މުސްލިމާ "މިހާރު"އާ ވާހަކަ ދައްކަނީ: އޭނާގެ ހިތްހަމަނުޖެހުމަކީ ފިޔަވަޅު ނޭޅުން. --ފޮޓޯ: ނިޝާން އަލީ/މިހާރު
20 ޖެނުއަރީ 2020 - 07:31
"މަންމީ އެއް ކަހަލަ މީހާ އެބަ ގޮވާ، ކޮޓަރިއަށް އަންނާށޭ، ލާރި ބަލައި އަންނާށޭ،"!
މުސްލިމާ ހަސަންގެ ކަންފަތުގައި މި އަޑު ޖެހި ސިއްސައިގެން ދިޔައީ އެންމެ ފަހަރަކު ދެ ފަހަރަކު ނޫނެވެ. އެއް އުމުރުގެ ކުދިންނާ އެކު ގެ ކައިރި، މަގުމަތީގައި ހުރެފައި އޭނާގެ ދަރިފުޅު ދުވެފައި އައިސް އެތައް ދުވަހަކު މި ވާހަކަ އޭނާގެ ގާތުގައި ބުންޏެވެ.
ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގައި މި ރަށުން ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ މުނި ކާފަ 82، ދިރިއުޅޭ ގެ ހުންނަނީ، ރަށުގެ ހަނި ގޯޅިއެއްގެ ތެރޭގައި، މުސްލިމާމެން ގޭ ކުރިމައްޗަށެވެ.
އޭނާ މުސްލިމާގެ ދަރިފުޅާ އެންމެ ފުރަތަމަ ބެހެން އުޅުނީ 2017 ގަ އެވެ. ޖިންސީ ގޯނާގެ ރެކޯޑު ކުރިން ވެސް އޮންނަ އަދި ތަފާތު އެތައް މައްސަލައެއްގައި ތުހުމަތުކުރެވޭ އެ މީހާ އެ ފަހަރު އެ ކުއްޖާގެ ގާތުގައި އެދުނީ ކޮޓަރި އަށް އަންނާށެވެ. ޕޮލިހަށް އެކަން ރިޕޯޓް ވެސް ކުރި އެވެ.
ރަށެއްގައި މީހަކު ބައިސްކަލް ދުއްވާފައިދާ އިރު މަގުމަތީގައި ކުޑަ ކުއްޖަކު މަޑުކޮށްލައިގެން. --ފޮޓޯ: ނިޝާން އަލީ/މިހާރު
މުސްލިމާގެ ހިތްހަމަނުޖެހުމަކީ މައްސަލަ ހުށަހެޅުމާ އެކު ބަޔާން ނަގާފައި ފޮނުވާލުމެވެ. އެ މައްސަލައިގެ ތަހުގީގާ މެދު ޚަބަރެއް ނުވެގެން އެހުމުން ލިބުނު ޖަވާބަކީ ނަސޭހަތް ދީފައި ދޫކޮށްލީ ކަމަށެވެ.
އޭގެ ފަހުން ވެސް އޭނާގެ އުޅުމަކަށް ބަދަލެއް ނާދެ އެވެ. އޭނާއާ ހެދި ކުދިން ނުރައްކަލަކަށް ހުށަހެޅިފައި ތިބެން ޖެހުމުގެ ކަންބޮޑުވުން އޮތެވެ.
އެ ކަންކަން އެންމެ ގާތުން ފެންނަ މުސްލިމާ ބުނިގޮތުގައި ދެ އަހަރު ނުފުރޭ ކުއްޖާއާ ބެހުނުކަން ފަޅާއެރުމުގެ ކުރިން ވެސް އެ ކުއްޖާގެ ރައްކާތެރިކަމާ ދޭތެރޭގައި ސުވާލު އުފެދޭ ކަހަލަ އަޑުތައް އިވުނެވެ.
"މުންޑު ހިއްލާފައި [މުނި ކާފަ] ދެއްކީއޭ ކިޔައިގެން އެ ކުއްޖާގެ މަންމަ ޒުވާބުތަކެއް ހިނގި. އޭގެ ފަހުން ދުވަހެއްގައި މުންޑު ތެރެއަށް އެ ކުއްޖާގެ އަތްލައިގެން އުޅެނިކޮށް ފެނުނީ ކަމަށް ވެސް ބުނޭ. މި އަޑުތައް އިވޭ، އެކަމަކު އެކަން ފަހުން ނިމެނީ އެއީ މަސްތުގެ ހާލަތުގައި ތިބެގެން އެ މީހުން ދައްކާ ވާހަކަތަކެއްގެ ގޮތުގައި."
ގެ ކައިރީގައި ހުންނަ ޖޯލިފަތީގައި އާއްމުކޮށް އިންނަ މުނި ކާފަ އެ ސަރަހައްދުގެ ކުދިން ހައްލަން ބަހަނީ، އުމުރުން 65 އަހަރު ވެފައި ވާތީ ދައުލަތުން އޭނާ އަށް ދޭ އިނާޔަތެވެ. އޭނާގެ އަމަލުތަކާ މެދު ޝައްކުވާތީ، އޭނާ ދޭ ލާރީގައި ނުހިފަން ގިނަ ބަޔަކު އޮންނަނީ ކުދިންނަށް ބުނެދީފަ އެވެ. އެހެންވިޔަސް މަގުމަތީގައި ދުވެ ސަކަރާތް ޖަހަން އުޅޭއިރު، އޭނާ ގޮވުމުން ބައެއް ފަހަރަށް ކުދިން ހަނދާން ނެތިގެން އެ ފައިސާ އަތުލާ ކަމަށް ބައެއް މީހުން ބުންޏެވެ.
މީގެ ތެރެއިން އޭނާގެ ބިރުވެރި އަމަލުތަކާ ކުރިމަތިލާން ޖެހުނީ ކިތައް ކުދިންނަށް ކަމެއް ނޭނގެ އެވެ. ނަފްސާނީ ގޮތުންނާއި ޖިންސީ ގޮތުން ނުރައްކަލަކަށް ހުށަހެޅުނު ކުދިންގެ އަދަދެއް ވެސް ނޭނގެ އެވެ.!
މިހެން މިކަން ހިނގަނިކޮށް، މިދިޔަ ޑިސެމްބަރުމަހު އަނެއްކާވެސް މުސްލިމާގެ ދަރިފުޅާ ބެހެން އެ މީހާ މަސައްކަތް ކުރި އެވެ. ކުދިންތަކެއް ކުޅެން ތިއްބައި އެ ކުދިންގެ އުމުރާ ނުގުޅޭ ހުތުރު ބަހުން، އެ މުއާމަލާތު ވެސް ކުރި އެވެ. އާއްމުވެގެން އުޅެނީ އެ ވީޑިއޯ އެވެ.
ދެ އަހަރު ނުފުރޭ، އަމިއްލަ ލޭ ހިނގާ ކުއްޖާއާ ބެހުނު މައްސަލަ ފެންމަތިވީ މިކަން ވެސް ހިނގައި ފިޔަވަޅު ނޭޅި އޮއްވަ އެވެ.
"އަބަދު ފެންނަންޏާ އެނގޭނެތާ، އޭނާ ހުންނަނީ އަބަދު އެ ވިސްނުމުގައި،" މުސްލިމާ ބުންޏެވެ.
މުނިކާފަގެ ފަރާތުން ކުދިންނަށް ބިރުވެރިކަން އޮތް ކަން މި ރަށުގެ ގިނަ ބަޔަކު ވެސް ގަބޫލުކުރެ އެވެ. ކައުންސިލުން ވެސް ދެކޭ ގޮތުގައި، އޭނާ އަށް ތުހުމަތުކުރި މައްސަލަތަކުގައި ފިޔަވަޅެއް އެޅި ނަމަ ހިތާމަވެރި އެހެން ހާދިސާއަކަށް ފުރުސަތު ނުލިބުނީހެވެ.
"ކުރީގެ ކުށަށް އަދަބު ނުދެވުން ކަންބޮޑުވުމަކީ،" ކައުންސިލަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
ދެ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކާފަގެ އެފަދަ އަމަލެއްގެ ރެކޯޑެއް މީގެ ކުރިއަކުން ނޯވެ އެވެ.
އެކަމަކު، އޭނާ ހިންގާ ފިހާރައަށް ދާ މީހުން ތިބެނީ ނަފްސާނީ ބިރުވެރިކަމެއްގަ އެވެ. ހަނި ގޯޅިއެއްގެ ތެރޭގައި ހުންނަ އެ ފިހާރައިގެ މައި ދޮރު އާއްމުކޮށް ނުހުޅުވަ އެވެ. އެތަން ހުންނަނީ ބަންދުކޮށްފަ އެވެ. މުޅި ގެ އޮންނަނީ އަނދިރިކޮށްލައިފަ އެވެ. ފިހާރަ އަށް ވަންނަން ޖެހެނީ އަނދިރިކޮށް އޮންނަ ގޭ ތެރެއަށް ވަދެގެންނެވެ.
"ވަރަށް މީހުން ވެސް ނުދާނެ އެ ފިހާރައަކަށް ދެ މާނަ ލާފައި އެއްޗެހި ބުނާތީ. ބިހެއް ގަންނަން، ކޮތަޅެއް ގަންނަން ދިޔައަސް ސަމާސާއަކަށް ހަދާފައި ކިޔާނެ. ދެން ފިހާރަ އަށް ވަންނަން އުޅުނީމަ ކުރި ބައްދައި ޒާތަކަށް އުޅެނީ،" މި ރަށުގެ މެދު އުމުރުގެ އަންހެނަކު ބުންޏެވެ.
އެހެން އަންހެނަކު ވެސް ބުނީ އެއީ "ބިރުވެރި ގޮތަކަށް ހުންނަ ފިހާރައެއް" ކަމަށެވެ.
ދެ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަކުރާ ތިން މީހުން ދިރިއުޅު ގެ: މި ގޭގެ ފިހާރައިގެ މައި ދޮރު ބަންދުކޮށް އެެތެރެއަށް ވަންނަން ޖެހެނީ ގޭތެރެއިން ލާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު
ދެ އަހަރުގެ ކުއްޖާ ރޭޕްކުރުމުގެ އެންމެ ބޮޑު ތުހުމަތެއް ވެސް ކުރަނީ އޭނާ އަށެވެ. އޭނާގެ އަންހެނުންނާއި ދަރިން ދިރިއުޅެނީ މާލޭގަ އެވެ.
މި ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި ވަރަށް ކުރިން އޭނާ އަށް ތުހުމަތެއް ކުރެވިފައި އޮތަސް އޭނާގެ ރެކޯޑެއް ނެތުމުން، ފަހުން ވެސް މިއީ ސީދާ އޭނާ ހިންގި ކަމެކޭ ބުނަން ދައްޗެވެ. އެކަމަކު އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަން ކާފަދަރިފުޅު ކިޔައިދީފި އެވެ. ކޮންމެ މީހަކު ކުރި ނަމަވެސް އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށް އަނިޔާ ވަނީ ލިބިފަ އެވެ. އެ ކުއްޖާގެ މަންމަ އަށް ވެސް ބަފައިބެގެ ފަރާތުން ޖިންސީގޯނާ ލިބުނު މައްސަލައެއް ފަހުން ވަނީ ފެންމަތިކޮށްފަ އެވެ.
"ވަރަށް ގިނައިން ފެނޭ ކުއްޖާ އުރަން ނުވާ ގޮތަށް އުރައި، ދޮންދީ ހަދާތަން. އެހެންވީމަ ސީދާ ކުއްޖާއާ ބެހުނީ ކާފަކަމެއް މުނި ކާފަ ކަމެއް ބުނަން ހަމަ ނޭނގެ. ދެ މީހުން އެއް ފަހަރާ ކަމެއް ވެސް. ބައްޕަ މަސްތުވާތަކެތި ބޭނުންކުރި ނަމަވެސް ކުދިންނާ ބެހޭ ކަމުގެ ތުހުމަތެއް އެއްވެސް އިރެއްގައި ނެތް،" މި ރަށުގެ މީހަކު ބުންޏެވެ.
ކުދިންތަކެއް މަގުމަތީގައި ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
މުޅި ގައުމު ކައްކުވާލި މައްސަލައިގައި ތުހުމަތު ކުރެވުނު ތިން މީހުން ހައްޔަރުކުރުމުން ހިތްހަމަޖެހުނީ ޝަކުވާކުރި މީހުންނަށް އެކަންޏެއް ނޫނެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކާއި މިނިވަންކަން އަދި ރައްކާތެރިކަމެއް ލިބުނީ މި ހިސާބުގައި ދިރިއުޅުނު ކުދިންނަށެވެ.
"އެ މީހުން ގެންދިޔަ މަންޒަރު ފެނުނީމަ ކުދިން [އުފާފާޅުކުރަން] އަތްޖަހާފައި ބުނަނީ އެ މީހުން ހިނގައްޖެއޭ،" އެކަކު ކިޔައިދިނެވެ.
އެ ކުދިންނާއި މި ސަރަހައްދުގެ އާއިލާތަކުން ވަގުތުކޮޅަކަށް ނަމަވެސް މިހާރު ތިބީ ހިތްހަމަޖެހިގެންނެވެ. މިހާރު އޮތް ނުތަވަސްކަމަކީ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމާ ސުވާލު އުފެދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބުލޮ
21 January 2020
ތިމީހާ ހައްޔަރު ކުރުމުން ނުރައްކާ ފިލީ ކަމަށް ނުބެލުން އެދެމެވެ. އެ ދެމީހުން ނޫނަސް ފިލާ ތިބެ ސިއްރުން ކުދިންނާއި ބެހޭ އެތައް ބަޔަކު އަދިވެސސް ތިބެދާނެ ކަން ދަނަނާށެވެ. ކުދިންނަށް ސަލާމަތް ވެގެން ތިބެން ދަސްކޮށްދޭށެވެ. ކުދިންނާއި ބެހޭ މީހުން ކުރާފަދަ ކަންކަމާއި ބެހޭ ގޮތުން ހުށިޔާރު ކުރާށެވެ. އެކުދިން އުޅޭނޫޅޭގޮތް ބަލާށެވެ. އުޅުމަށް ނުވަތަ މިޒާޖަށް ބަދަލެއް އާދޭތޯ ބަލާށެވެ. ދަރިންނާއި ގާތް ގުލުމެއް ބާއަވާށެވެ. އެކުދިންގެ އަޑު އަހާށެވެ.
ޝަލީމް
21 January 2020
ޕެންޝަނަށް -/5000 ލިބޭތީ އިދިކޮޅު ޖުމުހޫރީ ޕާރޓީ ވަރަށް އަސަރުކުރާނެ. ނާގާބިލު މީހުން ތަންތަނުގެ ވެރިންނަށް ތިބޭ ތިބުން ނިމިމަކަށް ގެންނަވާ!
ރީތި މޫސަ
21 January 2020
ތިހުރިހާ ނުރައްކަލެއްފެށިގެންއައީ ތިކުއްޖާގެ މަންމައާއި ބައްޕަ މަސްތުވާތަކެތި ބޭނުންކުރަމުން ދިޔުމުގެސަބަބުން އެހެންނޫންނަމަ ތިހިސާބައްނުދަނީސް ދަރިފުޅުސަލާމަތްކުރެވުނީސް ތިހަތަރުމީހުނަށް ވެސް މަރުގެ އަދަބުނިނުމަށް ގޮވާލަން މުޖުތަމައު އިސްލާޙް ކުރޭވޭނީ ކެރިގެން ފިޔަޅުއަޅައިގެން
ޖޯން
20 January 2020
ޢުމުރުން ދުވަސްވީ މީހުންނަށް ދޭ ފައިސާއިން ހަކުރުބޮއެ، ކުޑަކުދިންނަށް މެޓާ ދީގެން ޖިންސީ އަމަލު ހިންގަންޏާ ދައުލަތުން މިފައިސާ މިފަދަ މީހުނަށް ނުދިނުމަށް ގޮވާލަން
ހާމަ
20 January 2020
އުމުރަށްބަލާފަ ދޫކޮށްލީ! މިމީހާ ސިޔާސީ ކަމަކާ ބެހެލިނަމަ، އުމުރަށް ބަލާނެބާ؟؟؟؟؟ އެކަކަށްވެސް ވޯޓު ދޭނެކަމެއް ނެތް، ރައްޔިތުންނަށް ހެޔޮއެދިގެން އުޅޭ އެކަކުވެސް ވެރިކަމަކަށް ނާދޭ، މިހާރުވެސް މެޖޯރިޓީ އެއޮތީ ވެރިކަން ކުރާޕާޓީއަށް، ރަނގަޅު ބިލެއް ފާހެއް ނުކުރެވުނު. ޑްރަގު ހުއްޓައެއް ނުލެވުނު، ސިގިރެޓް ހުއްޓައެއް ނުލެވުނު، ރަނގަޅުނޫން ސައިޓްތަކަށް ނުވަދެވޭ ގޮތެއް ނުހެދުނު، އަދުލުއިންސާފު ގާއިމެއް ނުކުރެވުނު .......
ޓްރުތް
20 January 2020
މިކަހަލަ ޕާރވަޓުން ރާއްޖޭގެ ކަންކޮޅުތަކުގައި އަދިވެސް އުޅޭނެ، ސަރުކާރުން ފިޔަވަޅެއް އެޅޭނެ މިންގަނޑެއް ނެތިއްޔާ އާންމުން މިކަަހަލަ މީހުން މައިތިރިކުރަން ނިކުންނަންޖެހޭ، ކުއްޖަކު އައިސް މީހަކު މިހެން ބުނެފިޔޭ ކޮޓަރިއަށް ގެންދަންެުޅުނޭ ނޫނީ ނުދައްކަންވާ ވާހަކައެއް މަންޒަރެެއް ދައްކައިފިނަމަ އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ އެމީހަކާ ކުރިމަތިލާންއެބަޖެހޭ...ނުވަތަ އެހިސާބެއްގެ މީހުންވެގެންވިޔަސް އެކަން ހިލުވާލަން އެބަޖެހޭ، ހަނުހުރުމަކީ ހައްލެއްނޫން
ބުނަންތަ!
20 January 2020
ދަރިން ތަރުބިއްޔަތު ކުރަންވާނީ ފައިސާ ނުވަތަ ހަދިޔާއަށް ނުހެއްލޭ ގޮތަށެވެ. އަދި މީހަކު ގޮވާލިޔަސް ނުދާފަދަ ގޮތަކަށެވެ. މައިންބަފައިންނަށް ނުފެންނަ ހިސާބަށް ކުޅެން ދޫކޮށްލާފައި ތިބުމަކީ އެކުދިން ނުރައްކަލަށް ހުށަހެޅު މެވެ. ރަށްރަށުގައި މިއީ އާދައެކެވެ.
ހަސަނު
20 January 2020
"..... މި އަޑުތައް އިވޭ، އެކަމަކު އެކަން ފަހުން ނިމެނީ އެއީ މަސްތުގެ ހާލަތުގައި ތިބެގެން އެ މީހުން ދައްކާ ވާހަކަތަކެއްގެ ގޮތުގައި."... މަސްތުވާ ތަކެތީގެ ބޮލުގަ އަޅުވާފަ މި ބަލަނީ ސަލާމަތްވާން؟؟
20000
20 January 2020
ކުދާކުދިންނާ ބެހޭ މީހުންނަކީ އެކަމަށް އެޑިކްޓް ވާބައެއް. އެހެންވީމާ އެމީހުން ބައިތިއްބަންވީ ގުއިފުނަދޫ ކަހަލަ ރަށެއްގައި އެއްވެސް ކުޑަ ކުއްޖަކު ނުފެންނަ ގޮތް ހަދާފައި
ވަރައްވާހަކަ
20 January 2020
ހާސް ނުވާށެވެ. ފިޔަވަޅު ނާޅައިފިނަމަ އެމީހުންނަށް ހުރި ނުތަނަވަސްކަން މާ ބޮޑެވެ. ރައްޔިތުން ދެކުނިން ތޯއެވެ...