ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ފްލެޓް އަޅަން ސޮއި ކުރަނީ: ފްލެޓަށް ދެއްކި ފައިސާ ހިފައިގެން ކުންފުނީގެ އިސްވެރިން ވަނީ ފިލާފައި.-- ފޮޓޯ: މިހާރު
07 ޖުލައި 2019 - 15:28
ފްލެޓް ގަންނަން ސީ ލައިފަށް ފައިސާ ދައްކައި ހާލުގައި ޖެހުނު މީހުންގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމުގެ މަޝްވަރާތައް ސަރުކާރުން ފަށައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޗްޑީސީން އިއުލާން ކުރި މަޝްރޫއަކުން ހުޅުމާލޭގައި، 3،000 ހައުސިން ޔުނިޓް އަޅަން 2014 ގައި ސީ ލައިފުން ހުޅުވާލުމުން ފްލެޓް ގަންނަން ގިނަ ބަޔަކު ފައިސާ ދެއްކި އެވެ. އެކަމަކު ފަހުން ފަޅާއެރި ގޮތުގައި އެއީ، ބޮޑު އޮޅުވާލުމެކެވެ. އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން އެޑްވާންސަށް ފައިސާ ނަގައި ސީ ލައިފްގެ އިސް ބޭފުޅުން ފިލީ އެވެ.
މި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން 200 އެއްހާ މީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، މި ސަރުކާރުން އޭގެ ތެރެއަށް ވަދެ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އަންނަނީ ވާހަކަ ދައްކަމުންނެވެ. ސީ ލައިފުން ވެސް އޮތީ ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ. އެއީ، އެޗްޑީސީން އެ ކުންފުންޏާ އެކު އެއްބަސްވީ ގޮތަށް އަމަލު ނުކުރި މައްސަލަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހައިލް މިއަދު ވިދާޅުވި ގޮތުގައި ސީ ލައިފާއި އެ ކުންފުންޏަށް ފައިސާ ދެއްކި މީހުން ޝަރުއީ މަރުހަލާ އަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން މިހާރު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
ސީ ލައިފްގެ ހުށަހެޅުމަކީ އެޑްވާންސަށް ފައިސާ ދެއްކި މީހުންނަށް އެޗްޑީސީން ފައިސާ ދީ، އެ ކުންފުންޏާ އަލުން މަޝްރޫއު ހަވާލުކުރުމެވެ. ފައިސާ ދެއްކި މީހުން ހުށަހަޅަނީ އެ ފައިސާ ލިބުމާ އެކު ހުޅުމާލޭގެ އެހެން މަޝްރޫއަކުން ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމަށެވެ.
ސީ ލައިފްގެ ހުށަހެޅުމެއް އޮތް ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އޮތީ ވިދާޅުވެފަ އެވެ.
ސީ ލައިފްގެ އިސްވެރިން ފިލައިގެން އުޅޭ އިރު ސަރުކާރުން ވާހަކަ ދައްކަނީ ކޮން ބޭފުޅުންނަކާތޯ ދެންނެވުމުން ސުހެއިލް ވިދާޅުވީ ސަރުކާރުން މުއާމަލާތް ކުރަނީ ސީދާ އެ ކުންފުންޏާ ނޫން ކަމަށެވެ. އެ ކުންފުނީގެ ހުށަހެޅުން އަންނަނީ ފްލެޓަށް ފައިސާ ދެއްކި މީހުންގެ ފަރާތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސާ އަށް ޚިޔާނާތްތެރިވެ ފިލައިގެން އުޅޭ މައްސަލައިގައި ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) ހޯދަން އިންޓަޕޮލް އިން ވަނީ އިއުލާންކޮށްފަ އެވެ. ސީ ލައިފްގެ މައްސަލަ ފުލުހުން ބަލަން ފެށުމާ އެކު އޭނާ ވަނީ ރާއްޖެ އިން ފުރައިފަ އެވެ. އޭނާ މި ފަހަކާ ޖެހެންދެން ދިރިއުޅުނީ، އެނގިފައިވާ ގޮތުގައި، ސްރީ ލަންކާގަ އެވެ.
ސުހެއިލް ވިދާޅުވި ގޮތުގައި ސަރުކާރުން މި މައްސަލަ ނިންމާނީ ދެ ފަރާތުގެ ހައްގުތައް ވެސް ހިމާޔަތްވާނެ ގޮތަކަށެވެ. މިހާތަނަށް ބެލިބެލުމުގައި އެޑްވާންސަށް ނެގި ފައިސާގެ ގޮތުގައި ދައްކަން ޖެހޭ އަދަދަކީ ގާތްގަނޑަކަށް 24 މިލިއަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ، މިހާތަނަށް މި މައްސަލައިގައި ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހަޅާފައިވާ މީހުންގެ އަދަދަށް ބަލާއިރު ދައްކަން ޖެހޭ ކަމަށް ލަފާކުރެވޭ އަދަދު،" ސުހެއިލް ވިދާޅުވި އެވެ.
ހައުސިންގެ ބޮޑު މަޝްރޫއެއް، ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއްގެ ނުފޫޒާ އެކު ސީ ލައިފްއާ ހަވާލުކުރީ އެ ކުންފުނި އެކަމަށް ގާބިލް ނޫން ކަން އެނގިތިބެ އެވެ. ނުވަތަ ނުބަލަ އެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސަރުކާރުން ހުޅުވާލުމުން އެހެން ކުންފުނިތަކަކުން ވެސް ކުރިމަތިލި އެވެ. އެ ކުންފުނިތަކުގެ ތެރެއިން، ސީ ލައިފް އަކީ މާލީ ގޮތުން ގާބިލް ކުންފުންޏެއް ނޫން ކަން އެޗްޑީސީގެ މުވައްޒަފުން ހެދި ޑިއު ޑެލިޖަންސް ރިޕޯޓުން ވެސް އޮތީ ފެންނާށެވެ. ޑައުން ޕޭމަންޓުގެ ގޮތުގައި ސީ ލައިފުން ބޮޑެތި އަދަދުތަކުން ފައިސާ ނެގީ ވެސް އޮޅުވާލައިގެންނެވެ. އެ ކުންފުންޏާއި އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މަޝްރޫއުގެ 20 ޕަސެންޓް ނުނިމެނީސް ބުކިން ފީގެ ގޮތުގައި 50،000ރ. ގެ އިތުރުން އެއްވެސް ފައިސާއެއް ނުނެގޭނެ އެވެ. އެކަމަކު އެއްބަސްވުމާ ޚިލާފަށް ފައިސާ ނެގުމުން ވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން ފިޔަވަޅެއް ނާޅަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޖުލިހަށް
08 July 2019
ކުއްލި މައްސަލައެއްގެ ގޮތުގައި މީނާގެ މި ޑީލްގެ މައްސަލަ ބަލައިދޭން މެމްބަރުންނަށް ގޮވާލަން
އަސްތާ
08 July 2019
މިސަރުކާރުވެސް ހައްގު ހިމާޔަތްކުރުމަށް ޖަރީމާ ހިނގި މީހުންނަށް ގެއުންނޔވާގޮތަށް އަމަލުކޔރަނީ؟ ބޮޑުޖޯކެއްނު.
ސަހީނު
08 July 2019
މީ ބޮޑުވެގެންވާ ޑީލެއް...ތިމީހުންނަށް 7 އަހަރުން ބިންގާ ނޭޅުން ފުލެޓް މިހާރު ކިހިނެތް ވަކި އަޅާނީ!
ބޮޑުމީހާ
08 July 2019
ސީލައިފް މީހުން ދެރަވާނެކަމެއްނެތް. ކަލޭމެން ތިތިބީ މިރާއްޖޭގަ ލިބޭނެ އެންމެ ގަދަރުވެރި އެންމެ މަތީ ފާސްނަގައިގެން. އެ ފާހަށް ކިޔާ ނަމަކީ 'މާސްޓަރސް އޮފް ކޮރަޕްޝަން އެންޑް އޮޅުވާލުން އިން މޯލްޑިވްސް' އެކަމަކު ކަލޭމެންނަށްވުރެ އަދި ތަންކޮޅެއް ޔާނު އަދި އަދީބު މަތިވާނެ. އެމީހުން ނެގީ ޕީއެޗްޑީ. ހަމަ ތިފީލްޑުން
ޒައިދު
08 July 2019
ތި އަންމަޓީއަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ސޯލިހު ކެމްޕޭނުގައި ލަންކާގައި އިސްކޮށް އުޅުނު މީހެއް. މިއީ ހަދިޔާ.
މަންނާނު
08 July 2019
މީނުމިވާގޮތަކީ ސަރުކާރަށް ތާއިދުކުރިއަސް އެޅިހާބަތަކަށް ރިހަޔެއް ނޭޅޭނެ
ޢަބްދުﷲނާފިޒް
08 July 2019
ސީލަިއފު ކީއްކުރަން، ސީލައިފު ކުންފުނީގެ އިސްއެއްވެސް މީހަކު ބައިވެރިވާ ކުންފުންޏަކަށްވެސް ކުރިއަށް އޮތް ދިހައަހަރުވެސް ހައުސިން މަޝްރޫޢުއާ ގުޅުން ހުރި އެއްވެސް ޕްރްޖެކްޓެއް ނުދޭގޮތަށް ކަނޑައަޅާ ނިންމަބަލަ، އޭރުން ތިހުރި ޒީރޯ ޓޮލަރެންސް ރައްޔިތުންނަށް ޤަބޫލުކުރެވޭނެ.
ނަޖުދާ
07 July 2019
މިއީ ކޮރަޕްޝަންގެ އިންތިހާއަށް ފެށުނީއްސުރެ ހިނގާފައިވާ ކަމެއް .. މިސަރުކަރުވެސް މި ކޮރަޕްޝަނުގައި ބައިވެރިވަނީ! ޒީރޯ ޓޮލެރެންސްގެ އެއްވެސް ކަމެއްނެތް. މިއީ ވައްކަމެއް.. ސީލައިފަކާ ދައްކަންޖެހޭ ވާހަކައެއްނެތް.
ނަގުރަތު
07 July 2019
ތުޅާދޫ މީހަކަށްވެސް
ހާސަރު
07 July 2019
މިކަމުގާ ވަރަށް އަޖައިބު ކުރުވަނިވި ކަންތައް އެބަހުރި. 1.ސީލައިފަށް ދެއްކި ފައިސާ އެޗްޑީސީން އެމީހުނަށް ދޭންޖެހެނީ ކީއްވެ!؟ 2. ސީލައިފުން އެޗްޑީސީ އަށް ދެއްކީ ކިހާފައިސާއެއް!؟ 3. ސީލައިފުން އެންމެ ޓަވަރެއްގެ ބިންގާ އެޅީ އޭގެ އަގު ކަމަށްތިބަލަނީ ކިތައް މިލިއަން؟ އެބިންގާ މިހާރު ހުރީ އިމާރާތް ކުރެވޭ ހާލެއްގަތަ؟ 4.މަސައްކަތް ނުނިންމާ އެތައް އޮޅުވާލުމެއް އޮޅުވާލި އަދި ފައިސާގެ ގާބިލް ކަމެއްނެތް ބަޔަކަށް އަނެއްކާ ބިންދެނީ ކީއްވެ؟!
ދުމައިން
08 July 2019
ސީލައިފް އިންއެޗްޑީސީ އަށް އެއްވެސް ފައިސާއެއް ނުދައްކާ. 1 މިލިއަން ޑޮލަރުގެގެރެންޓީއެއް ދިނީ. އެޗްޑީސީއާދެކޮޅަށް މައްސަލަ ކޯޓުގައި ނިމުނީ އެޗްޑީސީގެ މިހާރުގެ އެމްޑީ އެޗްޑީސީއާ ދެކޮޅަށް ހެކިބަސް ދީގެން.
ސީދޯ
07 July 2019
ސީ ލައިފް ވާނީ ސީ އަށް ދޯ ހަތް ފެނު ކައްކާ އަވިލީ ނަމަވެސް