މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކްރިތީ.

ބޮބީ ޑިއޯލް ކުޅެފައިވާ ފިލްމު "ކްލާސް އޮފް 83" މި މަހުގެ 21 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ނިންމައި، އޭގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި އެވެ.

މި ފިލްމަކީ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭން ނިންމާފައިވާ ޕްރޮޖެކްޓަކުގެ ތެރެއިން ބެލުންތެރިންނަށް ގެނެސްދޭ ތިން ވަނަ އުފެއްދުމެވެ. ފުރަތަމަ ދޭއްޗަކީ އިމްރާން ހާޝިމީއާ އެކު 2018 ގައި ގެނެސްދިން ވެބް ސީރީޒް "ބާޑް އޮފް ބްލަޑް" އާއި މި އަހަރުގެ ކުރީކޮޅު ވިނީތު ކުމާރާއި އަހާނާ ކުމްރާއާ އެކު ގެނެސްދިން "ބެތާލް" އެވެ.

އަތުލް ސަބަރްވާލް ޑައިރެކްޓްކޮށްފައިވާ "ކްލާސް އޮފް 83" ގައި ބޮބީ ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. މިއީ ހަމަ އެ ނަމުގައި އިންޑިއާގެ ލިޔުންތެރިޔާ ހުސައިން ޒައިދީ ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހަދާފައިވާ ޑްރާމާ ފިލްމެކެވެ. މީގެ ޓްރެއިލާ މިއަދު ދައްކައިލާނެ އެވެ.

މި މަހުގެ 21 ގައި "ކްލާސް އޮފް 83" ސްޓްރީމްކުރަން ނިންމި އިރު، ޕްރަކާޝް ޖާއާ އެކު ބޮބީ މަސައްކަތްކޮށްފައިވާ ވެބް ސީރީޒް "އާޝްރަމް" މި މަހުގެ 28 ގައި އެމްއެކްސް ޕްލެޔާއިން ސްޓްރީމްކުރާނެ އެވެ.

"ކްރިޝް 4" އަށް ކްރިތީ

ރިތިކް ރޯޝަންގެ ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް" ގެ ހަތަރު ވަނަ ބައިގެ ބަތަލާއަކާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދެކެވެމުން ދަނިކޮށް މިހާރު އޭގެ ބަތަލާއަކަށް ކްރިތީ ސެނަން ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ޒުވާން ބަތަލާ، ރިތިކާ އެކު ފެންނާނެކަން މިހާރު ވަނީ ޔަގީނާ ގާތަށް ކަށަވަރުވެފަ އެވެ. މީގެ ކުރިން ވެސް "ކްރިޝް 4" ގެ ބަތަލާއަކާ ބެހޭ ގޮތުން ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރޭގައި ކްރިތީގެ ނަން ލިސްޓްގެ ކުރިއަށް އައިސްފައިވެ އެވެ.

އެހެންވެއްޖެ ނަމަ އެ ފިލްމުވެގެންދާނީ ރިތިކާ އެކު ކްރިތީ ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރަށެވެ. ދާދި ފަހުން އޭނާ ދިން އިންޓަވިއުއެއްގައި ވެސް ރިތިކާ އެކު މަސައްކަތްކޮށްލަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

"ކްރިޝް" ގެ އެންމެ ފަހުގެ ދެ ފިލްމުގައި ބަތަލާގެ ރޯލް ކުޅުނީ ޕްރިޔަންކާ ޗޯޕްޅާ އެވެ. އަދި "ކްރިޝް 3" އިން ކަންގަނާ ރަނާވަތު ހިވެސް މެނެ އެވެ.

ބާލަސުބްރަމާނިއަމް ކޮވިޑަށް ފަރުވާ ހޯދަނީ

ސަލްމާން ޚާންގެ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ ފިލްމުތަކަށް މަގުބޫލު ލަވަތަކެއް ކިޔައިދިން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެސްޕީ ބާލަސުބްރަމާނިއަމް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ފޭސްބުކްގައި އާންމުކުރި ވީޑިއޯއެއްގައި 74 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ އޭނާ މި ވަގުތު ފަރުވާ ހޯދަމުން އަންނަނީ ޗެންނާއިގެ ހޮސްޕިޓަލަކުން ކަމަށާއި ސިއްހަތާ ދޭތެރޭ މާ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ. އަދި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ވެސް ބުންޏެވެ.

ބާލަސުބްރަމާނިއަމް އަކީ ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގައި އެހެން ބަހުރުވަތަކުގެ އެތައް ފިލްމަކަށް ވެސް ލަވަ ކިޔާފައިވާ ފަންނާނެކެވެ. އެ ދާއިރާ އިން އޭނާގެ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން 2001 ގައި ޕަދުމާ ޝްރީ އަދި 2011 ގައި ޕަދްމާ ބުޝަން އެވޯޑް ވެސް ދީފައިވެ އެވެ.

"ޓައިގާ 3" އަށް 300 ކްރޯޑްގެ ބަޖެޓެއް

ސަލްމާން ޚާނާ އެކު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ބަޔަކަށް 300 ކްރޯޑް ރުޕީސް (40 މިލިއަން ޑޮލަރު) ގެ ބަޖެޓެއް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ފިލްމަށް ސަލްމާނަށް 100 ކްރޯޑް ފީއެއް ވެސް ލިބޭ ކަމަށާއި ފިލްމުގެ ތައްޔާރީތައް މިހާރު ވެސް ވާން ފަށާފައިވާ ކަމަށެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި "ޓައިގާ 3" ގެ ޑައިރެކްޓަރަކީ ޝާހްރުކް ޚާންގެ "ފޭން" ގެނެސްދިން މަނީޝް ޝަރުމާ އެވެ. ނަމަވެސް ސަލްމާންގެ އާ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ވައިއާރްއެފުން އަދި ހިއްސާއެއްނުކުރެ އެވެ. އެކަމަކު ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އަންނަ މަހުގެ ތެރޭގައި ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ.

ސަލްމާނާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅޭ "ޓައިގާ" ފްރެންޗައިޒްގެ ފުރަތަމަ ފިލްމު "އޭކް ތަ ޓައިގާ" އަކީ ކަބީރް ޚާން 2012 ގައި ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. ދެވަނަ ބައި "ޓައިގާ ޒިންދާ ހޭ" 2017 ގައި ލިޔެ، ޑައިރެކްޓްކުރީ އަލީ އައްބާސް ޒަފަރެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454