މަތީގައި ވާވާގެ ލޯގޯ އަދި ތިރީގައި ޝެނެލްގެ ލޯގޯ.
23 އެޕްރީލް 2021 - 08:17
ޗައިނާގެ ވާވޭ ކުންފުނީގެ ކޮމްޕިއުޓާ ހާޑްވެއާތަކަށް ހާއްސަކޮށްގެން އުފެއްދި ލޯގޯ، ފްރާންސްގެ ފެޝަން ކުންފުނި ޝެނެލްގެ ލޯގޯއާ ވައްތަރުކަމަށް ބުނެ އެ ލޯގޯއާ ދެކޮޅަަށް ކުރި ދައުވާ ޝެނެލްއެއް ކާމިޔާބު ނުވެ މައްސަލަ ނިމިއްޖެ އެވެ.
ލަގްޒެމްބާގްގައި ހުންނަ އީޔޫ ޖެނެރެލް ކޯޓަށް ލޯގޯގެ މައްސަލަ ހުށަހެޅުމުގެ ކުރިން ޝެނެލް އިން އެ މައްސަލަ މީގެ ދެ އަހަރު ކުރިން އީޔޫ އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހަށް ވެސް ހުށަހެޅި އެވެ. އެތަނުން ވެސް ނިންމީ ދެ ލޯގޯގައި އެއްގޮތް ކަމެއް ނެތް ކަމަށާއި ކަސްޓަމަރުންގެ މެދުގައި އޮޅުން އަރާނެ ކަމަށް ޝެނެލް ބުނާ ބުނުމުގައި ވެސް ހަގީގަތެއް ނެތް ކަމަށެވެ. ޝެނެލް އިން އެ މައްސަލަ ކޯޓަަށް ހުށަހެޅީ އެ ހިސާބުންނެވެ.
ޝެނެލް އިން ޝަކުވާކުރާ ވާވޭގެ ލޯގޯ އަކީ އެ ކުންފުނިން 2017 ގައި އީޔޫ ޓްރޭޑް މާކް ޕްރޮޓެކްޝަނަށް ވެސް ހުށަހަޅައިގެން ހުއްދަ ހޯދާފައި އޮތް ލޯގޯއެކެވެ.
ދެ ކުންފުނީގެ ލޯގޯ އަށް ބަލާއިރު ޝެނެލްގެ ލޯގޯ އިންނަނީ ބޯޑަރު ފުޅާކޮށް އިންނަ ދެ ވަށްބުރަކުން އެއް ބައި ކަނޑާލައި އެކަތީގެ ތެރެއިން އަނެކަތި އިންނަ ގޮތަށް ހުރަހަށެވެ. ވާވޭގެ ލޯގޯ އިންނަނީ ވަރަށް ހިމަ ބޯޑަރަކުން ޔޫ އަކުރު ގޮތަށް ސީދަކަށް އެކަތީގެ ތެރެއިން އަނެކެތި އިންނަ ގޮތަށެވެ.
ވާވޭ އާއި ޝެނެލްގެ މައްސަލަ އުފެދުނީ 2017 ގައި.
އެކަމާ ގުޅިގެން ޝެނެލް އިން ބުނަމުން ދިޔައީ ވާވޭގެ ލޯގޯ ޝެނެލްގެ ލޯގޯއާ ވަރަށް ވައްތަރު ކަމަށާއި އޭގެ ސަބަބުން ކަސްޓަމަރުންގެ މެދުގައި އޮޅުން އަރައި ވިޔަފާރީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެސް ލިބިދާނެ ކަމަށެވެ.
ނަމަވެސް މި މައްސަލާގައި ޝެނެލް އަށް ކާމިޔާބު ލިބޭ ގޮތް ނުވި އިރު އީޔޫ ޖެނެރަލް ކޯޓުން ބުދަ ދުވަހު މައްސަލަ ނިންމީ ވާވޭގެ ލޯގޯއާ ގުޅޭ ގޮތުން ޝެނެލް މައްސަލަ ޖައްސަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ދެ ލޯގޯ އަޅާކިޔައިފި ނަމަ ވަރަށް ބޮޑަށް ތަފާތު ފާހަގަކުރެވެން އެބަހުރި ކަމަށް ކޯޓުން ބުންޏެވެ.
މި މައްސަލާގައި ޝެނެލް މިހާރު އޮތީ ހިމޭނުންނެވެ. އެކަމަކު އީޔޫ ޖެނެރެލް ކޯޓްގެ ނިންމުން ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްގައި އިސްތިއުނާފުކުރުމުގެ ފުރުސަތު އޮތުމުން އޭގެ ބޭނުން ވެސް ކުންފުނިން ހިފާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާލައާދަނު
25 April 2021
މިހާރު ތިޔަވާގޮތުން މީހަކު ލޯގޯއެއް ތެރޭ ސީ އަކުރެއް ހިމެނުނަސް ވައްތަރުވާނީ ޝެނެލް ލޯގޯއާ.