ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދާއި ސްޕޯޓްސް މިނިސްޓަރު މަހްލޫފު، ސީއެމްއީސީގެ އިސްވެރިންނާ އެކު، މިއަދު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް
06 ޖެނުއަރީ 2020 - 17:53
ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމަށް ދިވެހި ސަރުކާރުން ހަވާލު ކޮށްފައިވާ ޗައިނާގެ ކުންފުނީގެ އިސްވެރިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.
ހުޅުމާލޭގައި މަތީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލު ކޮށްފައި ވަނީ ޗައިނާގެ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޗައިނީސް މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ.
ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ގައި ސޮއިކުރެއްވި އެއްބަސްވުމުގައި ވާ ގޮތުން، އޭގައި ސޮއިކުރާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި، ސްޓޭޑިއަމް އެޅުމުގެ މަޝްރޫއާ ގުޅޭ ހުރިހާ ދިރާސާއެއްކޮށް، ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަން ޖެހެ އެވެ.
ރާއްޖޭގައި 2023 ގައި ބާއްވާ 11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރު ކުރާ މި ސްޓޭޑިއަމާ ގުޅޭ މަޝްވަރާތަކަށް ސީއެމްއީސީގެ އިސް ވަފުދެއް މި އައީ އެއްބަސްވުމުގައި ސޮއި ކުރިތާ ހަތަރު މަސް ފަހުންނެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިޒޯން އަދި ސީއެމްއީސީގެ ވަފުދުގެ ބޭފުޅުން މިއަދު މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، އޮލިމްޕިކް ސްޓޭންޑާޑުގެ ސްޓޭޑިއަމެއް ހުޅުމާލޭގައި ހެދުމަށްޓަކައި އެތަނުގެ ޑިޒައިންތަކާ ގުޅޭ ކަންކަން ހިމެނޭ ކަމަށެވެ. އިތުރު ތަފްސީލެއް ދެ ސަރުކާރުން ވެސް އަދި ހާމައެއް ނުކުރެ އެވެ.
ސީއެމްއީސީގެ ވަފުދުގެ ބޭފުޅުން ވަނީ ރައީސްގެ އިތުރުން ކަމާ ގުޅޭ އެހެން ބައެއް އިދާރާތަކުގެ އިސްބޭފުޅުންނާ ވެސް މިއަދު ބައްދަލު ކުރައްވައިފަ އެވެ.
ސީއެމްއީސީގެ އިސްބޭފުޅުންނާ އެކު، ރައީސް ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެ ގައުމުގެ މެދުގައި އޮންނަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށް މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖެ އަށް އުމްރާނީ ތަރައްގީ ގެންނަން ޗައިނާ އިން ގިނަ މަސައްކަތްތަކެއް ކުރާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު ވެސް ބައިވެރިވެވަޑައިގަތެވެ.
ސީއެމްއީސީ އަކީ ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިން ހިންގި ކުންފުންޏެކެވެ. އެ ކުންފުނިން މީގެ ކުރިން ވަނީ ހުޅުމާލެ އާއި ރާއްޖޭގެ ދެކުނުގެ އަށް ރަށެއްގައި 1،500 ހައުސިން ޔުނިޓް އަޅައިފަ އެވެ. މި މަޝްރޫއުގެ ދަށުން ސީއެމްއީސީން އެންމެ ގިނަ ފްލެޓް އެޅީ ހުޅުމާލޭގަ އެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެ ކުންފުނިން ވަނީ 704 ހައުސިން ޔުނިޓް އިމާރާތް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
07 January 2020
ތިޔައީ ވަރަށް ފައްކާ ކުންފުންޏެއް.. ހުޅުމާލޭގަ އެޅި ފުލެޓުތައްވެސް ހަމަ ރަނގަޅު...
ރމަން
07 January 2020
ޗައިނާ މީހުނަށް ތިޔަކަންވެސް ވާނީ. އިންޑިއާ އަށް ސިކިއުރިޓީ ދީފަ ހުރިހާ ފްރޮޖެކްޓެއް ޗައިނާ އަށް ދިނީމަ ބެލެންސް ވާނީ..
ބޮޑުމީހާ
07 January 2020
ރާއްޖޭގައި ބިޔަ ބޮޑެތި ރަށްތައް ހުއްޓާ ކަނޑު ފަޅު ހިއްކައިގެން މާލެ ތަރައްގީކުރާ ބަޔަކު ސްޓޭޑިއަމެއް ކީއްކުރަން ކުނި އަޅާ ޑަސްބިންގަޑެއްވެސް މާލެއިން ބޭރުކުރަން ބޭނުންނުވާނެ. މީގެ މަޖާކަމަކީ މިހުރިހާ ސަކަރާތެއް ސަރުކާރުތަކުން ޖަހާއިރުވެސް މީގެ ބަޔަކު ރަށަކަށް ގޮސްފިއްޔާ މާފަތި އަޅުވާ، ކުރުބާދީ، ގޭ ގެންގުޅޭ ކުކުޅު ކަތިލާ ކާންދީ ހަދާނެ.
ދޮންމަނިކު
07 January 2020
ފުރަތަމަ ތިމާމެން ލަދުގަންނަން ވީ އެއައފަހު ކުޑަކަކޫޖަހާ............ އމޑީޕީ ....ލަދުކޮބާ ލަދުކޮބާ.... ތިންކް ބިފޯ ޔޫއާ ލީޕްސް..... މީ ވަރަށް ވާހަކަ!!!!!
އުމަރުބެ
07 January 2020
ޗައިނާ ލައްވައި އަޅަންވީ ސްޓޭޑިއަމެއްނޫން، ޗައިނާ ލައްވައި އަޅުވަންވީ ބޮޑެތި ވިޔަފާރި ބަނދަރު
މޮހިތު
07 January 2020
ތިޔަމެއް ނުވާނެ. އިންޑިއާ ފްރެންޑް ރުޅިއަންނާނެ. އެކަމަކު އިންޑިއާ އަތަކު ލާރިއެއްވެސް ނެތް!
ބޯބުރާންތި
07 January 2020
އޭ މަބުނީ ތިތަން އަޅަން ހުޅުމާލެ ކަޑައޭ. ތިތަން އަޅާބަލަ އައްޑޫ ހިތަދޫގަ.
ބޭފުޅިޒަމް.
07 January 2020
މާލެއިން ބޭރުގައި ؟؟ ހެޔޮނުވާނެ ތިކަހަލަ ވާހަކަ ދައްކަންވެސް. މާލެ ނޫން ތަނެއްގައި އެއްވެސް ކަމެއްކޮށްގެން ނުވާނެ. ހުރިހާ ކަމެއް ކުރާންވާނީ މާލޭގައި. ބޭރު ބަޔަކު ތަންކޮޅެއް ހައިޓެކް ކުނިކޮށްޓެއް ރާއްޖޭގައި އުފެދޭ ހުރިހާ ކުނި ޖަމާކޮށްގެން ބޭނުންތެރި އެއްޗެއްގެ ގޮތުގައި ނައްތާލަން ބުނެފިނަމަ އެތަން އަޅާން ވެސް ބޭނުންވާނީ މާލޭގައި. ތިއީ ގަޓް ބައެއް އުޅޭ ރަށެއް.
އޮނަރަބްލް އަފީފު ދީދީ
06 January 2020
ޖަޒީރާރާއްޖެއާއި، ގެސްޓްހައުސްވިޔަފާރިއާއި، ނޫއިޤްތިސޯދާއި، ކަންނެލި ޖަހަގަތަކާއި، ގޭދޮށުމަސްފެކްޓަރީއާއި، އުތުރާއި ދެކުނުގެއިޤްތިސޯދީނާރެހާއި، ހަނިމާދޫ ގޭންއެއަރޕޯޓްގެވާހަކައިގެއިތުރުން ޓާރޝަރީހޮސްޕިޓަލް ތަކުގެވާހަކަ ކަރުދާހުގައިލިޔެ މެނިފެސްޓޯގެ ގޮތުގައި އަހަރުމެނަށްދެއްކުމުން އަހަރުމެން ހީކުރީމު "ސޯލިޙްގެ ހިތުގައި އެއްރަށް ދައުލަށް ސިޔާސަތަށް ޖާގަނެތްކަމަށް" އެހެން ނަމަވެސް ވެރިކަން ލިބުނުހިސާބުން މަޑުމަޑުން މިދަނީ އަސްލުސިފަ ހާމަވަމުން.
ސޫމޯ
07 January 2020
ވެރިކަމުގ ެ 5 އަހަރު ހަމަވީތަ؟
އިބްރާހިމް.
07 January 2020
ސޫމޯ ބުނަން. 5 އަހަރު ހަމަވާއިރުވެސް މާލެ ނޫން ތަނަކަށް ކަމެއްކޮށްނުދޭނެ. ދެން ބުނާނެ ހުރިހާ ރަށެއްގެ ކަންކަން ކުރާން ޕްލޭން ކުރެވި ކުރެހުންވެސް ކުރަހާފައޭވީ. ކުރިއަށްއޮތް އިންތިޙާބު ލިބިގެންނޭ އެކަންކަން ވާންއޮތީ. ކަލޭމެންނަކީ ހަމަ ސައުތު އެފުރިކާގެ ދޮންމީހުން ފަދަ ބައެއް.
ޝޮކްތެރަޕީ
06 January 2020
ރައިސް ޔާމިން ތަކުރާރުކޮއް ބުނަމުން އައީ ޗައިނާޔާ ގުޅުން ބަދަހިކުރާށޭ. ރާއްޖެ އިންޑިޔާ ގަތްކޮއްގެން އުޅުނީމަ ލިބޭނީ ގެއްލުމޭ.
ކުރުއްކުރޫ
06 January 2020
ޔާމީނު ހުރިއިރު ބައްދަލް ނުވާނތީ މިވަރެއް ނޫން މިހާރުދެން ބައްދަލްވާތީ ދުވެފަ އެދިމާލަށް
ކަނބިލި
06 January 2020
ޗައިނާއާ ގުޅިގެން ބޮޑެތި ކަންތައް ކުރެވޭނީ. ވަކި ގައު މަކަށް ފައިދާވާ ގޮތައް ޚާރިޖީ ސިޔާސަތު ގެންގުޅު މަށްވުރެ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތައް ރިޢާޔަތް ކޮށް ޚާރިޖީ ސިޔާސަތު ބައްޓަންކުރުން ބުއްދިވެރި.