ރިޕޯޓް / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

މުއިއްޒަށް އެންމެ ބޮޑު ޔަގީންކަމެއް ލިބުނީ އެމްޑީޕީގެ މެމްބަރުންގެ ވާހަކަތަކުން

މާލޭގެ އާ މޭޔަރަކަށް އިންތިހާބުކުރި ޑރ. މުއިއްޒު އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭގެ މޭޔަރުކަމަށް އަލަށް އިންތިހާބުކުރި، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައިގަންނަވަނީ އޭނާއާ ރައްޔިތުން ހަވާލުކުރީ ބޮޑު އަމާނާތެއް ކަމަށެވެ. އެ އަމާނާތަށް ހިޔާނާތްތެރިވެއްޖެ ނަމަ އޭގެ ގެއްލުން މުޅި މާލެ އާއި އޭނާ އަށް ވެސް ކުރާނެ ކަމަށް ހިތުގެ އަޑިން ގަބޫލު ކުރައްވަ އެވެ. ސަރުކާރުގެ ވިސްނުމާ ދެކޮޅު އަޣުލަބިއްޔަތު އޮތް ކައުންސިލެއް މާލެ އަށް ލިބުނަސް އަމާނާތަށް ރައްކާތެރި ނުވެއްޖެ ނަމަ ވާނެ ގޮތް މުއިއްޒުގެ ސިކުނޑިން ކައްސަލާއިގެންނެއް ނުދެ އެވެ.

"އަޅުގަނޑު [މާލޭގެ ރައްޔިތުންނަށްޓަކައި] މަސައްކަތް ނުކޮށްފިއްޔާ، އަޅުގަނޑު ފަރުވާކުޑަ ކޮށްފިއްޔާ، އަޅުގަނޑު ދެއްކި ވާހަކައަކާއި އަމަލާ ދިމާނުވެއްޖިއްޔާ އެ އޮތީ ރައްޔިތުންނަށް ބުނެވެން އަޅުގަނޑު ހުރީ ރައްޔިތުން ހަވާލުކުރި އަމާނާތައް ހިޔާނާތްތެރިވެފައޭ،" އިދިކޮޅު ޕީޕީއެމްގެ އިސް މެމްބަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު، މުއިއްޒަށް އޮތް އެންމެ ބޮޑު ޔަގީންކަމަކީ އޭނާގެ ފަރާތުން އެ ފުރުސަތު އެއްވެސް ބަޔަކަށް ނުލިބޭނެ ކަމެވެ. އިދިކޮޅުގެ އަޣުލަބިއްޔަތު އޮތް ކައުންސިލަކަށް ވިޔަސް އޭނާގެ ފަރާތުން ކަމެއް ނުވެގެން، ނުވަތަ ގޯސްވެގެން އެއްވެސް ކަމެއް ފެއިލް ނުވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

"ކަމެއް ހުއްޓުމެއް އަންނާނެ އެހެން ދިމާލެއް [ސަރުކާރު ފިޔަވައި] ނުހުންނާނެ. އެކަންކަން ރައްޔިތުންނަށް އެނގޭނެ. ނަތީޖާ ނެރެދެވޭތޯ ހުރިހާ މަސައްކަތެއް ކުރިކަން ރައްޔިޔުންނަށް އެނގޭނެ. އެކި އަވަށްތަކުން އަޅުގަނޑާ ބައްދަލުކުރެވޭނެ ނިޒާމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރާކަން ފެންނަން ހުންނާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް ކަންކަމުގައި ޔަގީންކަން އޮންނަ ސަބަބަކީ އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ނިޔަތް. ކަންކަމުގައި އަބަދުވެސް އަޅުގަނޑު އޮޕްޓިމިސްޓިކް ކޮށް ވިސްނާތީ، އިހުލާސްތެރި ހިތަކާއެކު [ސަރުކާރާ] ބައްދަލު ކޮށްފިއްޔާ އެކަން ވާނެ."

ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އޭނާ ނުވަތަ ކައުންސިލް ފެއިލް ވެއްޖެ ނަމަ އެކަމުގެ ސަބަބަކަށް ވާނީ ސަރުކާރެވެ. މާލޭގެ ރައްޔިތުން އޭނާ އަށް ދިން އިތުބާރަކީ ޕީޕީއެމްގެ ސަރުކާރުގައި ދެއްކި ނަތީޖާ ކަމަށް ވިދާޅުވި އެވެ.

ލޯކަލް އިންތިހާބުގައި ޕީޕީއެމަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ހަފުލާގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ.----ފޮޓޯ: ނިޝާން އަލީ/މިހާރު

"ރައްޔިތުން ގަބޫލުކުރޭ އަޅުގަނޑުމެންނެއް ނުތިބޭނެއޭ ރައްޔިތުން ހަވާލުކުރި އަމާނާތަށް ހިޔާނާތްތެރި ވެގެންނެއް. އެ ޔަގީންކަން އަޅުގަނޑަށް އޮތީ،" އޭނާ ވިދާޅުވި އެވެ.

މިހާތަނަށް އެމްޑީޕީގެ ފުރިހަމަ ބާރުވެރިކަން އޮތް ސިޓީ ކައުންސިލް އިދިކޮޅު ފިކުރަށް ފަސޭހަކަމާއެކު އަނބުރައިލުމުން އެ ޝޮކްގައި ނެތް އެކަކު ވެސް ނެތެވެ. އެހާ ބޮޑު އަޣުލަބިއްޔަތެއް ޕީޕީއެމަށް ލިބިދާނެ ކަމަށް ޑރ. މުއިއްޒު ވެސް ގަބޫލެއް ނުކުރައްވަ އެވެ. އެހެންވެ، މާލޭގެ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދިނުމުގައި އިތުރު ހިތްވަރެއް މިހާރު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު، ޑރ. މުއިއްޒަކީ ބަސް މަދު، ވަރަށް މަޑުމައިތިރި ބޭފުޅަކަސް އޭނާގެ ފިކުރުގައި ދެން އަޣުލަބިއްޔަތު ހޯއްދެވި ލިސްޓުގައި ބައެއް ކަންކަމުގައި އެކްސްޓްރީމް ވިސްނުމަށް ދާ ބައެއް ބޭފުޅުން އެބަތިއްބެވި އެވެ. ސުވާލަކީ އެފަދަ ބޭފުޅުނާއެކު ކައުންސިލްގައި މޭޔަރުގެ ހައިސިއްޔަތުން ޑރ. މުއިއްޒު މަސައްކަތް ކުރައްވާއިރު، ސަރުކާރަށް ދަތިތަކެއް ކުރިމަތިވެދާނެ ހެއްޔެވެ؟ ކައުންސިލްގެ އެހެން މެމްބަރުންގެ ފިއްތުންތަކާއެކު، ކައުންސިލަކީ ސަރުކާރަށް ބުރައަކަށް ވެދާނެ ހެއްޔެވެ؟

ބައްދަލުވި މީހުންނާއި ދެއްކެވުނު ވާހަކަތަކުން އަޅުގަނޑަށް ޔަގީންކަން ލިބުނު ވަކި ޕާޓީއަކަށް ނުބަލައި، ހަމަހަމަކަމާއެކު ނަތީޖާ އަޅުގަނޑު ނެރެދޭނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރިއޭ. ވޯޓުލާން ވަރަށް ގާތްވިއިރު އަޅުގަނޑަށް ޔަގީންކަން ލިބުނު ވިން ވާނެކަން. އެކަމަކު 60 އިން މައްޗަށް ޕަސެންޓު ދާނެ ކަމަކަށް ހީއެއް ނުކުރަން،"

އޭގެ ޖަވާބުގައި ޑރ. މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީގެ ތަޖުރިބާ އެވެ. އެ މިނިސްޓްރީގައި އޭނާ މަސައްކަތް ކުރެއްވީ ޑރ. މުއިއްޒު ވިދާޅުވިގޮތުގައި އެކި މިޒާޖުގެ ބޭފުޅުންނާއެކު އެވެ. ފެނިވަޑައިގަތީ އެކި ކެރެކްޓާތަކެވެ.

"އެކަމަކު، ކުރު ގޮތަކަށް ބުނާ ނަމަ އަޅުގަނޑުގެ ފަރާތުން އެ ބޭފުޅުންނަށް އޭރު ވެސް ލިބުނީ ސަޕޯޓް. އެ ބޭފުޅުން އަޅުގަނޑަށް ވެސް ދެއްވީ ސަޕޯޓް. ޓީމެއްގެ ގޮތުގައި އުޅުނީ. އެހެންވީމާ ކައުންސިލްގެ ތެރޭގައި ވެސް އެންމެ ލީސްޓް ވޮރީ [އެންމެ ކުޑަކޮށް ވިސްނާ ކަންތައް] އެއީ. ކޮންމެ ޒާތުގެ ބޭފުޅަކާއެކު ވެސް އަޅުގަނޑަށް މަސައްކަތް ކުރެވޭނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންގެ ވާހަކަތަކުން ޔަގީންކަން މާ ކުރިން އޮތީ ލިބިފައި

އިންތިހާބުގައި މާލެ އިން ގާތްގަނޑަކަށް 15،000 މީހުން ވޯޓު ދީފައިވާއިރު، މޭޔަރަކަށް ޑރ. މުއިއްޒު އިންތިހާބު ކުރާނެ ކަމުގެ ޔަގީންކަން އޭނާ އަށް މާ ކުރިން އޮތެވެ. ސަބަބަކީ ކެމްޕެއިންގައި ގޭގެ އަށް ޒިޔާރަތް ކުރައްވަމުން ގެންދެވިއިރު، އެމްޑީޕީގެ މެމްބަރުންގެ ވާހަކަތަކެވެ.

"އެ ގޭގެއިން [އެމްޑީޕީގެ މެމްބަރުން] އަޅުގަނޑުމެން ގާތުން ބުނަމުން އައި ތިމަންނަމެން މި ފަހަރު ސަރުކާރަަށް މެސެޖެއް ދޭނަމޭ. މަގުމަތިންނާއި ގޭގެއިން އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުންނާ ދިމާވި. ބޮޑެތި އާއިލާތަކާ ދިމާވި، އެ ބޭފުޅުން ވިދާޅުވި ތިމަންނަމެންގެ ވޯޓެއް ނުދޭނަމޭ. ތިމަންނާމެންނަކީ އެމްޑީޕީގެ މެންބަރުންނޭ. ތިމަންނާމެން ބޭނުމެއް ނުވެއޭ މިހާރު މިދާ ގޮތަށް ކަންތައް ދާކަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ އިން ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވީ ވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ މެމްބަރުން "ރުޅިގަނޑު" ދައްކައިލުމެވެ. ވޯޓުލާން ނުނިކުންނާނެ ކަމަށް ފާޅުގައި ޑރ. މުއިއްޒުގެ އަރިހުގައި އެމްޑީޕީގެ ބައެއް މެމްބަރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވި ޕީޕީއެމްގެ ކެންޑިޑޭޓުންނާއެކު، އެ ކޯލިޝަންގެ ބައެއް އިސްވެރިން އިއްޔެ ރޭ ފޮޓޯއެއް ނަންގަވަނީ---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރުމާއި ވައުދުތައް ނުފުއްދުމާއި ދާއިރާތަކުގެ މެމްބަރުންގެ އެހީތެރިކަން އެ ނުލިބުން ފަދަ އެތައް ޝަކުވާއެއް އަޑުއެއްސެވި ކަމަށް ވިދާލުވި އެވެ.

"އެ މެމްބަރުން ތިއްބެވީ މާޔޫސްކަމުގައި. އެ ބޭފުޅުން ވިދާޅުވަނީ ތިމަންނަމެން ވޯޓުދީގެން ވާކަމެއް ނެތޭ. އެ ބޭފުޅުން ބޭނުންފުޅުވީ ސަރުކާރަށް މެސެޖެއް ދޭން. އޭގެ ވަރަށް ގިނަ ބޭފުޅުން ގޭގައި މަޑުކުރެއްވީ. ދެން ވަރަށް ގިނަ ބޭފުޅުން ކޮވިޑާ ގުޅިގެން ގޭގައި މަޑުކުރެއްވީ. ކަރަންޓީންގައި ވެސް ބަޔަކު ތިބި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ވޯޓުލާ ދުވަސް ކައިރިވި ވަރަކަށް އައީ ޔަގީންކަން ބޮޑުވަމުންނެވެ.

"ބައްދަލުވި މީހުންނާއި ދެއްކެވުނު ވާހަކަތަކުން އަޅުގަނޑަށް ޔަގީންކަން ލިބުނު ވަކި ޕާޓީއަކަށް ނުބަލައި، ހަމަހަމަކަމާއެކު ނަތީޖާ އަޅުގަނޑު ނެރެދޭނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރިއޭ. ވޯޓުލާން ވަރަށް ގާތްވިއިރު އަޅުގަނޑަށް ޔަގީންކަން ލިބުނު ވިން ވާނެކަން. އެކަމަކު 60 އިން މައްޗަށް ޕަސެންޓު ދާނެ ކަމަކަށް ހީއެއް ނުކުރަން،" ޔާމީންގެ ސަރުކާރުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ވަޒީރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ މުއިއްޒު "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ، ކާމިޔާބީއާ ހަމައަށް ދެވުނީ ވޯޓުލާން ނުކުތް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރުންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެވެ. ނަމަވެސް އެންމެ ބޮޑަށް ފެނިވަޑައިގަތީ އެއް ބަޔަކަށް ބާރު ދީގެން ވެސް ކަންކަން ރަނގަޅު ނުވުމުން ރުޅިއައިސްފައި ތިބި މީހުންގެ ނަތީޖާ އެވެ.

"އަނެއްކާ [އެމްޑީޕީ އަށް] ކައުންސިލް ދީގެން ވާނެ ކަމެއް ނެތޭ. މިއީ ތިމަންނަމެންގެ އެންމެ ފަހު ފުރުސަތޭ ބަދަލެއް ގެންނަން. މި ބަދަލު ގެންނައިރު ފުރުސަތު ދޭނީ ކޮން ބަޔަކަށްތޯ ބަލާފައި އެ ބޭފުޅުން ނިންމީ މާލޭގެ ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތް ކޮށްފައި ތިބި ބަޔަކަށޭ ފުރުސަތު ދޭނީ. ދެ އަހަރު ބައި ވެގެން ދިޔައިރު ވެސް މާލޭގެ ތަރައްގީ އަށް ނޫނީ މާލޭގެ ކަންކަމަށް ނެތޭ ވައުދުވި ގޮތަށް ހިނގާފައެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ގޯތީގެ ވައުދުވި، ގޯއްޗެއް ނުދެވުނު. ގޯތި ދެވޭނެ މަގެއް ވެސް ހޯދައި ނުދެވުނު. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެޓްތައް ހަވާލެއް ނުކުރެވުނޭ. އެ މަޝްރޫއަށް އެތައް ބަދަލެއް އައިސް، އެތައް އާއިލާއެއް އެ މަޝްރޫއުން ބާކީވުން ފަދަ އެތައް ފްރަސްޓްރޭޝަނެއްގައި ރައްޔިތުން ތިބީ. ކޮވިޑާ ހެދީ ވިޔަސް މާލޭގެ އެތައް އާއިލާއެއް ތިބީ ވަޒީފާ ގެއްލިފައި."

ސަރުކާރަށް ޖެއްސުމެއް ނުކުރާނެ

މާލެ އަށް މި ފަހަރު މި އިންތިހާބުކުރީ އިިދިކޮޅުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް ސިޓީ ކައުންސިލެކެވެ. އެއީ ސަރުކާރާ ދެކޮޅު ފިކުރަކަށް ވުމުން، ދެ ވިސްނުން އެއްގޮތް ކުރުމުގެ މައްސަލަތަކެއް ކޮންމެވެސް ހިސާބަކުން ނުކުންނާނެ ކަމަށް ބަލަންޖެހެ އެވެ. ގާނޫނުން ފުރިހަމަ ބާރުވެރިކަން ދީފައި އޮތް ނަމަވެސް މާޒީ އަށް ބަލާއިރު އެއީ ފަސޭހަ ކަމަކަށް ނުވުން ކައިރި އެވެ.

ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ސިޓީ ކައުންސިލަށް ލިބޭނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑރ، މުއިއްޒަށް ގުޅުއްވައި ދެއްވާފައިވާއިރު، އޭނާ ވެސް ވިދާޅުވީ ހުންނެވީ އެގޮތުގައި ކަމަށެވެ. ސަރުކާރާއެކު މަސައްކަތް ކުރައްވާނެ އެވެ. އެކަމަކު، އެއީ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށެވެ. އިސްކުރައްވާނީ މަޝްވަރާގެ އުސޫލެވެ.

"އަޅުގަނޑުގެ ޕްލޭނާ އެއްގޮތަށް އިރާދަކުރެއްވިޔާ ކަންކަން ދާނެ. އަޅުގަނޑުމެން އިސްނަގައިގެން ސަރުކާރަށް ކަންކަން ހުށަހެޅުމާއި ސަރުކާރުން ބޭނުންވާ ކަންކަން ރައްޔިތުންނަށް ފައިދާވާ ގޮތަށް ކުރިއަށް ގެންދަން ހުށަހަޅަމުން ދާނަން. އަދި ސަރުކާރުގެ ޕޮލިސީ ބަދަލުކުރަން ބޭނުންވާ ކަންކަން ހުށަހެޅުން ފަދަ ކަންކަން ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވިގޮތުގައި ކިތަންމެ ބޮޑަށް ހިޔާލު ތަފާތުވިޔަސް ސަރުކާރާއެކު "ކޯޅުމަކަށް" ދާން އޭނާ ފުރުސަތެއް ނުދެއްވާނެ އެވެ. އޭގެ ކުރިން އިސްކުރައްވާނީ މަޝްވަރާ ކަމަށް ވިދާޅުވި އެވެ.

"ކޯޅުމަކަށް ދަނީ ކީއްކުރަންތޯ؟ އެއީ ބޭނުން ކަމެއް ނޫން. މިސާލަކަށް ގުޅިފަޅުގެ ހައުސިން މަޝްރޫއު ނަގަމާ. އަޅުގަނޑު ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރާނަން ސަރުކާރުގެ ޕޮލިސީ ބަދަލުކުރެވޭތޯ. އެކަމަކު އެއީ ކޯޅުމަކަށް ދާންޖެހޭ ކަމަކަށް ވާކަށް ނުޖެހޭ. ރީއްޗަށް ހައްލު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"ދެން ސަރުކާރުން ބަލައިނުގަންނަ ހިސާބަށް ގޮސްފިއްޔާ އެންމެ މަސްލަހަތު ހުރި ގޮތަކަށް ދާނީ. ރައްޔިތުންނާ އަޅުގަނޑުމެން ހިއްސާ ކުރާނަން. ރައްޔިތުންނަށް ވިސްނައިދޭނަން. އަޅުގަނޑުމެން ބުނެދޭނަން ރައްޔިތުން ބޭނުންވާ ގޮތަށް އެކަމެއް ކުރިއަށް ގެންދާކަށް ސަރުކާރުން ފުރުސަތެއް ނުދިނޭ. އެކަމަކު، އެ ހިސާބަށް ދާން ޖެހޭނެހެން ހީއެއް ނުވޭ. އަޅުގަނޑުގެ ވިސްނުމަކީ ނަތީޖާ ނެރެވޭނެއޭ ވާހަކަ ދައްކައިގެން."

ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރަށް ޖެއްސުން ކުރުމާއި އުނދަގޫ ކުރުމެއް އޭނާގެ ލީޑަޝިޕްގައި ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ނޫން ކަމެއް ނުހޯދާނެ އެވެ.

"ސަރުކާރަށް ޖެއްސުން ކޮށްގެން ކޮން ފައިދާއެއްތޯ ކުރާނީ؟ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް. ރައްޔިތުން އިތުރަށް ނިކަމެތި ވާނީ އެކަމުގައި،" އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ، އޭނާ މޭޔަރަކަށް އިންތިހާބުވުމުން އަންނަ މެސެޖުތަކުގައި ވެސް އެންމެ ބޮޑަށް މާލޭގެ ރައްޔިތުން ބޭނުންވަނީ ޔާމީންގެ ވެރިކަމުގައި ފެނުނު ތަރައްގީގެ ކަންކަން އަލުން ގެނެސްދިނުމަށެވެ. މަޝްރޫއުތަކެއް ނުވަތަ ބަދަލުތަކެއް ގެނެސްދިނުމަށެވެ. އެހެންވެ، އޭނާ އަށް ކާމިޔާބުވުމުގެ އެއް ސަބަބަކީ އެ ތަރައްގީ އަލުން ހޯދުމެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި އެ ބޭފުޅުން މާލޭ ސިޓީ ކައުންސިލްގެ ބާރު ކަނޑުވައިލި ގޮތަކަށް އެ ފުސަތު މި ސަރުކާރަށް ނުލިބޭނެ ކަމަށެވެ. އެމްޑީޕީގެ ފުލް ކޮންޓްރޯލް އޮތް ސިޓީ ކައުންސިލް ބާރު އޭރު ކަނޑުވައިލަން ޖެހުނީ އޭނާ ވިދާޅުވިގޮތުގައި، ކައުންސިލުން މަސައްކަތްތައް ނުކުރާތީ އެވެ. އެހެންވެ، ޔާމީންގެ ސަރުކާރަށް މަޖުބޫރުވީ، ސިޓީ ކައުންސިލް އެއްކައިރިކޮށް، ކަންކަން ކުރަން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ހިންގި މަޝްރޫއެއްގެ މަސައްކަތް ބައްލަވައި، އިރުޝާދު ދެއްވަނީ.

"އޭގެ އިދިކޮޅު އަޅުގަނޑުގެ ފަރާތުން ފެންނާނީ. އަޅުގަނޑުގެ ފަރާތުން ފެންނާނީ ހިންގާ ތަން. އަޅުގަނޑުމެންގެ ޓީމުން ފެންނާނީ ކަންކަން ކުރާ ތަން. ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަންކަން ކުރާނީ،" އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވިގޮތުގައި، ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ވަޑައިގެންނެވި، މާލޭގެ ބައެއް ގެތަކުގެ ހާލަތު އިތުރަށް ދަށްވެފައިވާކަން މި ފަހަރުގެ ކެމްޕެއިންގެ ތެރެއިން ފެނިވަޑައިގަތެވެ. އެހެންވެ، އޭނާގެ އަޒުމަކީ އެ އާއިލަތަކުގެ ހާލަތު ރަނގަޅު ކޮށްދިނުމެވެ. އެކަމަކު، އެއީ ސަރުކާރުގެ އެހީތެރިކަމާ އެކު އެވެ. އެ އެހީތެރިކަމާ މެދު ޝައްކެއް ނުކުރައްވަ އެވެ.

60 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 4%
icon angry icon angry 21%
icon wow icon wow 4%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއްޖެތެރެ މީހަ

13 April 2021

އެމްޑީފީން ރާއްޖެތެރެ މިބަސް ބޭނުން ކުރުން ހުއްތާލަން ޖެހޭ ވަށަފަރު މުއިޒު އަށް ވޯޓުދޭން ދިޔައީ ހިތާދެކޮޅައް ނަސީދުގެ އުނދަގުލުން މިޤައުމާ މިޕާޓީ ސަލާމަތް ކުރަން އޭނަޔައް މެސެޖެއްދޭން މަށަކައް ފަސޭހައެއް ނޫން މިފިކުރާ ދެކޮޅައް ނުކުންނާކަށް އެކަމު މަގޭދީން މަގޭޤައުމު މުހިންމު

The name is already taken The name is available. Register?

އައްތުބޭ

13 April 2021

ނަޝީދުގެ ސަބަބުން އެމްޑީޕީއަށް ލިބޭ ގެއްލުން މިއީ، ނަޝީދު އެއެކި ދާއިރާގެ ޕިީޕީއެމް މީހުން ހޮވަން ފާޅުގައި މަސައްކަތްކުރި، މުއިއްޒު ހޮވަންވެސް މަސައްކަތްކުރި. ބޭނުންވަނީ ދައްކަން ތިމަންނައަށް އޮންނަ ސަޕޯރޓް ދައްކަން.

The name is already taken The name is available. Register?

ސުލައިމާން.

13 April 2021

ތިޔައީ ދައުރު ނިމެން މަހަކަށްވީމައި ދަފްތަރު ހުޅުވާލައިގެން ދަފްތަރަށް އިތުރުކޮށްދިން ކުދިންކޮޅު، ދެން ތިއުޅެނީ ފްލެޓްގެ ލިޔުންދިން ކުދިންކޮޅު. މާލޭގެ ރައްޔިތުންގެ ތާއީދެއް އޮވެގެން ހޮވުނު މީހެއްނޫން ތިޔަޢިއަކީ.

The name is already taken The name is available. Register?

ޕްލީސް

13 April 2021

ހަޖަމް ޕްލީސް

The name is already taken The name is available. Register?

މަވެސް މިކިޔަނީ ހަމަ ތިހެން

14 April 2021

ދަފްތަރުގަ ޖައްސާއިރަށް، އަސްތާ އެއޮތީ މާލެއަށް ވޯޓުލެވޭ މާލޭ މީހަކަށް ވެފައެވެ! ދެން އަތޮޅުތެރޭ އެންމެންނަަށް މާލެ ސަރަޙައްދުން ފްލެޓްދިނީމައި އެމީހުންގަނޑު ހަށީގަ ހެއެއްނެތެވެ!

The name is already taken The name is available. Register?

އަލްކޮ

12 April 2021

މާލޭން ވޯޓްލާން %30 ވެސް ނުނިކުމޭ. އާންމުކޮށް މާލޭގެ ވޯޓާ ޓާންއައުޓް ހުންނަނީ 60% އަށް ވުރެ މަތީ. ދެ ޕާޓީއަށް އިތުބާރުނުކުރާކަން ހާމަވީ. 50000 އަށް މީހުނަށް ވޯޓްލެވޭއިރު އެއްވެސް ޕާޓީއަކަށް 10000 ހަމަނުކުރެވުނު. އިދިކޮޅު ލީޑަރު ޖަލުގައި ހުރެ އިންޑިއާ އައުޓާއި ލާދީނީ ކެމްޕޭން ވަރުގަދަޔަށް އޮތް އިރު އިދިކޮޅުން އެންމެ ބޮޑަށް ނެރެވުން ވަރު. ސަރުކާރާއެކު އެމްޑީޕީއަށް ވީވަރަކީ މީ. ވޯޓް ނުލައި ތިބި މީހުން ލީން ވަނީ ކޮންކޮޅަކަށްތޯ ސުވާލަކީ ؟

The name is already taken The name is available. Register?

ސިމްބޭޑު

12 April 2021

ދެނަ ފެންނާނީ ޕާޓީ ބަދަލުވާތަން

The name is already taken The name is available. Register?

ހަސަންކޮއި

12 April 2021

އެ މްޑީޕީ ލަދުން ސަލާ މަތްވާން ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގިގެން އުޅޭ މަންޒަރު ފެންނަނީ. ބޮޑުތަނުން ބަލިވީ.

The name is already taken The name is available. Register?

ނަހޫ

12 April 2021

މަޖިލީހުގެ ރައީސް އެއީ ކިތައް ވޯޓް ލިބުނު ބޭފުޅެއްތޯ؟.

The name is already taken The name is available. Register?

ނެތީމޭނެތީމޭ

12 April 2021

މުއިއްޒަށް އެންމެ ބޮޑު ޔަގީންކަމެއް ލިބުނީ އެމްޑީޕީގެ މެމްބަރުންގެ ވާހަކަތަކުން ކަމަށް މުއިއްޒު ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ގާތު އޮނަރަބުލް އަފީފު ދީދީ އާއި އޮނަރަބުލް ޑީޑީ ވެސް ބުނީ އެމެން ވެސް ވޯޓް ދޭނީ އަދި ދިނީވެސް މަމެންގެ މުއިއްޒު އަށޭ ތަމެން ގާތު ބުނާށޭ ބުނަން މަމެން ގާތު އެމެން ރޭގެ ހުވަފެނުގައި ބުންނޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ...

The name is already taken The name is available. Register?

ޙަބީބު.

12 April 2021

ޑރ މުއިއްޒުގެ ކެޕޭސިޓީ އެބަހުރި އެޔަގީންކަން މުޅިރާއްޖެ ދެކޭނެ ޔާމިނު ވެރިކަމުގަ ހިންގި ބިޔަ މެގަޕްރޮޖެކްޓްތަކައް ބަލާލިޔަސް ރާއްޖެޔައް މިލިބުނީ ވަރައްބޮޑުގެއްލުމެއް އެމްޑީޕީ ވެރިކަމައް އައުން ހުރިހާދިމާލަކުން ފެންނަނީ މާޔޫސްކަން ފަގީރުކަން ނިކަމެތިކަން އަޅުވެތިކަން އަދުލުއިންސާފު ގާއިމުނުވާތަން ރޭޕިސްޓުން ފިލުވާތަން މަރުގެމައްސަލަތައް ޕާރކުކޮއްފަ ހުރިތަން ޑުރަގްބޯ މިހުންނާ ބަނގުރާބޯމިހުން ބިރަކާނުލާ ލޫޓުވާތަން އަދަބުނުދެވޭތަން އެމްޑީޕީ ހަމަސުމެއ

The name is already taken The name is available. Register?

ރައްޔިތެއްގެ އާދޭސް

12 April 2021

މާލޭގެ އިރުމަތި ފަރާތުގައި ހަދާފައިވާ ޕާކަށް ބަދަލެއް ގެނެސްދެއްވާ! ޚަރަދުކުޑަގޮތަކަށް ކުޑަކުދިންނަށް ހިތްފަސޭހަވާނެހެން ޒުވާނުންނަށް ހާއުފާވެރިކަން ލިބޭނެހެން ބޭނުން ވަގުތަކު ޒިޔާރަތްކުރެވޭނެގޮތަށް ރަށުތެރޭގައި ހަދާފައި ހުރި ގޮތަށް އުފާވެރި ޕާކެއް ހައްދަވައިދެއްވާ! ފެންޖެހުމަށް އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކުރުން ހުއްޓާލާފައި ބަޔަކަށް އާމްދަނީއެއް ލިބޭގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އުފާވެރި ތަނަކަށް އެތަން ހައްދަވައިދެއްވާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454