29 އޮކްޓޯބަރ 2020 - 09:00
އިންޑިއާގެ ފެޝަނާއި ބިއުޓީ އަށް ހާއްސަ އޮންލައިން ކުންފުނި ނައިކާއާ ގުޅިގެން ބަތަލާ ކެޓްރީނާ ކައިފް މިދިޔަ އަހަރު "ކޭ-ބިއުޓީ" ގެ ނަމުގައި މޭކަޕް ލައިނެއް ލޯންޗްކޮށްފައި ވާއިރު ޒުވާން ބަތަލާ އާލިއާ ބަޓް ވެސް އެ ކުންފުންޏަށް އިންވެސްޓްކުރަން ނިންމައިފި އެވެ.
މިކަން ކަށަވަރުކޮށް ދެމުން ނައިކާގެ ބާނީ އަދި ސީއީއޯ ފަލްގުނީ ނަޔަރު ބުނީ 27 އަހަރުގެ ބަތަލާ އެ ކުންފުންޏަށް އިންވެސްޓްކުރަން ނިންމީ މައިގަނޑު ތިން ސަބަބަކާ ހުރެ ކަމަށެވެ. އެއީ ނައިކާ އަކީ ސައްތައިން ސައްތަ އިންޑިއާގެ ވިޔަފާރިއަކަށްވުމާއި އަންހެނުންނަށް ހާއްސަ ކުންފުންޏަކަށްވުމުގެ އިތުރުން ނައިކާ އަކީ އޭގެ ޒާތުގައި އެންމެ އެންމެ ރަނގަޅު އިންޑިއާގެ ކުންފުންޏަށްވުމެވެ.
ރިޓެއިލް ސެލާއެއްގެ ގޮތުގައި ނައިކާ ވުޖޫދަށް އައީ މީގެ އަށް އަހަރު ކުރިން 2012 ގަ އެވެ. އެ ކުންފުނިން މިހާތަނަށް އަންހެނުންގެ ރީތީވާ ސާމާނުގެ ގޮތުގައި އެތައް އުފެއްދުމެއް ނެރެފައިވެ އެވެ. އަދި ދާދި ފަހުން ނައިކާ އިން ވަނީ ފިރިހެނުންނަށް ހާއްސަ ގްރޫމިން އަދި ވެލްނެސް ޕްރޮޑަކްޓްތަކެއް ވެސް ނެރެފަ އެވެ.
މިހާރު ވެސް ނައިކާ އިން 1،500 އެއްހާ ބްރޭންޑްގެ ރީތިވާ އަދި ފެޝަނުގެ ސާމާނު ގަނެލެވޭ ޕްލެޓްފޯމެކެވެ. ނައިކާ އިން ބުނިގޮތުގައި އެ ކުންފުންޏަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 1.5 މިލިއަން އޯޑަރު ލިބެ އެވެ.
ނައިކާ އަށް އިންވެސްޓްކުރަން އާލިއާ ނިންމި އިރު އޭނާ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy