މެދު ރާއްޖެތެރޭގެ ރަށެއްގައި މަންމަ އާއި ތިން ދަރިންނަށް ތިން މަސްވަންދެން ކުރި އަނިޔާގެ މި ރިޕޯޓުގައި ހިމަނާފައި ވަނީ އަސްލު ނަންތަކެއް ނޫނެވެ. މި ހާދިސާ ހިނގި ރަށާއި މީހުންގެ އަސްލު ނަން ނުހިމެނީ އަނިޔާ ލިބުނު ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކަ އެވެ. އަނިޔާ ލިބޭ ކުދިންގެ ވަނަވަރު ހާމަކުރުމަކީ ގާނޫނީ ގޮތުން ވެސް ކުށެކެވެ.
ޖިންސީ ގޯނާއާ ދެކޮޅު ފޮޓޯއެއް: މަންމަ އާއި ދަރިންތަކެއް ބަންދުކޮށް އަނިޔާކުރި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަންނަނީ ބަލަމުން.
24 ނޮވެމްބަރ 2020 - 09:05
މައިގްރެއިންގެ ވޭނުގައި މަރިޔަމް ހުދާ އުޅެން ޖެހޭ ހާލު، ކައިވެނީގެ ކުރިން އެއް ދުވަހަކު ހުސެއިން ސޯލިހަށް ފެނުނެވެ؛ އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުން ނުވެ، ރުޅިގަދަވެ އެނދުން ނުތެދުވެވި އޮތީ އެ ކަންކަމުން ހައްތަހާ ބޮލުގެ ރިހުން ގަދަވާތީ އެވެ. އެ ހާލުގައި އޭނާ އޮއްވައި ފެނުނު ފުރަތަމަ ދުވަހު ވެސް ހުސެއިން ގަބޫލުކުރީ އާދައިގެ ތަދެއް ނޫން ކަމެވެ. އެއީ، ދާއިމީ ބައްޔެއް ކަމަށް އާއިލާއިން ބުންޏަސް ހުސެއިން ނިންމީ އެއީ ޖިންނީންގެ އުނދަގުލެއްގެ ގޮތުގަ އެވެ.
ރުޔްގާކުރާ މީހަކު ގޮވައިގެން އައިސް ހުދާގެ ބޮލުގައި ހިފަހައްޓައި ކިޔަވައި، ގަޔަށް ފެން އަޅައި ހެދި އެވެ.
ހުދާ، 30، ބުނި ގޮތުގައި އެކަމާ ހިތްހަމަނުޖެހިގެން އެގޮތަށް އެކަން ނުކުރަން އެދުނެވެ. ޕެނަޑިން ގުޅައެއް ކާލައިގެން ވަގުތު ޖެހުމުން ތަދު ފިލާކަން އޭނާ އަށް އެނގޭތީ އެވެ. އެތައް ފަހަރަކު ޑޮކްޓަރަށް ދައްކައިގެން ވެސް ވަކި ޚާއްސަ ބޭހެއް އެ ތަދަށް ޑޮކްޓަރެއް ނުދެ އެވެ. އެ ތަދަށް ލުޔެއް ލިބޭތީ ހުސެއިން އަށް އެ ވާހަކަތައް ކިޔައިދިނުމުން ދެ ވަނަ ފަހަރަކު އެހެން ނުހަދަން އެއްބަސްވި ކަމަށް ހުދާ ބުންޏެވެ.
އޭރު ކައިވެންޏަށް ދެ މީހުން ތައްޔާރުވެ އާއިލާގެ ރުހުން ވެސް ލިބިފައި އޮތުމާ އެކު ހުސެއިންގެ ރަށަށް ގޮސް ކައިވެނިކޮށް އޭނާއާ އެކު އެ ގޭގައި ދިރިއުޅެން ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ހުދާ އެ ރަށަށް ބަދަލުވީ 10 އަހަރާއި ހަތް އަހަރު އަދި ހަތަރު އަހަރުގެ އަންހެން ދަރިންނާ އެކުގަ އެވެ.
ހުދާ ބުނީ ފިރިމީހާ އެކު ދިރިއުޅެން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ރުގްޔާގެ ވާހަކަތައް ފަށައި އޭނާއަށް ރުގްޔާކުރަން އެ ރަށުގެ މީހަކު ގެއަށް ގެންނަން ފެށީ ކަމަށެވެ.
"ފުރަތަމަ ދުވަހު ވެސް ފައިގައި [ކުޑަ ކަޅުވާގައި ވަކި ގޮތަކަށް] ބާރަށް ހިފާފައި ބުނީ އަހަރެންގެ ގަޔަށް ހުރީ ޖިންނި ވަދެފައޭ،" އާއިލާގެ ބައެއް މީހުންނާ އެކު ހުދާ "މިހާރު" އަށް ކިޔައިދިނެވެ.
އެ ރަށުގައި ރުގްޔާކުރަން މަޝްހޫރު، ޝާފިއު މޫސާގެ ބަހަށް ހެއްލި ފިރިމީހާ ގަބޫލުކުރީ ހުދާގެ ގައިތެރޭގައި ޖިންނިއެއް އުޅޭ ކަމަށެވެ. ޒުވާން އުމުރުގައި ރުގްޔާކުރަން ފެށި ޝާފިއު ވަނީ އެ ރަށުގެ ގިނަ ބަޔަކަށް ވެސް ކިޔަވައި، ދިމާވެފައި ހުރި އުނދަގޫތައް ފިލުވައިދީފައި ކަމަށް ވެ އެވެ.
ގެވެށި އަނިޔާއާ ދެކޮޅު ފޮޓޯއެއް: ރުގްޔާގެ ނަމުގައި ޖިންސީގޯނާކުރާ މައްސަލަތައް މީގެ ކުރިން ވެސް ފުލުހުންނަށް ހުށަހަޅާފައިވޭ.
ރުގްޔާއިން ޝިފާ ހޯދުމަކީ، އެ ރަށުގައި އޮންނަ ގަބޫލުކުރުމެކެވެ. ދެމަފިރިއެއްގެ ތެރޭގައި މައްސަލަ ޖެހުނަސް، މީހަކަށް ހަމަނިދި ނުލިބި ހާސްވެ ފިކުރުބޮޑުވިޔަސް ނުވަތަ ގައިގެ ތަނެއްގައި ރިއްސާލިއަސް ފެން ކިޔަވައިގެން ހައްލު ހޯދާ މީހުން އުޅެ އެވެ. ޝާފިއު ރުގްޔާކުރި އެކަކީ ކިޑްނީ ބަލީގެ މީހެކެވެ. ޑޮކްޓަރުންގެ ލިއުންތައް ހުއްޓައި ވެސް އޭނާ އެ މީހުންނަށް ގަބޫލުކޮށްދީފައި އޮތީ ބަނޑުގައި އޮތް ހިލަކޮޅަކީ ޖިންނީންގެ ކަމެއްގެ ގޮތުގަ އެވެ. އެކަމަށް ޝިފާ ލިބޭނީ ރުގްޔާ އިން ކަމަށް ވެސް ބުންޏެވެ.
ހުދާ ރަނގަޅު ކުރަން ކިޔެވުންތައް އެ ގޭގައި ކުރިއަށް ގެންދަން ފަށައި އެ ރަށުގައި ދިރިއުޅޭ އޭނާގެ މަންމަ އާއި މާލޭގައި ތިބި އާއިލާގެ މީހުންގެ ގާތުގައި ފިރިމީހާ ކިޔައިދީފައި އޮތީ ވަކި މުއްދަތަކަށް ރުގްޔާކުރުމުން ރަނގަޅުވާނެ ކަމަށެވެ. އެ މުއްދަތުގައި އޭނާއާ މާ ގިނައިން ވާހަކަ ދެއްކުން ވެސް ރަނގަޅު ނުވާނެ ކަމަށް އެންގި އެވެ.
ރުގްޔާގެ ނަމުގައި ކިޔަވައި ގައިގައި ކަޅުދިރި ތެލާއި އަތަރު އުނގުޅުން ފަދަ ކަންކަން އެ ހިސާބުން ފެށީ ކަމަށް ހުދާ ބުންޏެވެ.
"އަހަރެން ދިޔައީ ބުނަމުން ޖިންނިއެއް ނޫނޭ، [ހުސެއިންގެ] އަނބިމީހާއޭ މީ. ރުޅި ވެސް ގަދަވި،" ހުދާ ބުންޏެވެ.
ލޯ ކައިރީގައި ކަޅުދިރި ތެލާއި އަތަރު އުނގުޅުމާއި ގަޔަށް ފެން އެޅުން ފަދަ ކަންކަމާ ދެކޮޅުހަދައި ހަޅޭއްލަވަން ފެށި ހިސާބުން އެ ގޭގެ ފެން ލައިޓުތަކާ އެކު ދޮރުތަކަށް އިސްކުރު ޖަހައި ހަތަރު ކުދިންނާ އެކު އެތަނުގައި ބަންދުކުރީ ކަމަށް ހުދާ ބުންޏެވެ.
"ފޯނު ވެސް އަތުލީ. އަލިކަން ވަންނަ ގޮތެއް ނުހުރޭ ގޭތެރެއަށް. ދުވާލެއް ރޭގަނޑެއް ވަތްކެއް ނުވޭ. ވަކި ގަޑިތަކެއްގައި ރުގްޔާ ކުރާ މީހާ އައިސް މުޅި ގަޔަށް ފެން އަޅަނީ. އެ ފެން ހިކެންދެން އެހެން އިންނަން ޖެހޭ."
މާ ގިނަ ދުވަސްތަކެއް ނުވެ އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅުގެ ގަޔަށް ޖިންނި ވަދެއްޖެ ކަމަށް ބުނެ، އޭނާ އަށް ވެސް ކިޔަވަން ފެށީ އެވެ. އޭނާގެ ކުދިންނަށް އެ ހިސާބުން ވިސްނައިދިނީ، ހުދާ ބުނި ގޮތުގައި، އޭނާއަކީ ޖިންނިއެއްގެ ގޮތުގަ އެވެ.
"ބޮޑު ކުއްޖާ [10 އަހަރު] އާއި އެންމެ ހަގު ކުއްޖާ ގާތު ބުނަނީ މަންމަ އާއި [ނަން ކަނޑާލާފައި] ގައި ތެރެއަށް ޖިންނި ވަދެފައޭ. އެއީ މަންމައެއް ނޫނޭ، ކޮއްކޮއަކީ ވެސް ޖިންނިއެކޭ،" ހުދާ ބުންޏެވެ.
އެ ދެ މީހުންގެ ގައި ތެރޭގައި އުޅޭ ކަމަށް އެ ބުނާ ޖިންނި އަށް ނަން ދީ، އެ ދެ މައިންނަށް ގޮވައި ހަދަނީ ވެސް އެ ނަމުން ކަމަށް ވެ އެވެ.
ރުގްޔާ ފެށި ފަހުން ހުދާ އަށް ފަރާތަކަށް ގުޑިލެވެނީ ވެސް އޭނާގެ ފިރިމީހާ އާއި ޝާފިއު އަންގާ ގޮތަކަށެވެ. އިށީނދެގެން އިންނަ ތަނަކުން ހުއްދަ ނުހޯދައި ތެދުވެއްޖެ ނަމަ ވެސް ކިޔަމަން ނުވުމުގެ އަދަބު، ޖިންނިއަށް ދެނީ ކަމަށް ބުނެ ގައިގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރި ކަމަށް ހުދާ ބުންޏެވެ.
އޭނާގެ ފައިގެ އެކި ތަންތަނުގައި އަނިޔާ ލިބިފައި ހުރި ގިނަ ނިޝާންތަކެއް ހުއްޓެވެ. ހަމަ އެގޮތަށް އަތާއި ހަށިގަނޑުގެ އެކި ތަންތަނުގައި އިލޮށިފަތިންނާއި ގޮނޑިންނާއި އެ ނޫން ވެސް އޭރަކު އަތުގައި ޖެހުނު އެއްޗަކުން އޭނާގެ ފިރިމީހާ އާއި ޝާފިއު ތަޅައި އަނިޔާކޮށްފައި ހުރި ލަކުނުތައް ހުންނާނެ ކަމަށް ހުދާ ބުންޏެވެ.
"އަނިޔާކުރާތީ ތަދުވެޔޭ ބުނީމަ ބުނަނީ ދޮގޭ ތި ހަދަނީ، ތަދެއް ނުވާނެއޭ ޖިންނި ގައިގައޭ މި ތަޅަނީ. ޖިންނިއެއް ނޫނޭ އަހަންނަށް ތަދުވެޔޭ ބުންޏަސް އިތުރަށް އަނިޔާކުރޭ،" ހުދާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ކާފަރު ޖިންނިއަށް އަދަބު ދިނުމުގެ ނަމުގައި، ރުގްޔާކުރާ މީހާ ވެސް ފަހުން އެ ގެއަށް ބަދަލުވެ އެ ގޭގައި ދިރިއުޅެން ފެށީ އެވެ. ހުދާ އާއި އޭނާގެ ތިން ދަރިންނަށް އަދަބު ދެމުން އައީ، އެ ދެ މީހުން ޑިއުޓީ ބަހައިގެންނެވެ.
ރަށެއްގައި ކުދިންތަކެއް މަގުމަތީގައި. ބަންދުކުރި ކުޑަކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާދީފައިވޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ތިން މަސް ވަންދެން، ރޭގަނޑު 10 އިން ފަތިހު 4 އަށް ކޮންމެ ރެއަކު ވެސް ކަންފަތް ކައިރީގައި ސްޕީކަރަކުން އޯޑިއޯތަކެއް އަޑު އިއްވައި ގަޔަށް ފެން އެއްޗެއް އަޅައި އަދަބު ދިން ކަމަށް ހުދާ ބުންޏެވެ. ހަމަނިދި ނިދާނެ ވަގުތެއް ނުދެ އެވެ. ދުވާލު އެ ދެ މީހުންނާއި ކުދިންނަށް ކައްކަނީ ހުދާ ލައްވަ އެވެ. އެކަމަކު ހުދާ އާއި ކުދިންނަށް ކާން ލިބެނީ އެ ދެ މީހުން ދިން ވަރަކަށް، ކިރިޔާ ބަނޑުފުރޭ ވަރަށް ކަމަށް އޭނާ ކިޔައިދިނެވެ.
ހުދާ ބުނިގޮތުގައި ދޭތެރެއަކުން ކަޅުދިރި ތެޔޮ އަޅައިގެން ބަތް ވެސް ކާންދެ އެވެ.
"ދެ ނޭފަތަށް ލޮނުމެދު ޖަހައި، އަނގަޔަށް ފިޔާ ލައްވާފައި ބަހައްޓަނީ. ލޯ ކައިރީގައި ތެލާއި އަތަރު ވަށާފައި. ދެން ވަކި ގޮތަކަށް ބައިންދަފާނެ ވަރުބަލިވެގެން ވެއްޓެންދެން،" ހުދާ ކިޔައިދިނެވެ.
"ރުގްޔާ ކުރާ މީހާ ކާން އިންނައިރު ފެން ތަށި ވެސް އަނގައިގައި އަހަރެން ލައްވައި ޖައްސުވަނީ. އެ ވެސް ޖިންނި އަށް އަދަބު ދިނުމުގެ ގޮތުންނޭ ކިޔާފައި. ނުކޮށްފިއްޔާ ތަޅައި އަނިޔާކުރޭ."
އޭނާ އަށް އަނިޔާކުރާ މަންޒަރު ތިން ކުދިންނަށް ފެނި، ހުދާ ބުނިގޮތުގައި، އެ ކުދިން ތިބީ ބިރުން ހަދާނެ ގޮތް ނެތިފަ އެވެ. އެ ދެ މީހުން ބުނާ ގޮތް ނުހަދައިފި ނަމަ އެ ކުދިން ކިޔަވާ ފޮތްތައް ވީދާލުމާއި އާއިލާގެ މީހުން ފޮނުވާ ހަދިޔާ ފޮށިގަނޑުގައި ހުންނަ ސާމާނު އެ ކުދިން ދަހިކޮށްފައި ބައިތިއްބައިގެން ނުދީ ކެއުން ފަދަ ކަންކަން ކުރި ކަމަށް ހުދާ ބުންޏެވެ.
ހުދާ ކިޔައިދިން ގޮތުގައި ޖިންނިއަށް އަދަބު ދޭން ކަމަށް ބުނެ އޭނާ އާއި ހަތް އަހަރުގެ ދަރިފުޅަށް ކާން ނުދީ ދެ ދުވަސް ވަންދެން ބަނޑަށް ބޭތިއްބި އެވެ. ރޮށި ފަޅިއެއް ދީގެން އެ ދެ ދުވަހު ބޭތިއްބިއިރު، އެ ދެ މީހުންނަށް ވަގަށް ދަރިފުޅަށް ކާއެއްޗެއް ދެވޭތޯ ބެލި ކަމަށް ބުންޏެވެ.
ރޮށި ފިހަން ހުރެފައި، ފޮރުވާ ރޮށިތަކުން އެތިކޮޅުކޮޅު ދަރިފުޅުގެ އަނގަޔަށް ލެއްވީ ޑިއުޓީގައި އިންނަ މީހާ ފާޚާނާއަށް ދާ ވަގުތުގަ އެވެ.
"ބަނޑުހައިވެގެން ދަރިފުޅު ދެމި، ދޫ ބޭރަށް ނުކުމެ އޮއްވައި ފެން ޖަގެއް އަޅައިގެން އައިސް ފެން ބޯން ދިނީ. އެކަން އެނގުނީމަ ވެސް އަނިޔާކުރި،" އޭނާ ކިޔައިދިނެވެ.
"އަހަރެންގެ ގައިގައި ތަޅާތަޅާ ގޮސް ހޭނެތޭ ފަހަރު ވެސް އާދޭ. ވާނުވާއެއް ނޭނގެ ބައެއް ފަހަރަށް."
ކަން ހިނގައިދިޔަ ގޮތުން އާއިލާގެ މީހުން ގަބޫލުކުރާ ގޮތުގައި ރުގްޔާގެ މުޅި އެ ޕްލޭނުގެ އެއް ބޭނުމަކީ ކުޑަ ކުއްޖާ އަށް ޖިންސީގޯނާ ކުރުމެވެ.
ހުދާ ބުނި ގޮތުގައި 10 އަހަރުގެ ކުއްޖާ ސްކޫލަށް ފޮނުވިޔަސް ހަތް އަހަރުގެ ކުއްޖާ ސްކޫލަށް ދިއުން އޮތީ މަނާކޮށްފަ އެވެ. އޭނާ އަށް އަދަބު ދިނުމުގެ ގޮތުން ކަމަށް ބުނެ ކޮޓަރިއަށް ވައްދައިފައި ބަހައްޓާ ކަމަށާއި އެ އަނިޔާއާ ހިސާބުން އެ ކުއްޖާ ވަރަށް ބަސް މަދުވި ކަމަށް ހުދާ ބުންޏެވެ.
އޭނާ ބުނީ އަދަބުގެ ނަމުގައި ގެންގޮސް އެ ކުއްޖާއަށް ޖިންސީގޯނާ ކުރަމުން ދިޔަ ކަން ޝައްކުވީ ނިދާފައި އޮވެފައި ގަޔަށް ކުޑަކަމުދެވިގެން ކަމަށެވެ. ހުދާ ތުހުމަތުކުރާ ގޮތުގައި އެ ކުއްޖާ އަށް ޖިންސީގޯނާ ކުރީ ރުގްޔާ ކުރި މީހާ އެވެ. އަދަބުގެ ނަމުގައި އެ ކުއްޖާ ލައްވައި އެ މީހާގެ ޖިންސީ ގުނަވަނުގައި ހިފުވައި ކުޑަކުދިންނާ ނުގުޅޭ ވީޑިއޯތައް ޔޫޓިއުބުން ދެއްކި ކަމަށް ހުދާ ބުނެ އެވެ.
"އެ މީހުން ހެދި ގޮތް ސައިކޭޓްރިސްޓަށް ދަރިފުޅު ކިޔައިދިން."
އައިޖީއެމްއެޗުގައި މިދިޔަ ހުކުރުދުވަހު އެ ކުއްޖާ އެޑްމިޓްކޮށް، ޓެސްޓްތައް ހަދައި ޑޮކްޓަރު ދިން ރިޕޯޓްތަކުގައި ވެސް އެ ކުއްޖާ އަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާ ކަމަށް ލިޔެފައި އެބައޮތެވެ. ކުރިމަތިފަރާތާއި ފުރަގަސްފަރާތަށް އަނިޔާ ވެފައިވާ ކަމަށް އެ ރިޕޯޓުތަކުން އެނގެ އެވެ.
"ހަރު ތަނެއްގައި ރީއްޗަށް ނީނދެވޭ،" އަސަރާ އެކު ހުދާ ކިޔައިދިނެވެ.
ރުގްޔާކުރި ޝާފިއުގެ ޖިންސީގޯނާ ތަފާތު އެކި ފަހަރު މަތިން އޭނާ އަށް ވެސް ލިބުނު ކަމަށް ހުދާ ބުނެ އެވެ. އަދަބު ދޭން އަތުގައި ހިފަން ކަމަށް ހަދާފައި އޭނާގެ ޖިންސީ ގުނަވަންތަކުގައި ބާރަށް ހިފި ކަމަށް ވެސް ހުދާ ތުހުމަތު ކުރެ އެވެ. އޭނާގެ ފިރިމީހާއާ އެކު ޖިމާއުވުމަށް ފަހު ފެން ނުވަރައި އޭނާއަށް ސަޖިދަ ޖަހަން ވެސް އެންގި ކަމަށާއި އެއީ ވެސް ރުގްޔާގެ ބައެއްގެ ގޮތުގައި ވިސްނައިދޭން އުޅުނު ކަމަށް ހުދާ ބުންޏެވެ. އެކަމަށް ދެކޮޅު ހެދުމުން ވެސް އަދަބު ދިން ކަމަށް ވެ އެވެ.
އާއިލާ އާއި ހުދާގެ ވާހަކަތަކުން އެނގޭ ގޮތުގައި ސަލާމަތްވެވޭތޯ އެކި ގޮތްގޮތުން ހުދާ އުޅުނެވެ. އެކަމަކު ފިރިމީހާގެ ހުށިޔާރުކަމުން ކޮންމެ ފަހަރަކު ވެސް އެ ފުރުސަތު ގެއްލުނީ އެވެ.
ހުދާގެ އާއިލާ އިން ވާހަކަ ދެއްކި އެކަކު ބުނީ އަނިޔާކުރަނީ ކަމަށާއި ސަލާމަތްކޮށްދޭން އެދި ވައިބާ އިން ހުދާގެ އޯޑިއޯ މެސެޖްތަކެއް އެއް ފަހަރަކު ލިބުނު ކަމަށެވެ. އެ ވަގުތު ހުދާގެ ފޯނަށް ގުޅުމުން ޖަވާބު ނުލިބި ހުރެފައި ޖެހިގެން އައި ދުވަހު ހުދާގެ ފޭސްބުކުން ފޮނުވި މެސެޖްތަކުގައި އެއީ ޖިންނިކުރި ކަމެއް ކަމަށް ލިއެފައި އޮތް ކަމަށް އޭނާ ބުންޏެވެ.
"[ފިރިމީހާގެ ނަން] ވަރަށް ރަނގަޅޭ، އެހެން ނުހަދައޭ. އެއީ ޖިންނި ވަދެފައި އޮތް ގަޑިއެއްގައި ފޮނުވިފައި އޮތް އޯޑިއޯއެކޭ،" އޭނާ ކިޔައިދިނެވެ.
އެ ވާހަކަ އެ ގޮތަށް ގަބޫލުކުރެވުނީ އޭނާ ބުނިގޮތުގައި ހުސެއިން އަށް އާއިލާ އިން ކުރާ އިތުބާރާއި ހުދާ އަށް ރުގްޔާ ކުރާކަން އެންމެންނަށް ވެސް އެނގޭތީ އެވެ.
އާއިލާ މީހަކު ގުޅިޔަސް އަނިޔާގެ ވާހަކަ ބުނާނެ ފުރުސަތެއް ފިރިމީހާ އާއި ރުގްޔާކުރާ މީހާ ނުދޭ ކަމަށާއި ބޮޑަށް އެ ވާހަކަ ބުނަން ފަސްޖެހުނީ ދަރިންނަށް ކުރާނެ ވަރު އެނގޭތީ ކަމަށް ހުދާ ބުންޏެވެ. އާއިލާ މީހުންގެ ގާތު ފިރިމީހާ ދޭ ޖަވާބަކީ، ހުދާ ބުނިގޮތުގައި، ވަރަށް އަވަހަށް ރުގްޔާގެ ކަންތައް ނިމޭނެ ކަމެވެ. ލޮކްޑައުންގެ ހާލަތު ކަމުން މާލޭގައި ތިބި އާއިލާގެ މީހަކަށް ވެސް އެ ރަށަށް ނުދެވުނީ އެވެ.
ހުދާ ބުނީ އެ ގެއިން ރޯ އަޑު އިވިގެން އަވަށްޓެރިއަކު ދިޔަސް ޖިންނިއާ މަތިކޮށް އެ މީހަކު ފޮނުވާލަނީ ކަމަށެވެ. ކައިރި ގެތަކުގެ މީހުންނަށް ވިސްނައިދީފައި އޮތީ އެ ރުއިމަކީ ރުގްޔާއާ ގުޅުން ހުރި ކަމެއް ކަމަށެވެ. އަނިޔާ އިން ކަރަށް ނާރެއް އަރައިގެން ޑޮކްޓަރަށް ދައްކަން ގެންދިއުމުން ވެސް ބުނެވުނު ގޮތަށް ޑޮކްޓަރު ގާތު ފިރިމީހާ އަނިޔާކުރީއޭ ބުނި ނަމަވެސް އެ ދުވަހު ސީރިއަސްކޮށް ޑޮކްޓަރަށް ނުނެގި މާޔޫސްވީ ކަމަށް ހުދާ ބުންޏެވެ.
"އަހަންނަށް ގަބޫލުކުރެވުނީ ޑޮކްޓަރަށް ނޭނގުނީއޭ އަސްލު އަހަރެން ބުނި ވާހަކަ،" ހުދާ ބުންޏެވެ.
މެދު ރާއްޖެތެރޭގެ ރަށެއްގައި އާއިލާއަކަށް އަނިޔާ ލިބުނުއިރު އަވަށްޓެރިން އެހީވުމަށް ވެސް އޮތީ ހުރަސްތައް ކުރިމަތިކޮށްފައި.
ފޯނު އަތު ޖެހުނު ދުވަހެއްގައި، ހުދާގެ އާއިލާގެ މީހަކަށް ގުޅައި ކުދިންނަށް އަނިޔާކުރާ ވާހަކަ އޭނަ ގާތުގައި ބުނެގެން ޖެންޑާ މިނިސްޓްރީގެ ކެއާ ވޯކަރަކު އެ ގެއަށް ފޮނުވި އެވެ. އޭނާ އާއި ދަރިންނަށް އަނިޔާކުރާ ކަމަށް އެ ދުވަހު ކިޔައިދޭން އެކި ގޮތްގޮތުން އުޅުމުން ވެސް ފިރިމީހާ ވިސްނައިދިނީ އެއީ ވެސް ޖިންނީގެ ކަމެއްގެ ގޮތުގަ އެވެ. ކުދިންނާ ވެސް ވާހަކަ ދެއްކިޔަ ނުދީ ޖެންޑާގެ ކެއާ ވޯކަރު ފޮނުވާލީ ކަމަށް ހުދާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ރަށުގެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހަކު އޭނާގެ ފިރިމީހާއާ އެކު އެ ގެއަށް ދިޔަ ދުވަހެއްގައި ވެސް އެ ތަނުގައި އޭނާއަށް ހަދާ ގޮތް ކިޔައިދިނުމުން މާބޮޑު ކަމަކަށް ނުހެދީ އެވެ.
"ފުލުސް މީހާ ބުނަނީ ތިއީ [ރުގްޔާ ކުރާ މީހާގެ ނަން ކިޔާފައި] އެނގެއޭ. ކަނާތު ފައިގެ ކަކުލާ ކުޑަހުޅާ ދޭތެރޭގައި ޖިންނި އެބަ އުޅެއޭ. އަހަރެން ބުނިން، [ނަން ކިޔާފައި] ކުޑަވާ އިނގިލިން ފެށިގެން ބޮލާ ހަމައަށް ތިހިރީ ޖިންނިއެކޭ. ދެން ހިނިގަނޑެއް ޖަހާލާފައި އޭނަ ދިޔައީ،" ހުދާ ކިޔައިދިނެވެ.
ހުދާއަށް ކުރާ ރުގްޔާއިން ރަނގަޅު ނުވެ ގިނަ ދުވަސްވާތީ، ފުރަތަމަ ރުގްޔާ ކުރި މީހާ ފޮނުވާލައި އެހެން މީހަކު ގެންގޮސްގެން އޭނާ ލައްވައި ވެސް ކަންތައްތަކެއް ކުރުވި ކަމަށް އޭނާ ބުންޏެވެ.
އެ ވޭނުގައި ތިން މަސްވީ ފަހުން ހުދާގެ އަތުގައި ފޯނު ޖެހުނީ ފިރިމީހާ ހުކުރަށް ދިޔަ ދުވަހެއްގަ އެވެ. އެ ރަށުގައި ދިރިއުޅޭ އާއިލާގެ މީހަކަށް ގުޅައި އެހީއަށް އެދުމުން، އެ މީހުން އެ ގޭ ދޮށަށް ގޮސްގެން ގެއިން ނުކެމެވުނީ ހުދާ ބުނިގޮތުގައި، މިދިޔަ މަހުގެ 30 ގަ އެވެ. ފިރިމީހާ ފުރަތަމަ އުޅުނީ އޭނާ ދިޔަ ނުދޭށެވެ. އެތައް ގޮތަކުން މަޖުބޫރުކުރުވި ކަމަށް ވެ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް--
ހަމަ އެ ދުވަހު އެ ރަށުގެ ޑޮކްޓަރަށް އޭނާ އާއި ކުދިން ވެސް ދެއްކި އެވެ. އެ ރަށުގެ ޕޮލިހަށް އަންގައިގެން ދިއުން ލަސްވެގެން އަތޮޅު ޕޮލިސް ސްޓޭޝަނަށް ގުޅައިގެން މީހަކު ފޮނުވުމުން ބަޔާން ދިން ކަމަށް ހުދާ ބުންޏެވެ.
އޭގެ ދެ ދުވަސް ފަހުން އެ ހަތަރު މައިންނަށް މާލެ އާދެވެންދެން ފުލުހުންގެ އެހީތެރިކަން ހޯދި އެވެ.
އެ ރަށުގެ ޕޮލިސް ސްޓޭޝަނުގެ ފަރުވާކުޑަކަމާއި އެތަނުގައި މަސައްކަތްކުރާ އެއް ފުލުހަކީ ފިރިމީހާއާ ގާތް މީހަކަށް ވެފައި ނުފޫޒު ފޯރާނެތީ އެ މައްސަލަ އަތޮޅު ޕޮލިސް ސްޓޭޝަނުން ބަލައިދޭން އާއިލާ އިން އޮތީ ހުށަހަޅައިފަ އެވެ. މައްސަލަ މިހާރު ބަލަނީ އަތޮޅު ޕޮލިސް ސްޓޭޝަނުންނެވެ. ޖިންސީ އަނިޔާ ލިބުނު ކުއްޖާ އަށް އެކަށީގެންވާ ފަރުވާ ރަށު ހޮސްޕިޓަލާ ހިސާބުން ދޭން ނުފެށުމަކީ ވެސް އާއިލާގެ ކަންބޮޑުވުމެކެވެ.
"މާލެ އައިސް އައިޖީއެމްއެޗުގައި މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެޑްމިޓްކޮށްގެން ޓެސްޓްތައް މި ހެދުނީ. އެހާ ލަހުން ޓެސްޓްކުރި އިރު އެހާ އަނިޔާ ލިބިފައި ހުރި ކަމަށް ރިޕޯޓްތަކުން އެހެރީ ފެންނަން،" އާއިލާ މީހަކު ކިޔައިދިނެވެ.
އެ ހަތަރު މައިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބުނު އަނިޔާ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ތަހުގީގު ކުރަމުން އައި ނަމަވެސް ރެއާ ހަމައަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. ތި މައްސަލަ ބެލޭނީ "ވާރޭ ކޯޓުން" ކަމުގެ އިންޒާރު ވެސް ލިބެމުންދާ ކަމަށް އާއިލާގެ ބައެއް މީހުން ބުންޏެވެ.
"އަހަރެންނާއި ދަރިންނަށް އެތަނުން ސަލާމަތްވެވުނީމަ ހީވީ ކޮއްޓެއްގައި ބަންދުކޮށްފައި ތިބި ބަޔަކު ދޫވީއޭ،" ހުދާ ކިޔައިދިނެވެ.
ހުދާ ބުނިގޮތުގައި ފިރިމީހާ މިހާރު ބުނާ ގޮތުން ރުގްޔާ ކުރި މީހާ ހުރީ އޭނާ އަށް ވެސް ކިޔަވައި ވާނުވާ ނޭނގޭ ގޮތް ހަދައިފަ އެވެ. އެކަމަކު، އެ ވާހަކަތަކަށް ހެއްލޭ ވަރަށް ވުރެ ބޮޑެތި އަނިޔާ އޭނާގެ ފަރާތުން ވެސް ލިބުނު ކަމަށް ހުދާ ބުންޏެވެ.
ރަހީނުކޮށް އަޅުންގެ ގޮތުގައި ގެންގުޅެ ހަތަރު މައިންނަށް އަނިޔާ މި ލިބުނީ، ރުގްޔާގެ ނަމުގައި ޖިންސީ ގޯނާ އާއި ކުށްކުރުން އިތުރުވެއްޖެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. އެފަދަ ބައެއް މައްސަލަތައް ހުށަހެޅި ތަހުގީގުކޮށް، ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ރުގްޔާގެ ނަމުގައި ހަތަރު މައިންނަށް ކުރި އަނިޔާގެ ވާހަކަ "މިހާރު" އަށް ކިޔައިދިން ގޮތަަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ބަޔާން ދީ ހެކިތައް ވެސް ދެމުން އަންނަ ކަމަށް ހުދާ ބުންޏެވެ. އޭނާ އެދެނީ ބާރާއި ނުފޫޒު ވަދެ، އެ ހަތަރު މައިން ބަންދުކޮށްފައި ތިބި ގޮތަށް މި މައްސަލަ މުއައްސަސާ ތެރޭގައި ބަންދު ވިޔަ ނުދީ އިންސާފަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޝާ
26 November 2020
މި މީހުންނަން އިންސާފު ހޯދައިދިނުމަށް ގޮވާލަން.
ލޮޖިކަލީ
25 November 2020
އޭނާގެ ފިރިމީހާއާ އެކު ޖިމާއުވުމަށް ފަހު ފެން ނުވަރައި އޭނާއަށް ސަޖިދަ ޖަހަން ވެސް އެންގި. އަނިޔާކުރާތީ ތަދުވެޔޭ ބުނީމަ ބުނަނީ ދޮގޭ ތި ހަދަނީ، ތަދެއް ނުވާނެއޭ ޖިންނި ގައިގައޭ މި ތަޅަނީ. އެހެންވިއްޔާ ޖިމާޢުވެގެންވެސް ނުވާނެ އެއްނު، ޖިންނިއެއްވިއްޔާ. ފިރިމީހަޔާ ރުޤުޔާކުރާ މީހައާ ގުޅިގެން ހިންގާފައޮތް ވަހުޝީ ޕްރޮޕެގެންޑާއެއް ހަމަ ތިއީ
ކާސިންޖީ
25 November 2020
މިކަމުގަ އިހުމާލުވި ފުލުސްމީހާގެ މައްސަލަ ބަލަަން ޖެހޭނެ
އަނގަގަދަމިތުރު
25 November 2020
ބައެއް ފުލުހުން ބޭނުން ވާނީ ކޮނޑުމަތި ޗާލުކޮށްލަން އެމީހުންގެ ހުވައިގެ އެއްބައި ދިރުވާލައިގެން ހުވާ ވެސް ކުރާނީ މީރުކޮށް ކައިގެން ބޮޑު މުސާރަ ލިބޭތީ ތިރަށަކަށް ގޮސް ތިތިބީ ގައުމާއި ވަޠަންދެކެ ލޯބިން ޚިދުމަތް ކުރާ ކަށް ނޫން. ހިތަންއަރާ އެބައިމީހުންގެ މަންމަ އާއި އެއްބަނޑު ނުވަތަ އެއްބަފާ އަންހެނުންނަށް ތިފަދަކަމެއް ދިމާވެއްޖެނަމަ ބުނާނެބާއޭ އަހަރެން ހަނުހުރުން އިޚްތިޔާރުކޮށްފީމޭ. ???
ބަނިއާދަން
25 November 2020
ރުގްޔާއިން ޝިފާ ހޯދުމަކީ، އެރަށުގައި އޮންނަ ގަބޫލުކުރުމެއް. ދެމަފިރިއެއްގެ ތެރޭގައި މައްސަލަ ޖެހުނަސް، މީހަކަށް ހަމަނިދި ނުލިބި ހާސްވެ ފިކުރުބޮޑުވިޔަސް ނުވަތަ ގައިގެ ތަނެއްގައި ރިއްސާލިއަސް ފެން ކިޔަވައިގެން ހައްލު ހޯދާ މީހުން އުޅޭ. މި އިބާރާތްތައް ރަގަޅެއްނޫން. ރުޤުޔާއަކީ އޭގައި ޝިފާ އެކުލެވޭ ކަމެއް. ސާބިތުނުވާ ކަންތައްތަކެއް ކޮށްގެން ނުވަތަ ހަރާމް ކަންތައްތަކެއް ކޮށްގެން ރުޤުޔާގެ ނަމުގައި މީހަކު ކުށްތަކެއް ހިންގުމަކީ ރުޤުޔާގެ މައްސަލައެއްނޫން.
ޒއިޒރު
25 November 2020
ފަންޑީތަ އެއީ ސިހްރު... ރުގީޔާ އެއް ނުވާނެ ފިންޑީތަކަށް..... ބޯބުރާންތިކާފަތިބިބަޔެއްތަ...މީހަކު އެއްޗެކޭލިޔެލާއިރަށް ލައިކު ދޭންފަޟާނެ. ތިމާމީހައްއެގުނަސް ނޭގުނަސް
ހަސަނު
25 November 2020
ފަނޑިތައިގެ ރިބްރެންޑް ރުގިޔާ އަކީ... އަރަބި އަކުރުން ނަން ލިޔެވޭ ކޮންމެ ބަހަކީ ދީނީ ކަެއް ނޫން....
އައްޔަަ
25 November 2020
އެހާދުވަސް ވަންދެން ބަންދުކޮށްގެން ބަޔަކު ގެންގުޅުން އިރުވެސް ތިޔަރަށަކުން އެކަން ހުއްޓުވޭވަރުމީހަކު ނުވިކަން ދެރައީ
ސާހިލު
25 November 2020
ދެންވެސް ބުނޭ ސިދާތާ އިސްތިއުފާދޭށޭ. މިހާރު ހީނުވޭ ޖެންޑާ މިނިސްޓަރޭ މީހަކު ކިޔާހެންވެސް.
ސާމާނުބެ
25 November 2020
ޜުގުޔާއޭ ސިހުރޭ ފަންޑިތައޭ ޖިންނިއޭ ކިޔާނެކަމެއްނެތް ބަޔަކު އާމްދަނީ ހޯދަން ބޭނުންކުރާ އުކުޅުތަކެއް ރާއްޖޭގައި އުފެދުނު ސީދިންގެ ކުޅިގަނޑުވެސް ނިމިދިޔައީ އަދި މިކަންވެސް ނިމޭނެ
ހަންބޮނޑި
25 November 2020
ތިޔަބައިމީހުން ބަލިތަކަށް ކުރާ ފަރުވާތަކުގެތެރެއިން އެންމެ ރަނގަޅު ފަރުވާއަކީ ހިޖާމާޖެހުމޯ
ހަސަނު
25 November 2020
ހިޖަމަ ޖެހުން، ރުގއޔާ ކުރުން، ފަޑިތަ ސިހުރު ހާހޫރަ. މިނހުންނަނީ އެކައްޗަކުން ނެރޭ އެއްމަގްސަދެއްގާ ކުރާ ކަންކަން....
ތިނޯސް
25 November 2020
ތި އެންމެނަށް މާ ޖަހަން ދަސްކޮށްދީބަލަ
ޙައްޤު ބަސް
26 November 2020
ޜުގްޔާ އާއި ހިޖާމާ އެއީ އިސްލާމްދީނުގައި ހުއްދަ ދެކަމެއް. އެ ދެކަމުގެ ނަމުގަ މީހުން ފާޙިޝް ވިޔާނުދާ ކަންކަން ކުރުމަކީ އެ ދެކަންތަކުގެ މައްސަލައެއް ނޫން. އެއީ އެ ކަން ކުރާ މީހުންގެ މައްސަލަ.