އެމްޑީއެން ރިޕޯޓުގެ ބޭރުގަނޑު: ދީނަށް ފުރައްސާރަ ކުރި ރިޕޯޓް ލިއުނު އެކަކު ވެސް ރާއްޖޭގައި ނެތް.
14 އޮކްޓޯބަރ 2019 - 16:24
އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓް ނެރުނު މައްސަލައިގައި ފިޔަވަޅު އެޅުން ލަސްވާ އިރު، އެ ރިޕޯޓް ލިއުނު އެކަކު ވެސް ރާއްޖޭގައި މިވަގުތު ނެތް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މި ރިޕޯޓުގެ މައްސަލަ ބޮޑުވި އިރު، އެ ޖަމިއްޔާގައި އިސްކޮށް އުޅުއްވި ޝަހިންދާ އިސްމާއިލް ހުންނެވީ ޖަރުމަނުގަ އެވެ. އެ ޖަމިއްޔާގައި، މި ރިޕޯޓް ލިއުމުގައި ދެން އުޅުނު ބައެއް މީހުން ވެސް މިހާރު ރާއްޖޭގައި ނެތް ކަން ވަނީ އެނގިފަ އެވެ.
"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.
ފާޅުކަން ބޮޑު ގޮތެއްގައި ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހާފައިވާ އިރު ރިޕޯޓް ލިއުނު މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްވާ މައްސަލައިގައި ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމްޑީއެން އުވާލަން ގޮވާލަނިކޮށް، ސަސްޕެންޑް ކުރުމަކީ ފިޔަވަޅެއް ކަމުގައި މި މައްސަލައިގައި އިސްކޮށް އުޅުއްވާ އިލްމުވެރިން ބަލައެއް ނުގަނެ އެވެ.
އެ މީހުން ގޮވާލަނީ ތަހުގީގަށް ހާޒިރުކޮށް ރިޕޯޓް ލިއުނު މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާށެވެ. ޓެރަރިޒަމަށް ހިތްވަރުދީ ބަސް ބުނާ މީހުން ހައްޔަރުކުރާ އިރު ދީނަށް ފުރައްސާރަކުރި މައްސަލައިގައި ފިޔަވަޅެއް ނާޅާ ކަމުގެ ތުހުމަތާ އެކު ފުލުހުންނާއި ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
މައްސަލަ ފެންމަތިވެ ތަހުގީގު ކުރަމުން އަންނަތާ ދެ ހަފުތާ ވި އިރު ފުލުހުން ކުރި ކަމެއް އާއްމު ނުކުރުމަކީ ވެސް ނުރުހުން އަމާޒުވެފައި އޮތް މައްސަލައެކެވެ. މިހާތަނަށް އެކަމުގައި މީހަކާ ސުވާލު ކުރި ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
ތަހުގީގާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން ފުލުހުންގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ އާއްމު ގޮތެއްގައި، ތަހުގީގު މަރުހަލާގައި ކަންތައް ހިނގަމުންދާ ގޮތް އާއްމު ނުކުރާ ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުން ދަނީ ޚާއްސަ އިސްކަމެއް ދީގެން އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، އެ މައްސަލައިގައި އެޅި ފިޔަވަޅެއް އަދި ތަހުގީގުގެ އެއްވެސް މައުލޫމާތެއް ހާމަނުކުރާތީ ފާޑުކިޔުން ބޮޑެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ތުހުމަތުކުރާ ގޮތުގައި، ރިޕޯޓް މައްސަލައިގައި މި ސަރުކާރުން އެމްޑީއެން އަށް ފިޔަވަޅެއް ނާޅާނެ އެވެ. ސަބަބަކީ އެ ޖަމިއްޔާގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ބައެއް މީހުން ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވުން ކަމަށް ވެސް ދަނީ ބުނަމުންނެވެ.
އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދިމަތްކުމް
15 October 2019
އެހެނެއްނު ވާނީ އެންމެން ފުރުވާފަ ތިކަމާ އުޅުނީމަ
އަބްދުއްالله
15 October 2019
އިންޓަޕޮލް އަށް އަންގާލައިގެން އެ މީހުން ނުގެނެވެނީތަ؟ ނޫނީ އިންޓަޕޯލުން ބަލަނީ އެމީހުން ކުށެއް ނުކުރާކަމަށްތަ؟ ކޯޝްޓުގާޑުގަ ހިތްވަރުގަދަ ސިފައިންގެ ކުދިންކޮޅެއް ފޮނުވައިގެން ވެސް އެ މީހުން ނުގެނެވޭނެތަ؟
ތުކި
15 October 2019
ތިޔަބުނާ މީހުންގެ ނަންތަށް ހާމަނުކުރެވިގެން ތިއުޅެނީ ކީއްވެތޭ .. އެވެރިންނަށް އަހަރެމެންގެ ޓެކުސް ފައިސާއިން ލޯލާރިއެއްވެސް ދީގެން ނުވާނެ.. މިބުނީ ނުވާނެއޭ
ކޮލެޖު ބޯއި
15 October 2019
އެމްޑީ އެންގެ އެ ރިޕޯޓު ގެ ހިއްސާދާރެއް ރައީސް އޮފީހުގެ ޓެރަރިޒަމް ކޮންސަލްޓަންޓް ބޯޑު އަޅުވައިގެން އިން ނޫސީން ވަހީދަކީ. މައްސަލަ ޖެހިގެން އޭނާ އެމްޑީއެން އިން އިސްތިއުފާ ދިނަސް، އޭނާގެ ވެރިކަމުގައި ނެރުނު ރިޕޯޓް ތަހުގީގުކުރެވެން ޖެހޭނީ އޭނާވެސް ހިމެނޭގޮތަށް. އިސްތިއުފާ ދިނުމަކުން، ތިމާ ކުރިން ކުރި ކުށަކުން ނުފިލޭނެ. ނޫޝީން ޖެހޭނީ ތަހުގީގުކުރެވެން.
މުޙުއްމާ
15 October 2019
ނައަޅާނެ އެއްވެސް ފިޔަވަޅެއް. ޝަހިންދާއަށް ވެސް މާލެއައިމަ ބޮޑު މަޤާމެއްދޭނެ. ފިޔަވަޅު ދެންވެސް އަޅާނީ ރައްޔިތުން. އެއީ މިއައްނަ ރިޔާސީ އިންތިޚާބުގައާއި މަޖްލިސް އިންތިޚާބުގަ.
މޯލްޑިވިއަން
15 October 2019
އަހަރެމެން އެމްޑީޕި އަށް ވެރިކަން ދިނީ މިކަހަލަ ކަންތަކަށް ފިނިޖަވާބުދޭކަށް ނޫނެވެ. އިސްލާމްދީނަށް ފުރައްސާރަކުރާކަށް އެއްވެސް ދިވެރައްޔިތަކު ބޭނުމެއްނުވާނެވެ. ސަރުކާރުގެ މަޤާމްތަކުގައި އެމީހުން ތިބުމަކީ ވޯޓްދިންމީހެއްގެ ހައިސްޔަތުން ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ރައީސް އޮފީހުގައި އުޅޭ އެގުރުޕު އެއޮފީުންބޭރަށް ލާން އެބަޖެހެއެވެ.
އުވާލާ
15 October 2019
މިކަމުންވެސް އެނގެނީ އެންޑީއެން އުވާލަން ޖެހޭކަމެވެ. މިހާރު އެޖަމިއްޔާގެ ބެލެނިވެރި ފަރާތެއް ނެތީއެވެ. އެހެންކަމުން، މަގުމައްޗަށް ދޫކޮށްލާފަ ހުންނަ ގިނަ ދުވަސްވީ މުދާ ސަރުކާުރުން ނަގާ ނައްތާލާފަދައިން، އެ ޖަމިއްޔާގެ ކަންތަކާ ހަވާލުވެ އަވަހަށް މިޖަމިއްޔާ އުވާލަންވީއެވެ!
ނެގުނުކަތީބު
15 October 2019
އޭގެ އެންމެ ބޮޑުމީހާ އެބަހުއްޓޭކިޔާތީ އަޑުއިވޭ! މިހާރު އެއީ ވަރަށް ބޮނޑުމީހެކޯ.
ހަކީމް
15 October 2019
މިއަދު އިމްރާނުގެ ހިލަމެއް ނުވޭ ...
ބޮޑުމީހާ
15 October 2019
ތި ގަސްތުގަ ކުރިކަމެއް. ރިޕޯޓް ނެރުނު ވަގުތާއި ތީގެއިން އެއްވެސް މީހަކު ރާއްޖެނެތުމަކީ ރާވައިގެން ކުރި ކަމުގެ ހެއްކެއް. ދެން ރަގަޅީވެސް ތިތަނުން މީހަކު ރާއްޖެ ނައިއްޔާ