ޚަބަރު / އިދިކޮޅު ފަރާތްތައް

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ހިންގަނީ ޖަރީމާއެއް: އިދިކޮޅު

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ބަޑި ބުރާސްފަތި"ގެ ނަމުގައި އިދިކޮޅު ޕާޓީތަކުން އިންތިޒާމުކޮށްގެން ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދުގައި ބޭއްވި އެއްވުން ކޮންޓްރޯލް ކުރަން ފުލުހުން މަސައްކަތް ކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސަރުކާރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި މިހާރު ހިންގަނީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ތުހުމަތުކޮށްފި އެވެ.

ޕީޕީއެމާއި ޕީއެންސީ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކަމަށް ބުނެ، ޝަރުއީ ކޯޓުތަކުގައި ހިނގާ ވަކިވަކި މައްސަލަތަކަށް ނުފޫޒު ފޯރުވުމަށާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމަށް ސަރުކާރުންނާއި ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރައްވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް، ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ މެމްބަރުން ބިރު ދައްކާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެން އެމްޑީޕީ މެމްބަރުންގެ ނުރުހުން އޭނާ އަށް އަމާޒުވި އެވެ. އަދި އޭނާ ވަގުތުން ސަސްޕެންޑް ކުރަން އެ މެމްބަރުން ގޮވައިލެއްވި އެވެ.

"ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ހުކުމް ކުރުމަށް ނުފޫޒު ފޯރުވުމެއް ނޫނެވެ. އަދި ރިޔާސީ އިންތިހާބުގައި އެމްޑީޕީން އަދުލު އިންސާފުގެ ދާއިރާ އިސްލާހު ކުރުމަށް ވެފައިވާ ވައުދަކީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ވަކި މަގްސަދެއް ހާސިލް ކުރުން ކަމުގައިވާ ނަމަ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެ އެވެ.

"ހަމަ އެއާ އެކު، ޖޭއެސްސީ އަކީ ސަރުކާރާއި އެމްޑީޕީން ސިޔާސީ ޓޫލެއްގެ ގޮތުގައި ބޭނުން ކުރާ އެ ޕާޓީ އަށް ނިސްބަތްވާ ބައެއްގެ ކޮންޓްރޯލް އޮވެގެން ހިންގާ ޖަގަހައެއްގެ ގޮތުގައި މިއަދު ވެފައި އޮތުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" ޕީޕީއެމް/ޕީއެންސީ

ކޯޓުތަކުގެ މިނިވަން ކަން ރައްކާތެރިކުރުމާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށް ދިނުމަކީ ދައުލަތުގެ އިދާރާތކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެ ތިބި އެންމެހައި މީހުންގެ މައްޗަށް ގާނޫނުއަސާސީން ލާޒިމްކޮށްފައިވާ ކަމަށް ވެސް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ހަވާލާދީ ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެދޭ ފަދަ ވާހަކަތައް ފެތުރުމާއި ފަނޑިޔާރުންނާ ދެކޮޅަށް ހަގީގަތެއް ނެތް ދޮގު ތުހުމަތުކޮށް، ގާނޫނުއަސާސީން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ މުސްތަގިއްލު ކަމުގެ މަބްދަ އަށް އެއްވެސް ބެލުމެއް ނެތި ސަރުކާރާއި އެމްޑީޕީން ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީން ބުނިގޮތުގައި، މިއީ ފަނޑިޔާރުގޭގެ މިނިވަންކަމާއި މުސްތަގިއްލު ކަން ކަށަވަރު ކުރުމުގެ ގޮތުން ގާނޫނުއަސާސީގައި ކަނޑައަޅާ ބަޔާންވެފައިވާ ދުސްތޫރީ އުސޫލުތަކާ ހިލާފަށް ސަރުކާރުން ރާވައިގެން ހިންގާ ކަމެކެވެ.

"ހަމަ އެއާ އެކު، ޖޭއެސްސީ އަކީ ސަރުކާރާއި އެމްޑީޕީން ސިޔާސީ ޓޫލެއްގެ ގޮތުގައި ބޭނުން ކުރާ އެ ޕާޓީ އަށް ނިސްބަތްވާ ބައެއްގެ ކޮންޓްރޯލް އޮވެގެން ހިންގާ ޖަގަހައެއްގެ ގޮތުގައި މިއަދު ވެފައި އޮތުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

އެހެންވެ، ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ޝަރުއީ ނިޒާމު ފުނޑާލުމަށް ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި ޝަރުއީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތަށް ފުރުސަތު ދީގެން ނުތިބޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި އިރު، ޕީޕީއެމްގެ ވެރިކަމުގައި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެސް ތުހުމަތު ކުރެއްވި އެންމެ ބޮޑު އެއް ކަމަކީ އެ ސަރުކާރުގައި ވެސް ފަނޑިޔާރުގެ ތެރެއަށް އަތް ބާނައިގެން ހުކުމްތައް ނެރޭ ކަމެވެ.

5 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހައްމާ

05 November 2019

2013 ގައި ރައީސްކަމާއި މަޖުލިސްގެ ސްޕަރ މެޖޯރިޓީ ދިނީމާ ޖުޑިސަރީ އިސްލާހު ކުރުމުގެ ބަދަލުގައި މުޅިޖުޑިޝަރީ ޕެރަލައިސް ކޮއްލާފާ މުޅި ގައުމުގެ މާލިއްޔާތު ދަވާލީ ތިބުނާ ޕީޕީއެމް / ޕީ އެންސީ އެއްނޫންތޯ ؟ އަދިވެސް މި ވައްކަންތައް ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަށްފެށީމާ ނޫސްބަޔާން އެކަނި ނެރެގެން ނުފިދިގެން އަދި ވެރިކަން ވައްޓާލަށް ވެސް މަސައްކަތް ކުރާނޭކަން ރައްޔިތުންނަ އެގޭއެވެ. ވަގަށް ނެގި ފައިސާތަށް ރައްޔިތުންނާ ހަވާލު ކުރާށެވެ.

The name is already taken The name is available. Register?

މާމުއި

05 November 2019

އެއްބަޔަކު ޖަރީމާ ހިންގީ ހުކުމް ކުރުމުގެ ނަމުގަ، އަނެއްބަޔަކު ޖަރީމާ މިހިންގަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި. މި ހުރިހާ ކަމަކަށް އަގު އަދާކުރަން މި ޖެހެނީ ދައުލަތުން. ކޮންމެ ބަޔަކުވެސް ބަލަނީ އެބަޔަކަށް އެއްމެ ބޮޑު ފައިދާ އެއްލިބޭނެގޮތެއް ހަދަން. އާއްމު ރައްޔިތުންނަށް އިންސާފު ގާއިމުކޮއްދިނުމަކީ ސިޔާސީ މީހުން ދައްކާ އަވާމެންދުރެއް.

The name is already taken The name is available. Register?

ތެދުބަޔާން

05 November 2019

ޝަރުޢީދާއިރާ އިސްލާޙް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް. އެހެން ނަމަވެސް ތިމަންނާގެ ޕާޓީ މީހާ މައްޗަށް ކުށް ސާބިތުވީމާ ޕްރޮމޯޝަން ދީފާ، އިދިކޮޅު ޕާޓީމީހާ އަށް ޖަވާބުދާރީ ވުމަށް ފުރުޞަތުވެސް ނުދީ ނިޒާމުން ބޭރުކޮށްލުމަކީ އިންސާފެއްނޫން. މިއީ މީގެ އަހަރު ތަކެއްގެ ފަހުން ދައުލަތުން ބަދަލު ދޭންޖެހިދާނެ ކަމެއް.

The name is already taken The name is available. Register?

1828

04 November 2019

ވެރިކަމަށް އަންނަ އެއްވެސް ބަޔަކު ކޯޓްތަށް މިނިވަންކުރާކަށް ބޭނުމެއް ނުވޭ. ރައްޔިތުންނަށް އަދުލުއިންސާފް ލިބޭކަށް ބޭނުމެއް ނުވޭ. ވެެރިކަމަށް އާދެވުނީމައި ހަމަ ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހަކު ބޭނުންވާ ގޮތަށް ކޯޓްތަކުން އަމުރު ނެރެން. އެއަށް މިކިޔަނީ ކޯޓްތަށް މިނިވަންވުން. ދިވެހިންނަކަށް، ޙާއްސަކޮށް ނިކަމެތިންނަކަށް މިޤައުމުގައި އިންސާފް ލިބުމެއް ނެތް. ކޯޓްތަށް އަބަދުވެސް އޮންނަނީ ކޮންމެވެސް ސިޔާސީ މީހެއްގެ އަތްދަށުގައި.

The name is already taken The name is available. Register?

އަލީ ރާޖާ އައްޕަ

04 November 2019

ދެން ފިއްތާލާގެން ތިބޭ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454