ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ސުޕްރީމް ކޯޓު ބެންޗަށް އަންހެން ބޭފުޅުން އައްޔަން ކުރަން މެމްބަރުން ތާއީދު ކުރެއްވި.--- ފޮޓޯ: މަޖިލިސް
26 އޯގަސްޓް 2019 - 13:52
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން އެމަނިކުފާނަށް ތައުރީފް ކުރައްވައިފި އެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކުރުމާ އެކު އަލަށް ބެންޗަށް އިތުރުކުރަން ޖޭއެސްސީ އަށް ރައީސް ފޮނުއްވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަމެވެ. އަޒްމިރަލްދާ އާއި ޝުޖޫންގެ އިތުރުން އެހެން ބައެއް ފަނޑިޔާރުން ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އެވެ.
އެކަމަކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން އައްޔަން ކުރަން އުޅޭތީ އިލްމުވެރިންގެ މެދުގައި ވަނީ ހިލާފު އުފެދިފަ އެވެ. ބައެއް އިލްމުވެރިން ދެކޭ ގޮތުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަކީ މައްސަލައަކަށް ނުވިޔަސް، އެހެން މީހުންގެ ނަޒަރުގައި އެއީ މައްސަލައެކެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
އަންހެނުން ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އަންހެނުން ފަނޑިޔާރުކަން ކުރަމުން އަންނަތާ އެތައް އަހަރެއްވެފައިވާ ކަމަށެވެ.
"މިވަގުތު އަޅުގަނޑު ވާހަކަ ދައްކަމުންދާ އިރު ވެސް ރާއްޖޭގެ ކޯޓެއްގައި އަންހެން ފަނޑިޔާރެއް ޝަރީއަތް ކުރަމުން ދާނެ. މިހާރު ވެސް ކުރަމުންދާ ކަމެއް. އިސްލާމީ ގިނަ ގައުމުތަކުގައި، ހާއްސަކޮށް ސައުދީ އަރަބިއްޔާގައި މުސްލިމް އަންހެން ފަނޑިޔާރުން އެބަތިބި،" ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވާ އިރު، އެމީހުން އެކަހެރިކޮށްފައި ގައުމު ތަރައްގީކުރެވޭނެ އެއްވެސް ގޮތެއް ނުވިސްނެ އެވެ. އަދި އެމްޑީޕީގެ ވިސްނުމަކީ އަންހެނުން ބާކީކޮށްފައި ކަންކަން ކުރުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަންހެނުންނާ ނުލައި އެއްވެސް ކަމެއް ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ކުރެއްވި އެންމެ ރަނގަޅު ކަމަކީ ސުޕްރީމް ކޯޓަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރައްވަން ނިންމެވުން ކަމަށާއި އެކަމަށް ތާއީދުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ރައީސްކަމަށް އަންހެން ބޭފުޅަކު ގެންނަން މާ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޖާބިރު ވިދާޅުވީ އަންހެނުންނާ މެދު ނިކަމެތިކޮށް ވިސްނާ ބަޔަކު އުޅޭތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
ރާއްޖެ އަކީ މުސްލިމް ގައުމަކަށް ވާއިރު، ވައްކަންކުރާ މީހުންގެ އަތް ބުރި ނުކުރާ ވާހަކަ ދީނީ އިލްމުވެރިން ދައްކަނީ ކީއްވެގެންތޯ ޖާބިރު ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި އިސްލާމް ދީނާ އެއްގޮތަށް އަމަލުކުރާ ނަމަ އަތްފައި ހުންނާނީ ވަރަށް މަދު މީހެއްގެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޝަރުއީ ކޯޓަކުން ހުކުމް ކުރާ އިރު، އެންމެ މުހިންމު ކަމަކީ އަދުލަށް ހުކުމް ކުރުން ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އެމީހެއްގެ ޖިންސުގެ ވާހަކައެއް ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން އައިސްފައި ނުވާ ކަމަށް އަލީ ވިދާޅުވި އެވެ.
މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ އަދާލަތު ޕާޓީގެ ބަޔާން ކިޔާލުމުން ފަނޑިޔާރުކަމަށް އަންހެން ބޭފުޅުން އައްޔަން ކުރުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ކޮންމެ ކަމެއް ކުރެވޭނެ ވާހަކަ ބަޔާނުން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްލާމް ދީނުގެ އަސްލާ ހިލާފުވާ ކަންކަން ވަރަށް ރަނގަޅަށް އެބައޮތް ލިޔެވިފައި ގާނޫނުއަސާސީގައި. އެއީ އިސްލާމީ ކަންކަމުގައި އަޅުގަނޑުމެން އަމަލު ކުރާ ގޮތުން އެއްވެސް ދެބަސްވުމެއް ނުއުފެދޭ ކަންކަމަކީ އަސްލު ކަމަށް ބަލައިގެން. ދެބަސްވެވޭ ކަންކަން އަސްލު ނޫން ކަމަށް ބަލާފައި އޮންނަނީ. އެހެންވީމަ، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ލެވޭނެ،" ފަލާހް ވިދާޅުވި އެވެ.
ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އަންހެން އަދި ފިރިހެން ބޭފުޅުން ކުރާ މަސައްކަތަށް އެއްވެސް ހުރަހެއް އެޅިގެން ނުވާނެ ކަމަށެވެ. ފަނޑިޔާރުގެތަކުގައި އަންހެން ބޭފުޅުން ތިއްބެވި ކަން ފާހަގަ ކުރައްވައި ފަޒުލް ވިދާޅުވީ ސުޕްރީމް ކޯޓަށް އަންހެން ބޭފުޅުން އައްޔަން ކުރަން އުޅެއޭ ކިއާފައި ހުރަސް އެޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަން ފޮނުއްވުމާ އެކު، އެއީ އިސްލާމް ދީނުގައި ހުއްދަ ނޫން ކަމެއް ކަމަށް ވިދާޅުވެ ގިނަ ދިވެހި އިލްމުވެރިން ވާހަކަ ދައްކަވާއިރު، އެކަމާ ދެކޮޅަށް ފަތުވާ މަޖިލީހުން ވެސް ވަނީ ބަޔާން ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަވާދު
26 August 2019
އަޅުގަނޑު މަޖިލީހުގެ މެމްބަރުން ކާރިން އަހާލަން ބޭނުންވަނީ %100 ކިތައް ޤަވްމު މި ދުނިޔޭގައި އެބައޮއިތޯ
ނަން
26 August 2019
ރައްޔިތުންގެ ވޯޓަކަށް ދިޔަޔަސް އެެއްކޮޅަށް %85 ވޯޓު ލިބޭނެ
1234
26 August 2019
ތިތާ ގިނައީ ނަޝީދު ބުނާ ފިތައް ދުއްތާ މީހުން ވީމަ ޔާމީނެކޭ ނެތް އެއްވެސް ތަފާތެއް
ސަކީނާ
26 August 2019
އަންހެނުން ކާރު ދުއްވުން މަނާކަމަށް ބުނާ އިލްމުވެރިންވެސް އުޅޭ. ބޯހަލާކު!
ކިޓް
26 August 2019
އަންހުނުންނާ ނުލާ ފިރިހެނުންނަށް އެއްވެސް ކަމެއްނުވާނެ ވާހަކަ އިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް. ފިރިހެނުން މާބޮޑަށް ނިކަމެތިވެ ބާރުވެރިކުރުވަންޖެހިފައިވާ ހާލަތަށް ކަންކަން ގޮސްފައިވާ ކަމުގެ ނިޝާނެއް. ދީނުގައިވަނީ އަންހެނުންނާ ފިރިހެނުން ހުރިހާ ކަމެއްގައި އެއްވަރުކޮށްފައެއްނޫން. އެހަގީގަތާ އިދިކޮޅަށް ބަޔަކު އެބަވަރަށް މަސައްކަތްކުރޭ. ދުނިޔޭގެ ތަހުޒީބުން އެކަހެރިވުމަކީ މާ ހަޑިކަމަކަށްވާ ބަޔަކު އެނަން ނޭޅެންވެގެން ލައްކަ ހިސާބަށް ކަންކަން ގެންދާނެ.
މެސީ
26 August 2019
ސޯ ވަޓް؟
އަހްމަދު
26 August 2019
މަޖިލީހުގައި ގިނައީ އެމްޑީޕީ މެމްބަރުން. އެހެންވީމާ ތާއީދު ވެސް ގިނަވާނެ.
ހަނު.
26 August 2019
ދެން އޮޕޮޒިޝަނުން މެންބަރުން ކީކޭ ބުނީ؟ ހަމަ ތާއީދުކުރީ.. އޮޕޮޒިޝަން ޕާޓީވެސް އޮތީ ހަނު
މަ މިއު މަ (އޮފްލައިން)
26 August 2019
މަޖިލީހުގަ މިވާހަކަ ދައްކަން ޖެހުމީ ވެސް ދެރަ ކަމެއް. އަންހެނުންގެ ތެރޭ ކުޅަދާނަ މީހުން ހަމަ ގިނަ.
ކުލުނު1
26 August 2019
ވަރަށް ރަގަޅު ވާހަކައެއް ތިވިދާލުވީ.