ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މަޖިލިހުގައި. --- ފޮޓޯ: މަޖިލިސް
08 ޖުލައި 2019 - 09:59
ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވި މިހާރު ލަސްވަނީ ސްރީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ނުލިބޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ލުތުފީ، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް އެތަނުގެ ބެލުމުގެ ދަށަށް ދިޔައީ މިދިޔަ މެއި މަހުގެ 1 ގަ އެވެ. އެކަމަކު، ދެ މަސް ވީއިރު ވެސް ސަރުކާރުގެ އިދާރާތަކުން އެކަން އާއްމުނުކޮށް ތިއްބައި އެކަން ފަޅާ އަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ލުތުފީ ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުންދޭތޯ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވީ ލުތުފީ ގެނައުމަށް ލަންކާގެ އެޓާނީ ޖެނެރަލް އޮފީހުން ހޯދަން ޖެހޭ ލިޔުން މިހާރު ލިބިފައިވާ ކަމަށެވެ. އަދި މިހާރު މަދުވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ކަމަށާއި އެ ލިޔުން ލިބުމާ އެކު، ވީ އެންމެ އަވަހަށް ލުތުފީ ރާއްޖެ ގެންނާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު ސުވާލު ކުރައްވަނީ. --- ފޮޓޯ: މަޖިލިސް
ނުވަ އަހަރު ފިލައިގެން އުޅެފައި ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސް އަމާން ދިން ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވީ ޖެނުއަރީ 16، 2010 ގަ އެވެ. ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވީ މެޑިކަލް ބޯޑާއި ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ދީގެންނެވެ.
ލުތުފީ އިންޑިއާ އިން ފަރުވާ ހޯދަން ހުއްދަ ދިނީ ތިން މަސް ދުވަހަށެވެ. އަދި ލުތުފީ އަނބުރާ ނައުމާ ގުޅިގެން އޭނާ ހޯދުމަށް އެކި ފަހަރު މަތިން މަސައްކަތް ކުރި އެވެ. އިމްރާން ވިދާޅުވި ގޮތުގައި، ލުތުފީ ގެނައުމަށް އެކި ފަހަރު މަސައްކަތް ކުރި ކަން ލިޔެކިޔުންތަކުން ވެސް ފެންނަން އެބަހުއްޓެވެ.
އިމްރާން ވިދާޅުވީ ލުތުފީ އަމިއްލަ އަށް ގޮސް "އޭނާގެ ހަށިގަނޑު" އެމްބަސީއާ ހަވާލު ކުރުމާ ގުޅިގެން އެ ދުވަހުން ފެށިގެން ރާއްޖެ ގެނައުމަށް ފުލުހުން މެދުވެރިކޮށް މަސައްކަތް ފެށި ކަމަށެވެ. ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ލަންކާގެ އެކިއެކި މުއައްސަސާތަކުން އެއްވެސް ހުރަހެއް ނެތް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
"މިހާރު މަޑުކޮށްގެން މިތިބީ ލަންކާގެ ޑިފެންސް މިނިސްޓްރީން ލިބެން ޖެހޭ ހާއްސަ ހުއްދަ ނުވަތަ ލިޔުން ލިބުމާ އެކީގައި (ލުތުފީ) ގެނައުމުގެ ހުރިހާ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފައި،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި އެމްބަސީ އަށް ލުތުފީ ގޮސް އަމާން ދިނުމުން، ދިވެހި ސަރުކާރުން އޭނާ ގެނައުމުގެ އިންތިޒާމު ދެ ދުވަސްތެރޭގައި ހަމަޖެއްސި ކަމަށެވެ. އެކަމަކު، އެއީ ލަންކާގައި ބޮމުގެ ހަމަލާ ދިން ދުވަސްވަރު ކަމަށް ވާތީ، ލަންކާ ސަރުކާރުގެ ފުރިހަމަ ހުއްދައެއް ނުދެނީސް ލުތުފީ ގެނެސްފި ނަމަ، ރާއްޖެ އާއި ލަންކާގެ ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ.
ލަންކާގެ ނުވަ ތަނަކަށް އަމާޒުކޮށް، ބޮމުގެ ހަމަލާތައް ދިނީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.
"ލަންކާގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާ އަކީ ގޮތް ނޭނގޭ ބައިވަރު ކަންތައްތަކެއް ހުރި ކަމަށް ބެލެވޭ ހާދިސާއެއް. ފަހަރުގައި އެކަމާ ދިމާވެ، ލުތުފީ ކަންތައް ކުރި ގޮތުން އެކަމުގައި ވެސް ސުވާލެއް ކުރެވޭނެ ޖާގައެއް އޮވެދާނެ ކަމަށް ބަލައި އެކަން ކަން ސާފު ކުރަން ބޭނުންވީ،" އިމްރާން ވިދާޅުވި އެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލަ އަށް ފަހު އިންޑިއާގެ ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްގެން ގެންދަނީ.
ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރުވެފައިވާ ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ ތެރެ އަށް ވަދެގެންނެވެ.
ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލުމަށް ހިންގި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މެރުމަށް ހައި ކޯޓުން ނިންމި އެވެ. އެކަމަކު، މައުމޫން ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމް 25 އަހަރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ލުތުފީ ޖަލުގައި ހުކުމް ތަންފީޒު ކުރީ 21 އަހަރެވެ. އަދި އޭނާ ހުކުމް ތަންފީޒުނުކޮށް ބާކީ އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެއް ކަމަށް ވެސް ވިދާޅުވި އެވެ. ވިސާއެއް ނެތި ލުތުފީ ލަންކާގައި އުޅުމުން 2،500 ޑޮލަރު ދައްކަން ޖެހޭ ކަމަށް އިމްރާން މިއަދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާނާ
08 July 2019
އަނެއްކާ މިފަސް އަހަރުތެރޭ ތިޔަވިދާޅުވާ ލިއުމެއް ލިބޭނެބާ ތިޔަ ލިއުން ޕޮރިންޓްކުރާނެ ކަރުދާސް ލަންކާގަ އެބަހުރިތޯ؟ މިހުރިހާކަމެއްވެސް އިމްރާނު ސާފުކޮށްލަދެއްވިއްޔާ ކީއްތަވާނީ
ސާމާނުބެ
08 July 2019
ޑިފެންސް އިން ނެރެންޖެހޭ ލިޔުމެއް ނުލިބިގެން މަނިކުފާނުގެ މަސައްކަތް ހުއްޓިފަ ހުންނަން ޑިފެންސްއިން ލިއުމެއް ހަދަން ކިތައް އަހަރުނަގާބާ؟ ނޫނީ ޑިފެންސަކީ މިގައުމުގެ ޤާނޫނު ނުހިނގާ ތަނަކީތޯ؟
ވާލުސޮރު
08 July 2019
ލުތުފީއޭ ކިޔައިގެން ސިޔާސީ ފައިދާ ހޯދުމާއި ދޮގު ވާހަކަ ފަތުރަނީ ސިޔާސީ ގޮތުން ދެއްކޭނެ އެއްވެސް ވާހަކައެއް ނެތީމަ
ޝޮކްތެރަޕީ
08 July 2019
އިމްރާން ޖަޒުބާތުގަ ޖެހިގެން ދޮގު ހަދަނީ.
އުދުހޭ
08 July 2019
ރައްޔިތުން ޝައްކުމިކުރަނީ ފުލުހުން ލުތުފީ ފޮރުވައިގެން ގެންގުޅުނީކަމަށް! އަޅުގަނޑަށް ވިސްނޭގޮތުގައި އެމްބަސީއަށް ވަނީމަ ފޮރިންގ މިނިސްޓްރީއަށް އެކަން އެނގީމަ ފުލުހުންނަށް އެކަން ހިއްސާނުކޮށް އިތުން ގާތް. އެއީ ލުތުފީ ފޮރުވައިގެން ގެންގުޅެން ބޭނުންވާނެކަމަށް ވިސްނެނީ އަންނި އަދި އިބޫ. އިމްރާނާ ލުތުފީއަކާ އެއްވެސް ގުޅުމެއް ނެތް.
މަންޑޭލާ
08 July 2019
އިމްރާނަ ހެޔޮ މަގާމު ދިފާއު ކުރެވެނިކޮ. ޤައުމު އަޅުވެތިވިޔަސް. މަނިކުފާން އިސްތިއުފާ ދީ.
އެންފޯރމީ
08 July 2019
މިހާރުގެ ހޯމް މިނިސްޓަރު އަދި ޕޮލިސް ކަމިޝަނަރު އެއީ މަމެން ޕިންކީން ވަރަށް އިތުބާރު ކުރާ ދެ މީހުންނޭ މަމެންނަށް ޔަގީން ކަން އެބައޮތޭ އެމެން މަމެންނަށް އޮޅުވާލަން ދޮގު ނަހަދާނެ ކަމަށް މިރާއްޖޭން ޑްރަގް ނައްތާލަން މީންސް ހުރި ގޮތެއްގައި މަސައްކަތް ކުރަނީ ރައީސް އިބޫގެ ވެރިކަމުގައި ހޯމް މިނިސްޓަރު އިމްރާން އާއި މިހާރުގެ ޕޮލިސް ކަމިޝަނަރުއޭ މީ އެއްވެސް ބަޔަކަށް މިހާތަނަށް ވީ ކަމެއް ނޫނޭ މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ
ގިޓާ
08 July 2019
ސިޔާސީ ޙިމާޔަތް ދިނީތަ؟ ތިބާވަތުގެ ކަންކަން ނިންމަން ދަންޑަހިލު ހޯދަންވީނު! އެއީ ވަރަށްމޮޅު ގޮލައެއް! އިމްރާންމެންއުޅޭނީ މަޤާމު ދިފާޢުކުރަން! އެގޮލާމެން ކުރާނީ ކުރަންޖެހޭ ކަމެއް!
މުށި
08 July 2019
ނުލިބޭނެ.
ތުނިޔަ
08 July 2019
ތިކިޔާ ޑިފެންސްގެ ލިޔުން ލިބޭއިރަށް ބުނާނީ ލުތުފީގެ ފޫޅުމައި ފޯމު ނުނިބިގެނޭ ތޯއްޗެ!