މިއީ ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތައް ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާ. މި އިންތިހާބުގެ 33 ޕަސެންޓް ހާއްސަކޮށްފައި ވަނީ އަންހެނުންނަށް.
ކައުންސިލް އިންތިހާބުގައި މިއަދު މީހަކު ވޯޓު ލަނީ -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
10 އެޕްރީލް 2021 - 07:28
ލާމަރުކަޒީ ގާނޫނު ވުޖޫދުވެ، ރަށްރަށާއި އަތޮޅާއި ސިޓީތަކަށް ކައުންސިލަރުން އައްޔަންކުރާތާ މިއީ ހަތަރު ވަނަ އިންތިހާބެވެ. އަދި އެ ގާނޫނުގެ ދަށުން ކައުންސިލަރުން އައްޔަންކުރާތާ 10 ވަނަ އަހަރެވެ. އެކަމަކު މިއަދު މި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ހުރިހާ ގޮތަކުން ތަފާތެވެ. އެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކުން ބޮޑެތި ބާރުތަކެއް ދީފައިވާއިރު، މިއީ އާ ބާރުތައް ތަންފީޒުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވި ގޮތުގައި ތަރައްގީ އަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅަކީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކެވެ. އޭގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާ އެކު، ދިވެހި ރައްޔިތުން މިއަދު ވޯޓު ލާން ނުކުންނާނެ އެވެ.
ގާނޫނަށް ބޮޑެތި އަދި މުހިއްމު އިސްލާހުތަކެއް ގެނައިރު އެންމެ ފާހަގަކޮށްލެވެނީ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމެވެ. އޭގެ އިތުރުން ކުންފުނި އުފައްދައިގެން ކައުންސިލްތަކަށް ވިޔަފާރިކުރުމުގެ ބާރުތައް ވެސް ދީފައި ވެ އެވެ. އެއާއެކު އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް، ކައުންސިލްގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށްފައި ވެ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މޭޔަރުން އިންތިހާބު ކުރާނީ ވެސް މި އިންތިހާބުގަ އެވެ.
ރަށުގެ އާބާދީ 3،000 މީހުންނަށް ވުރެ މަދު ނަމަ ކޮންމެ ރަށު ކައުންސިލެއްގައި އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލް މެމްބަރުންނެވެ. އަދި 3،000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި ތިއްބަވާނީ ހަތް ކައުންސިލަރުންނެވެ. މިއީ، ގާނޫނަށް މީގެ ކުރިން ގެނައި އިސްލާހެއްގައި ވެސް އޮތް ގޮތެވެ. އެކަމަކު މި ފަހަރުގެ ތަފާތަކީ ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އިތުރުވުމެވެ.
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް މާލެތެރޭގައި ބެނާތައް ހަރުކޮށްފައި، ބޮޑު ދެ ޕާޓީން ވަނީ ވަރުގަދަ ކެމްޕޭންތަކެއް ކޮށްފައި--.ފޮޓޯ: ނިޝާން އަލީ/މިހާރު
މީގެ ކުރިން ކައުންސިލްތަކުގައި ވާދަކުރުމަށް އަންހެނުންނަށް ހާއްސަ ކޯޓާއެއް ނެތެވެ. ނަމަވެސް ޑިސެމްބަރު 5، 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން، ކައުންސިލްތަކުގެ ވަކި ވަރެއް އަންހެނުންނަށް ހާއްސަކުރަންޖެހެ އެވެ.
ފަސް މެމްބަރުން ހިމެނޭ ކައުންސިލެއްގައި ދެ ކައުންސިލަރުން ވާންޖެހޭނީ އަންހެނުންނަށެވެ. އަދި ހަތް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި އަންހެން ތިން ބޭފުޅުން ހިމަނަންޖެހެ އެވެ.
އަތޮޅު ކައުންސިލްގައި މިހާތަނަށް ތިއްބެވީ އިންތިހާބީ ދާއިރާތަކުން ހޮވޭ ކައުންސިލަރުންނެވެ. ލާމަރުކަޒީ އުސޫލަށް އެންމެ ފުރަތަމަ އަމަލުކުރިއިރު، އެ ކައުންސިލަށް އިންތިހާބީ ދާއިރާއަކުން ދެ ކައުންސިލަރުން ހޮވި އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހުގެ ދަށުން އެ އަދަދު ވަނީ އެކަކަށް މަދުކޮށްފަ އެވެ. އެހެންވެ، އަތޮޅު ކައުންސިލްތަކުގައި މި ވަގުތު ތިއްބެވީ ކޮންމެ އިދާރީ ދާއިރާއަކުން ހޮވިވަޑައިގެންނެވި އެއް މެމްބަރެވެ.
އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ހޮވަމުން ދިޔައީ އަތޮޅު ކައުންސިލްގެ މެމްބަރުންގެ ވޯޓުންނެވެ. އެކަމަކު، އަލަށް ގެނައި އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްގެ ރައީސް ހޮވުމުގެ ބާރު ލިބިފައިވަނީ ސީދާ އެ އަތޮޅުގެ ރައްޔިތުންނަށެވެ. އަތޮޅު ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސެވެ.
އަތޮޅު ކައުންސިލްގެ ނައިބުރައީސް އިންތިހާބުކުރާނީ އަތޮޅު ކައުންސިލްގެ ރައީސް ފިޔަވައި ދެން ތިބި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްގެ ރައީސުންނަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ ބައެއްގެ ގޮތުގައި ކަނޑައަޅައި ގާނޫނަށް ވަނީ މެމްބަރުންގެ ތެރެއިން ނަގާ ވޯޓަކުން އެންމެ އިސް ކައުންސިލަރު ވަކިނުކުރެވޭ ގޮތަށް އިސްލާހު ގެނެސްފަ އެވެ.
ސިޓީއެއްގައި ނަމަ، އެތަނެއްގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ އަދަދަކީ 10،000 މީހުންނާއި 30،000 މީހުން މީހުންނާ ދެމެދުގެ އަދަދެއް ނަމަ ހަ މެމްބަރުން އިންތިހާބު ކުރަން ވާނެ އެވެ. އަދި ސިޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ އަދަދަކީ 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އަދަދެއް ނަމަ، 10 މެމްބަރުން، ސިޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ އާބާދީއަކީ 60،000 އަށް ވުރެ މަތި ނަމަ، އަދަދަކީ 18 މެމްބަރުންނެވެ.
އާމްދަނީ ހޯދުމަށް ކައުންސިލްތަކުން އެކި ތަންތަން ކުއްޔަށް ދިނުމާއި މަސައްކަތް ކުރަމުންދިޔަ ނަމަވެސް ވިޔަފާރި ކުރެވޭނެ އެއްވެސް ގޮތެއް މީގެ ކުރިން ފަހިވެފައި ނުވެ އެވެ. އެކަމަކު، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ރަށާއި އަތޮޅު އަދި ސިޓީ ކައުންސިލަށް ވެސް ވިޔަފާރިކުރެވޭ ގޮތަށެވެ.
ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ރަށު ކައުންސިލް، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ ފަރާތުން ހުށަހެޅޭނީ އެ ކައުންސިލެއްގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރަކުންނެވެ.
އީސީގެ މެމްބަރުން އިންތިހާބުގެ ތައްޔާރީތަކުގައި: މިއަދު ވޯޓު މި ދެނީ ތާރީހީ އިންތިހާބަކަށް -- ފައިލް ފޮޓޯ: މިހާރު
އެ ގާނޫނުގެ ދަށުން "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދު" ހަދައި މިދިޔަ ހަފުތާގައި ވަނީ ގެޒެޓުކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ހިއްސާ ބަދަލުކުރެވޭނީ ހަމައެކަނި ކައުންސިލްތަކުގެ މެދުގަ އެވެ. ހިއްސާ ބަދަލުކުރަން ހުށަހަޅާއިރު، ލޯކަލް އޮތޯރިޓީ ކުންފުނީގައި ހިއްސާވާން އެދި ރަށު ކައުންސިލް، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ ފަރާތުން، އެ ކައުންސިލުގެ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރު ހުށަހަޅަންވާނެ އެވެ.
އެހެން ކައުންސިލްތަކާ ގުޅިގެން ވިޔަފާރިކުރުމުގެ އިތުރުން އަމިއްލަ ފަރާތްތަކާ އެކު ވެސް ވިޔަފާރިކުރެވޭނެ މަގު ފަހިކޮށްދީފައި ވެ އެވެ.
އެ ކަންކަމުގެ އިތުރުން، ރަށެއް ނުވަތަ އަތޮޅެއްގައި ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރޫއުތައް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތަށް ހިންގުމުގެ ބާރު އެ ކައުންސިލްތައް ދީފައި ވެ އެވެ. ސިޓީއެއްގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން 15 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން މަޝްރޫއުތައް ވެސް ސިޓީ ކައުންސިލް މެދުވެރިކޮށް ހިންގޭނެ އެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 ޕަސެންޓަށް ވާ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލްތަކަށް ބެހިގެންދާގޮތަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސަން ޖެހެ އެވެ. އޭގެ އިތުރުން ކޮންމެ އަހަރެއްގެ ބަޖެޓާ އެއްގޮތަށް ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން ފަސް ޕަސެންޓް ދޭންޖެހޭނެ ކަމަށް ވެސް އެންމެ ފަހުން ގެނައި އިސްލާހުގައި ބުންޏެވެ.
މި އިންތިހާބުގައި 982 ގޮނޑިއަށް ޖުމްލަ 2،234 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން 30 މެމްބަރުން ވަނީ އިންތިހާބަކާ ނުލައި ހޮވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤާރޫނު.
10 April 2021
ކެމަރާގެ ލެންސަށް ހާދަ ގިނަ ވާހަކަ އެބަފެނެއޭދޯ ؟ ސިއްޙަތާއި މެދު ދިވެހިން ތަންކޮޅެއް ސަމާލުވާންޖެހޭ.
ހެޔޮ ބަދަލު
10 April 2021
މަޖްލިސް އުވާލާ ކައުންސިލަށް ބާރުތައް ދޭންވީ. މަޖްލީހަކީ ރަސްކަމުގެ ޒަމާނުގެ ތަނެއް. އެތަނުން ކުޅޭ ކުޅިވަރުން ފައިދާ މިވަނީ ހަމައެކަނި އެތަނުން ލާރި ލިބޭ މީހުންނަށް އެކަނި. ޕާޓީ މެމްބަރުންނަށްވެސް އެއްވެސް ފައިދާއެއް ނުވޭ. މިނިސްޓްރީ ތަކަށް ޕީއެޗްޑީ/މާސްޓަރސް ފެންވަރުގެ އިލްމީ މީހުން އައްޔަންކުރުމުން ގައުމީ ލެވެލްގެ ބިލްތައް ނިންމޭނެ. ރަށްތަކުގެ ތަރައްގީ މަޖްލީހާ ނުލާ ކައުންސިލުން ކުރެވެންވާނެ. މިނޫންގޮތަކަށް ހެޔޮބަދަލެއް ނުގެނެވޭނެ. ގެރެންޓީ
2000
10 April 2021
ކުދި ކުދި 100 މީހުން ހަމަ ނުވާ ރަށްރަށަށް 5ކައުންސިލަރުން ، ކިހާ ބޮޑު އިސްރާފެއް. މިފަދަ ރައްތަކަށް5 މީހުން ލުމުގެ ބޭނުމެއް ނެތް. އަސްލު ރާއްޖެއަށް ލިބޭ ބޮޑު އެއްޗެއް މުދަނީ މުސާރައަށް. ރަޔިތުން ހޮވާ އެކަކު ހުރެފައި ދެން ލަފާ ދޭ ކޮމެޓީއެއް އިންތިޚާބުކޮށް އެމީހުންނަށް ޖަލްސާ އެލަވަންސް ހާހުން ގުނާލާ ނަމަ ވަރަށް ރަގަޅު ވީސް... 100 މީހުން އުޅޭ ރަށެއްގައި ވެސް 5 ،2500 މީހުން އުޅުނަސް 5 . މަޖިލީހުގައި ތިބޭ މީހުންނަށް ރަށްރަށުގެ ހާލަތު ނެގެ
ށަވިޔަނި
10 April 2021
ބައެއްގެ ކަށީގައި ހަރުލާފައިވާ ކަމަކަށް، ވޯޓު ފޮއްޓަށް ވައްޓާ ކަރުދާސް ކޮޅަކުން، ގާނޫނަކުން ގަވާއިދަކުން އިންޤިލާބީ ބަދަލެއް އައިކަމަށް އެނގިފައިނެތް. އެބަދަލު އައިސްފައިވާތަންތަނަށް ބަދަލު އައިގޮތް ތާރީޚުގެ ސަފްހާތަކުން ފެނޭ. 2008 ވަނައަހަރު ތިހުރިހާ ބަދަލުތަކަށް މަގުފަހިކުރި ގާނޫނު އަސާސީއެއް ނެރުނު. ކޮންބަދަލެއް އައީ އޭގެ ކުރިންވެސް އަދި ފަހުންވެސް ގައުމު ހިނގަނީ އެއްގޮތަކަށް.
އިސްލާހުވާށޭދޯ
10 April 2021
އިންގިލާބީ ބަދަލަށް ފުރަތަމަ ފަހަރަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް ލުން ކުރިއަށްދާއިރު އެބަޖެހޭ ސަރުކާރަށް ސަނާ ނުކިޔާ މީހުން ގިނަ އަދަދަކަށް މިފަހަރު ލޯކަލް ކައުންސިލަރުންގެ ގޮތުގައި އަންނަން ސަބަބަކީ އެއީ ސަރުކާރުގެ ކެންޑިޑޭޓުން ނަމަ އެމެން އުޅޭނީ ސަރުކާރުން ކޮރަޕްޓް އުސޫލުން ކުރާ ބޮޑެތި ވައްކަން ތައް ފޮރުވަން ވެގެންނޭ އެކަން ފެނޭ މިހާރު ފެނަކަތެރޭން ވެސް ބޮޑެތި ވައްކަން ފެނަކައިން ކުރުމުން ވެސް ރައީސް އިބޫ ބުނީ އިސްލާހުވާށޭ