ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީގެ ހަރުގޭގައި ވޯޓުލަނީ. ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަނީ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި. ފޮޓޯ: މުހައްމަދު ޝަރުހާން
16 ނޮވެމްބަރ 2016 - 16:45
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަކުރާ ނަމަ، އެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްވާ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ވިލިނގިލީ ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދު ހުސެއިން މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓު ހޯދުމަށް ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް ބަލިވެފައިވާ މެމްބަރަކު އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވެވޭނެ ކަމަށެވެ.
އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް، ޕްރައިމަރީއެއްގައި ވާދަކޮށްފައިވާ މެމްބަރަކު، އެ އިންތިހާބުގެ އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މެމްބަރެއްގެ ކެންޑިޑެސީ ބާތިލް ކުރަން ވާނެ ކަމަށް ވެސް ސިޔާސީ ޕާޓީގެ ގާނޫނަށް ސައުދު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
ސައުދު ވިދާޅުވި ގޮތުގައި މި އިސްލާހު ހުށަހެޅީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އިންތިހާބުތަކުގައި ވާދަ ކުރާނަމަ، ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، އެކަމުގެ ސަބަބުން ފިތުނަ ފަސާދައަށް މަގުފަހިވާތީ އެކަން ހައްލު ކުރުމުގެ ގޮތުންނެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް މިފަދަ އިސްލާހެއް ހުށަހެޅީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރާ ނަމަ އެ މީހަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ގޮތެއް ހަމަޖެއްސުމާ މެދު ވިސްނަމުން އަންނަ ކަމަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބުނެފައިވަނިކޮށެވެ.
މި އިސްލާހު މަޖިލީހަށް ފޮނުވާފައި މިވަނީ އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުގެ ބައެއް މެމްބަރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅަމުން ގެންދަނިކޮށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވާ ކެންޑިޑޭޓުން، ނަތީޖާ ގަބޫލުނުކޮށް އަމިއްލަ ގޮތުން ވާދަކުރުމަކީ އާންމު ކަމެކެވެ. އެހެންވެ، ބައެއް ޕާޓީތަކަށް އިންތިހާބު ކާމިޔާބު ކުރަން ބޮޑެތި ހުރަސްތަކެއް ދިމާވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޒިރު
17 November 2016
ތިޔަހެން ނުހަދައިފިއްޔާ ޕީޕީއެމް އިން ކޮންމެ ރަށަކުން ނިކުންނާނެ 6 ކެންޑިޑޭޓުން. ޔާމިން ފަޅިން 3. މައުމޫން ފަޅިން 3.
ސާދާސީދާ
17 November 2016
ތިޔައީ ވެސް ޑިމޮކްރަސީ ނެތިކޮށްލާ ހަމަހަމަކަން ނައްތާލަން މި ސަރުކާރުން ކުރާ ވިޔާނުދާ ޢަމަލުތައް!
ބަރާބަރު
17 November 2016
ރަނގަޅު ގޮތެއްތީ. އަދި ރައީސްކަމުން އެއްވެސް އިރެއްގައި އިސްތިއުފާދީފަ ހުރި މީހަކު އަލުން ކުރިމަތިލީނަމަވެސް އެ ކެންޑިޑެންސީ ބާތިލް ކުރަން ވާނެ ކަމަށް ތި އިސްލާހަށް އިތުރު ކޮށްލަންވީ..
ބޮކުބާޑު
17 November 2016
އިންސާފެއް ނޫން.
ޗިކުސް
17 November 2016
ތިޔައީ ޑިމަކުރަސީ އަށް ފުށު އަރާ ބިލެއް. ބަޔަކަށް ލިބިފައިވާ ހައްގެއް ނިގުޅާގަތުން ފަދަ ކަމެއް ތިކުރައްވަނީ .
މުޑުދާރު
17 November 2016
ކޮބައިތޯ އަސްލު ޕީ.ޕީ.އެމް އަކީ... އޭރުން އިނގޭނީ ދޯ
އިބާބު
17 November 2016
ބަޔަކު ސިޔާސީ ގޮތުން ފެއިލް ވަމުންދާ ވަރަކަށް މިކަލަ ކޮސްހަދާނެ. އަސްލު ޕީޕީޔާ ކުދިން ނުހޮވޭނެކަން އެކުދިންނަށް ގެރެންޓީ ވާނެ. އެހެންވީމަ ތެޅި ފޮޅެނީ. ދޮންމީހުންނަށް އެކަނި ކުރިމަތި ލެވޭހެން ހަދަން ފެނޭ. މީ ނަސްލީ ތަފާތު ކުރުން.
ދޮންމަނިކު
17 November 2016
މަޖިލީހުގައި މިތިއްބަވާ އިއްޒަތްތެރި ގަމާރު މެމްބަރުން ރައްޔިތުންގެ ކަމަކާ އެބަ ވިސްނާތޯ؟ އަބަދު އަމިއްލަބޭނުންތަށް ބޭނުންވާގޮތަށް ނުކުރެވިގެން އުޅޭތަން މިފެންނަނީ. ކިހާބޮޑުކަމެއް...
މަޒް
17 November 2016
ތި އިސްލާހުގައި އިންތިހާބުތަކުގައި ވާދަކުރެވޭނީ ޔާމީނު ހިތްޕުޅާވާ މީހުން އެކަނިކަށް ލިޔުންނަމަ މާ ފުރިހަމަވީސް
އިންތިޚާބު
16 November 2016
ޕާޓީ އެއްގެތެރޭބޭއްވޭ އިންތިޚާބަކާ ޤައުމީފެންވަރެއްގައި ބޭއްވޭ އިންތިޚާބަކާ ދެމެދު ހުންނަ ތަފާތު ނޭގޭ މީހުން ސިޔާސީ މައިދާނަށް ނުނިކުންނެވުން މޮޅުއިތުރުވެގެންވޭ.