ދިވެހި ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ގެއްލުން އިންތިހާ އަށް ބޮޑު، ފުޓްބޯޅައާ މެދު ފުންކޮށް ވިސްނަން ކްލަބްތަކުން އެދެފި

މަޒާޑާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ އިސް އޮފިޝަލުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާތާ ހަފްތާއެއްހާ ދުވަސް މިހާރު ވެފައިވާއިރު، ޓީމުތަކަށް ލިބޭ ގެއްލުން ހީނުކުރާހާ ބޮޑު ކަމަށާއި ފުޓްބޯޅައާ މެދު ފުންކޮށް ވިސްނާލައި ވީ އެންމެ އަވަހަށް ޕްރެކްޓިސްތަކާއި ލީގު ފަށަން ހުއްދަ ދޭން ކްލަބްތަކުން އެދިއްޖެ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ލީގު ހުއްޓާލީ އަންގާރަ ދުވަހުގެރޭ 14 ދުވަހަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް އެޗްޕީއޭ އިން އެންގި އެންގުމަށް ތަބާވުމުގެ ގޮތުންނެވެ. ކްލަބްތަކުން މީގެ ކުރިން ވަނީ ލީގު އަލުން ފެށުމާ މެދު ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އެކަށީގެންވާ ޖަވާބެއް ނުދޭތީ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާން ނެރެފަ އެވެ.

ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބުން މިއަދު މެންދުރު ފަހު މަޒާޑާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ ކްލަބްތަކަކުން ވެސް ދާދި އެއް ޝުއޫރުތަކެއް ފާޅުކުރިއިރު، އެންމެ ބޮޑަށް ކުރީ އެއް އިލްތިމާސެކެވެ. އެއީ ހާއްސަ އުސޫލެއްގެ ދަށުން ވިޔަސް ދިވެހި ލީގު ފަށަން ހުއްދަ ދޭން ޖެހޭނެ ކަމަށާއި މިއީ ހަމައެކަނި ކްލަބްތަކުގެ ހައްގަށް ވުރެން ބޮޑަށް ފުރަތަމަ ޑިވިޝަނުގައި އެ ތިބި ކުޅުންތެރިންނާއި އޮފިޝަލުންގެ އާއިލާގެ އާމްދަނީއާ ވެސް ގުޅިފައިވާ ދާއިރާއެއް ކަމަށްވާތީ އެވެ.

މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް (ވައްކޭ) ވިދާޅުވީ އެޗްޕީއޭ އިން އެއްވެސް ވަރަކަށް ކުޅިވަރާބެހޭ ވުޒާރާތަކާއި މަޝްވަރާކުރުމެއް ނެތި މި ނިންމި ކުއްލި ނިންމުމުގެ ސަބަބުން ކްލަބްތަކަށް އޮތީ ބޮޑު ދަތިކަމަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.

"ކްލަބްތައް މި ތިބީ މި ވަގުތަށް ފުޓްބޯޅަ ކުޅެވެން ކުރެވެން ހުރި ކޮންމެ ގޮތަކަށް ކަންކޮށްގެން އެ ގޮތަށް ތަބާވެގެން ކުރިއަށްދާން ތައްޔާރަށް. އެއީ މި ކަމުގެ ސަބަބުން ކްލަބްތަކަށް ލިބޭ މާލީ ގެއްލުމަކީ ކްލަބްތައް ބަނގުރޫޓްވެދާފަދަ ގެއްލުމެއް. އަޅުގަނޑުމެން މި ތިބީ ސަރުކާރުގެ ހުރިހާ ކަމަކަށް އެއްބާރުލުން ދީގެން ކަންތައް ކޮށްގެން ވެސް މިކަން ކުރެވޭތޯ،" ވައްހާބު ވިދާޅުވި އެވެ.

މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ވައްހާބު (ވ) އާއި އެ ކްލަބްގެ ސީއީއޯ އަދި އެފްއޭއެމްގެ ނައިބު ރައީސް ކޮއްކީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރުގެ މާޗް މަހު ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް ގިނަވެ، އެޗްޕީއޭގެ އެންގުމާ އެއް ގޮތަށް އެފްއޭއެމުން ވަނީ ފުޓްބޯޅަ ސީޒަން އަވަހަށް ނިންމާލައިފަ އެވެ. އެއީ ސީޒަންގެ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކެންސަލް ކުރުމަށް ފަހު އެވެ. މީގެ ތެރެއިން އެފްއޭ ކަޕް ނިންމާލީ ސެމީ ފައިނަލް މެޗުތައް ޝެޑިއުލް ވެސް ކޮށްފައިވަނިކޮށެވެ.

މިދިޔަ ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށަން ކުރިން ރޭވިފައި އޮތް ނަމަވެސް އެޗްޕީއޭއާ އެކު ފުޓްބޯޅަ ފަށަން ގައިޑްލައިނެއް ހެދުމުގެ މަޝްވަރާތަށްކޮށް އެކަން ފުރިހަމަވުމަށް ފަހު ޓީމުތަކުން ޕްރީ ސީޒަން ފަށަން ހުއްދަ ދިނީ އޮކްޓޫބަރު މަހު އެވެ. އެއީ ފުރަަތަމަ ޑިވިޝަނަށް ދިން ހާއްސަ ހުއްދައެކެވެ.

ހާއްސަ ހުއްދައެއްގެ ދަށުން ޕްރީ ސީޒަަން ފަށައި ދެ މަހާއި ބައި ޓީމުތަކުން ޕްރެކްޓިސްކޮށް މިދިޔަ ޑިސެމްބަރު މަހު ލީގުގެ ކުޅުން ފެށުމުގެ ކުރިން ވަނީ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް 300 އަށް ވުރެން ގިނަ ޕީސީއާރް ޓެސްޓްތަކެއް ކޮށްފަ އެވެ. އެ ޓެސްޓްތަކުން އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްނުވެ އެވެ.

އެފްއޭއެމްގެ ނައިބް ރައީސް އަދި މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) ވިދާޅުވީ އެފްއޭއެމް އާއި ކްލަބްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަމުން ދަނިކޮށް ކުއްލިއަކަށް ކޭސްތައް ގިނަވެގެން ފުޓްބޯޅަ ހުއްޓާލުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކުޅެ ކުޅެ ތިއްބައި ދެ ވަނަ ރާޅު ތިރިވެގެންދިޔައީ. ފުޓްބޯޅަ އާއިލާގެ ފަރާތުން ކްލަސްޓާއެއް ނެތް. އެފްއޭއެމުން މިހާތަނަށް ކްލަބްތަކަށް މީގެ ލުއިތަކެއް ނުދީ އުސޫލު ހިފެހެއްޓި،" ކޮއްކީ ވިދާޅުވި އެވެ.

"(އެޗްޕީއޭގެ އެންގުމާ އެއްގޮތަށް) ދެ ހަފްތާ ޓްރެއިން ނުކޮށް ތިބިއްޔާ އެ ދަނީ އެއް މަސް ދުވަސް ފަހަތަށް. އެއްވެސް ބޭފުޅަކު ގަބޫލުކޮށްގެން ނުވާނެ މިހެން ލީގު އޮވެފައި ގައުމީ ޓީމަށް ނަތީޖާ ނެރެވޭނެ ކަމަށް. އަންނަ މަހު އެބައޮތް ގައުމީ ޓީމުގެ މުހިއްމު މެޗުތަކެއް (ވޯލްޑް ކަޕް ކޮލިފައިން) ވެސް. ގައުމީ ކޯޗު ވެސް އެބައޮތް މި ކޮންސާން ރެއިޒްކޮށްފައި (ލީގު ހުއްޓިފައި އޮތުމުގެ)،"

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ލީގު ހުއްޓިފައި އޮތުމަށް އިޝާރަތްކޮށް ވަނީ ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި މިއީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ސިނާއަތެއްކަން ފާހަގަކުރައްވައި، ފުޓްބޯޅަ އަވަހަށް ފަށަން ހުއްދަ ދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފަ އެވެ.

ޓީސީ ސްޕޯޓްސް ކްލަބްގެ އިސް އޮފިޝަލް އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހަައްމަދު އީސާ (މޯ) ބުނީ ފުޓްބޯޅަ އަކީ މިހާރު ކުރިއާ ހިލާފަށް ވަރަށް ގިނަ ބަޔެއްގެ ހައްގުތަކެއް ގުޅިލާމެހިފައި އޮތް އިންޑަސްޓްރީއެއް ކަމަށެވެ.

ޓީސީގެ އޮފިޝަލް އީސަ (މޯ) ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ފުޓްބޯޅަ އާއިލާ ތެރޭގައި ގާތްގަނޑަކަށް 500 އެއް ހާ މީހުން އެބައުޅޭ. ކުޅުންތެރިންނާއި އޮފިޝަލުންނާ މި އެންމެން ލައިގެން. ވަރަށް ބޮޑަށް ބޯޅައިގެ ސަގާފަތް ވެސް ބަދަލުވެއްޖެ. ކުރިން ވިސްނިފައި އޮތީ އޭނަ ވަޒީފާ އަށްދަމުން ބޯޅަ ކުޅެއޭ. ނޫން މިހާރު މި އޮތީ 60 ނޫނީ 70 ޕަސެންޓަކީ ފުޓްބޯޅަ އަށް ގޮސް ހުސްވެގެން އެ އަށް އާއިލާ ޑިޕެންޑްކޮށްގެން ތިބި މީހުން. މިއީ ވަރުގަދަ އިންޑަސްޓްރީއެއް. އަންނަން އޮތް ޖީލަށް ވެސް އަންގަންޖެހޭ މިއީ މުސްތަގުބަލެއް އޮތް އިންޑަސްޓްރީއެއް ކަން. އެ ވިސްނުން އެހެން މީހުންނަށް ވެސް އަންގައިދިނުން މުހިއްމު،" 2018 ވަނަ އަހަރު ގައުމީ ޓީމުން ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި މެނޭޖަރެއްގެ ޒިންމާ ފުރިހަމަ އަށް އަދާކުރި މޯ ބުންޏެވެ.

"އާ ގައިޑްލައިނެއް ދިނަސް މި ތިބީ ތައްޔާރަށް. އެންމެ ފަހުން މި އޮތް ގައިޑްލައިނަށް ކްލަބްތަކުން އަމަލުކުރިތޯ ބަލަން އެޗްޕީއޭ އިން އެދިއްޖެނަމަ ވަގުތުން ލިޔެކިޔުންތައް ދެއްކޭ ވަރަށް ކްލަބްތަކުން ތިބީ ވެސް ތައްޔާރަށް. އަށް ކްލަބްގެ އިހުމާލެއް އޮތްނަމަ މިހާތަނަސް ކޭސްތަކެއް ނުފެނި ޒީރޯގައި ނޯންނާނެ ދެއްތޯ،"

އެހެން އަހަރުތަކާ ހިލާފަށް މި ސީޒަނަށް ބޮޑު ހަރަދުތަކެއް ކޮށްގެން ނުކުތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ މެނޭޖަރު މުހައްމަދު ފަސީން ރާފިއު ބުނީ ފުޓްބޯޅަ ސީޒަން ފެށީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި އޭނާގެ އަމިއްލަ ވިސްނުމުގައި ބަލާކަމަށްވާނަމަ އެ ހުއްދަ ބާތިލެއް ނުވާނެ ކަމަށެވެ. ފުރަތަމަ ޑިވިޝަން ނޫނީ ގައިޑްލައިންތަކެއްގެ ތެެރެއިން ހުރިހާ ކަމެއް ކުރާ ކުޅިވަރެއް ނެތްއިރު، މިއީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅޭ ދާއިރާއެއްގެ ގޮތުގައި ވިސްނައި ވީ އެންމެ އަވަހަށް ފަރިތަކުރުންތަކާއި ލީގު ފަށަން ހުއްދަ އަކަށް އެދޭ ކަމަށް ފަސީން ބުންޏެވެ.

"އެޗްޕީއޭގެ ފަރާތުން ވެސް ނޫނީ މިކަމަށް ކަނޑައަޅާފައި އޮތް އެޖެންސީ އެއް ވަކިތަނަކުން ވިޔަސް އެއްވެސް (ކުޅިވަރުގެ އެއްވެސް) ބަަޔަކާ ޑިސްކަސް ނުކޮށް ގޮތްތަކެއް ނިންމީމަ މީގެ ގެއްލުން ކްލަބްގެ ނަން އަޔަސް މި ލިބެނީ އެތައް އާއިލާ އަކަށް. މި ދައްކަނީ 40 މިލިއަން ވަރު އަހަރަކު ހޭދަވާ އިންޑަސްޓްރީއެއްގެ ވާހަަކަ،" ފަސީން ބުންޏެވެ.

އެފްއޭއެމްގެ އެކްސްކޯ މެމްބަރު އަދި ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާ) ވިދާޅުވީ ބައެއް މީހުން ދެކޭ ގޮތުގައި ފުޓްބޯޅަ އަކީ މުނިފޫހިފިލުވަން ކުރާ ކަމެއް ކަމަށެވެ. އެ ވިސްނުމުގައި ބެއްޔަސް އަހަރަކު 40 މިލިއަން ނޫނީ 50 މިލިއަން ހަރަދުކުރާ މުނިފޫހިފިލުވާ ދާއިރާއެއް ރާއްޖޭގައި ނޯންނާނެކަން މުއާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދެ ހަފްތާ ފަހުން (ލީގު) ފެށިޔަސް އަލުން މެޗަކާ ހަމައަށް ދެވޭނީ މި ދެ ހަފްތާ ރިކަވާކުރެވޭ ވަރަށް ޕްރެކްޓިސް ކޮށްގެން އޭގެ މާނަ އަކީ އެ ގެއްލުނީ މަހެކޭ. މަހެއް ގެއްލިއްޖިއްޔާ ފުރަތަމަ ޑިވިޝަނުގެ އެންމެ އާދައިގެ ކްލަަަބަކުން ހަމައެކަނި މުސާރަ އަށް ބެއްޔަސް އެ ގެއްލެނީ ހަތަރު ލައްކަ ނޫނީ ފަސް ލައްކަ ރުފިޔާ. އެހެންވީމަ އުއްމީދަކީ އިތުރު ގައިޑްލައިނެއް ހަދައިގެން ވެސް މިކަން އަޅުގަނޑުމެންނަށް މަގުފަހިވާނެ ގޮތެއް ދިވެހި ދައުލަތުން ކޮށްލައިދިނުން،" އޭނާ ވިދާޅުވި އެވެ.

ކްލަބް އީގަލްސްގެ ވައިސް ޗެއާމަން އަދި އެފްއޭއެމްގެ އެކްސްކޯ މެމްބަރު މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ހުރި ދަތިތަކުގެ ވާހަކަ ދައްކާއިރު ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން މަތިން ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. ތިން ވަނަ ޑިވިޝަން ވެސް މި މަހު 15 ވަނަަ ދުވަހު ފަށަން ޝެޑިއުލްކޮށްފައިވާއިރު، ކްލަބްތަކުން އެ މުބާރާތަށް ތައްޔާރުވެފައިވަނީ މިދިޔަ 10 އަހަރު ތެރޭ ނުވާވަރަށް ކަމަށް މުފާ ވިދާޅުވި އެވެ.

"އެފްއޭއެމަކަށް ވެސް ނީންނާނެ ވަކި ޓްރާްންސްފާ ވިންޑޯއެއް ހެދޭކަށް. ފީފާގައި ރަޖިސްޓްރީކޮށްފައި އެ އިންނަ ވިންޑޯއެއްގައި ބިދޭސީ ކުޅުންތެރިން ގެނެވޭނީ. މި ހުއްޓާލިއިރު ތިން ވަަނަ ިޑިވިޝަން އެ އޮތީ މިދިޔަ 10 އަހަރު ވެސް ނުވާ ވަރަށް ތައްޔާރުވެފައި. އެހެންވީމަ އެ މީހުން ކުރާ ހަރަދަށް ވެސް އެބަޖެހޭ ބަލަން،" މުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ފުރަތަމަ ޑިވިޝަން ކްލަބްތަކުން އަމަލުކުރަމުން މި އައި ގައިޑްލައިނަށް އެޗްޕީއޭގެ ފަރާތުން އިތުރުކުރަން އިންނާނެ ކަމަކީ ވެކްސިން ޖަހައިގެން ކުޅުން ކަމަށާއި އެކަން ކުރަން ޖެހުނަސް ކްލަބްތައް އޮތީ ތައްޔާރަށް ކަމަށެވެ.

ވެލެންސިއާގެ އިސް އޮފިޝަލް އަދި އެސިސްޓަންޓް ކޯޗު އިލްމާއު ހުސެއިން (މައު) ބުނީ މިހެން ލީގު ހުއްޓާލާފައި އޮތުމުން އިތުރުވާ ކޮންމެ ދުވަހަކީ ވެސް ކްލަބްތައް އަތުން ހިނގާނެ އިތުރު ހަރަދުކަމަށެވެ. ބިދޭސީ ކުޅުންތެރިންނާ އެކު ވެފައިވާ ކޮންޓްރެކްޓާ އެއްގޮތަށް ހަރަދުތައް ކުރަންޖެހޭނެ ކަމަށް މައު ބުންޏެވެ. އަދި އެޗްޕީއޭ އިން ގޮތެއް ނިންމައި ވީ އެންމެ އަވަހަށް މީގެ ކުރިއަށްދާންވީ ގޮތެއް އެންގުމަކީ އެތައް ބައެއްގެ ވަގުތު ސަލާމަތްކުރުމަށް ވެސް މުހިއްމުކަމެއް ކަމަށް މައު ފާހަގަކުރި އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ފުޓްބޯޅަ ކްލަބްތަކުގެ ޕްރެކްޓިސް ފަށަން ހުއްދަ ދޭން ނިންމީ ފުރަތަމަ ޑިވިޝަނުގެ ކޯޗުންތަކެއް އިސްނަގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވަން ނިންމަވާފައިވަނިކޮށެވެ. ކްލަބްތަކުގެ ސީނިއާ މެނޭޖްމަންޓުން މިއަދު ބުނީ ކްލަބްތަކުން މި އެދޭ ކަންތައްތަކަށް ހައްލެއް ހޯދުމަށް ފުރުސަތެއް ލިބިއްޖެނަަމަ ރައީސްއާ ބައްދަލުކުރަން ވެސް ތައްޔާރަށް ތިބި ކަމަށެވެ.

ކްލަބްތަކުން ވަނީ ފުޓްބޯޅަ އަލުން ފެށުމަށް ހައްލުތަކެއް ހޯދައިދޭން އެފްއޭއެމްގެ ރައީސް ބައްސާމް އާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ކުރައްވަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އުއްމީދަކީ ވީ އެންމެ އަވަހަށް ހައްލެއް ލިބުން ކަމަށް ކްލަބްތަކުން ބުންޏެވެ.

16 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 8%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

11 February 2021

މިހާރު ކިތައް ކުލަބު މުސާރަ ނުދީ އެބައޮތް. ކަލޯ ބަންސާމް ބަލާބަލަ. ކަލޭ އަށް މުސާރަ ނުދެއޭ ކިޔާ ސަސްފެންޑް ކުރެވުނީ ނިއުރޭޑިޔަންޓް. ހުދުމްހުތާރު ވިޔަސް ބޮނޑް ވަރު ތީ.

The name is already taken The name is available. Register?

މަހޭފޭން

11 February 2021

ގޭންގް ބޯލް ކިޔާފަ ނަންބަދަލުކޮއްލާ،، އޭރުން ތިބަލާނެ މީހުންވާނެ،، އަޖައިބެއް މިއުލެނީ އަގަޔާ އަތާ ދިމާ ނުވެގެން.. ޓިށޫ ރޯލުގަ ފައިން ތަޅަން އެންމެން ރަގަޅުވާނެ

The name is already taken The name is available. Register?

މޮޔަވާހަކަ2

10 February 2021

ތިކަމާއުޅޭ މީހަކުނެތް. ކުލަބު ހަދައިގެން ދައުލަތާއި ފީފާއިން ދޭ ލާރިތައް އަޗާތަޅަ ބޭނުން ކުރަނީ. ދެން ނުވީތާކަށް ވިޔާނުދާ އެއްޗެހި ވިއްކައިގެން ކުލަބު ހިންގާބައެއް އުޅޭނެގޮތަކަށް އުޅެބަލަ. އެންމެ ރަގަޅީ މިވަގުތު ފުޓްބޯޅަ ހުއްޓާލުން. ކުޅުންތެރިންވެސް ވަޒީފާއަށް ގޮސް އެމެޗަރ ފުޓްބޯޅައަށް ބަދަލުވުން. ތިތާ އެބައޮތްތަ މީހަކު ސަޕޯޓް ކުރާ ކުލަބެއް؟

The name is already taken The name is available. Register?

އެމް ބީ އޭ

10 February 2021

ސުޕުން ނާ މެދު ވެސް ވިސްނާލަން ފެނޭ

The name is already taken The name is available. Register?

ކ‫ޯއްޗެއް!

10 February 2021

މުނިފޫހި ފިލުވަންވެސް މިހާރު މީހުން ދިވެހި ފުޓުބޯޅަ ނުބަލަނިއްޔޭ, ދޮގޭ? ބައްސާމް އިސްތިއުފާ!

The name is already taken The name is available. Register?

އާދަނުގެބައިބަލާ

10 February 2021

އިންޑަސްޓްރީއެކޯ؟ ހައްހައް، ޓެކްސީ ޑްރައިވަރުންގެ އަދަދުވެސް ހަމަ ނުވޭ، މާލެގައި ފަހާތަންތަންވެސް ތިއަށްވުރެ ގިނަ. ތީ މިހާރު މީހަކު އަޅާލާކަމެއް ނޫން. ކުލަބޭކިޔާފަ އުޅެނީ މުޖުތަމައު ޤަބޫލްނުކުރާ ނަންނަމުގައި އުޅޭ މީހުން، ބައިބަލާކުޅޭ ޓީމުތައް ފުޓްބޯޅަކުޅެން ވީމަ ސަޕޯޓްކުރާނެ ބަޔަކުނެތް. މިހާރު ތިފެންނަން ތިބިމީހުން މުސާރަ ނުލިބިދާނެތީ އުޅޭ ގޮތެއްތީ. ފުޓްބޯޅަ ގައިދުރުކޮށް ކުޅެންވީނު؟ ބޯހަލާކު.

The name is already taken The name is available. Register?

ދޮންކަލޯ ބުނީ

10 February 2021

ކޮންތާކު ހޭ ތި މުބާރާތް ކުޅެނި ތި

The name is already taken The name is available. Register?

ޢަވެލި

10 February 2021

ތިޔަ ފުޓްބޯޅަ ކުޅުން ހުއްޓާލަބަ ކޮން ސަކަރާތެއްޖަހާކަށް ދުނިޔޭގަ އެހެންތަންތާ ފުޓްބޯޅަކުޅެނީ އާމްދަނީ ހޯދަން ކުރާ ޕްރޮފެޝަނަލް މަަސައްކަތެއްގެ ގޮތުގައި. މިތަނުގައި ތިޔަކަމަށް ކުރާޚަރަދުތައް ހުއްޓާލާފަ ކިޔަވާކުދިންގެ ތައުލީމަށް ތިޔަ ހަރަދުކުރުން މާރަނގަޅުވާނެ. ފުޓުބޯޅަ ކުޅެން އެންމެ ރަނގަޅީ އަވަށުކުދިންނާ ކަންމަތީ ޓީމުތަކާ ސްކޫލުކުދިން މަޖަލަކަށް ކުރާކަމެއްގެ ގޮތުގައި. ފުޓުބޯޅަ ކުޅުމާ ފިލްމުކުޅުން މީ ރާއްޖޭގައި ކުރަން ހެޔޮވާވަރު ކަންކަމެއްނޫން

The name is already taken The name is available. Register?

ކަމަނާ!

10 February 2021

ވަރަށް ވާނުވާ ނޭނގޭ ދޯ. ފުޓްބޯޅައިން އާމްދަނީ ހޯދާ 300 އަށްވުރެ ގިނަ ކުޅުންތެރިން ރާއްޖޭގައި ވެސް އެބަތިބި. ހުރިހާ ކުދިންނަކީ ކިޔަވަން މޮޅު ކުދިންނެއް ނޫން. ބޮޑެތިންގެ ދަރީންނަށް ކިޔަވަން ހަރަދުކުރެވުނަސް، އެންމެނަށް އެކަން ނުކުރެވޭނެ. ފުޓްބޯޅައިގެ ހުނަރު ތިބި ކުދިންނަށް ވެސް ފުރުސަތު އޮންނަންޖެހޭ

The name is already taken The name is available. Register?

މަމިޔޮކާކަ

10 February 2021

މިހާތަނަށް މުސާރަ ނުދެވި ވާ ކުލަބުތައް ސަސްޕެންޑު ކޮށް ފޮނުވާލަން ފެނޭ އޭރުން ތަށި ލިބޭނެ ކްލަބް ވަރައްސާފު.

The name is already taken The name is available. Register?

އާރީ

10 February 2021

ފެންސާ ރަތާ ހުދާ ފިންކާ ރީދުލާ ތި ހުރިހާ ކުލަބު ތަކަކީވެސް ބަންސާމް ބޮނޑް ހަރަދު ކޮށްގެން ހިންގާ ޓީމްތައް. މި ކަން ނުދަށްނަ މީހަކު ނެތް. ތި ބަލާ މީހަކު ތި އަށް ސައުގްވެރިކަން ހުރި މީހަކު ވެސް މިހާރު ނޫޅޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454