21 ޖޫން 2020 - 14:03
މާލޭގައި ކޮވިޑް-19 ގެ ކޭސްތަކުގެ އެންމެ ބޮޑު ކްލާސްޓާތައް ގުޅިފައި ވަނީ ބާޒާރުމައްޗާ އެވެ. އެހެންވެ ބާޒާރު މައްޗަށް ގޮސް އުޅުމުގައި އިތުރަށް ސަމާލުވާން ކަމާބެހޭ ފަރާތްތަކުން އަބަދު ވެސް އިރުޝާދު ދެ އެވެ. މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ލުއިތަކެއް ދީފައިވާއިރު އަނެއްކާ ވެސް ބާޒާރުމަތި ފެންނަނީ ވަރަށް ބާރު ބޮޑު ކޮށެވެ. އެކަމަކު ތޮއްޖެހިގެން ތިބި ނަމަވެސް އެންމެން ވެސް ތިބެނީ މާސްކް އަޅައިގެންނެވެ.
ބާޒާރުމަތީ ގިނަ ފިހާރަތަކެއް ކައިރީގައި ވެސް މީހުން ދުރުދުރުގައި ތިބެން ނިޝާންތަކެއް ކުރަހާފައި އެބަހުއްޓެވެ. މަސް މާރުކޭޓް ބޭރު، ޕޭވްމަންޓްގައި ވެސް އެފަދަ ނިޝާންތައް ކުރަހާފައި އެބަ ހުއްޓެވެ. ނަމަވެސް މީހުން ތިބެނީ ތޮއްޖެހިގެންނެވެ. އެ ނިޝާންތައް ބޭނުމެއް ނުކުރެ އެވެ. އެކަމަކު ގިނަ ބަޔަކު ތޮއްޖެހިގެން ތިބި ނަމަވެސް އެ އެންމެން ތިބެނީ މާސްކް އަޅައިގެންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާ ދިނީ ބޭރުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމާ އެކު އެކަކު އަނެކަކާ ދެމެދު ތިން ފޫޓްގެ ދުރުމިނެއް ވެސް ބެހެއްޓުމަށެވެ. އެކަމަކު ބާޒާރުމަތިން ފެންނަނީ މާސްކް އެޅުމަށް އެންގި އެންގުމަށް އަމަލު ކުރިޔަސް ގައިދުރުކަން ބަހައްޓަން އަމަލު ނުކުރާތަނެވެ.
ބަޔަކު ބާޒާރުމަތީ ފިހާރައަކުން ވިޔަފާރި ކުރަނީ: މާސްކް އަޅައިގެން ތިއްބަސް ގައިދުރުކަމެއް ނުބަހައްޓާ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ބާޒާރުމަތީގެ ޓްރެފިކް ބެލުމަށާއި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވެ އެވެ. ނަމަވެސް ތޮއްޖެހިގެން އުޅޭ މީހުން ދުރު ކުރާ ތަނެއް ނުފެނެ އެވެ.
ބާޒާރުމައްޗަށް ބާރު ބޮޑު ވެފައިވާ ސަބަބު ކިޔައިދެމުން އުތުރުގެ ވިޔަފާރިވެރިއަކު ބުނީ ލޮކްޑައުންގެ ސަބަބުން އެ މީހުންގެ ރަށްރަށަށް ފޮނުވަން ޖެހޭ ގިނަ މުދާތަކެއް ހުރީ ނުފޮނުވި ކަމަށެވެ. އެހެންކަމުން އެ ރަށްރަށަށް ބޭނުންވާ މުދާ ވަނީ ހުސްވެފައި ކަމަށާއި ބާޒާރަށް ބާރު ބޮޑުވަނީ އެ މުދާތައް ގަންނަން ގިނަ ބަޔަކު އަންނާތީ ކަމަށް އޭނާ ބުންޏެވެ.
"ހުރިހާ ރަށަކަށް ވެސް ހަމަ މިގޮތަށް ދިމާވީ. އެހެންވީމަ އެންމެން ނުކުންނާނެ އެންނު ރަށަށް މުދާ ފޮނުވަން. ދެން އަސްލު ބުނި ގޮތް ހަދާތީ ދޯ މާސްކް އަޅައިގެން އެ ތިބެނީ. އެކަމަކު ތިބުނާ [ތޮއްޖެހުން] ކަންތައް ގޯސް،" ރަށުގައި ފިހާރަ ހިންގާ ވިޔަފާރިވެރިޔާ ބުންޏެވެ.
Bodethi cluster thah gulhifai vanee Baazaarumahchaa: Dr. Afzal
The most trusted news source in the Maldives
Mihaaru
ގިނަ ކްލަސްޓާތަކެއް ގުޅިފައި ވަނީ ބާޒާރު މައްޗާ ކަމަށް އެޗްޕީއޭއިން ބުނުން
ތޮއްޖެހިގެން ތިބުމުގެ އިތުރުން ތަކެތީގެ އަގު ބެލުމަށާއި ތާޒާކަން ބެލުމަށް ގިނަ ބަޔަކު ތަކެތީގައި އަތްލައި ވެސް ހަދަ އެވެ. އެގޮތަށް އަތް ލެވޭ ގޮތަށް ޑިސްޕްލޭގައި ތަރުކާރީ އާއި މޭވާގެ އިތުރުން އެހެން މުދާތައް ވެސް ކުރިއެކޭ އެއްގޮތަށް ބަހައްޓާފައި ހުރެ އެވެ. އެޗްޕީއޭއިން ވަނީ އެގޮތަށް ތަކެތީގައި އަތްލައި ނޫޅުމަށް ވެސް އަންގައިފަ އެވެ.
މާލޭގެ ފަޅުތެރޭގައި މިއަދު އޮތް މަސް ދޯންޏެއްގައި ތިބި ބަޔަކު މާސްކް ނާޅައި، ކޮވިޑް-19 އިން ރައްކާތެރިވުމުގެ އުސޫލާ ޚިލާފަށް ކައިރިކައިރީގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
ތޮއްޖެހިގެން އުޅޭ މައްސަލާގައި ވިޔަފާރިވެރިން ބުނަނީ އެ މީހުންނަށް އެކަން ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ކަމަށެވެ. ލޮކްޑައުންގެ ފަހުން ކުރިއެކޭ އެއްގޮތަށް ވިޔަފާރި ކުރަން މީހުން ނާންނަ ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.
"ލޮކްޑައުންގައި ރަނގަޅު ކޮންމެ ވެސް ވަރަކަށް. މިހާރު 40 ޕަސެންޓް ދަށް ވެއްޖެ. މީހުން ވަރަށް ނާދޭ،" ބާޒާރު ފިނޮޅު ފިހާރައިގެ ސޭޓަކަށް ހުރި ބޭރު ސޭޓް ބުންޏެވެ.
ގިނަ ބަޔަކު ބާޒާރު މައްޗަށް އެއްވެ ވިޔަފާރި ކުރަނީ: ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅިޔަސް އެހެން އުސޫލުތަކަށް އަމަލެއް ނުކުރޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި ގިނަ މީހުންގެ ކްލާސްޓާތައް ގުޅެނީ ބާޒާރު މައްޗާ އެވެ. މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުގެ ތެރެއިން އެމްއެޗްއޭ އާއި ލިލީ އަދި ބީއެޗްއެމް ޓްރޭޑާސްގެ މުވައްޒަފުންތަކެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާން ކުރި ލޮކްޑައުން އަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ލުއިތަކެއް ދީފައިވާއިރު މިހާރު ހުއްދައަކާ ނުލައި ކޮންމެ ދުވަހެއްގެ ފަތިހު 5:00 އިން ރޭގަނޑު 10:00 ހަމައަށް ބޭރުގައި އުޅެވެ އެވެ. ލުއިތަކާއެކު ގިނަ ބަޔަކު ނުކުމެ ތޮއްޖެހިގެން އުޅޭތީ އެޗްޕީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނެވާނެ
22 June 2020
ބާޒާރުމައްޗެއް ނޫން މުޅި މާލޭގަވެސް ސޯޝަލް ޑިސްޓަންސް ބެހެއްޓޭނެ މާލެއިން މީހުން މަދުކުރީމަ. ޑިސްޓެންސިންގގެ ކަންކަން އަމިއްލައަށް ހަމައަކަށް އެޅިގެންދާނެ. މާލެއަށް ނުކަތާވަރަށް ފިހާރަތަކާ ރެސްޓްރޯންޓްތަކާ ކެފޭތަކެއް ނޯންނާނެ އޭރުންނެއް. ނިކުމެ އުޅޭ މީހުން މަދުވެ ގައިދުރުކަން ބެހެއްޓޭނެ އެތަނެއްގަ އުޅޭ މީހުން މަދުވީމަ. މިހާރު ކޮންމެ ގެއަކުން ޒަރޫރީ ބޭނުމަށް 2 މީހުން އެއްގަޑިއެއްގަ ނިކުތަސް މުޅި މާލެ ފުރެނީ ހަމަ މީހުންނާ ވިޔަފާރިތައް ގިނަވީމަ.
އަލި
22 June 2020
ހުރިހާ ތަނެއްގެ ހާލުވެސް ހުރީ ތިހެން. ހުޅުމާލެ ސެންޓްރަލް ޕާރކް ވެސް ރޭގަނޑު ބަލާލަބަލަ ކިހާ ގައިދުރުމިނެއް ބަހައްޓާތޯ އެވެސް މާސްކު ނާޅާ.. ސައިކަލްގައި ބޮޑުތަކުރުފާނު މަގުން އަންހެނެއް ފަހަތަށް އަރުވައިގެން މާލެ ވަށާ ކޮންމެ ހަވީރަކު، ކޮންމެ ރެއަކު މިޖަހާ ބުރުތަކަކީވެސް ހަމަ ޒަރޫރީ ބޭނުންތޯ ހިތާހިތާ ސުވާލުކޮށްލެވޭ...
ކަލި
22 June 2020
ސައިކަލްގަ ބުރުޖަހަން ދިއުމަކީ ކަސްރަތުކުރަންދާ މީހުން ނުވަތަ ހިނގާލަން ކުޑަކުދިންނާ މުސްކުޅިން ނިކުތުމެކޭ މާބޮޑު ތަފާތެއް ހުރި ކަމެއް ނޫން. ކޮންމެކަމެއް ގޯސްކުރަން ނޫޅޭ. ބުރުޖަހަންދާއިރު އެބަޔަކު އެތިބެނީ މާބޮޑަށްވެސް ސޯޝަލް ޑިސްޓެންސްގަ. ކަސްރަތުކުރަންދާ މީހާއަށްވުރެވެސް ބޮޑަށް ޑިސްޓެންސް އޮންނާނެ. ކޮންމެ ކަމެއްގަ ފާޑުކިޔަން ބޭނުންވާ ބައަކު ތިކަހަލަ ކޮމެންޓެއްވެސް ކޮށްލެވޭތޯ ބަލާނެ.
ރަށު މީހާ
21 June 2020
އަދިވެސް މާލެ އަށް ތޮއް ޖައްސާ، ގަދަ ކަ މުން މޭލެއް ހަ މަ ކޮށްފަ އޮތް ތަނަކަށް 2 ލައްކަ މީހުން ގެންގޮސް އަޅާފަ މި ބުނަނީ ސޯޝަލް ޑިސްޓޭންސް ބަހައްޓަން
އަމިއްލެއަށް ބުއިބޮނޑި
21 June 2020
ކިތައްމެ ވަރަކަށް މާލެ ލޮކްޑައުން ކޮށްކޮށްފަ ހުޅުވިޔަސް މި މާލެ އޮންނާނި މިހެން. ހުރިހާދިމާލަކުން ކަހާލައިގެން މާލެ ގެނަސް އެޅީމާ މި މާލެ ކިތައްމެ ވަރަކަށް ލޮކްޑައުން ކޮށްކޮށްފަ ހުޅުވިޔަސް ޖެހޭނި ޖެހޭތާ. މާލެ އަންނަން މަޖުބޫރު ކުރުވާފަ މިހާރު މާލެއިން މީހުން ގިނަވީމަ ކޮން ޝަކުވާއެއް ކުރާކަށް. ނުގަވއިދުން ބިދޭސީ ގެނަސް އަޅާލިއިރު ހޭ ވެސް އަހާނުލާތިބެފަ މިހާރު ކޮން ރުއިމެއް ރޯކަށް. މިމާލެ އޮންނާނީ ހަމަމިހެން ފިތިބާރުވެފަ. ކުރެވޭނަކަމަކީ މާސްއެޅުން
ސެލާރ
21 June 2020
ބާޒާރުކުރާއިރު އެއްޗެހި އިންސްޕެކްޓްކުރަމުން ޑިސްޓަންސް ބެހެއްޓޭތަ ހަފަރާތަށް ބަލަމުން؟ އެ ސަރަހައްދަށް ވަކި ވަރަކަށް މީހުން ވަދެވޭ ގޮތް ހަދަންވީނު. އެއްގަމުންނާ ކަނޑުން ފޫޓުން ދުރުމިން ބަހައްޓުވައިގެން. އެނޫން ގޮތަކަށް އެތަން ކޮންޓްރޯލެއް ނުވާނެ. ޓްރެފިކް ޕޮލިހާ އެއްގޮތަށް ޑިސްޓަންސިންގ ޕޮލިސްވެސް އެބަ ބޭނުންވޭ މާލެއަށް.
ޓާޒަން / ބ.ހިތާދޫ
21 June 2020
އެންމެން އާދެބަލަ ރަށަށް. އޭރުން މާލޭ ބާޒާރުމައްޗާ މަގުތަށް ތޮއްޖެހެގެން އުޅޭކަށްނުޖެހޭނެ.
އަލި
22 June 2020
ކޮންމެ ހާލެއް ޖެހުނަސް ރަށަށް ދާން ބޭނުން މީހެއްނެތް. މާލޭގައި ނޫޅުނަސް ވަގު ލިއުން ހަދައިގެން ވެސް ބަލަނީ މާލޭން ފްލެޓެއްވެސް ހޯދޭތޯ...
ފަޤީރުކޮއެ
21 June 2020
ފުރަތަމަ ރާޅުގެ މެދުތެރެއިން ލޮކްޑައުން އުވާލީމަ މިހެންވާނީ! ދެންވާނެއެއްޗެއްވީމަ ރައްޔިތުންބޮލަށް ކަނޑާނުލާ!
ނިރު
21 June 2020
ދިވެހިން އެބަ ބޭނުންވޭތާ ސިއްހީ ރަށްކާތެރިކަން ވެސް އެހެން ނޫންނަމަ މާސްކެއްވެސް ނާޅާނެތާ .. ކުޑަކުޑަ މާލޭގަ ނުކަތާވަރަށް މީހުން ގިނަވެ ޒަރޫރީ ބޭނުންތަކަށް ނުކުންނަން ޖެހުނީމަ ބޭނުން ނުވިޔަށް ގާގޯޅި ވެވެނީހެން ހީވަނީ.. އަތުންފައިން މަސައްކަތެއް ނުކޮއް ކޮންމެވެސް މީހަކު ކާއެތިކޮޅެއް ދިނީމަ ކާލާގެން ފޮޓޯގަޑަށް ބަލާލާގެން ކޮމެންޓްކުރަން އޮންނަ މީހަކަށް ހާލަތެއް ވަޒަނެއް ނުކުރެވޭނެ. ..
ގަޓް ބްރޯ
21 June 2020
ގާނޫނާ ގަވައިދު ހަދާފަ ރައްޔިތުން އެއަށް އަހުލުވެރިވަންދެން ގާނޫނާ ގަވައިދު ތަންފީޒުކުރުމަކީވެސް ސަރުކާރުތަކުން ކުރަންޖެހޭ ކަމެއް. ފަރުދީ ޒިންމާ އޭ ކިޔާފަ ކޮންމެ ކަމެއް ބޮލުންނައްޓާލުމަކީ ޒިންމާދާރު ސަރުކާރެއްގެ ގޮތެއްނޫން. ރާއްޖޭގަ ހުރިހާވެސް މައްސަލައަކީ ގާނޫނާ ގަވައިދުތައް ހަދާފަހުއްޓަސް ތަންފީޒުކުރާނެ ގާބިލްކަން އެއްވެސް ސަރުކާރެއްގަ ނެތުން.
ޢަހޫ
21 June 2020
މިއަދުޢަހަރެންވެސް ރަށުންގެނައި ފޮށިގަޑެއްބަލާ ބާޒާރުމަޢްޗައް ދިއައިން. ދަތްދޮޅީގަ މާސްކް އަލުވައިގެންތިބިމީހުންވަރަށްގިނަ އަދި މާސްކްނާޅާމީހުންވެސް ތިބި .
މާސްކޫ
21 June 2020
މާސްކްއަޅައިގެން ގިނައިރު ވީމައި ނޭވާލާން އުނދަގޫގޮތެއް ހުރެ އެހެންވެ ކަމަށްވާނީ