ހުޅުމާލޭގައި ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި އެކަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދަނީ: އެ މައްސަލާގައި އިތުރު މީހަކު ވަނީ ހައްޔަރު ކޮށްފައި -- ފޮޓޯ/ސޯޝަލް މީޑިއާ
14 ފެބުރުއަރީ 2020 - 19:42
ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައާ ގުޅިގެން އިތުރު މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ، އަށެއް ޖަހަން އުޅެނިކޮށް، ވަރަށް ބޮޑަށް ރާވައިގެން ހިންގި މި ޖަރީމާއާ ގުޅިގެން އިއްޔެ ހައްޔަރުކުރީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. އެހެންވެ، މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދަކީ ހަތެކެވެ. އެއީ މުޅިން ވެސް ދިވެހި ފިރިހެނުންނެވެ.
ވަޅީގެ ހަމަލާ އަމާޒުވި ތިން މީހުންގެ ތެރެއިން އެކަކީ ޗައިނާގެ ޓޫރިސްޓެކެވެ. ދެން ތިބީ ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ މީހަކާއި އޮސްޓްރޭލިއާގެ މީހެކެވެ.
އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ ހަރުކަށި ފިކުރުގެ ކަމަށް ބެލެވޭ ބައެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް އާންމުކުރި އެވެ. އެކަމަކު، އެ ވީޑިއޯގެ ސައްހަން އަދިވެސް ފުލުހުންނަށް ކަށަވަރުވި ކަމަކަށް ނުބުނެ އެވެ.
ހުޅުމާލޭގައި، ބިދޭސީންތަކަކަށް ވަޅިން ހަމަލަދިން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ކުރިއަރުވަން މަސައްކަތް ކުރާ ބަޔަކު ވެސް ހިމެނޭ ކަމަށް "މިހާރު" އަށް އެނގިފައި ވެ އެވެ. އެއީ ސިފައިންނާއި ފުލުހުން ދާދި ފަހުން، ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންނާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ހިންގި ރަށެކެވެ. އެ އޮޕަރޭޝަނަށް ފަހު، މަޑުއްވަރީން ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.
ފުލުހުން ވެސް ބުނެފައި ވަނީ ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައިގެ ތުހުމަތު ކުރެވެނީ ހަރުކަށި ފިކުރުގެ ބަޔަކަށް ކަމަށެވެ.
އެކަމާ ގުޅިގެން، އިނގިރޭސި ވިލާތުން ވަނީ ރާއްޖެ ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް، ޓްރެވަލް އެޑްވައިޒަރީ ވެސް ނެރެފަ އެވެ. ދިވެހި ސަރުކާރުން ބުނެފައިވަނީ ރާއްޖެ އަންނަ މީހުންނާއި ރާއްޖޭގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަބީބު
14 February 2020
ޓެރަރިސްޓުން ހިފާ ގައުމު އަމާންކޮށްދެއްވާ.