވަނީ ތިން ކެޓަގަރީއަކަށް ހާއްސަކޮށްގެންނެވެ. އެއީ ފީޗާ ފިލްމާއި ކުރު ފިލްމާއި މާސްޓާ ފިލްމެވެ. މި ތިން ކެޓަގަރީ އަށް ބަލާ އިރު ފީޗާ ފިލްމު ބައިގައި ޖުމްލަ 15 ފިލްމު ވާދަ ކުރެ އެވެ. ކުރު ފިލްމު ކެޓަގަރީގައި 13 ފިލްމު ވާދަ ކުރާ އިރު، މާސްޓަ ފިލްމު ކެޓަގަރީގައި ވާދަ ކުރަނީ އެންމެ 6 ފިލްމެވެ.

މި އަހަރުގެ ފީޗާ ފިލްމުތައް:

ގޮށްރާޅު (ރާއްޖެ)، ބުލްބުލް (ނޭޕާލް)، މޮޓޯސައިކަލް ގާލް (ޕާކިސްތާން)، ފަގޫން ހައޯޔާ (ބަންގްލަދޭޝް)، ލޯޑް ވެޑިން (ޕާކިސްތާން)، އަ ލެޓާ ޓް ޕްރެޒިޑެންޓް (އަފްޢާނިސްތާން)، ކޮމޯލޯ ރޮކެޓް (ބަންގްލަދޭޝް)، ވޯކިން ވިތު ދަ ވިންޑް (އިންޑިއާ)، އަފްޢާނިސްތާން ނައިޓް ސްޓޯރީޒް (އަފްޢާނިސްތާން)، ނާގަރުކިރްތާން (އިންޑިއާ)، ދަ ވިންޑް އޮފް ކަރްމާ (ބޫޓާން)، ޕްރަސާދު (ނޭޕާލް)، ދަ ވެސްޓެޑް އެސްޓްރޮލޮޖާ (ނޭޕާލް)، ބާނިން ބާޑްސް (ސްރީ ލަންކާ)، ދަ ވިންޑް ބިނީތު އަސް (ސްރީ ލަންކާ)

މި އަހަރުގެ ކުރު ފިލްމުތައް:

ސޯލް (ރާއްޖެ)، ސެލަރީ (އަފްޢާނިސްތާން)، ވިމެން އޮފް ޕިއޯ ހާޓް (ބޫޓާން)، ސިންގަލް މަދާ (އަފްޢާނިސްތާމން)، މޮނީޓާ (އިންޑިއާ)، ދަ މޫން އިޒް ބްރައިޓް ޓްނައިޓް (ނޭޕާލް)، ދި އިމޭޖް (ސްރީ ލަންކާ)، ރޯ (ބޫޓާން)، ޓްރެޑިޝަން (ސްރީ ލަންކާ)، ސީ ޔޫ (ބަންގްލަދޭޝް)، ދަ ރިމެއިންސް (ނޭޕާލް)، ނާ ބޯ ލޭ ވޯ ހަރާމް (އިންޑިއާ)، އަ ކްއާޓާ މައިލް ކަންޓްރީ (ބަންގްލަދޭޝް)

މި އަހަރުގެ މާސްޓަ ފިލްމުތައް:

ޕަދުމާވަތު (އިންޑިއާ)، އަލްފާ (ބަންގްލަދޭޝް)، ޗަލޭ ތޭ ސާތު (ޕާކިސްތާން)، ޕަލާމާ ޔަޓާ (ސްރީ ލަންކާ)، ލައިޓް ބްރީޒް (އަފްޢާނިސްތާން)، ހަރީ (ނޭޕާލް)

އަންނަ މަހުގެ 2-7 އަށް ކުރިއަށް ގެންދާ ސާކް ފިލްމު ފެސްޓިވަލްގައި މި ފަހަރު ވާދަ ކުރާ ފިލްމުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މިދިޔަ އަހަރު ގެނެސް ދިން "ޕަދުމާވަތު" އެވެ.

ރަންވީރު ސިންގް އޭނާގެ އަންހެނުން ދީޕިކާ ޕަދްކޯންގެ އިތުރުން ޝާހިދު ކަޕޫރް މުހިއްމު ރޯލްތައް ކުޅުނު އެ ފިލްމަކީ ބެލުންތެރިންނާއި ކްރިޓިކުން ލޯބި ވެސް ހޯދި ވަރަށް މޮޅު ފިލްމެކެވެ. އަދި ބޮކްސް އޮފީހުގައި ވެސް "ޕަދުމާވަތު" ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ.

"ޕަދުމާވަތު" އަކީ މިދިޔަ އަހަރު ބޭއްވި 21 ވަނަ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (އެސްއައިއެފްއެފް) ވެސް ޕްރިމިއާ ކުރި ފިލްމެކެވެ. އެހެންވެ މި ފަހަރު ސާކް ފިލްމު ފެސްޓިވަލްގައި އެންމެ ގިނަ ބައެއްގެ ލޯ އަމާޒު ވާނީ ވެސް މި ފިލްމަށް ކަމަށް ބެލެވެ އެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ސާކް ފިލްމު ފެސްޓިވަލްގެ ތެރޭގައި ފިލްމުތައް ދެއްކުމުގެ އިތުރަށް ބައިވެރިންނަށް ހާއްސަކޮށްގެން މާސްޓަ ކުލާހެއް ވެސް ކުރިއަށް ދާނެ އެވެ. ފިލްމުތައް ފެސްޓިވަލްގައި ދައްކާނެ ތާރީހުތަކާއި ގަޑި ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454