އަދީބު: އިއުތިރާފްގެ އެއްބަސްވުމެއް ދައުލަތާ އެކު ހެދީ ބޭރަށް ފޮނުވަން އެއްބަސްވުމުން ކަމަށް އޭނާ ވިދާޅުވޭ -- މިހާރު ފޮޓޯ/ހުސައިން ވަހީދު
12 ޖުލައި 2020 - 12:53
ޚިޔާނާތުގެ މައްސަލައިގައި ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމެއްގައި ދައުލަތާ އެކު ސޮއިކުރެއްވީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން އެއްބަސްވުމުން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.
އެ މައްސަލައިގައި އަދީބާއި ދައުލަތާ ދެމެދު އޮތީ ކުށަށް އިއުތިރާފު ވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހަދައިފަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ އެ އެއްބަސްވުމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހެދީ އަދީބު އެގޮތަށް ބޭނުންފުޅު ވާތީ ކަމަށެވެ. ފަހުން ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބުނާ ފަދަ ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް ވެސް އޮންނާނެ ކަމަށާއި ދައުވާތައް އުފުލީ އެ އެއްބަސްވުމުގެ ދަށުން ކަމަށް ދައުލަތުން ބުންޏެވެ.
އެކަމަކު އަދީބު ވިދާޅުވީ، އެ އެއްބަސްވުމުގައި އެ މަނިކުފާނު ސޮއިކުރެއްވީ ޖަލަށްލާފައި ވަނިކޮށް، ކުރިމަތިވި ސިއްހީ މައްސަލަތަކަށް ފަރުވާ އަށް ހޯދަން ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ހޯއްދަވަން ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއިކުރައްވަން އެދިވަޑައިގަތީ އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމާއި އޭރުގެ ފުލުހުންގެ ބައެއް އިސް އޮފިސަރުން އެ މަނިކުފާނާ ބައްދަލު ކުރުމަށް ފަހު ކަމަށާއި އިއުތިރާފުގެ ބަޔާނެއް ވެސް ނެގުމަށް ފަހު، ރާއްޖެ އިން ބޭރަށް ވަޑައިގެންނެވުނީ އޭގެ ފަހުން ކަމަށް އަދީބު ވިދާޅުވި އެވެ.
"އެ ބޭފުޅުން ވިދާޅުވީ އެއްބަސްވުމުގައި ސޮއިކޮށްފައި ދެވިދާނެއޭ ބޭސްފަރުވާ އަށް. އެ ބޭފުޅުން އެކުލަވާލީ ވެސް. އަޅުގަނޑަކީ އެކަހަލަ އެއްބަސްވުން ހަދަން އެނގޭ މީހެއް ނޫން. އަޅުގަނޑު ހުރީ އެއްބާރުލުން ދޭން ތައްޔާރަށް،" އަދީބު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ތަހުގީގަށް އެއްބާރުލުން ދެއްވަން އަމިއްލަފުޅަށް ވެސް ބޭނުންވެ އެވެ. އެކަމަކު އެ އެއްބަސްވުމާ ގުޅޭގޮތުން އިޖުރާއީ އެތައް މައްސަލައެއް އެ މަނިކުފާނުގެ ވަކީލުން ފާހަގަކުރަމުން ގެންދަނިކޮށް، އެއްބަސްވުމުގައި ސޮއިކުރެއްވީ ބޭސްފަރުވާ އަށް ކޮންމެހެން ވަޑައިގަންނަވަން ބޭނުންފުޅު ވާތީ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން ބޮޑަށް ބޭނުންވަނީ ބޭސްފަރުވާއޭ. އެހެންވީމާ ވަކީލަށް ދެންނެވި އިތުރު އެއްޗެއް ނުދަންނަވަން މިކަމުގައި،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ކުރިން ތަހުގީގުކޮށް ނިންމި ކަމަށާއި އޭގެ ފަހުން އަލުން އެ ތަހުގީގު ހިންގި ގޮތެއް ސާފުނުވާ ކަމަށެވެ. އެކަމަކު ދައުވާތަކަށް އިންކާރުކުރާ ކަމަށް ސީދާ ވިދާޅެއް ނުވެ އެވެ.
ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި މީހަކު ބޭސްފަރުވާ އަށް ފޮނުވަން ޝަރުތުކޮށް، ޕީޖީ އަށް އެއްބަސްވުމެއް ހެދެނީ ކޮން ހަމައަކުންތޯ ވިދާޅުވެ، ގާޒީ އިސްމާއިލް ރަޝީދު ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާއެއް ކަމަށާއި އެހެންވެ އެފަދަ ޝަރުތެއް ހިމަނައިގެން އެއްބަސްވުމެއް ހަދަން ހުރަހެއް ނެތް ކަމަށެވެ.
އޭގެ ރައްދުގައި އަދީބު ވިދާޅުވީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނު އޮތްގޮތުން ކަމާބެހޭ ޑޮކްޓަރުން ލަފާ ދީފި ނަމަ، ގައިދީން ބޭރަށް ފޮނުވަން ލާޒިމު ވާނެ ކަމަށާއި އެކަމަކު އެ މަނިކުފާނަށް އެ ހައްގު ނުދީ ގަސްދުގައި ހިފެހެއްޓީ ކަމަށެވެ. އެ މައްސަލައިގައި ކޯޓަށް ވަޑައިގަތުމުން ވެސް އެ ހައްގަށް ހުރަސް އެޅީ ކަމަށް އަދީބު ވިދާޅުވި އެވެ.
ދައުލަތުން ބުނީ ގާނޫނުގައި ބުނާ ފަދަ އިއުތިރާފުގެ އެއްބަސްވުމެއް އަދީބާ އެކު ހެދީ ބޭސްފަރުވާގެ ކަންކަން ނިމިގެން އެ މަނިކުފާނު ރާއްޖެ ވަޑައިގަތް ފަހުން ކަމަށެވެ. އެފަދަ އެއްބަސްވުމެއް އޮތަސް، ކުށަށް އިންކާރު ކުރުމުގެ ހައްގު އަދީބަށް އޮންނާނެކަން ދައުލަތުން ފާހަގަކުރި އެވެ.
އަދީބުގެ މައްޗަށް ކުރިން ކުށް ސާބިތުވި އަދި ފަހުން ހައި ކޯޓުން ހުކުމް ބާތިލްކުރި ޅ. މާބިންހުރާގެ މައްސަލައިގެ ވާހަކަ ވެސް އެއްބަސްވުމުގައި ހިމަނާފައި އޮތުމުން އެކަމާ ބެހޭގޮތުން ވެސް ގާޒީ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ މާބިންހުރާގެ މައްސަލައިގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް، އެ އެއްބަސްވުމުގެ ދަށުން އެ މައްސަލަ ވެސް ފަހުން އަނބުރާ ގެންދިޔައީ ކަމަށެވެ. މިހާރު ދައުވާތައް ކުރަނީ ވަކިވަކި ރަށްތަކާ ގުޅިގެން ވަކި ދައުވާތައް ކުރުމުގެ ބަދަލުގައި ހުރިހާ ރަށްތަކާއި މުއާމަލާތްތަކެއް ހިމެނޭ ގޮތަށް ޖޮއިންޓް ދައުވާތަކެއްގެ ގޮތުގައި ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ގާޒީ ދެން ދައުލަތާ ސުވާލު ކުރެއްވީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު އަމުރާ ގުޅޭ ގޮތުންނެވެ. އެ އަމުރުގައި އަދީބު ވެސް ހިމެނޭކަން ފާހަގަ ކުރައްވައި، އެ އަމުރުގެ ދަށުން ބައެއް ބޭފުޅުން ދޫކޮށްލަން އޭރު ސުޕްރީމް ކޯޓުން އެންގީ ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބުނެ ކަމަށާއި އެހެންވެ، ކުރިން އެ މައްސަލަ ބެލި ފުލުހުން ހިމަނައިގެން އަލުން އެ މައްސަލަތައް ބެލުމަކީ ރަނގަޅު ކަމެއްތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ އެ އަމުރު އޮތްގޮތުން، ސިޔާސީ ނުފޫޒު އޭރު ފޯރުވީ ފުލުހުންނަށް ކަން އެނގެން ނެތް ކަމަށެވެ. ފަހުން ތަހުގީގު ހިންގީ ފުލުހުން އެކަނި ނޫން ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރިޔާސީ ކޮމިޝަން ވެސް އެ ތަހުގީގުގައި ބައިވެރިވި ކަމަށް ދައުލަތުން ބުންޏެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ މިއަދުގެ އަޑުއެހުން ބޭއްވީ އެއްބަސްވުމާ ގުޅޭގޮތުން އިޖުރާއީ ބައެއް ކަންކަން ފާހަގަވުމުން އެކަން ސާފުކުރެއްވުމަށް ކަމަށެވެ. ދެން އޮންނަ އަޑުއެހުމެއްގައި އެ ކަންކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވެސް ގާޒީ އިސްމާއިލް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ރިޔާސީ ލޯންޗުކޮޅުގައިި އެއްޗެއް ގޮއްވާލި މައްސަލައިގެ އިތުރުން ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ވެސް އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވި އެވެ. އެކަމަކު ފަހުން މަތީ ކޯޓުތަކުން އެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
boys rule
13 July 2020
އިބޫ މާދަމާ އަށް ވިސްނާގެން މީހުންނާއި ޑީލް ހަދާތި އަޅުގަނޑެއް ބޭނުމެއް ނޫން މަނިކުފާނު ޖަލުގެ ހޫނު ގޮޅީގައި އޮންނަ ތަން ދެކޭކަށް. ޕޮލިހަށް ހާޒިރު ކުރަން ފަށާ ދުވަހުން ފެށިގެން ހުކުމާއި ހަމޔަށް މަނިކުފާނު ލޮލުން ފައިބާ ކަުނަ ތަކުން ވަރަށް އަސަރު ކުރާނެ.
ޚިޔާލު
13 July 2020
މިކަމުގައި ދައުލަތުގެ ކުށެއް ނެތް. އެެއްބަސްވެވުނު ގޮތަށް އަދީބު ޓަގުބޯޓަކުން ފުރުވާލެވުނު.
ވަތުބަތާނަ
13 July 2020
ދަޢުލަތުގެ ބެއިތުލްމާލު ދިރުވާލާފަ ކޮން ސްޓަންޓެއް ޖައްސަން މިއުޅޭނީ ޢުމުރަށް ޖަލަށް ލީމާ ނިމުނީ! މި މީހުންގެ ވަކީލުންނަށް ދާ ދެފުއް ދެގޮތް މީހުންގެ ހުރި ...............؟
ލުތުފީ
13 July 2020
ބޮޑަށް ބޭނުންވީ ފިލައިގެން ދާން. ވައްކަންކޮށްގެން މިލިޔަނުން ދައުލަތުން ކައްވާލި ޑޮަލަރު ތަށް ހުންނާނެތާ!
ޢުމަރުވީރުރަދުން
13 July 2020
ވެރިމިހާ އަކީ އޭނާގެ ވެރިކަން ހިނގާ ސަރަޙައްދުގައި މަރުވާ ބުޅަލަށްވެސް ޒިންމާވާންޖެހޭ މީހެއްކަން ޢުމަރުގެފާނުގެ ސިޔަރަތުން އެނގޭހިނދު، ރައީސް ޢައްޔަނުކުރި އޭނާގެ އެންމެ އަރިސް ނައިބުގެ ކުށްތަކަށް ރައީސް ޒިންމާވާންނުޖެހޭނެ ގޮތަކީ އިސްލާމީ ޙުކުމްތަކާއި ސަޙާބީންގެ ސިޔަރަތާއި މުޅިންޙިލާފު ވާހަކަތަކެކެވެ. މިކަން ނުދަންނަ ބަޔަކު ދީނާ ޤައުމުގެ ދިފާޢުގައި ކިތަންމެ ހަޅޭކެއްލެވިޔަސް ލާދީނީ ފަރާތްތަކުގެ ވަކިތަކުން މިންޖުވާނެގޮތެއް އަހަރެންނަކަށް ނުފެނޭ!
C Omega 3
12 July 2020
ވައްކަމުގެ ތުހުމަތު ކުރެވޭ މުޖުރިމަކާއެކު ސަރުކާރުން ޑީލް ހަދުމަކީ ލަދުވެތިވާންޖެހޭ ކަމެއް. މިކަމުން އެގެނީ ވަކިބަޔަކު ހައްޔަރުކުރުމަށް ނުވަތަ ޖަލަށް ލުމަށް ސަރުކާރުން ކަންތަށް ވިލަރެސްކޮށްފައިވާކަން.
މުމްތާޒް
12 July 2020
ވަރަށް ބޮޑުތެދެއް ތިބުނީ، ވަކިބަޔަކު ނުވަތަ ވަކިމީހަކު ފްރޭމް ކުރަން މިސަރުކާރުން މުޖްރިމަކާއެކު ޑިލްހެދި!
ލުތުފީ
13 July 2020
މިއީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގަވެސް ކުރާކަމެއް. ވައްކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެންމެ އިސް ރޯލެއް ކުޅުނީ އަދީބް. މައްސަލައިގެ ހަގީގަތް އެންމެބޮޑަށް އެގޭނީ އޭނަޔަށް. އެހެންވީމަ އަދީބުގެ ފަރާތުން އެއްބާރުލުން ދޭން އެއްބަސްވެ، ކުށަށް ކަނޑައެޅިފައި އޮންނަ އެންމެ ކުޑަ ދައުވާއެއް ކުރުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވޭ. އަދީބް ގެ ފަރާތުން ލިބޭ މަޢުލޫމާތަކީ މިކަމުގަ އެންމެ މުހިންމު މަޢުލޫމާތަށްވާނީ.
ޚަންދު
12 July 2020
ޕީޖީ ގެ ހުރި ދެކޮޅު ނުޖެހޭކަން މިއެގެނީ.
ހަސަދު
12 July 2020
ސިއްރު ޑީލް ހެދުމާ، ވައްކަން ކުރުމާ، ފުރައްސާރަ ކުރުމާ، މިއީ ސަރުކާރު ލެވަލަ ގައި ކުރާ ކަންކަން. މިފަދަ އެހެން ގައުމެއް މިހާރު ދުނިޔޭގައި ވާނެބާ އޭ އަޅުގަނޑު ހިތައްއަރާ. ދިވެހިން ހާދަ ދަށު ދަރަޖަ އަކަށް ވެއްޓިއްޖެއޭ.
ރިޝްވަތުގ
12 July 2020
އެހެންވީމާ ދައުލަތުން ރިޝްވަތު ހުށަހެޅީ. އަދީބު ރިޝްވަތު ބަލައިގަތީ. އަދީބަށް މީ އާކަމަކަށް ނުވެދާނެ އެކަމަކު ދައުލަތުން ކުރީމާ ގޯސް ނުވާނެތަ؟ މި ނުވާނެތަ ނުފޫޒުން އެއްބަސް ކުރުވުމަކަށް؟ ހެކި ނެތީތަ ވާ ވަރަށް މި ގޮތަށް ޑީލް ހަދަން ޖެހެނީ؟ ހެކި ނެތް ހެނެއް ހިޔެއްނުވޭ. މި ސަރުކާރުންވެސް ގޭމް ކުޅެނީ ހަމަ މިމީހުންނާ އެކީވެސް.
ބަބުރުލް ސަލީމް
12 July 2020
މީވެސް ބާވަތެއްގެ ރިޝްވަތެއްނޫންތަ؟