ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންތަކެއް މަތިންދާބޯޓުން ފައިބަނީ: ބައެއް އެއާލައިންތަކުން ބޮޑެތި ބޯޓުތަކަށް ބަދަލުކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނޭ.-- ފައިލް ފޮޓޯ: މެގަ މޯލްޑިވްސް
09 އޮކްޓޯބަރ 2016 - 20:37
ކުރިއަށް އޮތް ރާއްޖޭގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ބޭރުގެ ބައެއް އެއާލައިންތަކުން މިހާރަށް ވުރެ ބޮޑެތި މަތިންދާބޯޓުތަކެއް ރާއްޖެ އަށް އޮޕަރޭޓް ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އާ ރަންވޭއެއް ހެދުމަށް ކުރަމުން ގެންދާ މަސައްކަތް ނޫސްވެރިންނަށް ދައްކާލައްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މި މަހުން ފެށިގެން އަންނަ އޭޕްރީލް މަހާ ދެމެދު ހިނގާ ސީޒަނަށް މިހާރު ވެސް ދެ އެއާލައިނަކުން ބޮޑެތި ބޯޓުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ގޮތުން، ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ދަތުރުކުރާ ބަޖެޓް އެއާލައިން، އެއާއޭޝިއާ އިން އޭ330 ގެ ބޯޓަކަށް އަދި ގަތަރު އެއާވޭސް އިން ވެސް މިހާރަށް ވުރެ ބޮޑު ބޯޓަކަށް އަޕްގްރޭޑްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިތުރު ޕެސެންޖަރުން ލިބޭތީ ކަންނޭނގެ އެ އަޕްގްރޭޑް ކުރާނީ. އެ އުސޫލުން އަންނަ ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ވެގެން ދާނެ ކަމަށް މި އުންމީދު ކުރަނީ،" އާދިލް ވިދާޅުވި އެވެ.
އޭގެ އިތުރުން، ރާއްޖެ އަށް އާންމުކޮށް އުދުހޭ އެއްވެސް އެއާލައިނެއްގެ ދަތުރުތައް ހުއްޓާލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމިއްލަ ފަރާތްތަކުގެ ޖެޓު ވެސް ޖައްސަމުން އަންނަ ކަމަށާއި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް އަންނަ ޑިސެމްބަރު މަހު ގިނަ އަދަދެއްގެ ޖެޓު ވެސް އަންނާނެ ކަމަށެވެ.
ބައެއް އެއާލައިންތަކުން ފްލައިޓުތައް އަޕްގްރޭޑް ކުރި ނަމަވެސް، ކުރިއަށް އޮތް ޓޫރިޒަމް ސީޒަންގައި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުތަކަށް ވުރެ ދަށްވާނެ ކަމަށް އެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެ ގޮތުން، ޓޫރިސްޓުން އަންނަ އަދަދު އިތުރު ކުރުމަށް، މުޅި އަހަރަށް ބަހާލައިގެން ހިންގާ ޕްރޮމޯޝަންތައް އަހަރު ފަހުކޮޅު ވެސް ކުރިއަށް ގެންދަން ޖެހިފައިވާ ކަމަށް ބައެއް ރިސޯޓުތަކުގެ ވެރިންނާއި ޓްރެވަލް އެޖެންޓުން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް ހީނަރުވެފައި ވާތީ، މި އަހަރު އަންނާނެ ކަމަށް ލަފާކުރި 1.5 މިލިއަން ޓޫރިސްޓުން ހަމަ ނުވާނެ ކަމަށް ސަރުކާރުން ނިންމައި މިދިޔަ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެންނަން މިހާރު ވަނީ އަމާޒު ހިފާފަ އެވެ.
ރާއްޖެ އަށް 750،000 ޓޫރިސްޓުން އައި ކަމަށް ބުނެ އެކަން ސަރުކާރުން ވަނީ މިދިޔަ އޮގަސްޓް ހަތެއްގައި ފާހަގަކޮށްފަ އެވެ. އެކަމަކު، އެއީ ސައްހަ އަދަދެއްތޯ އޭރު ވެސް އޮތީ ސުވާލު އުފެދިފަ އެވެ. މީގެ އިތުރުން، އޮގަސްޓް މަހު ރާއްޖެ އައި ޓޫރިސްޓުންގެ ތަފާސްހިސާބު، މިދިޔަ މަސް ނިމި އާ މަހެއް ފެށިފައި ވާއިރު ވެސް ޓޫރިޒަމް މިނިސްޓްރީން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ
10 October 2016
މިހާރު ރިސޯރޓުތަކަށް ޓުއަރިސްޓުން އަންނަކަމަކަށް ނުވޭ. އޮކިއުޕަންސީ އުޅެނީ 50% ގަ އޯ. މިނިސޓްރީގެ ހިސާބުތަކުން ގިނަ އަދަދެއްގެ ޓުއަރިސްޓުންދައްކާ. އަދި މިލިއަނުން ހަރަދު ކޮށްގެން އާރިސޯރޓުތައް އެބަހަދާ ބޮޑެތި ބޯޓު ފަހަރު އެބަ އަންނަންޖެހޭ ގިނަ މީހުން އަންނާތީ. މިވާގޮތެއް ނޭންގުނު. ކިޔާއެއްޗަކާ ހިސާބަކާ ދިމަލެއް ނުވޭ. އަނެއްކާ ޓެކުސް ދައްކަންޖެހޭތީ ވާގޮތެއްތަމި.
ބަޑިއެދުރު
10 October 2016
އެއަރ ލައިން އިތުކޮށްގެން އިތުރު ގެސްޓުން ގެނެވޭނީ........