އިންޖެކްޝަނެއް.
22 ނޮވެމްބަރ 2019 - 07:21
ދޭތެރެ ދުރުކުރަން ފިރިހެނުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އިންޖެކްޝަން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބާޒާރަށް ނެރެވޭނެ ކަމުގެ އިޝާރާތެއް އެ އިންޖެކްޝަންގެ ކްލިނިކަލް ޓްރައިލްތަކެއް ހެދި އިންޑިއާގެ ސައިންޓިސްޓުންގެ ޓީމަކުން ބުނެފި އެވެ.
އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) އިން މިހާރު ވަނީ އުފެއްދުމުގެ މަރުހަލާ އަށް 13 ވަރަކަށް އަހަރު ނެގި އިންޖެކްޝަން އުފައްދައި އެ ވިއްކުމުގެ ރަސްމީ ހުއްދަ ހޯދަން އެ ގައުމުގެ ނެޝަނަލް ޑްރަގް ކޮންޓްރޯލާ ޖެނެރެލަށް ވެސް ހުށަހަޅައިފަ އެވެ.
"އިންޖެކްޝަން ބޭނުންކުރަން މިހާރު ވެސް ތައްޔާރު. ދެން އޮތީ ހުއްދަ ލިބުނުހާ އަވަހަކަށް އާންމުކޮށް ވިއްކަން ބާޒާރަށް ނެރުން،" އައިސީއެމްއާރްގެ ސީނިއާ ސައިންސްޓިސްޓް ޑރ. އެސް ޝަރުމާ ހިންދުސްތާން ޓައިމްސް އަށް ވިދާޅުވި އެވެ. "މީގެ ޓްރައިލްތައް ވަނީ ވަރަށް ކާމިޔާބުކަމާ އެކު ނިންމާލާފައި. މިއީ މުޅިން އާ އުންމީދުތަކެއް ގެނެސްދޭނެ ކަމެއް."
"މިއީ މިފަދަ އުފެއްދުމެއް ނެރޭ ފުރަތަމަ ފަހަރު ކަމަށް ވާތީ އިންޑިއާ އިން މިއަށް ހުއްދަ ދޭނީ ވަރަށް ރަނގަޅަށް ބަލައިފައި."
ޝަރުމާ ވިދާޅުވި ގޮތުގައި ދޭތެރޭ ދުރުކުރަން ފިރިހެނުންނަށް ދޭ އިންޖެކްޝަންގެ ޓްރަޔަލް ތެރޭގައި 303 މީހަކަށް ދީގެން ޓެސްޓްކޮށްފައިވާ އިރު ނަތީޖާ ރޭޓް 93 ޕަސެންޓަށް އަރަ އެވެ.
"އަދި މީގެ ސަބަބުން އެއްވެސް ސައިޑް-އިފެކްޓެއް ފެނިފައެއް ނެތް. އަހަރެމެން މި ސިފަކުރާނީ ފިރިހެނުންގެ ފުރަތަމަ ކޮންޓްރަސެޕްޓިވްގެ ގޮތުގައި." އޭނާ ވިދާޅުވި އެވެ. "މިއީ ދިގު މުއްދަތެއްގެ ނަތީޖާ ގެނެސްދޭނެ އުފެއްދުމެއް."
އިންޑިއާގެ ޑްރަގް ކޮންޓްރޯލާ ޖެނެރެލް ވީޖީ ސޮމާނީ ވިދާޅުވި ގޮތުގައި އިންޖެކްޝަނަށް ހުއްދަ ދޭނީ ވަރަށް ރަނގަޅަށް ތަހުލީލުކުރުމަށް ފަހުގައި ކަމަށެވެ.
"މިއީ މިފަދަ އުފެއްދުމެއް ނެރޭ ފުރަތަމަ ފަހަރު ކަމަށް ވާތީ އިންޑިއާ އިން މިއަށް ހުއްދަ ދޭނީ ވަރަށް ރަނގަޅަށް ބަލައިފައި. އެންމެ ބޮޑު ކަމަކީ ޝައްކެއް ނެތް މިންވަރަށް އިތުބާރު ހިފޭ އެއްޗެއްކަން ކަށަވަރުކުރުން. މާނައަކީ މީގެ ކޮލިޓީއާ ދޭތެރޭ ޝައްކު އުފެދޭނެ އެއްވެސް ކަމެއް ވާކަށް ބޭނުމެއް ނޫނޭ،" އޭނާ ވިދާޅުވި އެވެ.
ހުއްދަ ދިނުމާ މެދު ގޮތެއް ނިންމުމަށް ހަތް މަހެއްހާ ދުވަސް ނަގާނެ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީފާ
22 November 2019
ލޮލް. މިކިޔައިގެން މަށަކަށް ނޭންގުނު މީ ކޮން ދޭތެރެ އެއް ދުރުކުރާ ބޭހެއް ކަމެއް..
މުންމު
22 November 2019
ސަރީފާ އަކަށް ނޭނގުނު އެއީ އިންޖެކްޝަނެއްކަން ވެސް ?