އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް 4.38 ގައި ހުރުމަށް ފަހު މިހާރުގެ އެވްރެޖަކީ 13.43 ޕަސެންޓް.
އޭޕްރީލް މަހު 10 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ކޮވިޑްގެ ކޭސްތައް މަތިވެފައި
06 މެއި 2021 - 10:02
ކޮވިޑްގެ ބަލިމަޑުކަމާ ހެދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެއް އަހަރު ފަސްވެގެން ދިޔަ ފަހުން މިދިޔަ މަހުގެ 10 ގައި ބާއްވަން ނިންމީ ސިޔާސީ ގޮތުން ކުރިމަތިވި ފިއްތުންތަކާ ހެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުއްލިއަކަށް ދިން ލުއިތަކާ އެކުގަ އެވެ. ސިޔާސީ ގޮތުން ނުފޫޒު ހުރި ހުރިހާ ދިމާލަކުންހެން ބާރުއަޅަމުން ދިޔައީ އިންތިޚާބު ބޭއްވުމަށެވެ. ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވެސް މިކަމުގައި ހަމަހަމަ އެވެ.
އިންތިޚާބު ނުބޭއްވި ލަސްވުމުން ގައުމަށް ލިބޭ ގެއްލުން ބޮޑުވެގެން އެއްކޮޅުން ވާހަކަ ދެއްކި އިރު އިންތިޚާބަށް ފުރުސަތު ނުލިބޭ ގޮތަށް އެޗްޕީއޭ އިން އުސޫލުތައް ހަދަނީ އެތަން ސިޔާސީވެފައި އޮތުމުން ކަމަށް ދިޔައީ ބުނަމުންނެވެ. ސިޔާސީ ދެ ފިކުރާއި އިލެކްޝަންސް ކޮމިޝަނުގެ ވެސް ޕްރެޝަރާ ހެދި އެޗްޕީއޭ އިން ބޮޑެތި ލުއިތަކެއް ދީ އިންޔިޚާބަށް ފުރުސަތު ދިނެވެ. ދެން ފެނުނީ މިދިޔަ މަހުގެ 10 ގައި އެތައް ހާސް ބަޔަކު ނުކުމެ ތޮއްޖެހިގެން ވޯޓު ލާން ނުކުމެ ތިއްބަ އެވެ.
ރަށްރަށަށް ކޮވިޑް ފެތުރިދާނެތީ، ރަށްރަށަށް މީހުން ދިއުމަށް އަޅާފައި ހުރި ފިޔަވަޅުތައް ވެސް އިންތިޚާބަށް ސަސްޕެންޑުވި އެވެ. ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކޮވިޑް ކޭސްތަކުގެ ކޮންޓެންޓުން ވެސް އެކަހެރިކަން ދޫކޮށްލައި ވޯޓު ލާން ނުކުންނަން ފުރުސަތު ދިނީ އެވެ. މި ހުރިހާ ލުޔެއް ހޯދުމަށް އެޗްޕީއޭ އަށް އައި ފިއްތުމަކީ އެންމެ މީހަކަށް ވޯޓު ލާން ފުރުސަތު ގެއްލުނަސް އިންތިޚާބު ސައްހަ ނުވުމެވެ.
މި ރިޕޯޓް ބިނާކޮށްފައިވާނީ އެޗްޕީއޭ އިން ކޮންމެ ދުވަހަކު އާންމުކުރާ، ދުވަހު ތަފާސްހިސާބުން ފެންނަ ނަންބަރުތަކަށެވެ.
އޭޕްރީލް މަސް ފެށުނު އިރު ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ހުރީ 8.28 ޕަސެންޓުގައި ނަމަވެސް އިންތިޚާބު ބޭއްވި އޭޕްރީލް 10 އާ ހަމަޔަށް ދިޔައިރު އެ ރޭޓު ހުރީ 4.31 ޕަސެންޓުގަ އެވެ. އެ 10 ދުވަހުގެ އެވްރެޖް ރޭޓަކީ 4.38 އެވެ. އެއީ އެ މުއްދަތުގައި ކޮވިޑަށް ޓެސްޓްކުރި 31،475 ސާމްޕަލުން 1،357 ސާމްޕަލް ޕޮޒިޓިވް ވެގެންނެވެ. މިއީ އިންތިޚާބުގެ ކުރިން އޭޕްރީލް 1 ގައި ދިން ލުއިތަކާ އެކުގަ އެވެ.
ކޮވިޑް ޖައްސާ ކޮރޯނާވައިރަހަށް ހުށަހެޅުމުން ހަށިގަނޑުން އެކަން އެނގެން ހަފުތާއެއްހާ ދުވަސް އާންމު ގޮތެއްގައި ހޭދަވާތީ، ބަލި ފެތުރިގެންދާ ގޮތް ވަޒަންކޮށްލެވެނީ ކޮންމެ ހަފުތާއަކުން ވަކިވަކިން ނަންބަރުތައް ބަލައިގެންނެވެ. މިހެން ބެލުމުން، އިންތިޚާބުގެ ހަފުތާއެއް ފަހުން އޮތީ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ދެ ގުނަ މަތިވެފަ އެވެ.
އިންތިޚާބަށް އެއް ހަފުތާ ފަހުން ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް 6.54 ޕަސެންޓަށް އެރި އެވެ. އެކަމަކު އެ ހަފުތާ އަކީ އޭގެ ކުރީ ހަފުތާއަށް ވުރެ މަދުން ޓެސްޓްކުރި ހަފުތާއެކެވެ. އެހެންވެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ކުރީ ހަފުތާއަށް ވުރެ ގިނައީ އެންމެ 25 އެވެ. އެއީ 21،116 ޓެސްޓުކޮށްގެން 1،382 ކޭހެވެ. ދެން ފެންނަ އަނެއް ކަމަކީ އިންތިޚާބު ބޭއްވި ހަފުތާގައި ކޮންމެ ދުވަހެއްގެ ކޭސްތަކުގެ އަދަދު 100 އިން ދަށުގައި ހުރުމަށް ފަހު ޖެހިގެން އައި ހަފުތާގައި 100 އިން މަތިން ގުނެން ފެށުމެވެ. އެ ހަފުތާގައި އެންމެ ގިނައިން ފެނުނު ދުވަހު ވެސް އެރީ 95 އަށެވެ. އެކަމަކު އިންތިޚާބަށް ހަފުތާއެއްވުމާ އެކު ޖެހިގެން އައި ދުވަހު 124 އަށް އެރި އެވެ.
އިންތިޚާބުގެ ތިން ދުވަސް ފަހުން ރޯދަ މަސް ފެށި މީހުންގެ ހަލަބޮލިކަން އިތުރުވިއެއް ކަމަކު ކޮވިޑުން ފެނުނު މައިގަނޑު ބަދަލާ އިންތިޚާބާ ގުޅޭ ކަމުގެ ހެއްކަކީ މި ހިސާބުން މީގެ ކުރިން ކޮވިޑު ނުފެންނަ އެތައް ރަށަކުން ކުއްލިއަކަށް އެތައް ބައިވަރު ބަޔަކު ބަލިވެ ބަލި ފެތުރިގެންފައިވުމެވެ.
އިންތިޚާބަށް ފަހު ތިން ވަނަ ހަފުތާގައި އަނެއްކާވެސް ނަންބަރުތައް ދެ ގުނަ އިތުރުވި އެވެ. އެއީ އޭޕްރީލް 17 އިން 23 އަށް ޕޮޒިޓިވިޓީ ރޭޓް އެވްރެޖް 6.54 ގައި ހުރުމަށް ފަހު 10.45 އަށް އެރުމެވެ.
އިންތިޚާބަށް ފަހު ތިން ވަނަ ހަފުތާ ކަމަށްވާ އޭޕްރީލް 24-30 އަށް 23،274 ޓެސްޓްކުރި އިރު 2،432 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިހާ ހިސާބަށް އައި އިރު ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު 100، 200 އަށް ގޮސް އަދި އެންމެ ފަހުން 500 އާ ގާތަށް ދިޔަ އެވެ.
އޭގެ ފަހުން އިއްޔެއާ ހަމަޔަށް ހިނގި ފަސް ދުވަހުގެ ޕޮޒިޓިވް ރޭޓް ވެސް ގާތްގަނޑަކަށް ދެ ގުނަ ވެއްޖެ އެވެ. މިހާރު ކޮންމެ ދުވަހަކު ކޭސްތަކުގެ އަދަދު ރެކޯޑް މިންވަރަކަށް އުފުލެމުން ދާތީ މި ހިނގާ ހަފުތާގައި ވެސް ޕޮޒިޓިވް ރޭޓް ދެ ގުނަ އަށް ވުރެ މަތިވުން އެކަށީގެންވެ އެވެ. އެއީ މިހާރު ވެސް އެ ރޭޓް 13.43 ޕަސެންޓަށް އަރާފައި ހުރުމުންނެވެ. މިއީ މިދިޔަ ފަސް ދުވަހު 20،971 ޓެސްޓުކޮށްގެން 2،830 މީހުން ޕޮޒިޓިވް ވެގެންނެވެ.
އޭޕްރީލް މަސް ފެށުނު ފަހުން އިއްޔެގެ ނިޔަލަށް 115،232 ޓެސްޓުކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މީގެ ތެރެއިން 8،586 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
މި އަދަދުތަކާ އެކު ރާއްޖޭން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 32,665 އަށް އަރައިފި އެވެ. މި މީހުންގެ ތެރެއިން 25,473 މީހަކު ރަނގަޅުވެފައި ވާއިރު 74 މީހަކު މަރުވެއްޖެ އެވެ. އެކްޓިވް ކޭސްތަކާއި ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު ހުރީ ރާއްޖޭން ކޮވިޑް ފެނުނު ފަހުން ދުވަހަކު، ހަމަ އެންމެ ދުވަހަކު، ވެސް ނުދާހާ މަތީގަ އެވެ. އިއްޔެ ވެސް އަލަށް 700 އަށް ވުރެ ގިނަ ކޭސް ފެނިފައި ވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު 7،000 ފަހަނަޅައި ހިނގައްޖެ އެވެ. ބަލިޖެހޭ މީހުން މަދުވާ ކަމުގެ އެއްވެސް އަލާމާތެއް ނެތެވެ. ހޮސްޕިޓަލްތައް ފުރި، ބަލީގައި ބޮޑުވަރުވާ މީހުން ވެސް ގިނަވެ ކުރީގެ ބިރުވެރިކަމަށް ވުރެ ވެސް ބޮޑު ބިރުވެރިކަމަކަށް ވެއްޓުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިއޭ ދޯ
06 May 2021
އޭއްޗެކޭ މީއްޗެކޭ ނުކިޔައި ހަމަ ސީދާ ފެކްޓާ އެކު މޫނުމަތީގައި ޖަހާފައި އޮތް ލިޔުމެއް!
އުދުހޭ
06 May 2021
އިންތިހާބުގެތެރޭގަ ގައިގޯޅިކޮށް ނަށާ މަޖާނެގި މީހުންނަށް ފިޔަވަޅު އަޅަން އެޗްޕީއޭއަށް ކެރޭނެބާ؟
އިކް
06 May 2021
އިންތިޚާބާ ދާދި ގާތުގަ އިންޑިއާ މީހުންގެ ކަރަންޓީން ކަންތައް އެނގިގެން ދިއައީ. އިންޑިއާގައި އެއުޅޭ ވޭރިއަންޓަކީ އެތަނުގައި އުޅޭތާ މަސްތަކެއްވީ ފަހުން މާ ބޮޑަށް ފެތުރިގަތް އެއްޗެއް. އެހެންވީމަ މިގައުމުގައި ފެތުރެން ފެށިތަނާ އިންތިޚާބު ބޭއްވުމާ ދިމާވީ ކަމަށް ލަފާކުރެވޭ. ވޯޓްދުވަހު ދިން ލުއިތައް އެއީ ކޮވިޑް ފެތުރެން އެންމެ ފައްކާ މާހައުލު. ކުރީބައިގައި އިންޑިއާގެ ހާލަތު ގާތުން ބަލައި މިގައުމަށް އަންނަ މީހުން އުޅޭ މިނިވަންކަން ބެލިނަމަ އެނގުނީސް
ނަށީދު
06 May 2021
ދެން އެސޮރު ނުފިލަނީސް ދައުވާކުރޭ
އަހުމަދުއަލޯ
06 May 2021
ރަނގަޅު ލިޔުމެއް. ރީއްޗަށް އެބަފެނޭ ވެގެން ދިޔަގޮތް. އެލްކްސް އާ އިބޫއަށް މިޚަބަރު ދައްކައްޗޭ ވޯކު ކުދިން.
މުނިން
06 May 2021
ކައުންސިލް އިންތި ހާބު ބޮޑުތަނުން އިދިކޮޅު ކާމިޔާބުވުމާ އެކު ކޮވިޑު ވެސް ބޮޑުތަނުން ފެތުރެނީ.
ކަމާލު
06 May 2021
24 ގަޑިއިރަށް މާލެ ލޮކް ނުކޮށްފިނަމަ މުޅި ގައުމު ބޮއްސުންލައިގެން ހިގައިދާނެ. އާން! ބިޒްނަސްތަކަށް ގެއްލުންވާނެ. އިގްތިސާދަށް އަސަރުކުރާނެ. އާމްދަނީގެ މަގުތައް ބަންދުވެ ސަރުކާރުން އަނެއްކާވެސް އެލަވެންސް ފައިސާ ދޫކުރަންޖެހޭނެ. އެކަމަކު ރައްޔިތުންގެ ފުރާނަ ސަލާމަތްވާނެ!
އެދުރުކަލޭގެފާނު
06 May 2021
ދަލާ ލޭ އޮހޮރިގޮސް ހަލާކުވެ ދަނީ، ސަލާމަތުގެ ގޮނޑަކަށް ލަފާ ނުލެވެނީ، ފަލާހުގެ މަގުން ހިނގަން ނޭނގުނީ، މަލާހެއްނުވެ މަދާނީހެ ދެން ގެންވެމަރު، ***** ޖަޒާވޭންއަޅާ ހިތުގެ ހަމްދަރުދުކަން، ޢަޒާބުން ލިބޭ ގެއްލި ނާޒުކު އެކަން، ސަޒާއިން މަނާޒަޢުގެ ދީދާރުކަން، ނާ ނަގާލީހެ ގެންގޮސް ގޮތުންވެރި ޢަދަރު! ***** ރައީސްވެރިކަން ކުރަނީ ހަމައެކަނނި އަމިއްލަ ފައިދާއަށެވެ. ވެެރިކަމަށް ވަޑައިގަންނަވަން ވޯޓް ދިން މީހުންގެ ބަހުގައި މިހާރަކު އަގެއް ނެތެވެ.
ޢިބްރާހިމްބެ
06 May 2021
މި ސަރުކާރު ވަގުތުން ވަގުތަށް އިސްތިއުފާ. ކޮބާ ތަ މިގަަުމުގެ ރައީސް؟ މި މީހުންނަކަށް ނުވާނެ. ފެޑް އަޕް ވިތް ދިސް ގަވަރނމެންޓް !!!!
ވަކިކުރޭ
06 May 2021
ކޮވިޑްގެ ހުރިހާ ކަމެއް ހަވާލު ކޮށްފައިވަނީ ޖޭޕީގެ ސްލޮޓް ގައި ނައިބް ރައީށް ކަމުގެ މަގާމް ފުރަމުންދާ ފުވައްމުލަކު ފައިސަލް އާއި އޭ އެއީ ރާއްޖޭގެ ނައިބް ރައީސް ކަމަށް ތަމެން ބުނާ މީހާއޭ އޭނާ އަށް މިކަން ރަނގަޅަށް މެނޭޖް ކުރެވުނުނަމަ މިކަން މިހާ ތަނަށް ނުދާނެއޭ މިއިން އެނގޭ އެއްޗަކީ ނައިބް ރައީސް ފައިސަލް ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ފެއިލް ވެފައިވާ ކަމޭ ނައިބް ރައީސް ކަމުން ފައިސަލް ވަކިކުރަންވީއޭ މަޖްލީހުން ފައިސަލް ވަކިކުރޭ ވަކިކުރޭ