ކާޑުގެ އަގު ބޮޑުކުރުމުން ހިތްހަމަނުޖެހުންފާޅުކޮށް އައްޑޫގައި އިއްޔެ މުޒާހަރާކުރަނީ.
03 އޮކްޓޯބަރ 2016 - 18:47
ޒަމާނުއްސުރެ ރާއްޖޭގައި ދެމުން އައި ކާޑު ސަބްސިޑީ ކަނޑާލަން ޖެހުނީ ސަރުކާރެއް ހިންގަން ނޭނގިގެން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ސަރުކާރުން ދެމުން އައި ކާޑުގެ ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ނިންމި މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ބަލައިދިނުމަށް އެދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މާފަންނު ހުުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމްް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ މަޖިލިހަށް މިއަދު ސިޓީއެއް ފޮނުއްވައިފަ އެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުުމުގައި އެ ޕާޓީން ވަނީ، ސަބްސިޑީ ދޭ އުސޫލަށް ބަދަލު ގެނައި މައްސަލަ ކުށްވެރިކޮށް ކުރިއެކޭ އެއްގޮތަށް ސަބްސިޑީ ދިނުން ރުޖޫއަ ކޮށްދިނުމަށް ގޮވާލައިފަ އެވެ.
މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު ވިދާޅުވީ ސަބްސިޑީ ދިނުން ފަދަ ކަމެއް ކުއްލިއަކަށް ހުއްޓާލުމުން އެކަމުގެ ގެއްލުން ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ ކަަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ނުއުފުއްލެވޭ ބޮޑު ތަކުލީފެއް ކުރިމަތވެދާނެ ކަމަށެވެ.
ކަރަންޓާއި ކާޑުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ސ. ހިތަދޫ ބޮޑު މަގުގައި އިއްޔެ އަޑުއުފުލަނީ.
އޭނާ ވިދާޅުވި ގޮތުގައި ބަނދަރު ހެދުމާއި ތަރައްގީގެ މަޝްރޫއުތަކަށް ވުރެ ރައްޔިތުން ބަނޑުފުރާނެ މުއްތިކޮށްގެން، އުފާވެރި ދިރިއުޅުމެއް ލިބުން މާ މުހިއްމެވެ. އަދި އެކަންތައްތަކަށް ހައްލު ހޯދުމަށް ގިނައިން އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނެގުން މާ މުހިއްމު ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
"ރައްޔިތުންނާ ގުޅުންހުރި މައްސަލަތަކުގައި ކަންތައްތައް ނިންމާއިރު ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.
ފަލާހު ވެސް ވިދާޅުވީ ސަބްސިޑީ ކަނޑާލައި އެކަމަށް އެދުމަށް ފޯމެއް ހުށަހަޅަންޖެހުމަކީ ސަލާން ޖެހުމުގެ ސަގާފަތެއް ގެންގުޅޭކަން ހާމަވާ ކަމެއް ކަމަށެވެ.
ސަރުކާރުގެ އެކި މުއައްސަސާތަކުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށާއި ރައްޔިތުންނަށް އަސަރުކުރާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
"ރައްޔިތުންނާ ގުޅޭ ސަބްސިޑީތައް ކަނޑާލައި އެއްޗެހީގެ އަގު ބޮޑުކުރަނީ އަޅުގަނޑު ދަންނަވާނީ ސަރުކާރެއް ހިންގަން ނޭނގިގެންނޭ. ސަރުކާރެއް ހިންގާނެ ގޮތް ނޭނގޭ. އެ ސަބްސިޑީތައް ހުއްޓާލައިގެން ލިބޭ ރުފިޔާއިން ތަނެއް އިމާރާތްކޮށް ނޫނީ ސިޔާސީ މަގާމުތައް މި އިތުރުކުރަނީ. މިއީ ނުފޯރާ ފޮތިން ފޫގަޅަން ހަދައިގެން ވާ ގޮތް،" ފަލާހު ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ވަކި ކަމަކަށް ވަކި ވަރެއް ކަނޑައަޅާފައި އޮއްވައި އެހެން ކަމަކަށް އެ ފައިސާއިން ހަރަދު ނުކުރެވޭނެ ކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ ކާޑުގެ ސަބްސިޑީ ކަނޑާލައިގެން ލިބޭ ފައިސާ ބޭނުން ކުރާނީ ބަނދަރު ހެދުމާއި ތަރައްގީގެ މަޝްރޫއުތަކަށް ކަމަށެވެ. އެއީ، ރޮޒެއިނާ ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީއާ ހިލާފު ނިންމުމެކެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ކ-ވ) ޝަރީފް، ރޮޒެއިނާ އަދި ފަލާހު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އާސިމާ ނިޒާރު/މިހާރު
ސަބްސިޑީ ފަދަ ރައްޔިތުންނާ ސީދާ ގުޅޭ ކަންކަމުގައި މަޖިލިހުގެ މެމްބަރުންގެ ހިޔާލު ހޯދަންޖެހޭނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ. އަދި ޓެކްސްތައް ނެގުން އިތުރުވަމުން ދިޔަކަމުގައި ވިޔަސް އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރަމުން ނުދާ ކަމަށާއި އޭގެ ބަދަލުގައި ސަބްސިޑީތައް ކަނޑާލަމުންދާކަން ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާޒީގައި ކަންތައް ވެފައިވާ ގޮތަށް ބަލާއިރު އިންތިހާބަކާ ކައިރިކޮށް، ސަބްސިޑީ ދޭން ފެށުމަކީ ވެސް ގާތް ކަމެކެވެ.
ކާޑުގެ ސަބްސިޑީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަގީރުންނަށް އެކަނި ދިނުމަށް ސަރުކާރުން ނިންމައި އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެއާއެކު ކާޑުގެ ބާވަތްތަކުގެ އަގު ވަނީ އަތްނުފޯރާ ފަށަށް އަގުބޮޑުވެފަ އެވެ.
މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ.
ކާޑުގެ ސަބްސިޑީ ކަނޑާލަން ޖެހުނީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެލަރީ
04 October 2016
އެމްޑީޕީ އަށްނަނީ ހިނި ވާކަމެއްހަރާން އަށްޑޫ ރަށްޔިތުންނައްވީ ވަރުވެސް މާލޭގަ މިތިބަ އެމްޑީޕީ ލީޑަރ ޝިޕްގަ ތިބިމީހުންނަކަށްނުވި ކީއްކުރާ ވެރީންނެއް އެއްވެސްކަމެއްވާ ބައެއްނޫން މީހަޤީޤަތް
އަލީ
04 October 2016
ދެން މުސާރަ ކެނޑީ ކޯއްޗެއް ހިންގަން އެނގިގެން؟ ކޯޓުން ކަނޑާލި ބައި ދޭން އެންގީމަވެސް ނުދިން. ކަލޭމެންނަށް ކުރެވުނީ ކީއް؟
ޟުހޫރު
04 October 2016
ސަރުކާރު ހިންގަން ނޭގިގެން ޅައްޗެހި އެޅިއެޅި ގޮތް ހުސްވެއްޖިއްޔާ އިސްތިއުފާ ދޭނެ. ކެނެރީގޭ ނަޝީދުވެސް އެހިސާބަށް ދިޔާމަ އިސްތިޢުފާ ދިނީ. އެކަމަކު ދެރައީ ވެރިކަމަށް ބޫތުކައިފަ ހުރިވަރުން ރައްޔިތުން ވޯޓުން ފެއިލް ކޮށްލީމަ، ޔޫރަޕަށް ގޮސް އެ ދޮން ފަރަންޖީން ނަށް އާދޭސްކޮށް ރޮއިހަދައިގެންވެސް ވެރިކަން ހޯދަން ތެޅޭ ކަން
ރަން ރހި
04 October 2016
ކާޑު ސަބްސިޑީ ކަނޑާލަން ޖެހުނީ ސަރުކާރެއް ހިންގަން ނޭނގިގެން ނޫން.. ތިޔަ އުޅުންވަނީ އޮޅި ވަޑައިގެންނަވައިގެން.... ހަމަކައިމުވެސް ސަބްސިޑީ ދިނުމަށް ގެނައި ބަދަލާ ގުޅިގެން މިގައުމުގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ... އަދި މިކަމުގެ ފައިދާ ރައްޔިތުންނަށް ވަރަށް ބޮޑަށް ލިބިގެންދާނެ... ގައުމުގެ ތަރައްގީގެ ދުވެލި ބާރިވެގެންދާނެ.... ބަލަގަ ރީނދޫ ހުން އައިސް ތިބި މީހުންނަށް ނުވިސްނޭތީ އެކަމާ އަހަރެން ލަދުގަނޭ... އަހަންނަކީވެސް އެމްޑީޕީއަށް ތާއީދު ކުރާ ފަރާތެއް... އެހެން ނަމަވެސް ރައީސް ޔާމީން މިގައުމަށް ގެންނަ ތަރައްގީ ފެނިފައި އަހަރެން މިހުރީ ހައިރާވެފައި... އަދި ސަރުކާރު ހިންގުމަށް އަންނަ ބަދަލުތަކާ މެދުގައިވެސް ހަރިރާވެފަ.... ސަބްސިޑީއަށް ގެނައި ބަދަލާ ގުޅިގެން ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ލޯނު ދިނުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ.... ދިވެހި ރައްޔިތުން އަތުން ޓެކްސް ނަގާފައި ބޭރު ފަރާތްތަކަށް އެޓެކްސްއިން ސަބްސިޑީ ދިނުމަށް ކޮން ދިވެހި ރައްޔިތެއްތޯ ރުހޭނީ؟؟؟ ކާޑުގެ ސަބްސީޑީ ބޮޑަށް މިހާތަނަށް ފައިދާ ކުރަމުން އައީ ބޭރުގެ ފަރާތްތަކަށް
ޕްލެޓިނަމް ޓައިޓޭނިއަމް
04 October 2016
މި ކަންވެސް އެމްޑީޕީ ގެ ސަރުކާރުން ކުރި ކަމެއްނަމަ މިހާރު ބޮލުގަފޮތި އޮޅައިގެން ހަނާކުރި ޕާޓީ ނުކުމެއްޖައީސް
ޒޯރު
04 October 2016
ޖީބަށް ވަންނަވަރު މަދުވެގެންކަމަށް ގަބޫލުކުރެވޭ. ތިއީވެސް އެއް ސަބަބަށްވެދާނެއެވެ.
ހަބދާ
04 October 2016
ތިއީ ވަކިކޮންބައެއް. ސިވިލްސާވަންޓުންގެ މުސާރަކޮޅު ކަނޑާލައި ކޯޓުން ހުކުމްކުރުމުންވެސް ނުދީ ހިފެހެއްޓި ހަނދާނެއް ނެތްދޯ.
އިބިރިހިން ތައްކާނު
04 October 2016
އެމްޑީޕީއިން ބުންޏެއްކަމަކު ރަގަޅުވާހަކައެއްވިއްޔާ ވަނީ ރަންގަަޅަ ވާހަކައަކަށް. 2008 ން ފެށިގެން ހަމަވަނީ ތިކަހަލަގޮތެއް. އެމްޑީޕީގެ ދެރައީސު ކަމަށްވާ ނަޝީދު ސަރުކާރު ހިންގަންނޭގިގެން ވަކިހިސާބަކުން ގޮސް ދިނީ އިސްތިޢުފާ. ދެން ވަޑަގަތީ ވަހީދު. ވަޙީދަށްވެސް 2013 ގައި %6 ވޯޓް ނުލިބުމުން ދޭހަވަނީ ހަމަ ހިންގަން ނޭގުނުކަން. ދެން މިހާރުގެ ވެރިޔާ. މީނަޔަށް ވާގޮތެއްވެސް 2018 ގައި ނުވަތަ އެއަށްވުރެ އަވަހަށްވިޔަސް އެގޭތޯ ބަލަން މިތިބީ.
ކަމޯން
03 October 2016
ކާޑަށް ދޭ ސަބްސިޑީ ކަނޑާލީ އެއީ ސަރުކާރު ހިންގަން ނޭގޭތީ އެއް ނޫނެވެ. އެއީ ސަރުކާރު ހިންގަން އެނގޭތީއެވެ. ރަންރީނދޫ ކުދިންގެ ވެރިކަމުގައި އެވެރިން ވެރިކަން ކުރީ މިގައުމަށް ވަރަށް ނިކަމެތި ކަން ދޭ ގޮތަށެވެ، މަމެންގެ ވެރިކަމުގައި ޕިންކް ކުދިން ގެ ވެރިކަން މިކުރަނީ އެއީ ގައުމަށް ވަރަށް ފައިދާ ކުރަނިވި އުސޫލުންނެވެ.
ޢަބޭ
03 October 2016
މިފަހަރު މަ އެމްޑީޕީއާ އެއްކޮޅު
ތަމެން
03 October 2016
މަމެންނަށް މަމެންގެ ސަރުކާރު ހިންގަން ނޭގެނީ އޭ ރަންރީނދޫ ކުދިން ބުނާ އިރު ތަމެންނަށް ތަމެންގެ ސަރުކާރު ހިންގަން އެގުނު ތަ. ވާތަށް ނޭނގި ކަނާތަށް ވެސް ކަންކަން ކުރަމުން އަންނަނި ކޮށް ގާޒީ އަކާއި ޖެހުމުން ފެބް ހަތެއްގެ އިރު އެރި ތަނުން ފެނުނީ ގޮނޑިން އަނގަވަތަށް ރަސްގެފާނު ވެއްޓިފައި އޮތްވާ ދޯ. އެއީ ތޯ ތަމެންނަށް ވެރިކަން ކުރަން އެނގުމަކީ. ބަލާބަލަ މަމެންނަށް ވެރިކަން ކުރަން އިނގޭތީވެ މަމެންގެ ރައީސް ސައުދީ އަށް ގޮސް އެގެންނަނީ ލާރޖް ވަންހަންޑްރެޑް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ސައުދީ ކިންގްޑަމް ހޯލްޑިންގް ކުންފުނިން. ކޮބާ މަމެންނަށް ވެރިކަން ކުރަން ނޭގިފައި. ތަމެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބަލަންވީ އެއް ނޫންދޯ.