ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރީގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ. ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީ ޓެރަރިޒަމްގެ ބިލް ވަނީ މަޖިލިހުން ވަނީ ފާސްކޮށްފައި.-- މިހާރު ފޮޓޯ: ހުސެއިން ވަހީދު
30 ސެޕްޓެމްބަރ 2019 - 11:32
ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވި ބިލް، 19 ވަނަ މަޖިލިހުގެ ދައުރުން ބޭރުން ބޭއްވި ތިން ވަނަ ޖަލްސާގައި ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.
ބިލްގައިވާ ގޮތުން ބޮޑެތި ކުށްތަކުގައި ކޯޓު އަމުރަކާ ނުލައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމާއި ބަލައި ފާސް ކުރުމުގެ ބާރު ވަނީ ފުލުހުންނަށް ދީފަ އެވެ. އަދި ބިލްގައި ޓެރަރިޒަމްގެ އަމަލުތަކާއި އެފަދަ ކުށްތައް ކުރާ މީހުންނަށް ބޮޑެތި ޖަލު ހުކުމްތަކެއް ދެވޭ ގޮތަށް ބިލްގައި ހިމަނާފައިވެ އެވެ.
ޓެރަރިޒަމް ކަމަށް ބިލްގައި ބުނެފައި ވަނީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް
- މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން.
- ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން.
- ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން.
- މުދަލަށް ބޮޑެތި ގެއްލުން ދިނުން.
- ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން.
- ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާ ހާލަތެއް ކުރިމަތިކުރުވުން.
- އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑާލުން.
ބިލްގައި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އަދި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ ވެސް ބިލްގައިވާ ގޮތުން ބޮޑެތި އަދަބުތަކެއް ލިބޭނެ ކުށެކެވެ.
ބިލްގައިވާ ގޮތުން ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވޭނަމަ ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް އޮތީ ލިބިދީފަ އެވެ. ޓެރަރިޒަމްގެ އަމަލެއް ކުރަން ރާވާ މީހާ ހައްޔަރު ކުރަން ވެސް ބިލްގައިވާ ގޮތުން ކޯޓު އަމުރެއް ހޯދާކަށް ނުޖެހޭނެ އެވެ.
މީގެއިތުރުން ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރާ ނަމަ، ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނެ ކަމަށް ބިލްގައިވެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ނުވަތަ އުކުޅެއް ދަސް ކުރަން އުޅެފި ނަމަ ވެސް އެމީހަކު ކޯޓު އަމުރާ ނުލައި ހައްޔަރު ކުރެވޭނެ ކަމަށް ސަރުކާރުން ހުށަހެޅި ބިލްގައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
ސަރުކާރުން އެންމެ ފުރަތަމަ މަޖިލިހަށް ބިލް ހުށަހެޅި އިރު، އޮތީ ހައްޔަރުކުރާ މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެ ކަމަށެވެ. އެކަމަކު، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބިލް ދިރާސާކޮށްގެން ނިންމީ އެ މުއްދަތު 24 ގަޑިއިރަށް ކުޑަ ކުރުމަށެވެ.
ބަލައި ފާސްކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލައި ފާސްކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.
ބިލްގައި ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ދިއުން ހުއްޓުވުމަށާއި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރުން ހުއްޓުވުމަށާއި ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހުންނާ މެދު އަމަލު ކުރާނެ އިޖުރާއުތައް ވަނީ ބަޔާންކޮށްފަ އެވެ. އަދި ސިޔާސީ ކަންކަމާ ގުޅިގެން ޓެރަރިޒަމް ގާނޫނުގެ ބޭނުން ކުރުން ހުއްޓުވުމަށް ޓެރަރިޒަމްގެ އަމަލުތައް ބިލްގައި ތަފްސީލްކޮށްދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓޭކް
30 September 2019
އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑާލުން. މިހެން އޮތުމުން ވަރަށް ގިނަ ބަޔަކަށް އޮޅުން އަރާނެ. މަޖިލީހުން ފާސްކުރި ބިލުގައި އޮތީ "މެދުކަނޑުވާލުން" .
ސަންފަގެއަލީ
30 September 2019
ވަރަށް ރަގަޅު ކަމެއް. ފުލުހުން ތެދުވެރިކަމާއިއެކު ހިފާގެންގުޅުމަށް ރަގަޅު ހަތިޔާރެއް. މިއީ ޓެރަރިޒަމް ނޫނަސް ބޮޑެތިކުށްތައް ހުއްޓުވުމަށް ރަގަޅުބިލެއް. އެކަމަކު ސައްކުކުރެވެނީއޭބުނެ ޖެއްސުމަކަށް ޒާތީވެ ކަމެއްނުކުރާހާލުވެސް ހަނޑަސްބުރީގަ ހުންނަމީހާއަށް ދަންދެން ފާސްނުކުރާނެ ކަމަށް އުއްމީދުކުރަން
އަލީބަލީ
30 September 2019
ޔާމީނު ސަރުކާރުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ބަންދުކުރީ މުޅީންވެސް ސިޔާސީ އިދިކޮޅު މީހުން. މީގެ ސަބަބުން މީހުން ހިތުގައި އަދިވެސް މި ގާނޫނާއި މެދު އިތުބާރުގެއްލިފައި މި އޮތީ. ނަމަވެސް މި ސަރުކާރުން މި ގާނޫނުގެ ދަށުން ސިޔާސީ މީހުން ބަންދު ނުކުރާނެކަން ހަމަ ޔަގީން.
ހަސީނާ
30 September 2019
ރައީސް ނަޝީދު އުފާވާނެ! ސަބަބަކީ ނަޝީދުގެ އެޖެންޓާގެ އެއް އައިޓަމް ތިޔަ ހާސިލްވީ! ނަޝީދުގެ ވިލާތު އަދި އިންޑިޔާ ގުރޫޕްވެސް ވަރަށް އުފާވާނެ! ޔާމީންވެސް ވަރަށް އުފާވާނެ! ޗައިނާވެސް އުފާވާނެ! ދެރަވެ ނިކަމެތިވީ މިދިވެހި ގައުމު އެންމެ އާދައިގެ ރައްޔިތުމީހާ!
ފުވައްމުލަކި މީހާ
30 September 2019
އިސްލާމް ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ހަޖޫ ޖަހާމީހުނަށް ހިމާޔަތްދީ ފިޔަވަޅު ނޭޅުމަކީ ދީނީ ހައްދު ފަހަނައަޅައި ދިއުމަށް މަގުފަހި ކުރާ ސަބަބު ކަމަށްވީހިދު އިސްލާމްދީނަށް ފުރައްސާރަކުރާ މީހުނަށް ފިޔަވަޅު އެޅޭނެ ގޮތެއް މިބިލުގައި ނެތުމަކީ މި ބިލުން ހާސިލްކުރަން ބޭނުންވާ މަގުސަދު ހާސިލް ވުމަށް އޮތް ހުރަހެއް.
ހޯލި
30 September 2019
ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމަކީވެސް ޓެރަރިޜަމް ކަމަށްވާނަމަ އެމްޑީޕީގެ ފިކުރު ކުރިއަރުވަން ކުރާ މަސައްކަތަކީވެސް ޓެރަރިޜަމްގެ އަމަލަކަށް ވާނެއެވެ.
ބަސްބޯކަލޭގެ
30 September 2019
އަޅުގަޑުވެސް ޓެރަރިޒަމާއި ދެކޮޅު އެކަމަކު މިއޮންހާދުވަހު އެމްޑީޕީއިން ދެއްކިވާހަކަ މިޖެހުނީ އެކޮޅުކޮޅުން! އަބަދު ވެރިކަމުގައި ތިބޭނީ ސޯލުހުން ނެއް ނޫން މިއީ ސިޔާސީމީހުންނަށާއި ސިޔާސީ ހަރަކާތަށް ކުރިމަތިކުރުވި ހުރަހެއް
ސަކީނާ
30 September 2019
ތަންތަން ގޮއްވާ ބޮންއަޅާ އެތައް ބައެއްގެ ފުރާނަ ނަގާލަން ހިއްވަރުދޭ މީހުން ޓެރަރިސްޓުން
ސައި
30 September 2019
ފުލުހުންނަށް ތިހާ ބޮޑު ބާރެއްދިނު މަކީ ރައްޔިތުންނައްހުރިބިރުވެރިކަ މެއް އެ މީހުން ނުރުހޭ މމ މީހެއްވިއްޔާ ހަދާނީ ޓެރިރިސްޓަކައް މާޒީން ޢިބުރަތް ލިބެންޖެހޭ
މުހުސިންބެ
30 September 2019
ރައީސް ޔާމީނުގެ ސަރުކާރުގައި މިއަދު މިފާސްކުރި ބިލު ފާސްކުރިނަމަ ބިލަށް ވޯޓްދެއްވި ހުރިހާ މެމްބަރުންގެ ފޯޓޯ އެކޮޅުކޮޅުން ޖަހާނެ.