މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ފެށި "ކޯޕަރޭޓް ސްކޮލަޝިޕް" ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅުފައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 އޮކްޓޯބަރ 2019 - 20:30
ވަޒީފާގެ ބާޒާރުގެ ކަންކަން ފެނިވަޑައިގަންނަވަނީ އެންމެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ފެށި "ކޯޕަރޭޓް ސްކޮލަޝިޕް" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ ގާބިލް، ހުނަރުވެރި އަދި އުފެއްދުންތެރި ޖީލަކާ ނުލާ އެއްވެސް ގައުމެއް ކުރިއަރައި ގޮސްފައި ނުވާ ކަމަށެވެ. ރާއްޖޭގެ އެކި ދިމާލަށް ބަލާއިރު ވެސް ތަރައްގީގެ އެކި މަޝްރޫއުތައް ފެންނަ ކަމަށާއި ނަމަވެސް އެ ހުރިހާ ކަމެއް ބޭރުގެ މީހުންގެ އަތްމައްޗަށް ދޫނުކޮށް އަމިއްލަ އަށް ކަންކަން ހަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، ދިވެހިންނަށް އަދާކުރެވޭ ކިތައްމެ ވަޒީފާއެއްގައި ބޭރު މީހުން އެބަތިއްބެވެ. އެހެންވެ، އެއީ ވަޒީފާގެ މާހައުލުން ފެންނަ ހިތްހަމަނުޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހުރިހާ ދިމާލަކަށް ނަޒަރު ހިންގާލާއިރު އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫން ވަޒީފާގެ ބާޒާރުގައި ކަންކަން ފެންނަނީ. އެކިއެކި ދާއިރާތަކުގައި، ދިވެހިންނަށް އަދާކުރެވޭ ކިތަންމެ ގިނަ ވަޒީފާތަކެއްގައި ބޭރު މީހުން އެބަތިބި. އެއްގޮތަކަށް ވެސް ބޭރު މީހުންނާ ނުލައި ކުރިއަށްދާ ވާހަކައެއް ނޫން މި ބުނީ. ގައުމެއް ކުރިއަރައި ދާނީ ވީހާ ވެސް ގިނަ ތަޖުރިބާ ހުރި ބައެެއްގެ ބޭނުން ހިފިގެން، އެއްކޮށް މަސައްކަތްތަކެއް ކޮށްގެން،" ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކޮލެޖުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިންނަކީ މަސައްކަތަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. ވަޒީފާތަކަށް ތައްޔާރުވެވި އަދި ވަޒީފާ އަދާކުރުމުގައި ވަގުތަށް ކަމޭ ހިތާ ބަޔަކަށް ހެދިގެން ނޫނީ ބޭނުންވާ ތަރައްގީ ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ފެށި "ކޯޕަރޭޓް ސްކޮލަޝިޕް" ސްކީމްގައި ބައިވެރިވި، އެޗްޑީސީއާއެކު ސޮއިކުރުމަށްފަހު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް (ކ) އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ފޮޓޯއަކަށް ހުއްޓިވަޑައިގެން .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މަސައްކަތުގެ ވަގުތުގައި ވަޒީފާ އަށް ވަރަށް ބޮޑަށް އަހައްމިިއްޔަތު ކަމެއް ދޭން ޖެހޭކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ދިވެހިންނަކީ ހިންގުންތެރި ބަޔަކަށް ވާން ޖެހޭ ކަމަށެވެ. ދިވެހިންގެ އަސްލު ހުނަރު ދައްކައި ނެތިގެންދާ ކަންކަން އަލުން އިޔާދަ ކުރަން ޖެހޭ ކަމަށާއި އެ ހުރިހާ ކަމަކަށް ވިސްނަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ގައުމަކަށް ހަމަޖެހުން އަންނަނީ އެކުގައި ކުރެވޭ މަސައްކަތުން ކަމަށާއި އެކަމުގައި އެއްވެސް ބަޔަކު ބާކީ ނުވާނެ ކަމަށެވެ. އަދި ގައުމުގެ ތަރައްގީއަށްޓަކައި މަސައްކަތްތަކެއް ކުރާ ނަމަ އެންމެން އެކައްޗެއް ކިޔައި އެއް މިސްރާބަކަށް ދަތުރު ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ޒުވާނުންނަށް އަޅުގަނޑު ގޮވާލަން ބޭނުންވޭ ވަޒީފާގެ މާހައުލުގައި އަޅުގަނޑުމެން އިިތުރު ސަމާލުކަންދީ އެހެން ފަރާތްތަކުން އަޅުގަނޑުމެންނަށް އަދާކުރެވެން ހުރި، ކުރެވެން ހުރި ކަންތައްތަކުގެ މައްޗަށް އަތްގަދަ ކުރުމުގެ ފުރުސަތު އަޅުގަނޑުމެން އެއްގޮތަކަށް ވެސް ދީގެން ނުވާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސައްރަބޭ
21 October 2019
ސަރުކާރުތައް ވިޔަފާރިވެރިންގެ ދަށުވެއޮވެ ވަޒީފާގެބާޒާރަށް ގެނެސްދެވޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެ. ސަރުކާރުތަކަށް އެއްޗެކޭބުނެވިދާނެ. އެކަމަކު ކުރެވޭނެ ކަމެއްނޯންނާނެ.
ކިއްލިބާޝާ
21 October 2019
އަނގައެއްއޮތަކަސް އަމަލުނެތިއްޔާ އެ އަނގަ ބޭކާރެވެ.
ވާލުސޮރު
21 October 2019
ޕާޓޭ ފެޝަން ތައާރަފްވީ ފަހުން ދިވެހިން ހާއްސަކޮށް ޒުވާނުން މަސައްކަތެއް ކުރާކަށް ބޭނުމެއްނުވޭ، އެމީހުން ބޭނުންވާ އަންހެންކުދިންވެސް ބޭނުންވަނީ އެބުނާ 'ފުލްޓައިމް ބޯއިފްރެންޑު' އެހެންވީމާ މަސައްކަތް ކުރާ މީހަކަށް އެވަރަށް ހޭބަލިވެގެން ފުލްޓައިމް ބީއެފްއަށް ނުވެވޭނެތާ.
ޑޯން
21 October 2019
މިގައުމުން ބަންގާޅިން ބާލައިގެން.. ...ދިވެހިންނަށް ޗާންސް އޮތީ އޭރުން ސޭޓް މިހާއަށް މަޖުބޫރުވާނެ ދިވެހިންނަށް ދޭން
މޯދީ
21 October 2019
މިގައުމަށް ބޭނުމީ ލޭބަރުންނާއި ޓެކްނިކަލް މީހުން އަދި ރިސޯޓްތަކަށް ޖީއެމުން! ދެން ހުރި ހުރިހާ މަގާމަކަށް ދިވެހިން އެބަހުރި ލިބެން! ސްރީލަންކާ މީހުންނަށް ޚާއްސަ ކަމެއްނޫން ފައިނޭންސްދާއިރާގަ މަސައްކަތްކުރުމަކީ!
ތޯއި
21 October 2019
ހަމަ ގައިމުވެސް އެކައުންޓިން ފީލްޑްގައި ދިވެހިން ތަމުރީނު ކުރެވިފައި ތިބެމެ ލަންކާ މީހުން ޑޮމިނޭޓް ކުރަނީ ބޭރުގެ 3 އޮޑިޓް ފާމާއި ލަންކާއެކައުންޓެންޓުން ދިވެހިންނާއި ދޭތެރޭ ގެންގުޅޭ ޖައްސައިލުމުގެ ސިޔާސަތުގެ ސަބަބުން. ލަންކާ އެކައުންޓެންޓުން ބޭނުން ވަނީ އޮޑިޓް ފާމް މެދުވެރިކޮށް އެމީހުންގެ ރަށުމީހުން ހަޔަރ ކުރަން. ރިސޯޓުތަކުގައި ތިބޭ ރަނގަޅު ދިވެހިންވެސް ފޫހި ކޮށްލާ ކެނޑެން މަޖުބޫރު ކުރުވަނީ މިމީހުންގެ ބާރު މިތަނުގައި ބާއްވަންވެގެން
އައިސްތު
21 October 2019
މަގޭ ތަޖުރިބާ އަކީ އެކައުންޓެންޓުންނަށް ލަންކާއިން އަންނަ މީހުން ދިވެހިން ފިއްތާލަނީ. އެމީހުންގެ އެއްވެސް ޕްރޮފެޝަނަލް ކަމެއް ނުހުރޭ. ވެރިންކައިރީ ދޮގުހަދައިގެން ވާހަކަ ދައްކައިގެން ނަމަވެސް ތިރިން ތްރެޓެއް ފެންނަން އިނިއްޔާ އެދުއްވާލާނެ. ދިވެހިންނަކީ އެމީހުންގެ ވަޒީފާއަށް ތްރެޓްއަކަށް ވެފައި އޮންނަނީ. ދެންބޭރު މެނޭޖްމަންޓްތަކުން ވަރަށް ފަސޭހައިން އެމީހުން ދައްކާ ވާހަކަ ޤަބޫލު ކުރޭ
ނަން
21 October 2019
މި އަކީ ހުސް އަނގައެކެވެ. އަނގަ ތަޅާގެން ޤައުމުގެ ވަޒީފާ ބާޒާރެއް ހައްލެއް ނުކުރެވޭނެއެވެ. ހައްލު ކުރަންޏާ، ބޭރު ފޮޓޯ ގުރަފަރުން ފުރުސަތު ނުދިން ގޮތަށް، ދިވެހި އެކައުންޓެންޓްއައި ދިވެހި އައި.ޓީ މީހުންނަށް ރިސޯޓް ތަކުން ފުރުސަތު ދޭށެވެ. އޯ.ލެވެލް އޭލެވެލް އެކައުންޓުއިން ދުނިޔޭގެ ރަންވަނަ ހޯދާ މީހުންގެ ބޭނުމެއް ނެތެވެ. ރާއްޖެ އަހިސް އުޅެންޖެހެނީ ވަޒީފާ ލައިން ސްޓާފް ވެސް ރިސޯޓް ނުލިބެއެވެ. ވަރޒީފާ ދީފިނަމަ ބޭރު ޓީމް އިން ޒާތީވެ ޖައްސާލައެވެ.
ހުވަދޫ ޑޮކް
21 October 2019
ސަރުކާރުގެ އިޚްލާސްތެރިކަމާއި މެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގިލަންވެރިކަމާއި ހިތްނުތަނަވަސްކަން މިވަނީ އެންމެ މަތީ ދަރަޖައަށް ގޮސްފައި!! " ބިޔަ ބޮޑު ކޯލިޝަނުން ވެރިކަމަށް އަންނަ ގިނަ ވަޢުދުތަކެއްވި އެހެނަސް " ހައްޤުވާ މިންވަރު " ގެ ވަޢުދާއި ސަރުކާރުގެ ޢަމަލާއި ދިމާނުވެ، މިއަދާއިހަމައަށްވެސް ރައްޔިތުންގެ އިޚްސާސްތަކަށް އިޚްތިރާމެއް ކުރެވިފައެއް ނެތް! ފެންނަނީ ސަރުކާރުގެ މަކަރުވެރިކަމާއި ހީލަތްތެރިކަން ކޮންމެކަމެއެއްގައިވެސް މެ !!
ދޮންހިޔަލަ
21 October 2019
އެކައުންޓެންޓްސް، އޮޑިޓަރުން، އިކޮނޮމިސްޓްސް، ޓީޗަރުން، ނަރުހުން މި މީހުން ދިވެހިރާއްޖޭގަ ވަޒީފާ ނެތި ތިބެން ޖެހުން ޤަބޫލެއް ނުކުރެވޭ. ރިސޯޓުތަކުގަވެސް އެކައުންޓެންޓްސްއަށް ލަންކާ މީހުން. ދިވެހިރާއްޖޭގަ މި ދާއިރާތަކުން ކިޔަވައިން ތިނި މީހުން މަދީތަ؟ މިކަންތައްތަކަށް އެބަޖެހޭ ޤަވާޢިދުތަކެއް ހެދި ލިމިޓްކުރެވެން ބޭރުމީހުން މިދާއިރާތަކަށް އަންނަވަރު. ހޮޓެލްތަކުގަ ރިސެޕްޝަންގަ ޕިލިޕީންސް ކުދިން. އަޅެ ދިވެހިރާއްޖޭގަ ނެތީތަ ހަމަ މިތާނގަ ތިބޭނެ ކުދިން.
ބާޒާރު
21 October 2019
ވަޒީފާގެ ބާޒާރެއް އޮންނާނީ އާންމު ވިޔަފާރިތައް ހިނގައިގެން. ފިހާރަތަކުން ވިޔަފާރިކުރާ މީހުން މަދުވެއްޖެ. ފިހާރަތައް ނުހިންގިގެން ބަންދުކުރާ މީހުން ގިނަވެއްޖެ. ދެން އޮންނާނީ ކޮން ވަޒީފާގެ ބާޒާރެއްތޯ؟