މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފުލުހުންނާއި ސިފައިންނާ ބައްދަލުކުރަނީ.
31 އޯގަސްޓް 2020 - 12:04
ހުކުރުދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ބެހޭ ގޮތުން މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމާތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ސިފައިންނާއި ފުލުހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.
އެ ބައްދަލުވުން ސިއްރުކުރީ ބައްދަލުވުމުގައި ދޭ ބައެއް މައުލޫމާތަކީ ބައެއް ފަރާތްތަކަށް ލިބެން ނޭދޭ މައުލޫމާތު ކަމަށް ފުލުހުން ބުނުމުންނެވެ. ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މައްސަލައިގެ ހައްސާސްކަމުން ކޮމިޓީ ސިއްރުކުރަން އެދިވަޑައިގަތުމަކީ ބަލައިގަނެވޭ ކަމެއް ކަމަށެވެ. އެހެންވެ މެމްބަރުން އިއުތިރާޒް ނުކުރާ ނަމަ ސިއްރު ކުރަން އޭނާ ނިންމެވި އެވެ.
ސިއްރު ކުރަން އެދެނީ "މައުލޫމާތުތަަކެއް ދާންވާ ހިސާބުތަކަށްް ނޫން އެހެން ހިސާބުތަކަށް ހިނގައިދާނެތީ" ކަމަށް ފުލުހުން ބުނީ ބެލެވޭ ގޮތުގައި އެ ހާދިސާއާ ގުޅިގެން ތުހުމަތުތަކެއް ކުރެވޭ ބަޔަކު ތިބުމެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި އުރީދޫ މޯލްޑިވްސް ހިންގާ "ގަދަގޭ މުހައްމަދުފުޅު ބިލްޑިންގު"ގައި ރޯވީ ކެފޭ "ތިއޯލޯ"ގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ގިނައިރުތަކެއް ވުމުންނެވެ. ކެފޭގައި އަނދަމުން ދިޔަ އަލިފާންގަނޑު، 10 ބުރީގެ އިމާރާތުގައި ރޯވީ އެތަނުގެ ބޭރުގައި ޖަހާފައި ހުރި ކްލެޑިންގެ ސަބަބުން ކަމަށް، ބައެއް މީހުން ލަފާކުރެ އެވެ.
އެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކެފޭގައި ރޯކޮށްލުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ކެފޭ ޓިއޯލޯގެ ވެރިޔާ، ހަސަން ދީދީ ތުހުމަތު ކުރެ އެވެ. އޭނާ މިހާރުއަށް ކުރިން ބުނެފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ކެފޭ ބަންދުކޮށް އެތެރެއިން ތަޅުލާފައި ހުއްޓަ އެވެ. އަލިފާން ރޯވިއިރު، ކެފޭ ވަނީ ބަންދުކޮށް، އެތެރެއިން ތަޅުލައިފަ އެވެ. އެތެރޭގައި އެ ވަގުތު ހުރީ ކޮންމެ ރެއަކު ވެސް ޑިއުޓީ އަށް ހުންނަ ބިދޭސީ މުވައްޒަފު އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަބަރު
31 August 2020
މުހިންމީ ސިއްރުކުރުން ނުވަތަ ފާޅުކުރުމެއްނޫން. މުހިންމީ ބަޔަކު ކުރިކަމެއްނަމަ އެބަޔަކު ހޯދާ ގަދަފަދަ ހަރުކަށި އަދަބު ދިނުން. ބަޔަކުކުރިކަމެއް ނޫންނަމަ ހާދިސާ ހިނގިގޮތް ބަލައި އެފަދަ ހާދިސާ ތަކުރާރުވިޔަނުދިނުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅު އެޅުން.
އިބް
31 August 2020
ހަރުކަށި އަދަބު ނުދޭތި އެއްވެސް މީހަކަށް. ހައްގު އަދަބު ދިނީމާ ނިމުނީ. މި ސަރުކާރަކީ އަދަބުދޭން ބޭނުންވާ ސަރުކާރެއްވެސް ނޫނެވެ.
ސަންރައިޒް
31 August 2020
ސިއްރު ކުރީ ބަޔަކު މިރޯކުރުންތަކުގެ އަޑީގައި ވާތީތޯ ؟ ކިތަންމެ ސިއްރު މީޓިން އަކަސް މިވަރު ރައްޔިތުންނަށް ސާފު ކޮށްދޭން ވާނެ ކަމުގައި ދެކޭ ވާހަކަ ނިކަމެތި ރައްޔިތެއްގެ ހައިސިއްޔަތުން ދަންނަވަން