ރިޕޯޓް / ދައުލަތުގެ ބަޖެޓް

ނަގަން ޖެހޭ ޓެކުހާ ދިމާލަށް ދާން ނުކެރެނީ ކީއްވެ؟

ފިނޭންސް މިނިސްޓަރު މުނައްވަރު މިއަދު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ.-- ފޮޓޯ: މަޖިލިސް

މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ އެންމެ ފާހަގަކުރެވޭ ކަމަކީ ދައުލަތުގެ ރިކަރަންޓް ޚަރަދު ކުޑަކޮށް ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު އިސްކަމެއް ދީފައިވުމެވެ. މި ހިނގާ 2016 ވަނަ އަހަރަށް ވުރެ، އަންނަ އަހަރުގެ ރިކަރަންޓް ޚަރަދު 11 ޕަސެންޓް ދަށް ކުރުމަށް ބަޖެޓްގައި އަމާޒު ހިފާފައިވެ އެވެ. އަދި އެއީ 1.1 ބިލިއަން ރުފިޔާގެ އަރަނި ބަޖެޓެކެވެ.

2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ތަރައްގީގެ މަޝްރޫއުތައް ހިމެނިފައިވާ ގޮތް

ތަރައްގީގެ މަޝްރޫއުތަކަކީ އޭގެ ޒާތުގައި މުޅި ގައުމުގެ ކުރިއެރުން ދަމަހައްޓައިދޭ އެންމެ މުހިންމު އެއް ވަސީލަތެވެ. ވަކިވަކި ފަރުދުންނަށް އަމާޒު ނުކުރިޔަސް، އެއިން ކޮންމެ މަޝްރޫއަކީ އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ކަންކަމެވެ. ބަނދަރު ހެދުމާއި ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމާއި ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތަކެވެ.

ބަޖެޓާ މެދު ވާހަކަ ދައްކާއިރު ފުރަތަމަ ވެސް ފާހަގަކުރަން ޖެހޭ ކަމަކީ، ބަޖެޓުގައި ލިޔެފައި އޮންނަ އެއްޗަކާއި ބަޖެޓް ތަންފީޒު ކުރާ ގޮތް ތަފާތު ވެދާނެ ކަމެވެ. އެއް ގޮތް ވާނީ ވަރަށް ނާދިރު ހާލަތްތަކެއްގަ އެވެ. މި އަހަރުގެ ބަޖެޓް ހުށަހެޅި އިރު ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ކަނޑައަޅާފައި އޮތީ އެއް ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ދިޔަ އިރު 4.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ. މިއީ އޭގެ ވަރަށް ކުޑަ މިސާލެކެވެ.

މާލޭގެ ފިހާރަައެއްގައި ވިއްކަން ބަހައްޓާފައި ހުރި ހަނޑޫތަކެއް: ކާޑުގެ ސަބްސިޑީ ވަނީ ކަނޑާލާފައި. ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު

ސުކޫކް ވިއްކުން، އާ ތަޖުރިބާއެއް!

ކުރީ އަހަރުތަކާ އަޅައި ބަލާއިރު، އަންނަ އަހަރަށް ލަފާކުރި ބަޖެޓްގައި ދަރަނި އޮތީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. ދަރަނި ކުޑަކުރި އިރު، ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ފައިސާ ހޯދުމަށްޓަކައި މީގެ ކުރިން ދުވަހަކު ވެސް ނުކުރާ ކަމެއް މި ފަހަރުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. އެއީ ރާއްޖޭން ބޭރުގެ ފަރާތްތަކަށް 1.4 ބިލިއަން ރުފިޔާގެ އިސްލާމިކް ބޮންޑް (ސުކޫކް) ވިއްކުމަށް ހިމަނާފައިވުމެވެ.

ނަމަވެސް ބޭރުގެ ފަރާތްތަކުން ދިވެހިންގެ ދަރަނިތައް ގަނެފާނެތޯ، ރާއްޖޭގެ އިގްތިސާދީ ކަންތައް ދިރާސާ ކުރައްވާ ބައެއް ތަޖުރިބާކާރުން ސުވާލު އުފައްދަވަ އެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތަށް ބަލާއިރު ނުގަތުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ފޮތުގައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ ގައުމީ އާމްދަނީގެ މައިގަނޑު ވަސީލަތް ކަމުގައިވާ ޓޫރިޒަމްގެ ސިނާއަތު އޮތީ އެހާ ދުޅަހެޔޮ ހާލަތެއްގައެއް ނޫނެވެ. އަދި މަސްވެރިކަމުގެ އަންދާޒާ ވެސް އެހާ ރަނގަޅު ނޫން ކަމަށް ބަޖެޓް ފޮތް ބުނެ އެވެ.

ށ. ފުނަދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: އަންނަ އަހަރު ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އަމާޒު ކޮށްފައިވޭ. --ފޮޓޯ އެމްޓީސީސީ

މި ކަންތައް މިހެން ހުރުމުގެ އިތުރުން، ރާއްޖޭގެ ނޮމިނަލް ޖީޑީޕީ ދަރަނި 63 ޕަސެންޓަށް ވުރެ މަތީގައި ހުރި އިރު، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ އިސްލާމިކް ބޮންޑް ގަނެފާނެތޯ އެ ބޭފުޅުން ސުވާލު އުފައްދަވަ އެވެ. މިއީ މުޅިން އަލަން ފަށާ ކަމަކަށް ވާއިރު، ސަރުކާރުން މިވަރުގެ ކަމަކާ ކުރިމަތިލާނީ ވެސް އެތައް ގޮތަކުން އަންދާޒާތަކެއް ހަދާފައި ކަމަށް ބެލެވެ އެވެ.

އާމްދަނީގެ މަގު، ވަންވޭއެއް

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް 2016 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާ ބައެއް ކަންތައް، އަންނަ އަހަރަށް ލަފާކުރި ބަޖެޓްގައި ސަރުކާރުން ހިމަނާފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ހުޅުލޭ އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން، އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ނަމުގައި 25 ޑޮލަރުގެ ފީއެއް ނެގުމެވެ. އަދި އަންނަ އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ހަތަރު ޕަސެންޓަށް އިތުރުވާނެ ކަމަށް ބަލައި ޖުމްލަ 565.8 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ނަމަވެސް މިހާރު ސަރުކާރުން ބުނަނީ ދިވެހިންގެ އަތުން މި ފީ ނުނަގާނެ ކަމަށެވެ. އެހެންކަމުން މި އައިޓަމުން ލިބޭނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވާ އަދަދަށް އަންނާނީ ކޮން ބަދަލެއް ކަމެއް އަދި ނޭނގެ އެވެ.

އެއާޕޯޓުގެ ދެވަނަ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ: އެއާޕޯޓްގެ ތަރައްގީ އަށް ވެސް އިތުރު ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައި. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އޭގެ އިތުރުން ބިން ހިއްކައި، ގެސްޓް ހައުސް ފަދަ ތަންތަން ހަދަން ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި މާލޭގައި ދުއްވާ އެއްގަމު އުޅަނދުން ކޮންޖެސްޝަން ފީއެއް ނެގުމާއި ދުންފަތުގެ ބާވަތްތަކާއި ފިޒީ އަދި އެނާޖީ ބުއިންތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑު ކުރުމާއި ޓެކްސީގެ އިތުރު 400 ލައިސަންސް ވިއްކުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޓް 60 ޕަސެންޓަށް ބޮޑުކުރުމާއި އެސްއީޒެޑްގެ އިކުއިޒިޝަން ފީ ނެގުން ހިމެނެ އެވެ.

މީގެ ތެރެއިން ބައެއް ކަންކަމަކީ ސީދާ ވަކިވަކި ފަރުދުންގެ ޖީބުން ދައުލަތުގެ ބަޖެޓަށް ފޯރުކޮށްދޭ ފައިސާ އެވެ. މާލޭގައި އެއްގަމު އުޅަނދު ދުއްވާ ކޮންމެ މީހަކު މި ކޮންޖެސްޝަން ފީ ދައްކަން ޖެހޭނެ އެވެ. ސިނގިރެޓް ބޯ ކޮންމެ މީހެއްގެ އަތުން ޑިއުޓީގެ ފައިސާ ނެގޭނެ އެވެ. ފިޒީ އަދި އެނާޖީ ބުއިންތައް ބޭނުންކުރާ ކޮންމެ މީހަކު އެގޭ އިމްޕޯޓް ޑިއުޓީގައި ހިއްސާވާނެ އެވެ. އަދި އިތުރު ޓެކްސީ ލައިސަންސް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ހުއްދަ ލިބޭނީ ވެސް ބޮޑު ފީއެއް ދައްކައިގެންނެވެ. މި ފައިސާ ދައުލަތުގެ ބަޖެޓަށް ދޭނީ އެ މީހަކަށް ލިބޭ އާމްދަނީންނެވެ.

2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޚަރަދުތައް ބެހިފައިވާ ގޮތް

އެހެންކަމުން ބަޖެޓްގައި ހުރި މިފަދަ އައިޓަމްތަކަކީ ވަކިވަކި ފަރުދުންގެ އާމްދަނީން ބޮޑު ބައެއް އުނިވެގެންދާނެ ކަންތަކެވެ. ނަމަވެސް ވަކިވަކި ފަރުދުންގެ އާމްދަނީ އިތުރު ކުރުމުގެ އައިޓަމްތަކެއް ބަޖެޓްގައި ހިމަނާފައި ނުވާ ކަމަށް، ބަޖެޓް ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

އަނެއްކޮޅުން ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އާންމުންގެ އަތުން އިތުރު ފީތަކެއް ނަގަން މި ނިންމީ، މީގެ ކުރިން އެންމެނަށް ދެމުން އައި ސަބްސިޑީ ކަނޑައިލުމުން ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވެ ބައެއް އާންމުންގެ ޖީބަށް ބުރަވެފައިވާ ދަނޑިވަޅެއްގަ އެވެ. ސިއްހީ ހިދުމަތްތަކަށް ދެމުން އައި ސަބްސިޑީތައް ވެސް އަންނަ އަހަރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް މަދުކުރާ ކަމުގެ އަޑުތަކެއް އިވިފައިވާ އިރު، އެއީ ވެސް އާންމު ރައްޔިތުންގެ ޖީބަށް ބަރުވާނެ ކަމެކެވެ.

2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އާމްދަނީ ބެހިފައިވާ ގޮތް

"ބަޖެޓް އޮތް ގޮތަށް ބަލާއިރު، މުސާރަވެރިންގެ މުސާރަ އިތުރެއް ނުވާނެ. އަލުން ވަޒީފާތައް ނުއުފައްދާނެ ކަމަށް ވެސް ބަޖެޓްގައި ލިޔެފައި އެބަހުރި. އެކަމަކު ދިރިއުޅުމުގެ ޚަރަދު ގައިމު ވެސް ބޮޑު ނުވެއެއް ނުދާނެ. ސަބްސިޑީ ކަނޑައިލީމާ ވެސް ދިރިއުޅުމުގެ ޚަރަދު ހުންނާނީ ބޮޑުވެފައި. ހަނދާންވާ ގޮތުގައި ސިވިލް ސާވިސްގެ 80-90 ޕަސެންޓަކީ މަހު މުސާރަ 5،000ރ އިން ދަށުގެ މީހުން. އަލަށް ނަގާ ފީތަކާ އެކު، ގައިމު ވެސް ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވާ ގޮތަށް މި އޮތީ. މާލޭގައި (އާބާދީގެ ގިނަ) މީހުން މި އުޅެނީ. މި ތަނުގައި ކުރަންޖެހޭ ޚަރަދުތައް މި ބޮޑުވަނީ. ޚަރަދުތައް ބޮޑުވާއިރު މުސާރަތައް ބޮޑުވާނެ ގޮތެއް ނެތް. ވަޒީފާތައް އިތުރު ކުރާނެ ކަމަކަށް ނެތް،" ބަޖެޓް ދިރާސާ ކުރައްވާ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ނަމަވެސް މިއީ ކުރަން ޖެހިފައިވާ ކަންކަމެވެ. ކާޑުގެ ސަބްސިޑީ ކަނޑާލަންވިތާ ކިތަންމެ އަހަރެކެވެ. ކޮންޖެޝަން ފީ ނަގަންވިތާ ވެސް ކިތަންމެ ޒަމާނެކެވެ. އެކަމަކު މި ފީތަކަކީ އޭގެ ޒާތުގައި އިގްތިސާދީ އަދި މާލީ މައްސަލަތަކަށް އޮތް ހައްލެއް ނޫނެވެ. އެ ކަމުގެ ހައްލު ހޯދަން ނޫޅެނީ ކީއްވެ ހެއްޔެވެ؟

ޓްރެފިކް ޕޮލިހުން ސައިކަލުތަކެއްގައި ސްޓިކާ ޖަހަނީ: ތޮއްޖެހިފައިވާ މާލޭގައި ވެހިކަލް ޕާކު ކުރާނެ ތަނެއް ހޯދުމަކީ ފަސޭހަކަމެއް ނޫން-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އިންކަމް ޓެކްސް ކޮން އިރަކުން؟

ގައުމުގެ މުއްސަނދިކަން ބެހިފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ ގައުމީ މުއްސަނދިކަމުގެ ގާތްގަނޑަކަށް 80 ޕަސެންޓް އޮތީ އެންމެ 10 ވަރަކަށް ޕަސެންޓް މުއްސަނދިންގެ އަތުގައި ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ނަމަވެސް އަޅުގަނޑު ކަހަލަ އާދައިގެ މީހަކާއި ތިން ހަތަރު ރިސޯޓް ގެންގުޅޭ ވިޔަފާރިވެރިޔާ ވެސް ޓީވީއެއް ނޫނީ އެހެން އެއްޗެއް ގަތަސް ދައްކާނީ ހަމަ އެއް ޓެކުހެކެވެ. އެއީ ދުޅަހެޔޮ އިގްތިސާދެއް ބިނާކުރަން ބަލާއިރު ކުރިމަތިވާ ވަރަށް ބޮޑު ހުރަހެކެވެ.

"އިންކަމް ޓެކްސް ނަގައިގެން ނޫނީ އިގްތިސާދީ ކަންތައް ހައްލެއް ނުވާނެ. އިންކަމް ޓެކްސް ޑިޒައިން ކޮށްފައި އޮންނަނީ ވެސް ބޮޑެތި މުއްސަނދިން ބޮޑެތި އަދަދުތަކުން ދައްކަން ޖެހޭ ގޮތަށް. އެހެން ނޫނިއްޔާ އެއް އަދަދަކަށް ނެގޭ ޓެކްސްތަކެއް މި ހުންނަނީ،" އިގުތިސާދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"މިސާލަކަށް ކޮންމެ ސިނގިރޭޓަކުން ނެގޭ 25 ލާރި. އެއިން ކޮންމެ ޓެކުހަކީ ރިގްރެސިވް ޓެކުހެއް. އެ 25 ލާރިއަކީ އަދަދު އެއްވަރު އެއްޗަކަށް ވިޔަސް އެމީހަކަށް ލިބޭ އާމްދަނީގެ ނިސްބަތުން ބަލާއިރު ފަގީރު މީހާ އެ ދައްކަނީ ވަރަށް ބޮޑު އެއްޗެއް. މުއްސަނދި މީހާގެ އާމްދަނީގެ ނިސްބަތުން އެ ދައްކަނީ ވަރަށް ކުޑަކުޑަ އެއްޗެއް. އެހެންވީމާ ރިގްރެސިވް ޓެކްސް އަކީ މުއްސަނދި ވާ ވަރަކަށް އޭގެ ފައިދާ ބޮޑުވާ ގޮތަށް އޮންނަ ޓެކުހެއް. އެއް ރޭޓެއްގައި ނަގާ ހުރިހާ ޓެކްސްއަކީ ރިގްރެސިވް ޓެކްސް."

ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމުގައިވާ ޓޫރިޒަމްގެ ސިނާއަތުގައި ބޭނުންކުރާ ރިސޯޓެއް: ޓޫރިޒަމްގެ ސިނާއަތުގެ ބޮޑު ފައިދާއެއް ހިފެހެއްޓިފައިވަނީ ރިސޯޓް އޯނަރުންގެ އަތުގައި. -- ފޮޓޯ: ހަލަވެލި

ރާއްޖޭގެ އިގްތިސާދުގައި ދައުރުވަމުން ދަނީ ކިހާ ފައިސާއެއް ކަން ވެސް ހަގީގަތުގައި ނޭނގެ އެވެ. ދައުލަތުގެ މާލީ އިދާރާތަކުން ވެސް ކުރަނީ އަންދާޒާތަކެކެވެ. އިންކަމް ޓެކްސްގެ ފޯމުތައް ފުރަން ފަށާ ހިސާބުން ނޫނީ މީހުންނަށް ލިބޭ އާމްދަނީ އެނގެން ވެސް ނުފަށާނެ އެވެ. އެ މިންވަރު އެނގިގެން ނޫނީ ރިގްރެސިވް ޓެކްސްތައް ބައްޓަން ކުރަންވީ ގޮތާއި ބޭރުން ލޯނު ނަގަންޖެހެނީ ކިހާ ވަރަކަށް ކަމެއް އަންދާޒާ ވެސް ނުކުރެވޭނެ އެވެ.

"އިންކަމް ޓެކްސް ނަގަން ފެށީމާ ނޫނީ ޓެކްސްގެ ނިޒާމު ފުރިހަމައެއް ނުވާނެ. އެ ނިޒާމު ފުރިހަމަ ނުވީމާ މިވާ ގޮތަކީ ބީޕީޓީ އާއި ޖީއެސްޓީއާ މި ޓެކްސްތައް ނަގާއިރު، މީސްމީހުންގެ އަމިއްލަ އާމްދަނީގެ ގޮތުގައި ފައިސާތައް ރައްކާކުރެވި، ވިޔަފާރީގެ ތެރެއިން ނުފެންނަ ފައިސާތަކެއް އެބަ އުޅޭ. އެހެންވީމާ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި މި ދައުރުވަނީ ކިހާ ފައިސާއެއް ކަން ކަނޑައެޅޭނީ އިންކަމް ޓެކްސް ނަގަން ފެށީމާ،" އޭނާ ވިދާޅުވި އެވެ.

މިއީ ދެބަސް ނުވެވޭނެ އިގްތިސާދީ ހަގީގަތަކަށް ވިޔަސް އިންކަމް ޓެކްސް ނަގަން ނުކެރިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ސަރުކާރަށް ވުރެ ވިޔަފާރިވެރިން ބާރު ގަދައީ ހެއްޔެވެ؟

2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާފައިވާ އައު ކަންތައްތައް.

"އެ ކަހަލަ ކަންތަކުގައި މި އުޅެނީ ޕޮލިޓިކަލް މައްސަލަތަކެއް. ރައީސް ނަޝީދުގެ ވެރިކަމުގައި ކޮންމެވެސް ވަރަކަށް ފައްޓަވަން އުޅުއްވި. ވަރަށް ފާޅުގައި ވިދާޅު ވެސްވި. އެކަމަކު މަޖިލީހުގެ ތެރެއިން އެކަމަށް އޭރު އެއްވެސް ތާއީދެއް ނުލިބުނު. އަބަދުވެސް ވިޔަފާރިވެރިންގެ ކޮންޓްރޯލްގައި އިގްތިސާދު އޮންނާނީ. އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ އިގްތިސާދަކީ ވަރަށް ބޮޑަށް އެއް ސިނާއަތަކަށް (ޓޫރިޒަމަށް) ބިނާވެފައި އޮތް އިގްތިސާދެއް. އެހެންވީމާ، އެ ސިނާއަތުގެ ވިޔަފާރިވެރިންގެ ބާރު އިގްތިސާދުގެ ތެރޭގައި ވަރަށް ބޮޑުވާނެ،" ކުރިން ވާހަކަދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.

ނޯޑިކް ގައުމުތަކަށް ބަލާއިރު އެ މީހުންގެ އަމިއްލަ އާމްދަނީގެ ފަންސާހަކަށް ޕަސެންޓް ދެނީ ސަރުކާރަށެވެ. ދައުލަތުގެ ފަރާތުން ހިލޭ ތައުލީމާއި، ހިލޭ ބޭސްފަރުވާ އާއި ކާޑާއި ފެނާއި ކަރަންޓުގެ ސަބްސިޑީ އަށް އެދެނީ އޭގެ ފަހުންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ވިސްނުން މުޅިން ތަފާތެވެ.

ތ. މަޑިފުށީ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: އަންނަ އަހަރު ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާނެ. --ފޮޓޯ އެމްޓީސީސީ

"އެއީ ވެލްފެއާ ސްޓޭޓްތައް. އެކަމަކު އެމީހުން ވެލްފެއާ ސްޓޭޓެއް ގާއިމު ކުރަނީ އާމްދަނީގެ އެހާ ބޮޑު އެއްޗެއް ދައުލަތަށް ދީފައި. އަހަރެމެން ވެލްފެއާ ސްޓޭޓެއް ގާއިމު ކުރަން ބޭނުންވާ އިރު، އާސަންދަ ވެސް ހުސް ނުވާ ގޮތަށް ލިބެން، ޔުނިވާސިޓީ ނިމެންދެން ހިލޭ ކިޔެވެން، ބަލިވެއްޖެއްޔާ ބޭސްފަރުވާ ކުރެވެން، ފަގީރުންނާއި ނުކުޅެދޭ މީހުންނަށް ހާއްސަ އިނާޔަތްތައް ބޭނުންވޭ. މި ކަހަލަ އިގްތިސާދަކަށް ރާއްޖޭގެ އިގްތިސާދު ވެސް ވާން އަޅުގަނޑުމެން ދިވެހިން އެބަ ބޭނުންވޭ. އެކަމަކު އެކަހަލަ އިގްތިސާދެއް ބިނާކުރަން ބޭނުންވާ ޓެކްސް (އިންކަމް ޓެކްސް) ދައްކާކަށެއް ގަބޫލެއް ނުކުރެވޭ."

އޭގެ ބަދަލުގައި އެ ކަންކަމަށް ބޭނުންވާ ފައިސާ ހޯދަން މި އުޅެނީ އެހެން ގޮތްގޮތުންނެވެ. އެއީ އާންމުންގެ އަތުން ނަގާ ރިގްރެސިވް ޓެކްސްތަކުންނާއި ގައުމުގެ ގުދުރަތީ މުއްސަނދިކަން ވިއްކައިގެންނާއި ބޭރު ގައުމުތަކުން ނަގާ ލޯނުތަކުންނާއި ހިލޭ އެހީގެ ތެރެއިންނެވެ. ނަމަވެސް މިއީ އިގްތިސާދީ ދުޅަހެޔޮކަން ދަމަހައްޓައިދޭނެ އުސޫލުތަކެއް ނޫނެވެ. އިގްތިސާދީ ގޮތުން ކުރިއަރައިގެން ދާނީ އިންކަމް ޓެކްސް އަށް އަޅުގަނޑުމެން މަރުހަބާ ކީ ދުވަހަކުންނެވެ.

29 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 5%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ އަލީ

12 November 2016

ތިޔަ ޓެކްސް ފާސް ކުރިޔަސް އަޅުގަނޑުމެން ދައްކަން ނުޖެހިދާނެ .ނަމަވެސް ފާސްކުރާމީހުން އެ ޓެކްސް ދައްކަންޖެހޭނެ ކަން ކަށަވަރު ،ވީމާ ފާސްކުރާނީ ކިހިނެތް

The name is already taken The name is available. Register?

އަބްދުއްލާ އަލީ

11 November 2016

އިންކަމް ޓެކްސް އަކީ ވިޔަފާރި ވެރިން އަތުން ނަގާ ޓެކުހެއްނޫން މިހާރުވެސް ވިޔަފާރީ ގެ ފައިދާއިން ނަގާ ޓެކްސް ނަގަމުންދޭ

The name is already taken The name is available. Register?

އަބްދުއްލާ އަލީ

11 November 2016

އަސްލު ޖީއެސްޓީ ނަގަނީ ގައުމުގާ އުފައްދާ ތަކެތިން ގައުމަށް އިމްޕޯޓް ކުރާތަކެތިން ނަގާނީ އިމްޕޯޓް ޑިއުޓީ ، އެހެން ގައުމުތައް މުއްސަނދިވީ ޖީއެސްޓީ ނަގައިގެނޭ ކިޔާފަ ބަޔަކު ހެދި ގޯސް އެއްޗެެް ޖީއެސްޓީ މިގައުމަށް ތައާރަފް ކުރުމަކީ ، މިގައުމަކީ ހުރިހާއެއްޗެއް އިމްޕޯޓް ކުރާ ގައުމެއް އެހެން ކަމުން އިމަޕޯޓް ޑިއުޓީ ން އެކަނި ނިމެންވާނެ. މިހާރު އެއްފައިސާ އެއް ކަލެކްޓް ކުރަން ކަސްޓަމްސް އަދީ މީރާ އިންވެސް މަސައްކަތް އެބަކުރޭދޯ ؟ އަސްލު ޖީއެސްޓީ ނަގަންޖެހޭ މުދަލުން މިގައުމުގާ އެއްވެސް އެއްޗެއް ނުނެގޭދޯ ؟

The name is already taken The name is available. Register?

އަލީ

11 November 2016

އަހައްމަދު އެބުނިހެން މަށައްވެސް ހީވަނީ އިންކަމްޓެކްސްނަގަން ބޭނުންނުވަނީ އޭރުން ކޮރަޕްޝަނުންހޯދާފައިސާ ދެނެގަނެވޭނެ ނިޒާމުތަކެއް ގާއިމުވާނެތީހެން އަދި ހޯދިނުހޯދިއެއްނޭގި ހޯދާ މުއްސަދިކަން ލިބުނުގޮތެއް ބުނެދެންޖެހޭނެބަޔަކު ތިބޭނެތީހެން. އޭރުން މިހާރުމިއޮތް ކޮރަޕްޝަނާ ފަސާދައިގެ ނިޒާމު މުޅިން އެކޮޅުކޮޅުންޖެހޭނެ ހަގީގީ ބާރުވެރިންނައް ރައްޔިތުންވާނެ އެފަދަ ދުވަހެއްދެކެން ބާރުގަތިބިމީހުން ބޭނުންނުވަނީ އެހެންވެ މިކަން ނުވެގެން އުޅެނީ.

The name is already taken The name is available. Register?

ނުބެހޭނެ

11 November 2016

ނަގަން ޖެހޭ ޓެކްހާއި ދިމާލަށް ދާން ނުކެރެނީ ކީއްވެގެންތޯ ކިޔާ ބާޒާރު މަތީ ބަހުން އިދިކޮޅު ރަންރީނދުލޭ މެން ސަރުކާރަށް މުޚާތަބު ކޮށް އެމީހުން ފަތުރާ ޕްރޮޕެގެންޑާގެ ތެރޭން އިންކަމް ޓެކްސް ނެގުމުން މައްސަލަ ހައްލު ވާނެ ކަމަށް ބުންނަސް ދައުލަތުގެ ބަޖެޓަށް އިންކަމް ޓެކްސް ނެގިއަސް އެއިން ސަރުކާރުގެ ޕްރޮޖެކްޓްސް ތަކަށް ބޭނުންވާ ފައިސާ ނުލިބޭނެއެވެ. ސަބަބަކީ އެއިރުން ވާނެ ގޮތަކީ އިންފްލޭޝަން މަތިވެގެން ގޮސް މިހާރު 1000 ރުފިޔާ އަށް ނިންމޭ ސަރުކާރުގެ ޕްރޮޖެކްޓެއް ނިންމޭނީ ދެން 2000 ރުފިޔާ އަށެވެ. އެމްޑީޕީ ވެރިކަމާއި ހަވާލު ވިިއިރު ދައުލަތް ބޭންކް ރަޕްޓް ވެފައި އޮތްވާ ކެނެރީގެ ނަޝީދުގެ މަގްބޫލު ކަމެއް ރާއްޖޭގައި ނެތީމާ އޭނާގެ އަމިއްލަ އެދުމާއި އަދި އޭނާ ވެރިކަމުގައި ދިގުމުއްދަތުގައި ހުރުމުގެ ދަހިވެތި ކަމުގައި ސަަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުުމުން ރައްޔިތުންގެ އަމިއްލަ ފައިނޭންޝަލް ކެޕޭސިޓީ ބިލްޑް ކުރުމަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތެވެ. ނަތީޖާ އަކީ ދައުލަތް ބޭންކް ރަޕްޓް ވުމެވެ. ދައުލަތުގެ ބަޖެޓް މިހާ ބޮޑަށް ދަރަނި ވެރިވެގެން މިދިޔައީ ސީދާ ކެނެރީގެ ނަޝީދު އޭނާގެ އަމިއްލަ އެދުން އިސްކޮށް ވެރިކަމުގެ ދަހިވެތި ކަމުގައި އޭނާ ދައުލަތަށް ވަންނަ ފައިސާ ހިލޭ ބަހަން ފެށުމުންނެވެ. ހިލޭ ފައިސާ ނުބެހޭނެ އޭނާ އަށްވެސް އުސޫލަކުން. ސަބަބަކީ ދައުލަތުގައި ހުންނަ ފައިސާ އަކީ އެއީ ކެނެރީގެ ނަޝީދުގެ ވެސް އަމާބަފާ ގެ ފައިސާ އަށް ނުވާތީއެވެ.

The name is already taken The name is available. Register?

އުވާލާ

11 November 2016

ރާއްޖޭގައި ޖީއެސްޓީ ނަގަން ފެށުމުގެ ކުރިން ޖީއެސްޓީ ނެގުމުގެ ބަދަލުގައި އެ އަދަދަށް ކަސްޓަމްސް ޑިއުޓީ ނަގަން ނިންމާ މި ދެ ބައި ނެގުމުން ދައުލަތަށް ލިބޭ އާމްދަނީ ގެ ހިސާބު ޓޭބަލްސް ތަކެއް އެމްޑީޕީގެ ވެރިކަމުގައި އެމީހުން ހަދާ ރައްޔިތުންނަށް ވެސް ދައްކާ ފައިނެތް އަދި ރައްޔިތުންގެ މަޖްލީހަށް ވެސް ހުށައަޅާފައި ނެތެވެ. މީ ވަރަށް ވަރަށް ނުރައްކާތެރި ވަރަށް ބޮޑު މައްސަލަ އެކެވެ. މިހާރުވެސް މަމެން ހިސާބު ހަދާލާއިރު ޖީއެސްޓީ މިނަގާ އަދަދު ކަސްޓަމްސް ޑިއުޓީ އަށް އިތުރު ކުރި ނަމަ ދައުލަތަށް ވަންނަ އާމްދަނީ އިތުރު ވެފައި އަދި އިންފްލޭޝަން ދަށް ވާނެއެވެ. ރާއްޖެތެރޭން ޖީއެސްޓީގެ ގޮތުގައި މަހަކު 5 މިލިއަން ރުފިޔާ ވެސް ނުލިބެއެވެ. ކޮބާތޯ މިނިޒާމު ފުރިހަމަ ވެފައި. ދެން އަނެއްކާ މާލޭގައިވެސް އަދި ރަށްފުށުގައި ވެސް ހޮޓާ ތަކުން ޖީއެސްޓީ ސަރުކާރަށް ދައްކަނީ އެއީ ސައްހަ އަދަދެއްް ނޫނެވެ. އެމީހުން ސިނގިރެޓް ފޮށީގެ ކަރުދާސް ކޮޅެއްގައި އަގު ޖަހާ ޖީއެސްޓީ އާއި އެކު އަގުނަގަމުން ދާއިރު ކިހިނެއްތޯ ހޮޓާ ހޮޓަލުން ޖީއެސްޓީ ދައްކަނީ ރަނގަޅަށް ކަމަށް އިނގޭނީ. ނޭގޭނެއެވެ. ޖީއެސްޓީ ނިޒާމު ވެސް އުވާލަން ވީ އަދި އިންކަމް ޓެކްސް ނިޒާމް ވެސް އުވާލާ ތަންކޮޅެއް ޔަގީން ޕްރެކްޓިކަލް ނިޒާމް އަކަށް ދާންވީ އެވެ. އެއީ މާލެ ސަރަހައްދުން ގިނަ އަދަދެއް ގެ ބިން ތައް ހިއްކާ ކުއްޔަށް ދިނުން ދެން ކަސްޓަމްސް ޑިއުޓީ ނެގުން. އެހެން ހުރިހާ ޓެކްސް ތައް އުވާލަން ވީއެވެ. އެނިމުނީ އެވެ.

The name is already taken The name is available. Register?

ޒައިން

11 November 2016

އެސްއިޒެޑްގެ ދަށުން އަންނައިންވެސްޓްމަންޓްތަކުން އާމްދަނީ ލިބޭނެކަމަށް ބުނެފައޮތްއިރު އެކަންކަމަކީ ކޮބައިކަންބަޖެޓަކުން ނޭނގެ... އައިހެވަން ފަދަ މަޝްރޫތަކުގެ ވާހަކަވެސް ނެތް.. ދެން ކީއްވެ ވިޔަފާރި ބަނދަރާ އައިހެވަން ތަރައްޤީ ކުރުމުގެ ވާހަކަ ބަޖެޓް ބަޔާނުގަ މިނިސްޓަރު ވިދާޅުވީ؟ހުސް ދެކޮޅު ނުޖެހޭ ވާހަކަދައްކަވަނީ

The name is already taken The name is available. Register?

GAN Island

11 November 2016

މިނިވަން ޤައުމެއްގެ މިނިވަން ދައުލަތެއްގެ ވަޒަންވެރިންގެ ގޮތުގައި ތިބެ ''ރައްޔިތުންގެ އަޑު އިއްވާލަން ނުކެރޭނަމަ'' ޤައުމާއި ދައުލަތް މިނިވަންކަމަށް ބުނި ކަމުގައި ވިޔަސް ''ރައްޔިތުންނަކީ އަޅުވެތިބައެއް'' ކަމާއި މެދު ޝައްކެތް ނެތް. . . މިދައުލަތުގެ އާޟްދަނީ އިތުރު ކުރުމަށާއި ''ވައްކަމާއި ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް'' ކުރިޔަތް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށާއި ރައީސުލް ޖުމްހޫރީއްޔާގެ އިންތިހާބަށް ވޯޓު ހޯދަން އަންނަ މީހުންކާރީގައި ރައްޔިތުން ސާފުބަހުން ބުނަންވީ ''އިންކަމްޓެކްސް ރާއްޖެއަށް ތައާރަފްކޮށް ދައުލަތަށް ހައްޤު އާޟްދަނީ ހޯދުމަށް'' ވައުދު ނުވާހާ ހިދަކު ތިމަންނަގެ ވޯޓު ތިފަރާތަކަށް ނުދެއްވާނަމޭ. . . މިކަންކަން ހައްލު ކުރެވޭނީ ''ރައްޔިތުން އެކަމަށް އެދިހައްލަށް މަސައްކަތް ކުރުމުން'' އަދި މިކަން ހައްލުނުކޮށް ދިގުދެިމެން ގޮސް ހަރުލައިފިނަމަ ފަހުން މިކަން ހައްލު ކުރާން ނިކުންނައިރު އެހެން ގޮތްތަކެއްމެދުވެރިވެ ނޭދެވޭ މަންޒަރުތަކެއްވެސް ފެނިދާނެ.

The name is already taken The name is available. Register?

އަހްމަދު މުޙައްމަދު

11 November 2016

ވިޔަފާރިވެރިން އަތުން ފައިސާ ނުނަގާ ނިކަމެތި ރައްޔިތުމީހާ އަތުން ފައިސާ ނެގޭތޯ ބަލާށެވެ.

The name is already taken The name is available. Register?

ޗޭ

11 November 2016

ރާއްޖޭގެ ހަނާވަމުންދާ ފަގީރު މަސައްކަތްތެރި އާންމުން އެއްބައިވޭ! ރިސޯޓު ވެރި މަހުޖަނުން އަތުން ރައްޔިތުންގެ މަޖިލިސް މިނިވަންކުރޭ! ދެން އިންކަމްޓެކްސް ގާނޫނު ހެދޭނީ. 2019! މަސައްކަތްތެރި ރައްޔިތުންގެ އަހަރު!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454