ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިހުގައި މިއަދު ވާހަކަ ދައްކަވަނީ. ހައްމާދަށް ހަމަލަދިނީ އެންމެ މީހަކު ކަމަށް އިމްރާން ވިދާޅުވި.--- ފޮޓޯ: މަޖިލިސް
26 ނޮވެމްބަރ 2019 - 11:03
ލަނޑާ ނަގަން ނުކުތް ދޯނި ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ވަރަށް ބޮޑަށް ޒަހަމްކޮށްލި މީހާ އަށް ހަމަލާ ދިނީ އެންމެ މީހެއް ކަމަށާއި ދޯނީގެ އެހެން މީހުން އެވަގުތު ތިބީ ނިދާފައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރ. މަޑުއްވަރީ އިސްމާއިލް ހައްމާދު، 26، އަށް ހަމަލާ ދިން ކަމަށް ބެލެވެނީ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ ތެރޭގައި އުފެދުނު ދެބަސްވުމެއްގަ އެވެ. ހައްމާދަކީ ވެސް އެ ގްރޫޕަށް ނިސްބަތްވާ އަދި ސީރިއަސް ކުށްތަކުގެ ރެކޯޑް އޮތް މީހެކެވެ.
އެ މައްސަލައާ ގުޅިގެން 30 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް، އއ. ރަސްދޫ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފަ އެވެ.
ހައްމާދަށް ފަރުވާދެމުން ގެންދަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ބާއްވައިގެންނެވެ. އޭނާގެ ހާލަތާ ގުޅޭ އާ މައުލޫމާތެއް އައިޖީއެމްއެޗަކުން ނުދެ އެވެ. އެކަމަކު އާއިލާ އިން ކުރިން ބުނެފައި ވަނީ މާލެ ގެނައި އިރަށް ވުރެ ރަނގަޅު ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މާރާމާރީގައި ހައްމާދު ވަރަށް ބޮޑަށް ޒަހަމްކޮށްލުމުން ކަނޑަށް ފުންމާލައިގެން، ފަތާފައި އެރީ މާޅޮހަށެވެ. "މިހާރު"އަށް އެނގިފައި އޮތީ ދޯނީގައި ތިބި މީހުންގެ ތެރެއިން މަދުވެގެން ދެ މީހަކު، ހައްމާދުގެ ފަހަތުން މާޅޮހަށް އެރި އެވެ.
މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު ސިފައިންގެ އެހީތެރިކަމާ އެކު ހެލިކަޕްޓަރެއްގައި އޭނާ މާލެ އަށް ގެނައީ ހުކުރު ދުވަހު ހެނދުނު އެވެެ.
ހައްމާދު، ސިފައިންގެ އެހީތެރިކަމާ އެކު ކޯސްޓް ގާޑުގައި މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސަށް އަރުވަނީ.---ފޮޓޯ: އެމްއެންޑީއެފް
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އިމްރާން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހައްމާދަށް ވަޅިން ހަމަލާދިން މީހާ ކަމަށެވެ. ތަހުގީގުން މިހާތަނަށް ހޯދި މައުލޫމާތުން އެނގެނީ "ދޯނީގައި އުޅުނު ގިނަ މީހުން ތިބީ ނިދާފައި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދޯނި ގެނެސްފައި ނުވާ ކަމަށެވެ.
"އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން. އަޅުގަނޑު ހިތުން މިހާ ވަރަށް ހާމަ ކުރެވުނީމަ، ތަހުގީގު ކުރެވެމުންދާ މައްސަލައަށް އެކަށީގެންވާ ޖަވާބެއް ކަމަށް ގަބޫލުކުރަނީ،" އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާންގެ ޖަވާބާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި ހަސަން ވިދާޅުވީ ކަން ހިނގި ގޮތް އެއްކޮށް ސާފުވާނީ ދޯނީގައި ދެން ތިބި މީހުންނާ ވެސް ސުވާލުކޮށްގެން ކަމަށެވެ. އަދި އެ މައްސަލައިގައި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އިމްރާން ތަކުރާރުކޮށް ވިދާޅުވީ ދޯނި "ހައްޔަރު ކުރަން ޖެހޭ" ސަބަބެއް އޮތް ކަމަށް ތަހުގީގަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އިތުރު މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ތަހުގީގަށް އެކަކު ހައްޔަރުކުރަން ފެނިފައިވާތީ،" ސަބަބު ދައްކަވަމުން އިމްރާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރުގެ އެ ޖަވާބާ ގުޅިގެން މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކަތިވަޅި ޖެހި އިރު، ދޯނީގައި ދެން ތިބި މީހުން ނިދާފައި ތިބި ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެންމެ މީހަކު ހައްޔަރުކޮށްގެން ރަނގަޅަށް ތަހުގީގު ކުރެވޭނެ ކަމަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީވާގެ ވާހަކައަށް އިމްރާން އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެ އެވެ.
ހައްމާދުގެ ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީފައިވެ އެވެ. ދެ އަތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިއްޔާ ދެމެދު ފުން ޒަހަމްތަކެއް ހުއްޓެވެ. އޭނާ އަށް މަރުން ސަލާމަތްވެވުނީ މޫދަށް ފުންމާލުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޝީރު
28 November 2019
ކޯސްޓް ގާޑްގަ މާލެ ގެނައީ. ހެލިކޮޕްޓަރުގަ އެއް ނޫން
ސޭކުސޮރު
27 November 2019
އަލްއުސްތާޒު ހުސްނުއް ސުއޫދު ވިދާލުވާ އެއްޗަކާ ޝެއިހު އިމްރާން އަބުދުﷲ ވިދާޅުވާ އެއްޗަކާ ދިމާނުވޭ އުޑާބިމާހާތަފާތު.
ދޯނި ކައްޕި
27 November 2019
ދޯނި ކައްޕި ވެސް ނިދިފަ، ގޮސް އެރީ އެރަށު ފަރަށް، އެވަގުތު ދަމުނަމާދު ކުރަން ހޭލާ ހުރި ކުއްޖަކު ޒަހަމްވެ މޫދަށް ވެއްޓުނެވެ.
މައުލޫމާ
27 November 2019
އިމްރާނަކީ ވަރަށްބޮޑު ދޮގުވެރިއެއް.ތި ދައްކަވާ ވާހަކަ ޤަބޫލް ނުކުރެވޭ.ކޮބައިތޯ ކިތާބީހެކި.? މަޤާމުގެ ދަހިވެތިކަމުގާއުޅޭމީހެއް.
ހަނުހުންނަ މީހާ1
27 November 2019
ބައެއް ސުވާލުތަކަށް ބައެއް ބޭފުޅުންދެއްވާ ޖަވާބުތަކަކީ ޖޯކެއްގެ ގޮތުގައި ސިފަވޭ
މުހައްމާފުތާ
26 November 2019
މިނިސްޓަރގެ ވާހަކަ ގަބޫލުކުރަން ވަރަށް ދަތި. އެހާވަރަށް އަނިޔާކުރިއިރު މަރުންސަލާމަތްވުމަށް ރޮއި އާދެސްކޮށް އަޑުގަދަ ކުރެވޭނެ. ނިދާފަ ތިބިބަޔަކަށް ހޭނުލެވިއެއް ނުހުންނާނެ! ކޮންމެވެސް ކަމެއްފޮރުވަން އުޅޭހެން އެބަހީވޭ. ނޫނީ ބަޔަކުދެކެ ބިރުން ހަގީގަތް ފޮރުވަންއުޅެނީ.
އަލީ ނަޖީބު
26 November 2019
އެއްގޮތަކަށްވެސް ގަބޫލު ކުރެވޭ ވާހަކައެއް ނޫން. މިހާރު އަޅުގަޑަށްވެސް އެބަ ހީވޭ ނަޝީދު އެ ވިދާޅުވަނީ ތެދެކޭ. ފުލުހުންގެ ތެރޭގައި މިކަން ފޮރުވަން ނުވަތަ ނުބަލަން މަސައްކަތް ކުރާ ބަޔަކު އެބަ އެބަ ތިބި ބާވައޭ!
މައިންޑް ހަންޓަރ
26 November 2019
ކުށުގެ ހެކި ހޯދަން ކުށްކުރިތަން ފެނުނު މީހުންގެ ހެކިބަހާއެކު އެންމެ މުހިއްމުވާނީ ކުށްކުރި ތަނެއް ނޫންތަ؟ ކުށްކުރި ތަނުން ލިބޭ މަޢްލޫމާތަށް އެކަނި ބަރޯސާވެ ކުށްކުރާމީހާ ވަރަށް ޔަޤީން ކަމާއެކު ދެނަގަނެވޭ.
ޫބަބުރު
26 November 2019
ޢިތުރު ޖަރީމާތަކަށް ޖާގަ ދިނުން
ޫރަޖްނީ
26 November 2019
ތުހުމަތު ކުރެވޭ ހުރިހައި އެންމެންވެސް ހައްޔަރު ކުރެވެންޖެހޭނެ